ޚަބަރު / ފިޝަރީޒް މިނިސްޓަރު

ޒަހާއާ ދެކޮޅަށް ހުށަހެޅި މައްސަލައިން ޖާބިރުގެ ސޮއި ނެންގެވުމުން އަލުން ދިރާސާ ކުރަނީ

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންނަށް ޖަވާބުދާރީ ވެވަޑައިގަންނަވަނީ. އޭނާގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ސޮއިކު ކަނޑުއްވާލައްވާފައި.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިން ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރުގެ ސޮއި ނެންގެވުމުން އެކަމާ މެދު އަމަލުކުރާނެ ގޮތެއް މަޖިލީހުން ދިރާސާކުރަން ފަށައިފި އެވެ.

ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ސޮއިކުރައްވާފައި އޮތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި 10 މެމްބަރުންނެވެ. އެއީ މިނިސްޓަރެއްގެ އިތުބާރު ނެތްކަމަށް މައްސަލައެއް ހުށަހަޅަން އެންމެ މަދުވެގެން ބޭނުންވާ އަދަދެވެ. އެ މައްސަލައިން ޖާބިރުގެ ސޮއި ކަނޑުއްވައިލެއްވީ އެ މައްސަލައިގައި ޒަހާ އަށް މަޖިލީހުން ނޯޓިސް ދީ، އެ ނޯޓިހުގެ މުއްދަތު ވެސް ހަމަވި ފަހުންނެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ޖާބިރު ސޮއި ނެންގެވި ނެންގެވުން، އެއީ އެގޮތަށް ކުރެއްވޭނެ ކަމެއްކަން ނުވަތަ ނޫންކަން ކަނޑައަޅުއްވަން އެމަނިކުފާނަށް އުނދަގޫ ކަމަށެވެ. އެހެންވެ އެ މައްސަލަ ފޮނުއްވީ މަޖިލީހުގެ އާއްމު ކޮމިޓީއަށެވެ. އެމަނިކުފާނު ވިދާޅުވީ ވަކި ކަމެއް ވަކިި ގަޑިއެއްގައި ކުރެއްވުމަށް ފަހުގައި އެކަމުން އެނބުރިގަތުމުގެ ހައްގު ވެސް މެމްބަރުންނަށް ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް އެހެން އެތައް މެމްބަރުންނަކާ އެކުގައި ކުރައްވާ މަސައްކަތެއްގައި އެގޮތަށް އެނބުރި ވަޑައިގެންނެވޭނީ ކޮން ގަޑިއެއްގައިތޯ ސުވާލު އުފެދޭ ކަމަށެވެ. އެގޮތަށް ކަންތައް ކުރެއްވުމުން އެ މަސައްކަތަށް ވެގެންދާނީ ކޮން ގޮތެއްތޯ ވެސް، އެމަނިކުފާނު ވިދާޅުވި ގޮތުގައި ސުވާލު އުފެދެ އެވެ.

"ދެން އިއްޒަތްތެރި މެމްބަރުން ސޮއިކުރެއްވުމަށް ފަހުގައި ނޯޓިސްގެ ވަގުތު ވެސް ހަމަވެއްޖެ. ހަގީގަތުގައި ވަޒީރަށް އިތުބާރު އޮތްތޯ ނެތްތޯ ބަލަން އިއްޔެ ވެސް މިތަނަށް ވަޑައިގަންނަވަން ދެންނެވޭނެ. އެހެން އޮތް ކަމެއްގައި، އޭގެ އެތައް ގަޑިއެއް ފަސްވީ ފަހުން މިހެން ހެއްދެވީމާ ވާގޮތަކީ ކޮބައިތޯ އަޅުގަނޑު ހިތުން އަޅުގަނޑުމެން މިފަހަރު އުސޫލެއް ކަނޑައަޅާފައި ބޭއްވުމަކީ ބޭނުންތެރިކަމެއް،" ނަޝީދު އެ ދުވަހު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިދިކޮޅު ފަރާތްތަކާ އެކު ކުރިން ބޭއްވެވި ބައްދަލުވުމެއްގައި. ޒަހާގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިން އޭނާ ވަނީ ސޮއި ކަނޑުއްލެއްވި---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޖާބިރުގެ ސޮއި ނެންގެވި މައްސަލައިގައި އަދި މީގެ ފަހުން އަންނަ އެފަދަ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލެއް ކަނޑައެޅުމަށް އާއްމު ކޮމިޓީގައި ބުދަދުވަހު ކުރި މަޝްވަރާތަކަށް ފަހު ނިންމީ އެކަން އިތުރަަށް ދިރާސާކުރުމަށެވެ. އެގޮތުން ބަލަން ނިންމީ އެފަދަ މައްސަލަތަކުގައި ރާއްޖޭގައި ކުރިން އަމަލުކޮށްފައި އޮތީ ކޮންގޮތަކަށްތޯ އާއި އެހެން ގައުމުތަކުގައި އެފަދަ ކަންތަކުގައި އަމަލުކުރާ ގޮތެވެ. އާއްމު ކޮމިޓީން އެކަމުގައި ގޮތެއް ނިންމާނީ އެ ދިރާސާ ނިމުމުންނެވެ.

ޖާބިރުގެ ސޮއިި އެ މައްސަލައިން ނެގޭނެ ކަމަށް ކަނޑައަޅަައިފި ނަމަ ޒަހާގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ މައްސަލަ އެހިސާބުން ހުއްޓޭނެ އެވެ.

1 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާޒީ

04 April 2021

އުފެދުމުގައި ވެސް ތިޔާވީ ބާޠިލު! ވޮއިޑް އެބް އިނީޝިއޯ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454