22 މާޗް 2021 - 07:50
ޓެސްލާގެ ކާރުތަކުން ޗައިނާގެ އަސްކަރިއްޔާ އަށް ޖާސޫސްކުރާކަމުގެ ތުހުމަތުކޮށް އަސްކަރިއްޔާގެ ތަންތަނުގައި ޓެސްލާގެ ކާރު ބޭނުންކުރުން ހުކުރު ދުވަހު މަނާކޮށްފި އެވެ.
މި ނިންމުމާ އެކު އަަސްކަރިއްޔާގެ އެއްވެސް ތަނަކަށް ޓެސްލާގެ ކާރުތައް ވަނުން މަނާވާނެ އެވެ. ޗައިނާ އިން ބުނެފައިވާ ގޮތުގައި ޓެސްލާގެ އިލެކްޓްރިކް ކާރުތަކުގައި ހުންނަ ކެމެރާ ސިސްޓަމްގެ އެހީގައި ފާރަލަ އެވެ. އަދި އެކަމުގެ ސަބަބުން ފޫބުނެއްދޭ ވަރުގެއް ގެއްލުމެއް ވެދާނެ ކަމަށް ބަލައި ގައުމީ ސަލާމަތަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޓެސްލާގެ އުޅަނދުތައް އަސްކަރިއްޔާ އިން މަނާކުރީ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިގާ ގޮތުގައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ އެއްވެސް ތަނެއްގައި ވެސް ޓެސްލާގެ އުޅަނދުތައް ބޭނުން ނުކުރަން ވެސް ނިންމާފައިވެ އެވެ.
މިކަމާ ގުޅިގެން ޓެސްލާގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވީ އެ ކުންފުނީގެ ކާރުތަކުން ޗައިނާގެ އަސްކަރިއްޔާ އަށް ޖާސޫސްކޮށްފައިވާ ނަމަ އެތަނުގެ ޗައިނާގެ ފެކްޓްރީތައް ވެސް ބަންދުކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ. އެކަމަކު ޗައިނާ އަށް އެއްވެސް ސިފައެއްގައި އެއްވެސް ގޮތަކަށް ޓެސްލާގެ އިން ޖާސޫސްނުކާ ކަމަށާއި ނުވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.
އީލޮން ވިދާޅުވި ގޮތުގައި ޓެސްލާގެ މައްޗަށް ޖާސޫސްކުރާކަމުގެ ތުހުމަތުކުރެވުމަކީ ވިޔަފާރި ކުންފުންޏެއްގެ ނަޒަރިއްޔާތުން ބަލާ އިރު ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. އެހެންވެ ހީތަކެއް ނުވަތަ ޝައްކެއްގެ މައްޗަށް ބިނާކޮށް ވާހަކަތަކެއް ދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ޗައިނާގެ އަސްކަރިއްޔާ އަށް ނުވަތަ އެ ގައުމުގެ އެހެން ވެސް ތަނަކަށް ވެސް ޓެސްލާގެ ވެހިކަލްތަކުން ޖާސޫސްކުރާކަން ސާބިތުކޮށްދީފި ނަމަ އަހަރެމެން ތިބީ މަސައްކަތް ހުއްޓާލާފައި ޗައިނާ ދޫކޮށްދާން ވެސް ތައްޔާރަށް." އީލޮން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެސްލާގެ މައްޗަށް ޗައިނާ އިން ޖާސޫސްކުރާކަމުގެ ތުހުމަތުކުރަނީ އެ ގައުމާއި އެމެރިކާއާ ދެމެދު އޮންނަ ނުވަތަނަސްކަމާ ހެދި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"އެހެންވީމަ ވަރަށް މުހިއްމު މިއުޗްއަލް އަންޑަސްޓޭންޑިންއެއް އަބަދު ވެސް ދެ ގައުމުގެ މެދުގައި އޮންނަން." އީލޮން ވިދާޅުވި އެެވެ.
ޗައިނާ އަކީ އިލެކްޓްރިކް ކާރު ނުވަތަ އީވީގައި ދުނިޔޭގެ އެންމެ ބޮޑު މާކެޓެވެ. ޓެސްލާގެ ގިގަފެކްޓްރީ "ޓެސްލާ ގިގަ ޝަންހާއީ" ގެ މަސައްކަތް 2018 ގައި ފަށައި އެތަނުން ތައްޔާރުކުރި ކާރުތައް ފުރަތަމަ ނެރުނީ 2019 ގަ އެވެ.
މިދިޔަ އަހަރު އެކަނި ވެސް ޗައިނާގައި ޓެސްލާގެ 147،445 ކާރު ވިއްކާފައިވެ އެވެ. އެއީ ޓެސްލާ އިން މިދިޔަ އަހަރު ޑެލިވަރީކޮށްދިން ޖުމްލަ ކާރުތަކުގެ 30 ޕަސެންޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy