މާލެ އާއި ކ އަދި ތ އަތޮޅުގެ ވޯޓުފޮށިތައް ބަހައްޓާފައި ހުރި އާމީނިއްޔާ ސްކޫލްގެ ބޭރުގައި ބަޔަކު ބޮނޑިވެގެން.-- ފޮޓޯ: އަލީ ވާރިޝް / ފޭސްބުކް
10 އެޕްރީލް 2021 - 13:27
"މިއަދަކީ ކޮވިޑް ފްރީ ދުވަސް،" ވޯޓުލާ މަރުކަޒެއްގެ ބޭރުން ފެނުނު މަންޒަރެއް ފޭސްބުކްގައި ހިއްސާކުރަމުން މީހަކު ލިޔެފައި އޮތެވެ. އެ ފޮޓޯ އިން ފެންނަނީ މާލެ އާއި ކ. އާއި ތ. އަތޮޅުގެ ވޯޓު ފޮށިތައް ބަހައްޓާފައިވާ އަމީނިއްޔާ ސްކޫލްގެ ބޭރެވެ. އެއް ބަޔަކު ތިބީ ބޮނޑިވެގެން އޮލަ ވާހަކައިގެ ތެރެއަށް ގޮސް ގެއްލިފަ އެވެ. އެއްވެސް ކަހަލަ އިޖުތިމާއީ ގައިދުރުކަމެއް ނެތި، އަނެއް ބަޔަކު ސަލާން ކުރަމުން ދިޔަ ތަން ވެސް ފެނެ އެވެ.
ސޯޝަލް މީޑިއާގައި މަޖަލަކަށް ހަދައިގެން އިއްޔެ އާއި މިއަދު ވެސް އެންމެ ގަދައަށް ދެއްކި އެއް ވާހަކައަކަށް ވީ، މިއީ "ކޮވިޑް ނެތް" ދުވަހަކެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ގެންދާއިރު، ރާއްޖޭގައި މިވަގުތު އޮތް ކޮވިޑްގެ ބަލިމަޑުކަން ނިމި، އެ ބަލި ނުފެތުރޭނެ ދުވަހަކަށް ވި ވާހަކަ އެވެ. އެކަމަކު މިއީ މަޖަލަކަށް ހަދައިގެން ދައްކާ ވަރަށް ވުރެ މާ ސީރިއަސް ކަމެކެވެ.
މާދަމާ އަކީ ޤައުމީ “ކޮވިޑް ފްރީ” ދުވަސް.
— ✌🏽 (@ryyyshh) April 9, 2021
ވޯޓުލާ މަޒުކަޒުތަކުގެ ބޭރުގައި އިޖުތިމާއީ ގައިދުރުކަމުގެ އެއްވެސް ހަމައެއް ލަމައެއް ނެތެވެ. އެއް ބަޔަކު ތިބީ ކިއުތަކުގައި ފިތިބާރުވެގެންނެވެ. ވޯޓުލައި ނިންމައިފައި އަނެއް ބަޔަކު ވޯޓުލާ މަރުކަޒުގެ ބޭރުގައި ބޮނޑިވެގެން ވާހަކަ ދެއްކުމާއި ކޮފީ އާއި ސިނގިރޭޓު ބުއިމާއި އަދި ހީ ސަކަރާތް ޖެހުމުގައި އުޅޭ ތަން ވެސް ފެނުނެވެ. ވޯޓުލުމަށް މިއަދުގެ މިހާތަނަށް ދިޔަ މީހުންގެ އަދަދު މަދުވި ނަމަވެސް، މި މަންޒަރު ފެންނަލެއް ވަރަށް ގިނަ އެވެ.
އެކަން އެގޮތަށް ނުކުރަން އަންގައި، އާންމުން ހޭލުންތެރިކުރާނެ ބަޔަކު ވެސް ނެތެވެ.
Covid free gadi. Miadhu 5.00pm to 6.00pm 🤷🏾♂️
— afey (@afeymohd) April 10, 2021
ކޮވިޑްގެ ކޭސްތައް ރިކޯޑް އަދަދަކަށް އިތުރުވެފައިވާ މި ދުވަސްވަރު، އިންތިހާބާ ވިދިގެން އެޗްޕީއޭ އިން ދިން ލުއިތަކާ އެކު ކޭސްތައް އިތުރުވުމުގެ ބިރު ވެސް އެބަ އޮތެވެ. އެކަމަކު، ފެންނަ މަންޒަރުތަކުން ގިނަ މީހުންނަށް އެ ބިރުވެރިކަން އަދި އިހުސާސްނުވާ ކަމަށް ބެލެވެ އެވެ. ވޯޓުލުމަށްޓަކައި ކަރަންޓީން ނުވެ ރަށަށް ދެވޭނެ ހުއްދަ ދިނުމުން އެޗްޕީއޭއަށް ވެސް އޮތީ ފާޑުކިޔުން އަމާޒުވެފަ އެވެ.
އެހެން އިންތިހާބުތަކާ ހިލާފަށް މިއީ އާންމުން ވަރަށް ބޮޑަށް ހޭލުންތެރިކުރުވަން ޖެހޭ އިންތިހާބަކަށް ވީ ނަމަވެސް، އެކަން ވެސް އެންމެ ރަނގަޅަށް އިލެކްޝަން ކޮމިޝަނުންނާއި އަދި ޕާޓީތަކުން ވެސް މި ފަހަރު ކޮށްފައެއް ނުވެ އެވެ. ވޯޓުލާން ދާންޖެހޭ މަރުކަޒު ޔަގީންނު ވެގެންނާއި އަރަންޖެހޭ ކިއު ޔަގީން ނުވެގެން ދެކޮޅަށް ދުވި އެތައް ބަޔަކާ ދިމާވި އެވެ. ވޯޓުލުމަށްޓަކައި މި ފަހަރު އަމިއްލަ ގަލަމެއް ގެންދިއުމަށް އަންގާފައި އޮތް ކަން ވެސް ބައެއް މީހުނަށް ނޭނގެ އެވެ.
އިންތިޚާބުގެ އޮފިޝަލުންތަކެއް މަޑުކޮށްލައިގެން: އިންތިޚާބުގެ ތެރެއިން ބައެއް މައްސަލަތައް މިހާރު ވެސް ދިމާވޭ-- ފޮޓޯ: އަހުމަދު އައުޝަން
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ވޯޓުލާ މަރުކަޒުތަކުގައި އިންތިޒާމުތައް ހަމަޖައްސާ އޮފިޝަލުން އަމަލުކުރަމުން އަންނަކަން ފާހަގަކުރެވުނު ނަމަވެސް، އާންމުންގެ ފަރާތުން ފަރުދީ ޒިންމާ އެންމެ ރަނގަޅަށް އަދާކުރާތަން ނުފެނެ އެވެ.
ހަނދާނުގައި ބަހައްޓަންވީ، އިންތިހާބާ އެކު ލުއިތަކެއް ދިން ނަމަވެސް، މިއީ "ކޮވިޑް ފްރީ" ދުވަހެއް ނޫން ކަމެވެ. އެ މީހެއްގެ ރައްކާތެރިކަން އަމިއްލަ އަށް ކަށަވަރުކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
10 April 2021
ދިވެހިންނެއްނު.. ހެޔޮއެއްގޮތެއްވެސް ނޯންނާނެ.. ބަލަ އިއްޔެ ނޫންތޯ ވޯޓިލުމުގެ ހައްގުނެތިގެން އެޗްޕީއޭއަށް ފާޑުކީ... ނަމަވެސް އެހައްގު ދިނީ ޝަރުތުތަކަކާއެކު... ކާކު ވޯޓުލާނީ ކޮންފޮށްޓަކަށްކަން އެނގޭނެ އެންމެ އެސްއެމްއެސް އަކުން. ހައްގުތައްވެސް ބޭނުންވޭ އެކަމު އަމިއްލަ ޒިންމާ އަދާނުކޮށް ތިބެނީ އަމިއްލައަށް ކުރި އަމަލުތައް ފޮޓޯވެސް ނަގައިގެން އެއަށް ހަޖޫކިޔަން....
އުދުހޭ
10 April 2021
ކޮވިޑް އެބަހުރި ރޮނގު ކައިރީ ހުއްޓިލައިގެން ވޯޓް ނިމޭ ގަޑި ބަލަބަލާ
ހައިރާން
10 April 2021
ނަތީޖާ ވަރަށްސާފުދޯ! ހެއްވާގެވެސް ހެއްވާ! އަމިއްލައެދުމާއިޖެހުނީމަ، ބިރެއްނެތް! މިވޯޓުގެ ނަތީޖާނުކުންނަތަނުން ތަޅުއެޅުވެން ވާންވި ތައްޔާރެއްވާންވީ! ރާއްޖޭގެ މީހުންއުޅޭ ހުރިހައިރަށްރަށެއް ތަޅުއަޅުވާނެ. ހުޅުވިފައޮންނާނީ ޓޫރިސްޓުރިސޯޓުތައް! ކަންހިނގާގޮތުން މިއީބަޔަކު ރާވައިގެންކުޅޭ ކުރިވަރެއްކަން ވަރަށް ރީއްޗަށްއެބަފެނޭ!
1828
10 April 2021
ކޮވިޑް ފްރީ. އެހެންވީމަތާ އެއްރަށުން އަނެއްރަށަށް އެއްވެސް ހުރަހެއްނެތި ދަތުރުކޮށް ވޯޓްލެވެނީ. ކޮވިޑް ފްރީ ނޫވީ ރިސޯޓްތަކުގައި. ރިސޯޓް މުވައްޒަފުން އަދިވެސް ތިބީ ރިސޯޓް ބަންދުގައި. އެއީ ކޮވިޑް ފްރީ ނުވީމައި. ސަރުކާރުން މިއަދު ރަށްރަށުގައި ކޮވިޑް ފްރީކަމަށް ކަނޑައަޅައި ނިނމްފައިފި
މުލޭ
10 April 2021
ކޮވިޑް ފްރީ ދުވަހެއް ނޫން. އެކަމަކު ކޮވިޑް ފްރީ ދުވަސްކޮޅެއް. ސިޔާސީ ބާރުވެރިންގެ ސިޔާސައާ ޖެހުނީމަ ހުރިހާކަމެއް ބަދަލުކޮށްލާނެ. މައިމޫނާއްތަ ކަރަށް ފައިންއަރާ މަޖުލިހަށް ގެންގޮސް ބިރުދައްކައި ހުރިހާ ކަމެއް މިއޮތީ އެކޮޅުކޮޅުން ޖައްސުވާފައި. ހުރިހާ ނުހޮރޮއްޕާނެއް ޖެހޭނީ ރައްޔިތުންނަށް. ބަލަންތިބެމާ ހިނގާ ވާގޮތް.
1828
10 April 2021
މައިމޫނާއަށް ނުފޫޒު ފޯރުވާކަމަށްވަނީ ނަމަ ޖެހޭނީ އިސްތިއުފާދޭން. ދެން ޖެހެނީ އިސްތިއުފާދިން ސަބަބު ރައްޔިތުންނަށް ހާމަކުރަން މައިމޫނާވެސް ހަމަ ވަޒީފާއާއި ބަގުޑި ބައްދަނީ. ސިޔަސީ މީހުން ބުނިއްޔަ ބުނިހާ ގޮތެއް އެބަހަދާ މަޤާމް ދިފާއުކުރަން
އިޒީ ޝަރީފް
10 April 2021
އިލެކްޝަން ކޮމިޝަނުންނާއި އެޗްޕީއޭއިންނާއި މަޖްލީހުންނާއި ރައީސް އޮފީހުން އެބުނީ މިއީ ކޮވިޑް ފްރީ ދުވަހެކޭ. އެމީހުންގެ ހުއްދައާ ނުލާ ކޮވިޑް ވައިރަސް ފެތުރޭނަމަ ކޮވިޑް ބައްޔަށް ފިޔަވަޅު އެޅޭނެ. ހާސްނުވޭ.
ގުދުގުދުބެއްޔާގެ ތެދުބަސް
10 April 2021
އެންމެފުރަތަމައިނުން ކޮވިޑޭތިކިޔާއެއްޗަކީ އުޅޭއެއްޗެއްތަ؟