ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި މީހަކު އިށީނދެގެން، ވިޔަފާރި ދަށްވުމުގެ ސަބަބުން އެންމެންވެސް ތިބީ މާޔޫސް ވެފައި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
21 އެޕްރީލް 2021 - 08:40
ރޯދަ މަހު އެންމެ ހަލަބޮލި އެއްތަނަކީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓެވެ. ނަމަވެސް މި ރޯދަ މަހު އެ މާރުކޭޓުން ފެންނަނީ ތަފާތު މަންޒަރެކެވެ. ކުރިން ވިޔަފާރި ކުރާ މީހުން ފުރާލާފައި އޮންނަ މިތަނުން މިހާރު ފެންނަނީ ފަޅުކަމެވެ. ވިޔަފާރި ކުރާ މީހުން މަދުވުމުން ވިޔަފާރިވެރިން ވެސް ތިބީ މާޔޫސް ވެފަ އެވެ.
ކުރީ ރޯދަ މަސްތަކާ އަޅާ ބަލާއިރު މި ރޯދަ މަހު މި ދެ މާރުކޭޓުގައި ތަކެތީ އަގު ވެސް ޖުމްލަކޮށް ހެވެވެ. މުދަލުގެ އަގު ދަށްވި މައިގަނޑު އެންމެ ބޮޑު ސަބަބަކީ އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރު ލޯކަލް މާރުކޭޓަށް އެއްފަހަރާ މާ ގިނައިން ދިވެހި އުފެއްދުންތަކާއި ކާބޯތަކެތި ގެނައުމެވެ. ދަނޑުވެރިން މައުލޫމާތު ދޭ ގޮތުގައި މި އަހަރުގެ ރޯދަ މަސް ނިމެންދެން ވެސް ތަކެތި ސަޕްލައި ކުރެވޭ ވަރަށް އެކި ރަށްރަށުގައި ދަނޑު ހެއްދި އެވެ.
ބާޒާރުގައި ހުރި އަގުތަކަށް ބަލާއިރު މި ރޯދަ މަސް ފެށުނު އިރު 35ރ. އަށް ލިބެން ހުރި ކަރާ ކިލޯއެއްގެ އަގު މިހާރު ހުރީ 15ރ. އާއި 20ރ. އާ ދެމެދުގަ އެވެ. މިއީ އާއްމުކޮށް ރޯދަ މަހު މާރުކޭޓުން އެންމެ ގަދަޔަށް ވިކޭ ބާވަތެވެ. ކަރާގެ އަގަށް ބަލާއިރު، ވޭތުވެދިޔަ އެއްވެސް ރޯދަމަހެއްގައި މިހާ ބޮޑަށް އަގު ވެއްޓިފައި އޮތް ތަނެއް ފެނިފައެއް ނުވެ އެވެ.
ދެން އެންމެ ގިނައިން ވިކެނީ މިރުހެވެ. ނަމަވެސް މި ރޯދަ މަހު މިރުސް ގަންނާނެެ ބަޔަކު ވެސް ނުވެ އެވެ. މި ރޯދަ މަސް ފެށުނު އިރު މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއް 400ރ. އާއި 500ރ. އާ ދެމެދުގައި ހުރި އިރު އިއްޔެ ކަނޑޫދޫ މިރުސް ހުރީ ކިލޯއެއް 150ރ. އަށެވެ. މިއީ މިހާތަނަށް ކަނޑޫދޫ މިރުހުގެ އަގު މިހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.
މާރުކޭޓުގައި މީހަކު ކަރާ ގަންނަނީ: ކަރާގެ އަގު ވެސް ވަނީ ދަށްވެފައި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރި ކުރާ މީހަކު ބުނިގޮތުގައި މިރުސް ގަންނަ މީހުންގެ އަދަދު މަދުވެ ގިނަ އަދަދެއްގެ މިރުސް އުކާލަން ވެސް ޖެހެ އެވެ. އަދި ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި މިގޮތަށް ކަންތައްތައް ދާނަމަ މިރުހުގެ އަގު ވަރަށް ބޮޑަށް ދަށްވެ، ގެއްލުމުގައި ވިއްކަން ޖެހިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"ނާދޭ މިހާރު މީހުންނެއް. މިރުސްތައް ވެސް މިހާރު ހަލާކުވަނީ. މިހާރު ވެސް ބައިވަރު މިރުސް އުކާލައިފިން ހަލާކުވެގެން. ނުވިކޭ. އަޅުގަނޑުގެ އަތުގައި ހުރި މިރުސް އުކާލަން ޖެހިގެން މިހާރު އަތުގައި ހުރި މިރުސްކޮޅު ވެސް މަދު ވެއްޖެ،" އެ މީހާ ބުންޏެވެ.
ތަކެތީގެ އަގު އެހާ ބޮޑަށް ދަށަށް ގޮސްފައި އޮތް ނަމަވެސް، މި ދެ މާރުކޭޓަށް ވިޔަފާރި ކުރަން އަންނަ މީހުންގެ އަދަދު އެހެން ރޯދަ މަސްތަކާ އަޅާ ބަލާއިރު ވަރަށް މަދެވެ. މީގެ ސަބަބުން ދެ މާރުކޭޓުގެ ވެސް ވިތޔަފާރި ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ.
ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިން ވެސް ދައްކަނީ އެއް ވާހަކައެކެވެ. އެ މީހުންގެ ވިޔަފާރި ދަށްވީ މާލެ ތެރޭގައި މާރުކޭޓުތައް ހުޅުވުމުންގެ ސަބަބުން ކަމަށެވެ. މާރުކޭޓުން ލިބެން ހުންނަ ހުރިހާ އެއްޗެއް ގެ ކައިރިން ލިބޭތީ އެއްވެސް މީހަކު ބާޒާރުމައްޗަށް ދާން ބޭނުން ނުވާ ކަމަށް އެ ވިޔަފާރިވެރިން ބުނެ އެވެ.
މާލެ ތެރޭގައި މާރުކޭޓުތައް ގިނަވީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު މަރާމަތަށް ބަންދު ކުރުމަށް 2019 ވަނަ އަހަރު ސިޓީ ކައުންސިލުން ނިންމި ނިންމުމާ އެކު އެވެ. މި މާރުކޭޓުތައް ގިނަވެ މިހާރު މާލޭގެ ކޮންމެ ސަރަހައްދެއްގައި ވެސް މާރުކޭޓެއް ހުރެ އެވެ. އެހެންކަމުން ގިނަ ބަޔަކު ހިޔާރު ކުރަނީ އެ މާރުކޭޓުތަކުން ތަކެތި ގަންނާށެވެ.
"ގެ ކައިރީގައި މާރުކޭޓު ހުންނާތީ އެހާ ދުރަށް ދާން ބޭނުން ނުވޭ. އެތަނުން ވެސް މިތަނުން ވެސް ލިބެނީ އެެކައްޗެއް. އެއް އަގެއްގައި. އެހެންވެ ރޯދަ މަހު އެހާ ހޫނު އިރު ދުރަށް ދާން ނުފެނޭ އަޅުގަނޑަށް،" މާލެ ތެރޭ ހުންނަ މާރުކޭޓަކުން ވިޔަފާރި ކުރާ މީހަކު ބުންޏެވެ.
މާލެ ތެރޭގައި ހުޅުވާފައި ހުރި މާރުކޭޓެއް
ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިން އެދެނީ މާލެ ތެރޭގައި ހުޅުވާފައި ހުރި މާރުކޭޓުތައް ބަންދުކޮށް ކުރިއެކޭ އެއްގޮތަށް އެ ދެ މާރުކޭޓުން ހިދުމަތް ދިނުމަށެވެ. އަދި މިގޮތަށް ނަހަދާ ނަމަ ކުރިއަށް އޮތްތާނގައި މި ދެ މާރުކޭޓު ބަންދު ކުރަން ޖެހޭ ހާލަތަށް ހިނގައިދާނެ ކަމަށް ވެސް ވިޔަފާރިވެރިން ބުނެ އެވެ.
"ކުރިން މީހުން އަންނަ ޖެހެނީ މި ދެ މާރުކޭޓަށް. މިހާރު ހުރިހާ ތަނެއްގަ މާރުކޭޓު. ކާކު އަންނަނީ މިހާ ދުރަށް. މިދާގޮތަށް ދަންޏާ މިތަން އެއްކޮށް ހުސްވެފަ އޮއްވާ ފެންނާނީ،" ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރި ކުރާ މީހަކު ބުންޏެވެ.
ހުޅުމާލޭގެ ރަށު މާރުކޭޓަށް ވެސް ދިމާވީ މި މައްސަލަ އެވެ. އެ މާރުކޭޓު ހުޅުވި އިރު ހުޅުމާލޭގައި އިތުރު މާރުކޭޓުތައް ހުރުމުން ގިނަ ބަޔަކު ވިޔަފާރި ކުރަނީ އެ މާރުކޭޓުތަކުންނެވެ. ނަމަވެސް ފަހުން ރަށު ތެރޭގައި ހުޅުވާފައި ހުރި މާރުކޭޓު ބަންދު ކުރުމުން މިހާރު ރަށު މާރުކޭޓުގެ ވިޔަފާރި ދަނީ ރަނގަޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރު ނެތް މާލޭމީހާ
24 April 2021
ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ މައްސަލަތައް. ކޮރަޕްޝަން އެވަރު. ވަގުން ހޯދާ ހައްޔަރު ކުރުމުގެ ތަޢުލީމާއި ހުނަރާއެކު އައި މީހުންވެސް ކުރަނީ ވައްކަން. ރައްޔިތުންގެ މާލިއްޔާ ދޮވެލީ އައުވާނުންނަށް ބަދަލު ދީ ދީ. އަދިވެސް އަދިވެސް ނިމުމެއް ނެތް. ސަރުކާރު ބަދަލުވެއްޖެ. އެކަމަކު ކުރަނީ ހަމަ އެއްކަމެއް
ޒީނިޔާ
22 April 2021
ހިތުހުރި އަގަކަށް އެއްޗެހި ވިއްކަނިކޮށް ބިދޭސީން އައިސް ދަހި ވިޔަފާރި ނުދަންނަ ދިވެހިންނަށް ބޮނޑިދިނީތާ. އަދިވެސް ހަލާކުވެފައި ތިބި ތަރުކާރީއާއި މޭވާވެސް ބޮޑުއަގުގައި ވިއްކޭތޯ ބަލާށެވެ! ތިޔަ މާރުކޭޓް ނެތީއްޔާ ބޮޑަށް ރަނގަޅީ.
އާރި
22 April 2021
ތިހެން ވާން ޖެހުނީ ހިތުހުރި އަގަކަށް ތަކެތި ވިއްކާ ހަދާތި.މިރުސް ކިލޯއެއް 2500ރ މިދެށް ބޮނޑްވަރު. މިހާރު ހަމަ އެ މިރުސް އެ ހުރީ 150ރ އަށް. ވަރަށް ސަލާމޭ
ބިދޭންސީން
21 April 2021
ސަރުކާރުން ޒިއްމާވާންޖެހޭނެ ތިކަމުގއި އެއީ މާލޭގެ އެތެރޭގައި ހަދާފައިވާ މާރުކޭޓް ތައް ބިދޭންސީން އެހިންގަނީ ސަރުކާރުން ދޫކޮށްލާފައި ވާތީ، ފައްޔާޒު އަނގަތަޅަތަޅާ ހުއްނަނީ ރައްޔިތުންނަށް ކޮށްދެވޭއެއްކަމެއްވެސް ނެތް އަމިއްލަޖީބަށް ބަރުކުރުން ފިޔަވާ އެކަން އެބަކުރޭ، އެމް.ޑީ.ޕީ މިފަހަރު ކައުސިލް އިންތިޚާބުން ބަލިވިފަހުން ޚަބަރެއްވެސް ނުވޭ ރައްޔިތުން އެދިނީ މިހުރިހާދުވަހު ރައްޔިތުންނާއިމެދު ކަންތައްކުރި ގޮތުގެ ޖަވާބު ދެންވެސް ވާނީ ހަމަމިހެން އިސްލާހް
ބަހަބަރު
21 April 2021
މާރުކޭޓުން ބޭރުކޮށްލީމަ މިހާރު ބިދޭސީން އުޅެނީ ރީދޫ ބޯޑް ޖެހި ޕިކަޕް ތަކުގެ ދަތުރުތައް ކޮށްދީ ހަދަން... މިއީ ސީދާ މަނާކަމެއް. އެކަމަކު މިކަން ހުއްޓުވާނެ ބަޔަކު މިސަރުކާރުގައި ނެތް. ދެރައީ މީގައިވެސް ދިވެހިންގެ އަތްތައްވާކަން...
ކޮރަލް
21 April 2021
ލޯކަލްމާރުކޭތް ހުރިބިދޭސީން އެތަނުން ބޭރުކޮށް ދިވެހީންނަށް މާރުކޭޓް ގެ ގޮޅިތަށް ދިނެވެ. ދެން އެތާ ކައުންސިލްމީހުން ބަލަހައްޓަން ހުއްޓެވެ. ބިދޭސީން ތައް މާލެ ތެރޭ މާރުކޭޓް ތައް ހަދާ އެތަންތަނަށް ފުރާލީ އެވެ. ބިދޭސީން އަތުގަ ފައިސާ އެބަހުއްޓެވެ. ކޭޝިއަރަކަށް ބެހެއްޓީމަ މަހަކު 50 ހާހުން ބައެއްމީހުނަށް ޖީބައްލާން ނެގޭނެ އެވެ. ކޯޓާ ދޫނުކުރިއަސް ކޭޝިައރުންނަށް 80 ޕަސެންޓް ތިބެނީ ބިދޭސީންނެވެ. ވަޒީފާ ތައް ލިޔެކިއުން ނެތް މީހުން އަތުގައެވެ.
ހިމާރުލްގައުމު
21 April 2021
ރަނގަޅުވާނެ ހަމަޖައްސާލާ. ރަށްވެހި ފަތިހަކަށް އަލިވިލިގެން ބަންގާޅާ ހިންދުކުރައިގެ މިލިއަނަރުންނަށް އެއްއަހަރުގެ ވިސާ ދޭން އެއުޅެނީ
ކީކޭ
21 April 2021
ޝިފާ ހަދާދިން މާރުކޭޓްތައް ފަޅުވަނީއޭ؟
ޖަނާބު އަންޖާމު
21 April 2021
މީ ހަމަގައުމުވެސް ރައްޔިތުންނަށް ލިބުނު މޮޅެއް.
އެމްސް
21 April 2021
ދަތުރުވެރިންގެ މާރުކޭޓަކަސް، ލޯކަލް މާރުކޭޓަކަސް އަދި އެހެން މާރުކޭޓަކަސް، ހުސް ބިދޭސީން އޮޕެރޭޓްކުރާ ބިދޭސި ވިޔަފާރިތައް! ޙައްލަކީ ބިދޭސީން މަދުކުރުން! މިއަދު ރީޓެއިލް ޓްރޭޑަކީވެސް ބިދޭސީންގެ މޮނޮޕޮލީއެއް! ދުނިޔޭގެ އެއްވެސް ޤައުމެއްގަ އެންމެ ޢާއްމު ކަންކަން/ވިޔަފާރިތައް ތެރެއަކު ބިދޭސީންނަކަށް ނޫޅެވޭނެ!
ޙިނި
21 April 2021
ހަގީގީ ފާމާސް މަރުކޭޓެއް އަދި ނުފެނޭ، ދައުލަތުން މެސް މިފެންނަނީ ހޭބޯނާރާމަރުކޭޓު ގޮޅިތަކުން ބޮޑެތި ބިމު ކުލި ނޫނީ ޖޫރިމަނާއެއް ނެގޭތޯ.