ލައިފްސްޓައިލް / ކޮވިޑް-19

އިނގިރޭސިވިލާތުގެ ލޮކްޑައުން ދައްކުވައިދޭ ފޮތެއް ކޭޓް މިޑްލްޓަން ލޯންޗްކޮށްފި

"ހޯލްޑް ސްޓިލް" ގައި ލޮކްޑައުންގެ ހާލަތު ދައްކުވައިދޭ 100 ފޮޓޯ ހިމެނޭނެ

މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ވިދިގެން އިނގިރޭސިވިލާތުގައި އިއުލާންކުރި ފުރަތަމަ ލޮކްޑައުންއާ ގުޅިގެން އާންމުންގެ ދިރިއުޅުމަށް އައި "ހިމޭންކަން" ފޮޓޯތަކުން ދައްކުވައިދޭ ފޮތެއް "ހޯލްޑް ސްޓިލް: އަ ޕޯޓްރެއިޓް އޮފް އަވަ ނޭޝަން އިން 2020" ގެ ނަމުގައި ލޯންޗްކޮށްފި އެވެ.

އަންނަ މެއި މަހުގެ 7 ގައި އާންމުކޮށް ނެރެން ނިންމާފައިވާ ފޮތް އާދީއްތަ ދުވަހު ލޯންޗްކޮށް ދެއްވީ ޕްރިންސް ވިލިއަމްގެ އަނބިކަނބަކުން ކޭޓް މިޑްލްޓަނެވެ. "ހޯލްޑް ސްޓިލް" އަކީ އޭނާ އާއި ނެޝަނަލް ޕޯޓްރައިޓް ގެލެރީ ގުޅިގެން ގެނެސްދޭ ފޮތެކެވެ. ފޮތަށް މިދިޔަ އަހަރު ފޮޓޯ ހޯދާފައި ވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އެގޮތުން ފޮތުގައި ހިމަނާނެ އެންމެ ފުރިހަމަ އަދި ލޮކްޑައުންގެ ހާލަތު އެންމެ ރަނގަޅަށް ސިފަކޮށްދޭ ފޮޓޯތައް ހޮވާފައި ވަނީ އެކަމަށް ހާއްސަ ޕެނެލަކުންނެވެ. އެ ޕެނެލްގައި ކޭޓް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

"ހޯލްޑް ސްޓިލް" އާދީއްތަ ދުވަހު ލޯންޗްކުރި އިރު އޭގައި 100 ފޮޓޯ ހިމަނައި، ކޮންމެ ފޮޓޯއަކާ އެކު އެ ފޮޓޯއަކާ ބެހޭ ހާއްސަ ލިޔުންކޮޅެއް ހިމަނާފައިވެ އެވެ. ފޮތަށް ފޮޓޯތައް ހުށަހަޅަން ހުޅުވައިލުމުން 31،000 ފޮޓޯ ހުށަހެޅި އެވެ. އޭގެ ތެރެއިން ވަރަށް ގިނަ ފޮޓޯތަކަކީ ފޮތް އިއުލާންކުރުމުގެ ކުރިން މިދިޔަ އަހަރު ބައެއް އެގްޒިބިޝަންތަކުގައި ވެސް ދައްކައިލި އަދި ޑިޖިޓަލް އާޓްގެ ގޮތުގައި ހަދާފައި ހުރި ފޮޓޯތަކެވެ.

ފޮތުގެ ތައާރަފުގައި ކޭޓް ވިދާޅުވެފައި ވަނީ "ހޯލްޑް ސްޓިލް" ގެ މައިގަނޑު ބޭނުމަކީ ފޮޓޯގްރަފީގެ ނުފޫޒާއި ބާރު ދައްކުވައި ދިނުން ކަމަށެވެ. އެގޮތުން ފޮތުގައި ހިމެނޭ ކޮންމެ ފޮޓޯ އަކީ އެތައް ވާހަކައެއް ކިޔައިދޭނެ އަދި ކުރިއަށް އޮތް ޖީލާ ހަމައަށް ކޮވިޑާ އެކު އިނގިރޭސީން ތަޖުރިބާކުރި ފުރަތަމަ ލޮކްޑައުންގެ ހަނދާންތަކާއި ފިލާވަޅު ގެންގޮސްދޭނެ އެއްޗެއް ކަމަށް ވިދާޅުވި އެވެ.

"އާއިލާތަކާއި މުޅި މުޖުތަމައު ގުޅިގެން ދިޔަ ގޮތާއި އައި ބަދަލުތަކުގެ ވާހަކަ އާއި ރައްކާކުރެވުނު އެތައް ހަނދާންތަކެއް މިއިން ކޮންމެ ފޮޓޯއަކުން ކިޔައިދޭނެ." ކޭޓް ވިދާޅުވި އެވެ.

މިހާރު ޕްރި-އޯޑަރަށް ވެސް ހުޅުވާލާފައިވާ ފޮތާ ބެހޭ އިތުރު ވާހަކަތަކެއް ޓްވިޓާގައި ހިއްސާކުރައްވަމުން ކޭޓް ވިދާޅުވެފައި ވަނީ ފޮތް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ނެޝަނަލް ޕޯޓްރައިޓް ގެލެރީ އާއި ނަފުސާނީ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޖަމިއްޔާ މައިންޑް އަށް ހަމަހަމަ އަށް ބަހައިލަން ނިންމާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މިދިޔަ އަހަރު ކޮވިޑްގެ ހާލަތު އެންމެ ގޯސްވި އެއް ގައުމެވެ. އަދި މިިދިޔަ އަހަރުގެ ފަހުކޮޅު އެ ގައުމުން ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ފެނި އިތުރު ލޮކްޑައުންއަކަށް ދާން ޖެހުނެވެ.

އިނގިރޭސިވިލާތުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ހަތް މިލިއަނަށް ވުރެ ގިނަ އެވެ. އަދި އެ ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ލައްކައަކަށް ވުރެ ގިނަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454