ހައި ކޯޓް: އިންތިޚާބަށް އަލުން ހުޅުވާލަން ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ކަމަށް އެ ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
07 އެޕްރީލް 2021 - 10:20
ލޯކަލް ކައުންސިލް އިންތިޚާބަށް އަލުން ހުޅުވާލަން އެދި އާންމު މީހަކު ދުސްތޫރީ މައްސަލައެއް އެންމެ ފުރަތަމަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. އެއީ މައްސަލާގެ ބާވަތާއި ބޮޑުކަމުންނެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިނުގަނެ، އެ ކޯޓުގެ ރަޖިސްޓްރާ އެންގެވީ އެއީ ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ. ދެން އެ މީހާގެ އެ މައްސަލަ ހުށައެޅީ ހައި ކޯޓަށެވެ.
ހައި ކޯޓުން މައްސަލަ ބަލައިގަނެ، އަޑުއެހުންތައް ވެސް ބޭއްވި އެވެ. މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނާއި އެޓާނީ ޖެނެރަލްގެ އޮފީހާއި މައްސަލަ ހުށަހެޅި މީހާއަށް ވެސް މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދީ، އަޑުއެހުންތައް ނިންމާލި އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި އެ މައްސަލާގެ ހުކުމުގެ އިންތިޒާރުގައި ގިނަ ބަޔަކު ތިއްބާ ހުކުމް އައީ މުޅިން އެހެން ގޮތަކަށެވެ. ހުކުމް ކުރީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ނެތް ކަމަށެވެ. ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ އެއީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓުން ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ.
އެ މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމާ މެދު އެ މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކުން އިންކާރެއް ނުކުރެ އެވެ. ދައުލަތާއި އިލެކްޝަންސް ކޮމިޝަނުން ވެސް ބުނީ އެ މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމަށެވެ. އެހެންވެ، އިންތިޚާބަށް ކުރިމަތިލާން އަލުން ހުޅުވުމާލުމާ ބެހޭ ގޮތުން ގާނޫނީ ގޮތުން ދެ ފަރާތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކައި، އެތައް ގަޑިއިރެއްގެ ބަހުސް ހައި ކޯޓުގައި ކުރި އެވެ. ހުކުމް އައީ އެ މައްސަލާގައި އެދުނު ކަންކަމާ ގުޅިގެނެއް ނޫނެވެ. އެންމެ ފަހު ވަގުތު، އިހްތިސާސެއް ނެތް ކަމަށް ނިންމުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ.
ހައި ކޯޓުގެ އަމިއްލަ އިސްނެގުމުގައި އިހްތިސާސް އޮތްތޯ ކަށަވަރު ކުރުމަކީ މައްސަލަައެއް ނޫނެވެ. ނަމަވެސް އެއީ ކޯޓުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން މައްސަލައެއް ބެލުމުގެ އިހްތިސާސް އޮތްތޯ ނުވަތަ ނެތްތޯ ނިންމުމަކީ މައްސަލަ ބަލައިގަތުމުގެ ކުރިން ބަލަން ޖެހޭ ކަންކަމެވެ. އިހްތިސާސެއް ނެތް މައްސަލައެއް ބަލައިގަނެ، އަޑުއެހުންތައް ބާއްވަން ޖެހޭ ސަބަބެއް ގާނޫނީ ގޮތަކުން ނެތެވެ.
ގާނޫނެއް ނުވަތަ ގަވާއިދެއް ބާތިލްކުރަން ހުށަހަޅާ ދުސްތޫރީ މައްސަލަތައް ފުރަތަމަ މަރުހަލާގައި ހައި ކޯޓަށް ބެލުނަސް، ކޯޓުތަކާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާ ބުނާ ގޮތުން ގައުމުގެ އާންމު މަސްލަހަތާ ގުޅުން ހުރި ދުސްތޫރީ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ސުޕްރީމް ކޯޓުންނެވެ. އެއީ ސުޕްރީމް ކޯޓަށް އަސްލީ އިހްތިސާސް ލިބޭ ބާވަތުގެ މައްސަލަތަކެވެ. އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ އެންމެ ފުރަތަމަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ދިން ޖަވާބަކީ އެއީ އަސްލީ އިހްތިސާސް ލިބޭ މައްސަލައެއް ނޫން ކަމަށެވެ.
މާނައަކީ އެ މައްސަލަ ހުށަހަޅަން ޖެހޭނީ ހައި ކޯޓަށް ކަމެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ އެގޮތަށް ނިންމެވިޔަސް، ހައި ކޯޓުގެ ހުކުމްގައި އޮތީ މިއީ ގައުމުގެ އާންމު މަސްލަހަތާ ވަރަށް ބޮޑަށް ގުޅުން ހުރި މައްސަލައެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އެގޮތަށް ނިންމެވިޔަސް، ހައި ކޯޓުގެ ހުކުމަކީ އެ މައްސަލަ ބަލަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމެވެ.
"ގައުމު މި ހިނދު އޮތް ހާލަތުގެ މައްޗަށް ބަލާއިރު މި މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅުމެއް ނެތް ދުސްތޫރީ މައްސަލައެއް ކަން އެނގެން ނެތަތީ މި މައްސަލަ ހުށަހެޅިފައިވާ ގޮތަށް މި ކޯޓުގައި ކުރިއަށް ގެންދެވިދާނެ ކަމަށް އަހުރެންނަކަށް ގަބޫލެއް ނުކުރެ އެވެ،" ފަސް ފަނޑިޔާރުން ތާއީދުކުރެއްވި އެ ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު
މިދިޔަ އަހަރު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިޚާބު ކޮވިޑް-19އާ ގުޅިގެން ފަސްކުރުމަށް ފަހު ހެދި ޚާއްސަ ގާނޫނު ބުނާ ގޮތުން އެއް އަހަރު ފަހުން އިންތިޚާބު ބޭއްވިޔަސް، އަލުން އެ އިންތިޚާބަށް ކުރިމަތިލުމުގެ ހައްގެއް ނޯންނާނެ އެވެ. މާނައަކީ އިންތިޚާބުގައި ވާދަކުރެވޭނީ މީގެ އެއް އަހަރު ކުރިން އިލެކްޝަންސް ކޮމިޝަނުން ކެންޑިޑެސީ ބަލައިގެންފައި ތިބި މީހުންނަށް އެކަންޏެވެ.
ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެތައް ކުއްޖަކަށް 18 އަހަރު ފުރިއްޖެ އެވެ. ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ގާނޫނީ ގޮތުން އެ މީހުންގެ ކިބައިގައި ހަމަވެ އެވެ. ގާނޫނުއަސާސީން ލިބިދޭ އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު މި ކައުންސިލް އިންތިޚާބުގައި އެ މީހުންގެ ކިބައިން ނިގުޅައިގަތުމަކީ ގާނޫނީ ގޮތުން ސީރިއަސް ކަމެކެވެ. އެފަދަ ހައްސާސް މައްސަލައެއްގެ ހައްލު ހޯދަން ކޯޓަށް ދިއުމުން، އެކަމާ މެދު ގޮތެއް ނުނިމި ދެ ކޯޓު ދޭތެރޭގައި ދުވެ ދުވެ ތިއްބާ އަންނަ ހޮނިހިރު ދުވަހު ކައުންސިލް އިންތިޚާބު އެ ބާއްވަނީ އެވެ.
ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނާ "އާންމު މަސްލަހަތާ ގުޅުން ހުރި" ދުސްތޫރީ މައްސަލަތަކަކީ ކޮބައިކަން އެ ގާނޫނުގައި މާނަކޮށް ދީފައެއް ނުވެ އެވެ. ދުސްތޫރީ މައްސަލަތަކަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އެއިން ބައެއް ބާތިލްކުރަން ހުށަހަޅާ މައްސަލަތަކަކަށް ވާތީ އެފަދަ ކޮންމެ މައްސަލައަކީ ވެސް އޭގެ ޒާތުގައި އާންމު މަސްލަހަތާ ގުޅުން ހުރި މައްސަލަތަކެކޭ ބުނެ، ވަރަށް ފުޅާ މާނައެއް ނެގިދާނެ އެވެ. އެއީ ކޮންމެ ގާނޫނެއް ނުވަތަ ގަވާއިދަކީ ވެސް އޭގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް ބަޔަކަށް އޭގެ އަސަރު ފޯރާނެ އެއްޗަކަށް ވާތީ އެވެ.
މިސާލަކަށް މަސްވެރިކަމާ ބެހޭ ގާނޫނުގެ ބައެއް ބާތިލްކުރަން ހުށަހަޅާ މައްސަލައެއް ނަމަ، "އާންމު މަސްލަހަތު" ވަރަށް ބޮޑަށް އެބަ އޮތެވެ. މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ދެ ވަނަ އިންޖީނެވެ. ރާއްޖޭގެ އެތައް އާއިލާއެއް ގުޅިފައި އޮތީ މަސްވެރިކަމުން ލިބޭ އާމްދަނީއަށެވެ. އެއްމެދު އިމާރާތް ނުވަތަ ފްލެޓްތަކާ ބެހޭ ގޮތުން ބިމާ ބެހޭ ގާނޫނުގައި އޮތް މާއްދާއެއް ބާތިލްކުރަން ހުށަހަޅާ ދުސްތޫރީ މައްސަލައަކީ ވެސް އާންމު މަސްލަހަތު ވަރަށް ބޮޑަށް ހިމެނޭނެ މައްސަލައެކެވެ. އެއީ ފްލެޓް ގަނެފައި ތިބި އެތައް ބައެއްގެ ހައްގުތަކާ އެކަމާ ގުޅިގެން ހިނގައިދާނެތީ އެވެ.
ނަމަވެސް، "އާންމު މަސްލަހަތު" މިހާ ފުޅާ ދާއިރާއެއްގައި މާނަކޮށް، މިފަދަ ކޮންމެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަން ޖެހޭ ގޮތަށް މާނަކުރަން ފަށައިފި ނަމަ، ހައި ކޯޓަށް ދުސްތޫރީ މައްސަލަތައް ބެލުމުގެ ބާރު ގާނޫނުގައި ދިނުމުގެ ބޭނުމެއް ނެތެވެ. ގާނޫނެއްގެ މާއްދާއެއް ނުވަތަ ގަވާއިދެއް ބާތިލްކުރަން ވިޔަސް، "އާންމު މަސްލަހަތު" ހިފައިގެން ސުޕްރީމް ކޯޓަށް ދާން ޖެހޭ ނަމަ، ހައި ކޯޓަކީ ހަމައެކަނި އިސްތިއުނާފް މައްސަލަތައް ބަލާ ކޯޓަކަށް ނޫނީ ނުވާނެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ، ހައި ކޯޓުގައި އިސްތިއުނާފް ކުރެވިދާނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އޮޅުމެއް ނެތް މިންވަރަށް ސާފުކޮށް، ބަޔާންކޮށްފައިވެ އެވެ. އެކަމަކު އެފަދަ މައްސަލަތައް ވެސް ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމުމުގެ ނަތީޖާއަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތަކަށް ޗެލެންޖް ކުރުމުގެ ފުރުސަތު އެއްކޮށް ބަންދުވެ، މައުލޫމާތުގެ ހޯދުމުގެ ހައްގަށް ހުރަސް އެޅިގެން ދިއުމެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ކޮންމެ ގޮތަކަށް އަޔަސް، އެއަށް ތަބާވެގެން ތިބުން ލާޒިމްވީ އެވެ.
ހދ. ކުޅުދުއްފުށީ ކުޅި ހިިއްކައިިގެން އެއާޕޯޓު ހެދުމުގެ މަޝްރޫއު ފެށުމުން ތިމާވެށްޓަށް ގެއްލުންވާ ކަމަށް ބުނެ އެރަށު ކޯޓަށް މީހަކު ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމީ ބަލައިނުގަތުމަށެވެ. މަދަނީ ޖަމިއްޔާއަކުން ދެން އެ މައްސަލަ ހުށަހެޅީ މާލޭގެ ސިވިލް ކޯޓަށެވެ. ކުޅި ހިއްކައި އަދި އެއާޕޯޓު ވެސް ހަދައި ނިމުނު ފަހުން ޑިސެމްބަރު، 2018 ގައި ސިވިލް ކޯޓުން ހުކުމްކުރީ އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށެވެ. އެއީ ކުޅުދުއްފުށީގެ ބިމަކާ ގުޅޭ މައްސަލަތައް ބެލޭނީ އެރަށު ކޯޓަށް އެކަނި ކަމަށް ބުނެ އެވެ.
ބައެއް ފަހަރު ނިންމުންތައް އަންނަ ގޮތުން، ކޯޓުތަކުގެ އިހްތިސާސަކީ ހަމައެކަނި މައްސަލައެއް ބޭރުކޮށްލަން ހޯދާ ހުއްޖަތެއް ހެން ވެސް ހީވާ ފަހަރު އާދެ އެވެ. އިންސާފު ހޯދަން ދާ މީހާ ދެ ކޯޓު ދޭތެރޭގައި ދުވެދުވެ ހުއްޓާ، އެެކަމެއްގެ މުއާމަލާތް ކެނޑިގެން ނިމިދަނީ އެވެ. ވެވަށް ވެއްޓުނު ގެރީގެ މިސާލެވެ.
ކޯޓުތަކުގެ އިހްތިސާސާއި ބާރު ހިނގާނެ ދާއިރާތައް ގާނޫނަކުން ކަނޑައެޅުމާއި ނުވަތަ އެއަށް ކޯޓުތަކުން ރިއާޔަތްކުރާ ކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ އެކަން އޮންނަން ޖެހޭ ގޮތް ވެސް މެ އެވެ. އެކަމަކު ކޯޓުތަކުގެ އިހްތިސާސަކީ އިންސާފު ހޯދަން ދާ މީހާއަށް އޮތް ތަކުލީފަކަށް ވެގެން ނުވާނެ އެވެ. އިހްތިސާސް ހުއްޖަތަކަށް ހަދައިގެން "ބޯޅަ ޖެހުމުގެ ސަގާފަތް" ދޫކޮށްލަން އެބަ ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގފސ
07 April 2021
ބައެއްފަހަރު ފަނޑިޔާރުންނަކީ އިންސާނުންނެވެ. ބައެއްފަހަރު އަޅުންނެވެ. ބައެއްފަހަރު އާސްމާނުން އައިސް ތިބި ބައެކެވެ. ބައެއްފަހަރު މިނިވަނުންނެވެ.
ބޮޑުމީހާ
07 April 2021
ކޯޓަކަށް މައްސަލައެއް ލިޔަސް ނިމެނީ އަހަރު 2 އަހަރުން. ގިނަ ފަހަރު މިވަރުވެސް ނުވޭ. ދެން ކިހިނެއް އިންސާފު ލިބޭނީ
ޕިންޕޮން
07 April 2021
ހީކުރީ ސކގެ މިހާރުގެ ބެންޗާއެކު ހެޔޮ ބަދަލެއް އަންނާނެ ކަމަށް. އެކަމަކު ގަވާއިދެއް ޤއ ގެ މާއްދާތަކަކާ ޚިލާފުކަމަށް ބުނެ ހކ އަށްހުށަހެޅުމުން އެ ކޯޓަށް އެމައްސަލަ ނުބެލޭނެކަމަށް ހކ އާއި ސކ އިން ވެސް ނިންމުމުން އެމައްސަލަ ސކއަށް އާއްމު މަސްލަހަތުގެ ދަށުން ހުށަހެޅީމަ ސކގެ ރަޖިސްޓްރާ ބަލައި ނުގަތީ އާއްމު މަސްލަހަތެއް ނެތޭ ކިޔާފަ. އެ ނިންމުން މުރާޖައާ ކުރި 3 ފަނޑިޔާރުން ނިންމީ އެ މައްސަލަ ދުސްތޫރީ މައްސަލައެއް ކަމަށް ވެސް ނުފެންނަ ކަމަށް
ފަލާ
07 April 2021
ކޯޓުގެ ނަމާއި، ކޯޓުގެ ބާވަތް ބަޔާންކޮށްދެނީ އެހެން ވާހަކައެއް! ކޯޓުން ދައްކަނީ އަދި މުޅިން އެހެން ވާހަކައެއް! މިހާރު ހައިކޯޓަކީ ފަޅައިގެން ގޮސްފައިވާ "ވާރޭ ކޯޓެއް" ފަދަ... އާދެ! ފަޅައިގެން ގޮސްފައިވާ ވާރޭކޯޓަކުން ލިބޭނީ ކޮން ހިޔާވަހިކަމެއްތޯ؟ ހަމަ އެގޮތަށް، ނަމުން ކިތަންމެ "ހައި" ނަމަވެސް، މައްސަލައެއް ބަލަންޖެހޭ ޙާލަތު އައީމަ، އެ "ހައި" ކަން ނުހުންނަ ޢިއްޒަތްތެރި ފަނޑިޔާރުގެ އެއް ނަމަ މީހުންނަށް ލިބޭނީ ކޮން އުފަލެއްތޯ؟ އަދި ހިތްހަމަޖެހުމެއްތޯ؟
ސީޒަން ޖެކުހަން
07 April 2021
ދިވެހިންނަނީ ނިކަން ބޯޅަކުޅޭހިތްވާބައެއް. އެއީ އެބައިމީހުން ގައިގާ އަށެގަނެފައިވާ ނިކަން ނުބައި އާދައެއްް.
ޑިސްއޮނަރަބަލް ޑީޑީ
07 April 2021
މައުމޫނު ދައުރުގާ މުޅިންވެސް އޮންނާނީ ބޯޅަކުޅުން. އަނެއްކާ އަހަރެމެންނަށް މިއުޅެވެނީ އެފަދަ ފާގަތި ދުވަސްވަރެއްގާ.
ކޮތަރުގެ އަސަރު
07 April 2021
އަދުލުވެރިކަން ނެތުނީމައި ނުވާނެ އެއްކަމެއްވެސް ނޯންނާއެވެ! އެހެނަަސް އަދި ފެންނަފެނުމަށް ރައީސް ޔާމީނުގެ ދައުރަށް ވުރެން ރަނގަޅެވެ.
ނާހިދު
07 April 2021
ކޮންމެ ކަމެއްގަވެސް ކޯޓް. ހަދާފާފައި ގާނޫނުތަކުގެ ދެއުޅި އެއްނުވާ ވާހަކަ ނިކަން ލިޔެލަބަލަ ދިރާސާއެއް ކޮށްލާފަ. ލަޓޯފަޓޯ މަގުމަތީ ހޯބޯލަވާ ވަކަރުގޭ ކުދިން ލައްވާ ގާނޫނުތައް ހަދައިގެން އަތަށް ގޮވަން ފެށީމާ ކޯޓުތަކަކަށް ޕެޗުއަޅައި ބާގަނޑުތައް ނުބެއްބޭދެ.
ގޮޅި
07 April 2021
ސުޕްރީމް ކޯޓުން ވަކި ގޮތެެއް ނިންމާފަ އޮއްވަ އިޚްތިސާސް ނެތޭ ބުނުން ރަނގަޅެއް ނޫން.
ހެޔޮމީހާ
07 April 2021
ރަނގަޅު ވާހަކައެއް. މީހަކު މިވާހަކަ ހައިކޯޓުގައި ދެއްކި ނަމަވެސް ރަނގަޅު. ހައިރާކީ އޮޅޭތީ މައްސަލައަކީ