ޕީޕީއެމްގެ ހިންގުމާ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމަށް ފަހު، ޕީޕީއެމް މައުމޫން ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުން ނިންމާލުމަށްފަހު ޕީޕީއެމްގެ ރައީސް މައުމޫން، އެމަނިކުފާނަށް ތާއީދުކުރައްވާ އާންމުންނަށް އަތްޕުޅުން އިޝާރާތްކުރައްވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
15 ނޮވެމްބަރ 2016 - 20:03
ޕީޕީއެމް ހިންގުމުގެ ބާރު އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމާ ދެކޮޅަށް ސިވިލް ކޯޓަށް މިދިޔަ ބުދަ ދުވަހު ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން މިއަދު އަންގައިފި އެވެ.
މައުމޫން ހުށަހެޅުއްވި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ރެޖިސްޓްރާ ފޮނުއްވި ޖަވާބުގައި ވަނީ އެ ކޯޓަށް މައުމޫން މައްސަލަ ހުށަހަޅުއްވާފައި ވަނީ "އިދާރީ މައްސަލަތައް ބަލާ ޑިވިޝަނަށް މައްސަލަ ހުށަހަޅާ ފޯމް" ގައި ކަމަށެވެ. އަދި އެ ޑިވިޝަނަށް ހުށަހެޅޭނީ ސުޕްރީމް ކޯޓުގެ ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އިދާރާއެއްގައި ހިމެނޭ. އިދާރީ ތަބީއަތުގެ ދައުވާތަކާއި އިދާރީ ކޮންޓްރެކްޓްތަކާއި އިދާރީ ފިޔަވަޅުތަކާ ބެހޭ މައްސަލަތައް ކަމަށް ވެސް މައުމޫނަށް ފޮނުއްވި ޖަވާބުގައި ބުނެފައިވެ އެވެ.
ސިވިލް ކޯޓުން ބުނެފައި ވަނީ ޕީޕީއެމަކީ ދައުލަތުގެ މުއައްސަސާއެއް ނުވަތަ އިދާރާއެއް ކަމަށް ނުވާއިރު އެ ޕާޓީގެ މައްޗަށް ކުރެވޭ ދައުވާ އަކީ އިދާރީ ޑިވިޝަނަށް މައްސަލަ ހުށަހަޅާ ފޯމުން ހުށަހެޅޭނެ ދައުވާއެއް ނޫން ކަމަށެވެ.
"އެހެންކަމުން މިއީ މިހާރު ހުށަހަޅާފައިވާ ގޮތަށް، މިހާރު ހުށަހަޅާފައިވާ ފޯމްގައި ރަޖިސްޓްރީކުރެވޭނެ ދައުވާ ފޯމެއް ނޫން ކަމުން، ދައުވާ ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށް ނިންމީ އެވެ،" ޖަވާބުގައި ބުނެފައިވެ އެވެ.
ސިވިލް ކޯޓުގެ ހުކުމަކާ ގުޅިގެން ޕީޕިއެމް ހިންގުމުގެ ބާރު ރައީސް ޔާމީނަށް ލިބިވަޑައިގަތުމާ އެކު، ޕާޓީ ހިންގުމުގެ ހުރިހާ ކަމެއް ކުރައްވަނީ އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. ސިވިލް ކޯޓުގެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
މައުމޫން ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕާޓީ ހިންގުމުގެ ބާރު ރައީސް ޔާމީނާ ހަވާލުކުރީ ގާނޫނުއަސާސީ އާއި ޕާޓީތަކުގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނަށް ލިބިވަޑައިގަތަސް ކޯޓުގެ ނިންމުން މައުމޫން ގަބޫލުފުޅެއް ނުކުރައްވަ އެވެ. އަދި އެ މަނިކުފާނު އަންނަނީ ތާއީދުކުރާ ކައުންސިލް މެމްބަރުންނާ އެކު ވަކިން ކައުންސިލް ބައްދަލުވުންތައް ބާއްވައި، ނިންމުންތައް ނިންމަވަމުންނެވެ.
ޕާޓީ ހިންގުން ރައީސް ޔާމީނާ ކޯޓުން ހަވާލުކުރީ އެ މަނިކުފާނާއި މައުމޫނާ ދެމެދު ހިޔާލު ތަފާތުވުން އުފެދި، ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބޭއްވުން މައުމޫން ހުއްޓާލެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ދެ މެމްބަރަކު އެ މައްސަލަ ކޯޓަށް ހުށަހެޅުއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒު
16 November 2016
އެކަމަކު ދުލަށް ފިސާރި ބާރުލާފަ މިވެރިން ބުނާނެ އެއްވެސް މައްސަލައެއް އޮވެއްޖެއްޔާ ކޯޓަށް ހުށަހަޅާއިގެން ކުރިއަށް ދާށޭ، ކޯޓަށް ހުށަހެޅީމަ ދެފޮޅުވަތް ދޭތެރޭން ޤަވާޢިދެއް ދަމާނެރެފަ މިބުނަނީ މައްސަލަ ބަލައިގަނެވޭކަށް ނެތޭ، ވަﷲއައުލަމް ނިމުނީ........
އަލްޖިބްރާ
16 November 2016
" މަރިޔަން " އަށް ދަންނަވާލަން އޮތީ ، މިހާރަކު ތިބުނުއްވާ " ރައްޔިތުންނެއް " މިދިވެހިރާއްޖެއަކު ނެތެވެ.
ކަލޯބެ
16 November 2016
ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް 30 އަހަރުވަންދެން ލިބިފައި އޮތްއިރު ކަންތައްތައް ކުރެވިފައިވަނީ ރަނގަޅަށްތޯ ބަލައިލަން ރަނގަޅުދޯ. ކޮންމެކަމަކަށްވެސް ވަކި ވަގުތެއް ކަނޑައެޅިފައިވާނެ. ތާއަބަދު އެއްވެސް މީހަކަށް ހުރިހާބާރެއް ލިބިފައެއް ނޯންނާނެ. މިކަމާމެދު ކިހާވަރަކަށް ވިސްނާލެވޭބާ؟
އަލްޖިބްރާ
16 November 2016
"ސިވިލް ކޯޓުން ބުނެފައި ވަނީ ޕީޕީއެމަކީ ދައުލަތުގެ މުއައްސަސާއެއް ނުވަތަ އިދާރާއެއް ކަމަށް ނުވާއިރު އެ ޕާޓީގެ މައްޗަށް ކުރެވޭ ދައުވާ އަކީ އިދާރީ ޑިވިޝަނަށް މައްސަލަ ހުށަހަޅާ ފޯމުން ހުށަހެޅޭނެ ދައުވާއެއް ނޫން ކަމަށެވެ." ޔާމީނަށް ޕީ.ޕީ.އެމްގެ ހުރިހާބާރެއް ދިނީ ކޮން ފޯމަކުން މައްސަލަ ހުށައަޅައިގެންތަ ؟
އާދަމް ޝަރީފް
16 November 2016
މައުމޫން މިހާރު ޕީ.ޕީ.އެމް ގެނަމުގައި އެ ހިންގަވާ ކަންކަމަކީ ހަމައެކަނި ގާނޫނީ އެއްވެސް ސައްހަކަމެއް ނެތް ކަންކަން ކަމުގައި ބަލައި އެހާ ހިސާބުން ނިންމޭނެ ކަމެއްތޯ؟ މައުމޫން ޕީ.ޕީ.އެމް ހިންގުން މިހާރު ބެލެވޭނީ ކޯޓްގެ އަމުރަކަށް ތަބައަ ނުވުން ކަމުގައި. ކޯޓްގެ އަމުރަކަށް ތަބައަ ނުވުން އެއީ ކޯޓަށް މަލާމާތްކޮށް ކޯޓްގެ ޙުރުމަތް ކަނޑާލުން ކަމަށް ބެލެވިދާނެ. އެހެންކަމާއެކު މި މައްސަލަ ސުމޯޓޯ މައްސަލައެއްގެ ގޮތުގައި ސްޕްރިމް ކޯޓުން ބަލައި ފުވާދު ތައުފީގަށް ކުރި ވައްތަރުގެ ހުކުމެއް މައުމޫނުގެ މައްޗަށް ވެސް ކުރަންޖެހޭ.
ބޯގޯސް
16 November 2016
ދީނަށްޓަކާ ޤައުމަށްޓަކާ ޤުރުބާން. ހަބޭސް.
ފާތުމަ
15 November 2016
މައުމޫންއެވެ ކޮންމެސް އެހެން ގޮތެއް ހިޔާރުކުރައްވާށެވެ
އަލީ
15 November 2016
މައުމޫންއަށް އެގިހުރެ ތިކަހަލަ ކަމެއް ކުރީތީވެސް ހައިރާންވަން.
ނަތަން
15 November 2016
އަހަރުމެން ހައިރާނެއްނުވަން، ކަށްވަޅަށްދާއިރުވެސް ބާރުތައް ނުލިބިގެން އުޅެން ޖެހޭނީ
މަރިޔަން
15 November 2016
މިސަރުކާރު ހަމަމަގަށް އަޅުވައި ގައުމު އިސްލާހު ކުރުން އެއީ އެހާ ފަސޭހައިން ވާންއޮތް ކަމެއް ނޫން. ރައީސް މައުމޫނު ވިޔަސް އެއްދޮރުގަ ޓަކިތަޅާ އަނެއް ދޮރުގައި ޓަކިތަޅަން މަޑުކޮށްގެން މިކަމެއް ނުވާނެ. ގެއްލެނީ ބޭކާރު ވަގުތު ނިގުޅައި ގަންނަނީ ކޮންމެވެސް ރައްޔިތެއްގެ ހައްގު. ހުރިހާ ރައްޔިތުން އެއް އަޑަކަށް އަޑުހަރުކޮން ކަންކަމާ ދެކޮޅު ނަހަދާ އިންސާފު ހޯދަން ނުނިކުމެ ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތް. މާދަމާވެސް އަނިޔާވެރިކަމާ ނާއިންސާފާ ކުރިމަތި ލާންޖެހޭނީ ކާކައް ކަމެއް ނޭގެ.