ރިޕޯޓް / ތާރީހް

ތުއްތު ސާހިބު: ހަވީރީ ހެދުން ކިޔަންޏާ "އަޅުގަނޑީ ބަކަރި" ވެސް ކިޔޭނެ!

ވިދާޅުވީ ތިޔަ އުޅެނީ ބޭރު ބަސް ބަހުގައި ހުންނަ ގޮތަށް ބަސް ހަދާށޭ. ވިދާޅުވީ ހަވީރުގެ ހެދުން "ހަވީރީ ހެދުން" ކަމަށް ވަންޏާ އަޅުގަނޑުގެ ބަކަރިއޭ ބުނަން "އަޅުގަނޑީ ބަކަރި" އޭ ވެސް ކިޔޭނޭ

ތުއްތު ސާހިބުގެ ވާހަކަ އަހަރެމެން ފަށަން އެންމެ ރަނގަޅުވާނީ ނަވަތަ ފޮތާ ހިސާބުންނެވެ. އެއީ ތުއްތު ސާހިބުގެ ނަމުން މަޝްހޫރު އަބްދުﷲ އިސްމާއިލް ނުވަތަ އިސްމާއިލް ކަލޭފާނުގެ ތުއްތު އަހަރެމެންނަށް ހިސާބު އިލްމު ތިލަކޮށްދޭން ކުރެއްވި މަސައްކަތުން މި ޖީލުގެ އެންމެ ގިނަ މީހުންނަށް ފެންނާން އޮތް ނިޝާނެވެ. ހިސާބު އިލްމަށް އަރައި ހުންނެވި ބޭފުޅެއް ނަމަވެސް ދިވެހި ބަހުގެ އަކުރުތަކާއި ބަހާ މެދު ވެސް ތުއްތު ސާހިބު ގެންގުޅުއްވި ހަމަތައް މި ޒަމާނަށް ވެސް ފެތެ އެވެ. އެއީ ތަފާތު ބޭފުޅެކެވެ.

އެ ވާހަކައިގެ ކުރިން ތުއްތު ސާހިބުގެ ތައާރަފެކެވެ؛

ފެބްރުއަރީ 10، 1902 (ޒުލްގައިދާ 1، 1319) ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ތުއްތު ސާހިބަކީ ހިިމިތީ މާލިމީ އިސްމާއިލް ކަލޭފާނާއި ފެލިދޫ މަރިޔަމްފުޅުގެ ދަރިކަލެކެވެ. އުފަންވެވަޑައިގަތީ މިހާރު ފަޅުރަށެއް ކަމަށްވާ، ހިތްގައިމު ފ. ހިމިތީގަ އެވެ. ދިވެހި ބަހާއި އަދަބިއްޔާތާއި ދީނީ އިލްމުން ދިވެހި ބިމުގައި ގޮވާންކުރެއްވި ހުސައިން ސަލާހުއްދީންގެ އަރިހުން ތައުލީމީ ހަޔާތް ފެއްޓެވި ތުއްތު ސާހިބު އޭނާގެ ހިސާބު އިލްމާއި ނެވިކަމުގެ ބިންގާ އެޅުއްވީ ރަންފުތު ޅަހުއްތު އަރިހުންނެވެ. އިންޑިއާއަށް ވަޑައިގެން އުރުދޫ ބަސް ދަސްކުރެއްވި އެވެ. އަދި އޭނާ އަކީ އިނގިރޭސި ބަހަށް ވެސް ފަރިތަ ބޭފުޅެކެވެ.

ހިސާބު އިލްމުގެ އެތައް ފޮތެއް ލިޔުއްވައި ދިވެހިންނަށް ހަދިޔާކުރެއްވި ތުއްތު ސާހިބު ބޮޑު ނާކޮޅުގެ މާލިމީކަމާއި ޗާޕްޚާނާގެ މެނޭޖަރުކަމާއި މަދަރުސަތުއް ސަނިއްޔާ އާއި މަޖީދިއްޔާގެ ހިސާބު އިލްމުގެ މުދައްރިސްކަން ކުރެއްވި އެވެ. އޭރު ގަޑި ހަމަކުރުމަކީ ނުލާހިކު ބޮޑު ކަމެކެވެ. އެ މުހިންމު ޒިންމާ ނަންގަވައި ސަރުކާރުގެ ގަޑިތައް ހަމަކުރެއްވުމުގެ އެދުރަކީ ވެސް އެއީ އެވެ. އެކި އޮފީސްތަކާއި އެކި މިސްކިތްތަކުގެ ގަޑި ހަމަކޮށް ބެލެހެއްޓެވީ ތުއްތު ސާހިބެވެ. ދިވެހިންގެ ފުރަތަމަ ގާނޫނުއަސާސީ ހެދި މަޖިލިސްގެ ކާތިބުކަމުގެ އެހީތެރިޔާ ކަމާއި ބޮޑު އިސްޓޯރުގެ އޮޑިޓަރުކަމާއި މި ނޫނަސް އެތައް ޒިންމާތަކެއް އަދާކުރެއްވި އެވެ. ސީރަތާއި ބޮޑު ތަރުތީބު ފަދަ މުހިންމު ފޮތްތަކުގެ ދެ ވަނަ ޗާޕެއް ކުރެއްވުމަށް ސަރުކާރުން ކަލްކަތާ އަށް ފޮނުއްވީ ވެސް މި ހިދުމަތްތެރިޔާ އެވެ. ކުރީގެ ރައީސް މުހަންމަދު އަމީން ދީދީ އަށް އިނގިރޭސި ބަސް ދަސްކުރަން ފޮތެއް ހަދިޔާކުރެއްވުމުގެ ޝަރަފު ވެސް ތުއްތު ސާހިބަށް އެބަ އޮތެވެ.

ބަހާ މެދު ތަފާތު ވިސްނުމެއް، ސަމާސާ ބޭފުޅެއް

ތުއްތު ސާހިބުގެ އުމުރުން ފަންސަވީހަކަށް އަހަރުން ފެށިގެން، އޭނާގެ ހާއްސަ އިލްމު ކަމަށްވާ ހިސާބު އިލްމު ފެތުރުއްވުމަށް މުހިންމު އަދި އެތައް ބައިވަރު މަސައްކަތެއް ކުރެއްވި އެވެ. ތާރީޚީ ލިޔުންތަކުގައި އޭނާ ސިފަކޮށްފައިވަނީ ރާއްޖޭގެ މި ގަރުނުގައި ހިސާބު އިލްމުގެ ބާނީގެ ގޮތުގަ އެވެ. އޭނާގެ "ނަވަތަ" އިން ފެއްޓެވި އެތައް ބޭފުޅުންނެއް ގައުމުގެ ނަން ހިނގާ ބޭފުޅުންނަށް ވި އެވެ.

އޭނާ ބަހާ މެދު ގެންގުޅުއްވި ވިސްނުމުގެ ވާހަކަ ފަށާނީ އަމީން ދީދީގެ ވެރިކަމުގައި އުފެއްދި ބަސް ކޮމިޓީއާ ހިސާބުންނެވެ. އެ ކޮމިޓީގެ މެންބަރުކަން ފެބްރުއަރީ 15، 1947 ގައި ފެއްޓެވުމަށް ފަހު މުހިންމު އެތައް މަސައްކަތެއް ކުރެއްވި އެވެ. އެންމެ ފުރަތަމަ ތަރުތީބުކުރި ބަސް ފޮތްތައް ކަމަށްވާ "ރަދީފު" އެއީ ތުއްތު ސާހިބުގެ ބުރަ މަސައްކަތެކެވެ.

ބޭރު ބަސްތައް ދިވެހިކުރެއްވުމުގައި ތުއްތު ސާހިބު އޭނާގެ އަސްލު ފަންނުގައި "ޑެސިމަލް ފްރެކްޝަން" އަށް "ދަހަމަލަކަސްރު" ބޭނުންކުރެއްވި އެވެ. "ނިއުމަރޭޓާ" އަކީ "ބައިހިމަނާ" އެވެ. މީގެ އިތުރުން "އެލް.ސީ.އެމް" އަށް ބައިވެރިވާ އެންމެ ދަށު ގުނަ (ބ.ދ.ގ) އިން ނަން ދެއްވި އެވެ. ހަމަ އެގޮތަށް "އެޗް.ސީ.އެފް" އަކީ ބައިވެރިވާ އެންމެ މަތީ ބަހާ (ބ.މ.ބ) ކަމަށް ނަން ދެއްވި އެވެ.

ކުއްލި ޖަވާބާއި ސަމާސާ އަދަބާއި ދެ މާނަ ލައިގެން ބަސްތައް ބޭނުންކުރެއްވުމުގައި އެއީ ދެ ވަނައެއް ނެތް ބޭފުޅެކެވެ.

ބަހުގެ އުސްތާޒު އަބްދުﷲ ސޯދިގު (ސޯދުބެ) ތުއްތު ސާހިބާ އެކު ޗާޕުޚާނާގައި މަސައްކަތްކުރެއްވި ދުވަސްތައް ހަނދާން އާކުރައްވަމުން ވިދާޅުވީ އޭނާގެ ވާހަކަ ކިތަންމެ ވަރަކަށް ވެސް ދެއްކިދާނެ ކަމަށެވެ.

އެއް ދުވަހު ބޯޅަދަނޑަށް ދިޔައިރު މި އޮންނަނީ ވިނަގަނޑު ބަލިވެފައި އޮތުމުން އެތަނަން ނާރަން ބުނެ 'ވިނަގަނޑުމަތީ ހިނގުން މަނާ' ޖަހާފައި. އަހަނ، އިރުކޮޅަކުން ތުއްތު މިއޮއް އަންނަނީ ވިނަގަނޑުމަތިން ދުވެފައި. ލިޔެފައި އޮތް އެއްޗެއް ނުފެނޭތޯ އެހުމުން ބުނީ ނުދުވާށެކޭ ނެތެއްނޫންހޭ

އޭރު ރޭޑިއޯ އިން އަހައިގެންނާއި އެކި ގޮތްގޮތުން ބަލައިގެން ނޫން ގޮތަކަށް ގަޑި ހަމައެއް ނުކުރެވެ އެވެ. ތުއްތު ސާހިބު އޭނާގެ އަތުކުރީ ގަޑި ޖީއެމްޓީ ގަޑިއަށް އޮންނަނީ ހަމަކުރައްވައިފަ އެވެ. ސަރުކާރުގެ އޮފީސްތަކާއި މިސްކިތްތަކަށް ވަދެވަޑައިގެން ގަޑިތައް ހަމަތޯ ބައްލަވަނީ އޭނާ އެވެ.

"އެގޮތަށް އެއް ދުވަހު މި ވަޑައިގަތީ މުލީއާގެ ގަޑި ހަމަކުރަން. ގަޑި ހަމަކުރައްވާފައި ނުކުމެވަޑައިގަންނަވަނިކޮށް މި ދިމާވަނީ މުލީއާގެ އިސް ބޭފުޅަކާ. އޭނާ ތުއްތު ސާހިބަށް މި ވިދާޅުވަނީ ތުއްތަކަށް ނުފެނޭހޭ މިތާ ލިޔެފައި މި އޮތް އެއްޗެއް. ދެން ވިދާޅުވެއްޖެ ކީކޭހޭ އޮތީ. އެ ބޭފުޅަކު މި ވިދާޅުވީ މި އޮތީ ނޫންހޭ އެވެނި މިވެނި ބަޔަކު ނޫނީ މިތަނަށް ވަނުން މަނަލޭ. ތުއްތު ހަމަ ވަގުތުން ވިދާޅުވެއްޖެ އެހެންވެއޭ މި ދަނީ. އަޅުގަނޑު މި ދަނީ ނުކުންނާށޭ،" ހިނިފުޅު ވަޑުވަމުން ސޯދުބެ ވިދާޅުވި އެވެ.

ސޯދުބެ ވިދާޅުވި ގޮތުގައި ބަހާ ގުޅޭ ގޮތުން ކުއްލި، އަވަސް ވިސްނުންތައް ގެނައުމުގައި ވެސް ތުއްތު ސާހިބަކީ ތަފާތު ބޭފުޅެކެވެ. ސޯދުބެ ކިޔައިދެއްވި ގޮތުގައި އެއް ދުވަހު ތުއްތު ގެއިން ނުކުމެވަޑައިގެން އިރު ދެލިބުރިއަކުން ގޭގެ ބޭރު ފާރުގައި ހުތުރު ބަހެއް ލިޔެފައި އޮތުމުން އެ ބަސް ފޮހެލުމުގެ ބަދަލުގައި އަކުރުތަކެއް އިތުރުކުރައްވައި "ކަފަޑަބިޔާ" ލިޔުއްވި އެވެ.

ލިޔުންތައް އިބާރާތްކޮށްފައި ހުންނަ ގޮތުން ވެސް ސަމާސާ ކަންކަން ކުރައްވާ ކަމަށް ސޯދުބެ ވިދާޅުވި އެވެ.

"އެއް ދުވަހު ބޯޅަދަނޑަށް ދިޔައިރު މި އޮންނަނީ ވިނަގަނޑު ބަލިވެފައި އޮތުމުން އެތަނަން ނާރަން ބުނެ 'ވިނަގަނޑުމަތީ ހިނގުން މަނާ' ޖަހާފައި. އަހަނ، އިރުކޮޅަކުން ތުއްތު މިއޮއް އަންނަނީ ވިނަގަނޑުމަތިން ދުވެފައި. ލިޔެފައި އޮތް އެއްޗެއް ނުފެނޭތޯ އެހުމުން ބުނީ ނުދުވާށެކޭ ނެތެއްނޫންހޭ."

ބަހާ މެދު އާންމުކޮށް ގެންގުޅުނު ވިސްނުމާ ތުއްތުގެ ވިސްނުން ވަރަށް ތަފާތެވެ. އޭރުގެ ބައެއް ބޭފުޅުންނާ ހަވާލާދީ ބައެއް ލިޔުންތަކުގައިވާ ގޮތުން ބޮޑުންގެ ތެރޭގައި އެ ދުވަސްވަރު ދިވެހި ބަސްތަކެއްގެ ބަހުސް ފެށުނެވެ. ހަވީރު ނަލަ ހެދިގެން ލާ ހެދުމަކީ "ހަވީރީ ހެދުން" ކަމަށާއި ހަނދުވަރުދޭ ރޭރޭ ލާ ހެދުމަކީ "ހަނދުވަރީ ހެދުން" ކަމަށް ކިޔަންވީ ކަމަށް ވާހަކަ ދެކެވުނީ އެވެ. ތުއްތު ސާހިބަށް މިކަމާ އެއްބަސްވެވަޑައެއް ނުގަނެވުނެވެ. ވިދާޅުވީ ތިޔަ އުޅެނީ ބޭރު ބަސް ބަހުގައި ހުންނަ ގޮތަށް ބަސް ހަދަން ކަމަށާއި އެހެން ނުހެދޭނެ ކަމަށެވެ. މިހެން ވިދާޅުވެފައި ހަވީރުގެ ހެދުން "ހަވީރީ ހެދުން" ކަމަށް ވަންޏާ އަޅުގަނޑުގެ ބަކަރިއޭ ބުނަން "އަޅުގަނޑީ ބަކަރި" އޭ ވެސް ކިޔޭނޭ ވިދާޅުވި އެވެ. ސޯދުބޭ ވެސް ތުއްތުގެ މި ވާހަކަ ވިދާޅުވި އެވެ.

ދިޔަ ހިއްކާ ފަޔަކުން އުފަންކުރި ތާނަ އަކުރުތައް

ތުއްތު ސާހިބަކީ ބަސް އުފެއްދުމުގެ އިތުރުން ތާނަ އަކުރުތައް އުފެދިފައިވާ ގޮތާ މެދު ވިސްނަވައި ފާޑު ވިދާޅުވި ބޭފުޅެކެވެ.

އިހު ޒަމާނުގައި ތާނައިގެ އަކުރުތައް ހުރީ ފައިކޮޅު ވަރަށް ދިގުކޮށެވެ. ރާދަވަޅި އާއި ސިޔަރަތު ފަދަ ފޮތްތަކުގައި އެ ހުރީ އެ އަކުރުތަކެވެ. މި ދިގު އަކުރުތައް ކުރުކޮށްލެވި ފުރަތަމަ ބޭފުޅަކީ ތުއްތު ސާހިބެވެ. މި ލިޔާ ގޮތަށް އަކުރުތައް ކުރުވީ އެ ހިސާބުންނެވެ.

އަތިރީގޭ ތާނަ ނުވަތަ ވަޑާންކަށި ތާނަ އަކީ ތުއްތު ސާހިބުގެ އުފެއްދުމެކެވެ. މި އަކުރުތައް އުފެދިގެން އައީ އަތިރީގެ ދޯނިކޮޅަށް ކޮންމެވެސް ރަށަކުން މީހަކު ހަދިޔާކުރި ދިޔަ ހިއްކާ ފައެއްގައި ވަނޑާން ކައްޓަކުން "އތރގ" ލިޔެފައި އޮތް ތަން ތުއްތު ސާހިބަށް ފެނިވަޑައިގަތުމުންނެވެ. ވަޑާން ކައްޓަކުން އަކުރުތައް ލިޔެފައި ހުންނައިރު ހުންނާނެ ހަތަރެސްކަން ބައްޓަމަށް ތުއްތު ތާނައިގެ ހުރިހާ އަކުރެއް ފަހުން ލިޔުއްވައި ފިލިތައް ވެސް ޖެއްސެވީ އެވެ. ކުދި އަކުރުން ލިޔެވޭ ވަރަށް ވެސް އެ އަކުރުތައް ފަރުމާކުރައްވައި އަދާ ހަމައަށް ވެސް އެ އަކުރުތައް ދިރުވީ އެވެ.

ތުއްތު ސާހިބު ފަރުމާކުރެއްވި "ވަޑާންކަށި ތާނަ" ނުވަތަ "އަތިރީގޭ ތާނަ"

މާޗް 30، 1970 ގައި އަވަހާރަވުމުގެ ކުރިން އޭނާ ވަނީ މި އަކުރުތައް އާންމުކުރެއްވުމުގެ މަގްސަދުގައި އިންޑިއާ އިން އެ އަކުރުތައް ކަރުދާހަށް ޗާޕުކޮށްގެން ގެނެސް އެތައް ބަޔަކަށް ބައްސަވައިފަ އެވެ. ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު އޭނާގެ ވެބްސައިޓްގައި ޝާއިއުކުރައްވާފައިވާ ލިޔުމެއްގައި ތުއްތު ސާހިބުގެ ގާތް ބޭފުޅަކާ ހަވާލާދީ ލިޔުއްވާފައިވާ ގޮތުގައި ވަޑާންކަށި ތާނައިގެ އަކުރުތައް އާންމުކޮށް ބޭނުންކުރަން ފެށުމަށް ފަހު އަކުރުތަކުގައި ފިލި ޖަހަން ގަސްތުކޮށްފައި އޮތީ އަކުރުތަކުގެ މައްޗާއި ތިރިޔަކު ނޫނެވެ. އެކަމަކު ކޮންމެ އަކުރަކާ ޖެހިގެންނެވެ.

އަކުރުތައް ފަރުމާކުރެއްވުމަށް ފަހު އެއާ ގުޅޭ ފިލިތައް ނުލިޔުއްވަނީސް ތުއްތު އަވަހާރަވީ އެވެ.

މި އަކުރުތައް ކޮންމެވެސް ވަރަކަށް ރަސްމީ ސިފައެއްގައި ވެސް ބޭނުން ވެސް ކުރި އެވެ. އާންމު ގޮތެއްގައި އެ އަކުރުތައް ބޭނުންކުރީ އެއްޗެއްގެ ރަމްޒު އަކުރުތަކެއް ޖަހާލަން ބޭނުންކުރާއިރު އެވެ. ޔުނިފޯމު ބެޖު ފަދަ ތަކެތީގައި ވެސް ބޭނުންކުރި އެވެ. އެންމެ ފާޅުކޮށް ފެންނަން ހުރި އެކައްޗަކީ އޮލިމްޕަހުގައި ހުރި އެތަނުގެ އިހުގެ ނަން ބޯޑެވެ.

ބަހާ ގުޅޭ ގޮތުން ތުއްތު ސާހިބުގެ ވިސްނުމާއި ހިދުމަތް ހުރީ މާ ކުރިން، މި ޒަމާނުގަ އެވެ.

36 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 3%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 23%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތީން ދެގުނަ ސަ

21 March 2021

ނަވަތަ ފޮތް މަވެސް ދަސްކުރިން މިހާރު މިއެނގެނީ ތުއްތު ސާހިބު އޮރުދޫ ބަހަށް މޮޅުވީނަ ކަން އޭކު އޭކު ދުއި މިކިޔަނީ

The name is already taken The name is available. Register?

ތުއްތު

21 March 2021

ތުއްތުއަކީ ލިޔާގެ ކުދިންގެ ބޮޑުބެ

The name is already taken The name is available. Register?

ސާޒް

21 March 2021

ހަމްދޫންމެން ލިޔާފެންވަރަށް އަދިވެސް ނުލިޔެވޭ، ހަމްދޫން މި އާޓިކަލް ލިއުނު ނަމަ ވަރަށް ނަލަވާނެ

The name is already taken The name is available. Register?

އަބްޑޫޅް

21 March 2021

'ތުއްތު ސާހިބު' ކިޔަނީ އޭނައަކީ އިންޑިޔާ މީހެކޭ ހީވެގެންތަ؟ އެއީ މައްސޫރު، ހިމިތީ އިސްމާލު ކަލޭފާނު ތުއްތު. ކުޅަދާނަ ނަކަތްތެރިއެއް. ހިސާބުޖެހުމުގެ އެދުރެއް. ކޮންމެ ދުވަހަކު އިރު މެދުޖެހުމުން ބާރަގަޑި ސުންސުމަށް ގަޑި ހަމަކުރާ އުސޫލު ދޫކޮށް، ޖީއެމްޓީ ގެ 5 ގަޑިއިރު ކުރިއަށް، ރާއްޖޭގެ ގަޑި ހަމަކުރީ މި ތުއްތު. އަރުވާލަން އޮޑިއަށް ލީމަ، ޖޯކެއް ޖަހައގެން ދޫވެފަ އެބަހުރި. 28 ނަކަތުގެ ބަދަލުގަ، އަވިހި ހިމަނައިގެން، 29 ނަކަތް ހަމަކުރީވެސްހަމަ މި ތުއްތު.

The name is already taken The name is available. Register?

ބިން އިބްރާހީމް

20 March 2021

މިއަދުގެ ބަހުގެ އެދުރުން "ބަހަވީ" މި ބަސް ބޭނުންކުރައްވަނީ ތުއްތު ސާހިބުމެން ގެންގުޅުއްވި ގޮތްތައް ކަމު ނުދާތީ.

The name is already taken The name is available. Register?

ސާހަބް3

20 March 2021

'ހަވީރީ' އަކީ ނަންއިތުރެއް. އެއީ ސަބްޖެކްޓެއް ނޫން. 'އަޅުނގަޑު' އެއީ ނަންއިތުރެއްނޫން. އެއީ ޖުމްލައިގެ ސަބްޖެކްޓް. ވީމާ ހަވީރީ ހެދުން އާއި އަޅުގަނޑީ ބަކަރި އެއްގޮތެއްނޫން. ތުއްތުސާހިބުއަށް ހެޔޮދުޢާ.

The name is already taken The name is available. Register?

އަޅުގަނޑީ އަނގަ

21 March 2021

"އަޅުގަނޑީ ބަކަރި" ގަެ އަޅުގަނޑު އެއީ ސަބްޖެކްޓެއް ނޫން. އެތާ ސަބްޖެކްޓަކީ "ބަކަރި". ވަރަށް އެނގިގެން ތުއްތު ސާހިބަށް އެއްޗެއް ބުނަންވާނީ. ވަރަށް ސަލާން.

The name is already taken The name is available. Register?

އަބްޑޫޅް

21 March 2021

ހަވީރު އެއީ ނަމެއް. އެ ނަމުން "ހަވީރީ" ނަންއިތުރެއްގެ ގޮތުގަ ފުރަތަމަ ބޭނުން ކުރެއްވީ މުހަންމަދު އަމީން ދީދީ. ހަމަ އެގޮތަށް "އަޅުގަޑު" އެއީ ނަމެއް. އެ ނަމުން "އަޅުގަޑީ" ނަންއިތުރެއްގެ ގޮތުގަ ފުރަތަމަ ބޭނުންކުރީ އިސްމާލު ކަލޭފާނު ތުއްތު. މައްސަލައަކީ ކޮބާ؟ ޖޯކު ޖެހުމުގެ އެދުރުބޭކަލަކު ޖެހި ޖޯކަކުން ކުށް ހޯދަނީތަ؟

The name is already taken The name is available. Register?

ހުސޭނޫ

21 March 2021

ތިބޭފުޅާ މާ މޮޅީ އުތަ؟ ހަވީރު (ން) ނަންއިތުރު (ހަވީރީ) ހެދިހެން އަޅުގަނޑު (ން) ނަންއިތުރު (އަޅުގަނޑީ) އެއޮތީ ހައްދަވާފަ! ތުއްތުމެންނަށް ފާޑުވިދާޅުވަން ތިޔައުޅުއްވަނީ؟

The name is already taken The name is available. Register?

ޝަފީރު

20 March 2021

ތުއްތަ ސާހިބުގެ ހިސާބު ގުނުމުގައި އެހެރަ އޭކަން ދަސް ސަތޭކަ ހާސް މިބައި އެކަނި ބަލާލިޔަސް ބަހުގެ މުއްސަނދިކަމާ ކުޅަދާނަކަން ފެނޭ. މިޒަމާނުގައި ކިޔާ މިލިޔަން ސަތޭކަ މިލިޔަން އެއްހާސް މިލިޔަން ދިވެހި ބަހުގައި ގުނާކަށް ފުރުސަތެއް ނުދޭ. ތުއްތަ ސާހިބުގެ "ފަސޭހަ ހިސާބު" ބަލާލަބަލަ ތިކުދިން. ޥެސް

The name is already taken The name is available. Register?

ވަޑިޔައްތޮކިނަބާ

20 March 2021

ތުއްތުސާހަބު "ނޫރީ" ގައި ހުރި ކުށެއް ހޯދިވާހަކަ ލިޔެލިނަމަ... އެކަމުން ތުއްތުސާހިބު އެއީ ހިސާބު ޢިލްމުގައި ފުންނާބުއުސް ބޭފުޅެއްކަން މިޒަމާނުގެ ކުދިންނަށް އޮޅުންފިލީސްތާ.

The name is already taken The name is available. Register?

ހަސަދު

20 March 2021

ތުއްތު ސާހިބު މުހައްމަދު ޖަމީލް.އަދިވެސް. މިފަދަ ބޭފުޅުންނަކީ ގައުމުގެ އެންމެން މިސާލަކަސް ނުވަތަ ރޯލް މޮޑެލް އަކަށް ނަގަން އެކަށޭނެ ބޭފުލުން. އެހެނަސް މިހާރު ރޯލް މޮޑަލް އަކަށް ނަގާނެ މީހަކު ނުވެސް ފެނޭ.

The name is already taken The name is available. Register?

ރަންދެލި

21 March 2021

ޕީޕީއެމް އަދުރޭ އަކީ ވެސް ހިސާބު އިލްމު ވެރިއެއް ނޫންތޯ؟

The name is already taken The name is available. Register?

ގުންތުރަ

20 March 2021

ތުއްތު އެއްދުވަހު ކުޑަކުއްޖެއްގެ އަތުގައި ހިފައިގެން ދަނިކޮށް ރައްޓެއްސަކާ ދިމާވެގެން: ރައްޓެހިމީހާ: މިއީ ތުއްތުކުއްޖެއްތަ؟ ތުއްތު: އާދެ! މިއީ ތުއްތުކުއްޖެއް... އެކަމަކު އަޅުގަނޑުގެ ކުއްޖެއްނޫ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454