ވިކީ.
19 އެޕްރީލް 2021 - 08:29
ކުރިން ވަރުން ދަވަންއާ އެކު ހަދަން ނިންމައި، މިހާރު ވިކީ ކޯޝަލްއާ އެކު ހަދާ ފިލްމު "މިސްޓަ ލޭލޭ" ގެ ނަން ބަދަލުކޮށްފި އެވެ.
އެކަން ކަށަވަރުކޮށްދެމުން ފިލްމުގެ ޑައިރެކްޓަރު/ސްކްރީން ރައިޓަރު ޝިޝާންކް ކައިތާން ބުނީ ސްކްރިޕްޓަށް ބޮޑެތި ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށާއި މިހާރު ފިލްމުގެ ނަމަކަށް "މިސްޓަ ލޭލޭ" ނުކިޔަން ވެސް ނިންމާފައިވާ ކަމަށެވެ. އެކަމަކު އާ ނަން އަދި ހާމައެއްނުކުރެ އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ "މިސްޓަ ލޭލޭ" ގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިދިޔަ އަހަރު ދައްކައިލީ މި އަހަރުގެ ޖެނުއަރީ 1 ގައި ފިލްމު ރިލީޒްކުރާ ގޮތަށެވެ.
ނަމަވެސް އެކި ސަބަބުތަކާ ހެދި ވަރުން އަށް ފިލްމަށް ވަގުތު ދެވެން ދަތިވުމާއި ޖާންވީ އަށް ވެސް ފިލްމަށް ވަގުތު ދޭން ދަތިިވުމުން "މިސްޓަ ލޭލޭ" ގެ މަސައްކަތް ހުއްޓުނެވެ. އޭގެ އެތައް ދުވަހެއް ފަހުން، ވިކީއާ އެކު ފިލްމު ހަދަން ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މިހާރު ފިލްމުގެ ބަތަލާއިންނަކީ ބޫމީ އާއި ކިއާރާ އަދުވާނީ އެވެ.
ޝިޝާންކް ބުނި ގޮތުގައި ސްކްރިޕްޓަށް ބަދަލުތަކެއް ގެނެސްގެން ފިލްމުގެ މަސައްކަތް ފެށި އިރު "މިސްޓަ ލޭލޭ" ގެ ކޮންސެޕްޓާއި މިހާރު ހަދާ ފިލްމާ ބޮޑު ތަފާތެއް ހުންނާނެ އެވެ.
ފިލްމުގެ ޝޫޓިން ކުރިއަށް ދަނިކޮށް ވިކީ އާއި ބޫމީ ކޮވިޑް-19 އަށް ޕޮޒިޓިވެގެން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޝޫޓިން ހުއްޓާލާފައި އޮތް ނަމަވެސް ދެ ތަރިން މިހާރު ބަލިން ރަނގަޅުވެފައިވާތީ ވަރަށް އަވަހަށް ޝޫޓިން އަލުން ފަށާނެ އެވެ.
"ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ގެނެސްދިން ޝިޝާންކް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2018 ގެ "ދަޅަކް" އެވެ. އެއީ ޖާންވީ ބޮލީވުޑަށް ނުކުތް ފިލްމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy