ރަންބީރް.
19 އެޕްރީލް 2021 - 08:24
ރަންބީރް ކަޕޫރާ އެކު ސަންޖޭ ދަތުގެ ބައޮގްރަފިކަލް ޑްރާމާ "ސަންޖޫ" ގެނެސްދިން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އަނެއްކާ ވެސް ރަންބީރާ އެކު ފިލްމެއް ހަދަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދެހާސް އަށާރައިގެ "ސަންޖޫ" ގެ ފަހުން ހިރާނީ އެއްވެސް ފިލްމެއް ނުގެނެސްދެ އެވެ. އެކަމަކު އޭނާ ޝާހްރުކް ޚާނާ އެކު ފިލްމެއް ހަދަން ތައްޔާރީތައް ވަމުން އަންނަތާ މިހާރު ދޮޅު އަހަރެއްހާ ދުވަސްވެދާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ހިޖުރަކުރުމާ ބެހޭ ގޮތުން ޝާހްރުކާ އެކު ހިރާނީ ހަދާ ސޯޝަލް ކޮމެޑީގެ ޝޫޓިން ފަށާނީ މި އަހަރުގެ ފަހުކޮޅު އެވެ.
އަދި އެ ފިލްމު ނިންމާފައި ރަންބީރާ އެކު ހަދާ އާ ފިލްމުގެ މަސައްކަތް ފަށާނެ އެވެ. ހިރާނީގެ ފިލްމެއް ރަންބީރާ އެކު ގެނެސްދޭ ވާހަކަ ތިލަވެފައި މި ވަނީ އާމިރު ޚާނާ އެކު ގެނެސްދިން 2014 "ޕީކޭ" ނިންމައިލާ ތަނުން އޭލިއަނެއްގެ ގޮތުގައި ރަންބީރު ދައްކުވައި ދީފައީވާތީ އޭގެ ސީކްއެލްއެއް ވެސް ރަންބީރާ އެކު ހަދާނެކަން ޕްރޮޑިއުސަރު ވިދޫ ވިނޯދު ޗޯޕްރާ ކަށަވަރުކޮށް ދީފައި ވަނިކޮށެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ "ޕީކޭ" ގެ މަސައްކަތްކުރި ކުރި ދުވަސްވަރު ރަންބީރާ އެކު އިތުރު ފިލްމުަތަކެއް ހަދާނެ ވާހަކަ ހިރާނީ އޮތީ ބުނެފައި ކަމަށެވެ. އެގޮތުން އެ ދެ މީހުންގެ މެދުގައި އެކިއެކި ކޮންސެޕްޓްތަކާ ބެހޭ ގޮތުން ވާހަކަ ދެކެވުނު އިރު އޭގެ ތެރެއިން އެކައްޗަކީ ޝާހްރުކާ ހަދަން ނިންމާފައިވާ ފިލްމުގެ ކޮންސެޕްޓް ކަމަށް ބުންޏެވެ.
އެކަމަކު އެ ކޮންސެޕްޓް ޑިވެލޮޕްކުރި އިރު ފިލްމަށް ބޭނުން ވަނީ ތަންކޮޅެއް ސީނިއާ އެކްޓަރަކު ކަމަށްވާތީ އެ ވާހަކަ ހިރާނީ ހިއްސާކުރުމުން ރަންބީރް އެކަމާ އެއްބަސްވި ކަމަށް މިޑިއާތަކުން ބުންޏެވެ. "ސަންޖޫ" އަކީ ވެސް އެގޮތަށް ދެކެވުނު ވާހަކަތަކުގެ ތެރެއިން ގެނެސްދިން ފިލްމެކެވެ.
ރަންބީރް މި ވަގުތު ލަވް ރަންޖަންގެ ރޮމޭންޓިކް ކޮމެޑީއެއްގެ މަސައްކަތް ކުރަމުން އަންނަ އިރު، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" އާއި ދަރުމާ ޕްރޮޑަކްޝަންގެ "ބުރައްމަސްތުރާ" އަކީ ޕޯސްޓް-ޕްރޮޑަކްޝަނުގައި އޮތް އޭނާގެ ދެ ފިލްމެވެ.
ރަަންބީރް މި ވަގުތު ރަސްމީކޮށް ސޮއިކޮށްފައި އޮތް ފިލްމަކީ "ކަބީރް ސިންގް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް" އެވެ. އެ ފިލްމުގެ ޝޫޓިން ފަށާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy