މޯލްޑިވިއަންގެ ފްލައިޓެއް: އެ ކުންފުނީގެ ފްލައިޓެއް ޑިލޭވުމުން ވަކިކުރި ކްރޫ މުވައްޒަފަށް އަލުން ވަޒީފާދޭން ހައި ކޯޓުން ވެސް ވަނީ ތާއީދު ކޮށްފައި --- ފޮޓޯ/މިހާރު
29 މާޗް 2021 - 17:50
މޯލްޑިވިއަން އެއާލައިންގެ މަތިންދާބޯޓެއް ޑިލޭވި ކަމަށް ބުނެ ވަކިކުރި އެ ކުންފުނީގެ މުވައްޒަފަކަށް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާއާއެކު އަލުން ވަޒީފާ ދޭން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
މޯލްޑިވިއަންގެ އިންފްލައިޓް ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި އެ މުވައްޒަފު ވަޒީފާ އިން ވަކިކުރީ ތައިލެންޑްގެ ވެރިރަށް ބެންކޮކުން އޮކްޓޫބަރު، 2016 ގައި އެ ކުންފުނީގެ މަތިންދާބޯޓެއް ފުރަން ބެލިއިރު އެ މުވައްޒަފު ހޮޓަލުގައި ނެތުމުގެ ސަބަބުން ޑިލޭވި ކަމަށް ބުނެ އެވެ. އެ މުވައްޒަފު ހޮޓަލުން ބޭރަށް ދިޔައީ މަތިންދާބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ފުރުން ލަސްވުމުންނެވެ. މަތިންދާބޯޓޫ މަރާމާތު ކުރަން ހޭދަވާނެ ކަމަށް ބުނި ވަގުތަށް ވުރެ އަވަހަށް މަރާމާތު ކުރެވުނަސް، ފުރުން ލަސްވީ އެ މުވައްޒަފަށް ގުޅޭ ގޮތް ނުވުމުންނެވެ.
ސިވިލް ކޯޓުން 2017 ގައި އަމުރުކުރީ އޭނާ އަށް އަލުން ވަޒީފާ ދިނުމާ އެކު އަދުުލުވެރި ބަދަލެއްގެ ގޮތުން 259،000ރ. ދިނުމަށެވެ.
އެ ހުކުމް މޯލްޑިވިއަންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޓެކްނިކަލް މައްސަލައަކާ ހެދި މަތިންދާބޯޓު ލަސްވުމުން ފަސިންޖަރުން ބޯޓުން ބޭލުމަށް ފަހު، ކްރޫއިންނަށް އަރާމު ކުރުމުގެ ވަގުތު ފެށުނީ ކަމަށް ޕައިލެޓް އިން ކޮމާންޑް އެންގި ކަމަށާއި ހޮޓަލުން ބޭރަށް ދިޔައީ ޕައިލެޓް އިން ކޮމާންޑްގެ ހުއްދައާ އެކު ކަމަށް އެ މުވައްޒަފު ބުނެފައިވާއިރު އެކަމުގެ ހަގީގަތް މޯލްޑިވިއަން އިން ހޯދާފައި ނުވާ ކަމަށެވެ. އަނބުރާ ހޮޓަލަށް އެންގި ގަޑީގެ ކުރިން އެނބުރި އައިސްފައިވާ ކަމަށް އެ މުވައްޒަފު ބުނާއިރު އެކަމަށް މޯލްޑިވިއަން އިން ވެސް އިންކާރު ނުކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި ހުކުމުގައިވަނީ މުވައްޒަފަކު ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮޮވެގެން ކަން ސާބިތުކޮށް ދިނުމުގެ ޒިންމާ އޮންނާނީ ވަޒީފާދޭ ފަރާތަށް ކަމަށް ވާއިރު، އެ މުވައްޒަފުގެ ފަރާތުން ދެއްކި ވާހަކަތަކުގެ އިދިކޮޅަށް މޯލްޑިވިއަން އަށް އެއްވެސް ހެއްކެއް ނުދެއްކޭ ކަމަށެވެ. އެ މުވައްޒަފު ވަކިކުރީ ތިން މީހުންގެ ޕެނަލަކުން ހިންގި ތަހުގީގަކަށް ފަހު ކަމަށް މޯލްޑިވިއަން އިން ބުންޏަސް، އެ ޕެނަލްގެ ނިންމުމަކީ ކޮބައިކަން އެ ކުންފުނިން ހުށަހަޅާފައިނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެކަމުގައި ބޮޑަށް ބުރަވެވެނީ އެ މުވައްޒަފު ބުނާ ގޮތަށް ކަން ހިނގީ ކަމަށެވެ. އެހެންވެ، އޭނާއަށް ފޯނު ނުނެގި އޮތުމަކީ މަތިންދާބޯޓު ޑިލޭވީ އޭނާގެ ސަބަބުން ކަމަށް ބެލެވޭނެ ހުއްޖަތެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އޭނާ ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށާއި އެކަމާ ބެހޭ އެއްވެސް ހެއްކެއް ދައްކާފައި ނުވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
ފަނޑިޔާރު ސަމީރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައިި ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ކިޔާ މީހާ
30 March 2021
މިހާރު ހުންނާނީ ރާކަނި މަސްކެވިފާ ތިޔަ ފައިސާދޭންވާނީ އެބުނާ ޕެނެލުގާތިބި މީހުން އަތުން ތިޔަ ފައިސާ އަކީ ރައްޔިތުންގެ ފައިސާ
ޕިންބޯލް
30 March 2021
ދެގަޑިއެއް ހާއިރަށް ފްލައިޓު ލަސްވެލާއިރަށް ނުކުމެ މުޅި ބެންކޮކުގަ އެނބުރޭކަށް ނުޖެހޭ ދޯ އަދި.
ގޯޕާލް
30 March 2021
ތި ފައިސާ ރައްޔިތުންގެ ލާރިން ދީގެން ނުވާނެއެވެ. އެފައިސާ އަތުލަންވާނީ ގާނޫނާއި ޚިލާފު ޢަމަލު ހިންގިމީހުންގެ އަތުންނެވެ.
ޞޯބި
30 March 2021
ހުސް ރައްޔިތުންގެ ފައިސާ ބުރޯ، ކަލޭވެސް މަވެސް ރައްޔިތުން
ރަންދެލި
30 March 2021
ޒާތީ ތައައްސަބު ކުރިއަށް ނެރެ ޒުވާނެއްގެ ކެރިއަރ ފުނޑުފުނޑު ކޮށްލުމުން ތިޔަށް ވުރެ ބޮޑު ބަދަލެއް، އަދި ކަންކުރި ބަޔަކަށް ޖިނާއީ ދައުވާ އެއް ކުރަން ޖެހެއެވެ. ޒުވާން ޖީލުގެ ހަމަހަމަ ވަޒީފާގެ ފުރުސަތު ކަށަވަރު ކޮށް އަންނަން އޮތް ޖީލު ތަކަށް އެކަން ދެމެހެއްޓުމަށެވެ.
ނޮންނަ
30 March 2021
ލާރިހޯދާ އާ އުކުޅެއް.. ދިވެހިރާއްޖޭގައި މިހާރު އާންމުވަމުން އަންނަ ކަމަކަށް ވެއްޖެ.. ވަޒީފާއާއި ލާރިގަނޑެއް ލިބޭ ގޮތަށް ހުކުމް ކުރުން.. މީ ޒުވާންކުދިން މިކަން އާންމުކަމަކަށް ހަދައިފިއްޔާ ދައުލަތަށް ކެތްވާނެތަ..؟ ހަތް އަހަރު ވަންދެން އަމިއްލަ މަސައްކަތުގައި އުޅެފައި ބޮޑު މަގާމަކާއި ބޮޑު ލާރިގަނޑެއް..
1828
30 March 2021
2017 ގައި ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް ޤާބޫލުނުކުރެވިގެން މޯލްޑިވިއަންނުން އިސްތިއުނާފް ކުރީ ހައިކޯޓްގައި. ހައިކޯޓުން ހުކުމަކާއި ހަމައަށް އަންނަން ގާތްގަނޑަކަށް 04 އަހަރު ނަގާފައި މިއޮއްތީ. އެއީ ވަޒީފާއިން ވަކިކުރި މުވައްޒަފުގެ މައްސަލައެއް ތޯ؟
ޜުފެ
30 March 2021
މިހެން މި ދި މާވަނީ އެގޮތަށް އެކުންފުންޏަކުން ކަންކުރާތީ، އުކުޅެއް ނޫން މީ
އިބްރާހިމް ޝިޔާދު
29 March 2021
އައްސަލާމު އަލައިކުމް. ކޮން ބޭފުޅެއްތޯ؟
ކެރިއަރ
29 March 2021
ތިޔަގޮތަށް ކޯޓުގައި ތެޅުމަކީވެސް މިހާރު ކެރިޔަރަކަށްވެއްޖެދޯ
އަރަޤު
29 March 2021
ވަކިކުރި މީހުނަށް ފިޔަވަޅުއަޅަން ޖެހޭ
ޤިރި
30 March 2021
ނޭޅޭނެ، މަވެސް މިއުޅެނީ މަގޭ މައްސަލަ ކޯޓަށް ލައިގެން ލޮލް