"ރާދޭ" އަކީ ކުރިން މިދިޔަ އަހަރުގެ މެއި 13 ގައި ގެނެސްދޭން އުޅުނު ފިލްމެއް
23 އެޕްރީލް 2021 - 08:27
މީގެ އަހަރެއްހާ ދުވަސް ކުރިން ރިލީޒްކުރަން އުޅުނު ސަލްމާން ޚާންގެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި މިދިޔަ އަހަރުގެ ފިތުރު އީދުގައި ގެނެސް ނުދެވުމުން މި އަހަރުގެ ފިތުރު އީދާ ދިމާކޮށް އަންނަ މަހުގެ 13 ގައި ފިލްމު ބެލުންތެރިންނަށް ގެނެސްދޭ އިރު، ސިނަމާތަކާ އެކު ބައެއް ޑިޖިޓަލް ޕްލެޓްފޯމްތަކުން ވެސް "ރާދޭ" ޕްރިމިއާކުރާނެ އެވެ. އެއީ ޒީ ނެޓްވޯކްގެ ޒީ5 އާއި ޒީ ޕްލެކްސްއިންނެވެ.
ފިލްމުގެ ޓްރެއިލާ އަށް ބަލާ އިރު މިއާ އާންމުކޮށް ސަލްމާން ކުޅޭ ކަހަލަ އޭނާގެ ސްޓައިލްގެ މަސާލާ ފިލްމަކަށް ވާނެ އެވެ. ތަޅާފޮޅުމާއި ހިނި އަންނަ ޒާތުގެ ޑައިލޮގްތަކާއި ލޯބީގެ މަންޒަރުތާއި ފޯރިގަދަ ނެށުންތައް ފެނިގެންދާ ލަވަތައް "ރާދޭ" އިން ގެނެސްދޭނެ އެވެ. މީގެ ޓްރެއިލާ އިން ހަނދާން އާކޮށް ދެނީ ސަލްމާންގެ 2009 ގެ ފިލްމު "ވޯންޓެޑް" އެވެ. އޭނާ އެ ފިލްމުގައި ފެންނަ ސްޓައިލް/އެޓިޓިއުޑް އާ ފިލްމުގެ ޓްރެއިލާ އިން ފެނިގެން ދެ އެވެ.
"ރާދޭ" އަކީ "ވޯންޓެޑް" ވެސް ޑައިރެކްޓްކުރި ޕްރަބޫދޭވާގެ ފިލްމެކެވެ.
މި ފިލްމުގެ ބަތަލާ އަކީ ޑިޝާ ޕަޓާނީ އެވެ. މިއީ ސަލްމާނާ އެކު އޭނާ ފެންނާނެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ 2019 ގެ "ބާރަތު" އެވެ.
"ރާދޭ" ގެ ކާސްޓްގައި ރަންދީޕް ހޫޑާ، ޖެކީ ޝްރޮފް، ގޯތަމް ގުލާޓީ، ޒަރީނާ ވައްހާބް އަދި ސުދާންޝޫ ޕާންޑޭ ވެސް ހިމެނެ އެވެ. މީގެ އިތުރުން ފިލްމުގެ އައިޓަމް ލަވައަކުން ޖެކްލިން ފެނަންޑޭޒް ވެސް ފެންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy