އެމްޓީސީސީ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ދަނީ: އެ މަސައްކަތުގެ އެއްބަސްވުން ބާތިލްކުރި މައްސަލަ ބެލޭނީ އާބިޓްރޭޝަނަށް ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/އެމްޓީސީސީ
02 މެއި 2021 - 14:18
ހިިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީން ހުޅުމާލޭގައި އިމާރާތްކުރާ ދެ ޓަވަރުގެ ފްލެޓްގެ އިމާރާތުގެ މަސައްކަތް ހަވާލުކުރި ކުންފުންޏާއެކު ހެދި އެއްބަސްވުން އެމްޓީސީސީން ބާތިލްކުރި މައްސަލަ ބެލޭނީ ސިންގަޕޫރު އާބިޓްރޭޝަނަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފޭސްގައި އެމްޓީސީސީން އިމާރާތްކުރާ ދެ ޓަވަރު ތަރައްގީ ކުރަން ޑިސެމްބަރު، 2017 ގައި ހަވާލުކުރީ ސިންގަޕޫރުގެ އާރުއައި އިންޖިނިއަރިން ކުންފުންޏާ އެވެ. ޖުމުލަ 400 ފްލެޓް ހިމެނޭ 15 ބުރީގެ ދެ ޓަވަރުގެ އިމާރާތުގެ މަސައްކަތް ފަށާފައި ވަނިކޮށް، މިދިޔަ އަހަރު އެމްޓީސީސީން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.
އެ މައްސަލަ އާރުއައި އިންޖިނިއަރިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން އޮތް ގޮތުން މައްސަލަތައް ހައްލު ކުރަން ހުށަހަޅަން ޖެހޭނީ ސިންގަޕޫރު އާބިޓްރޭޝަނަށް ކަމަށެވެ. އާބިޓްރޭޝަނަށް ހުށަހަޅަންޖެހޭ މައްސަލަތައް ކޯޓުތަކަށް ނުބެލޭނެ ކަމަށް އާބިޓްރޭޝަން ޤާނޫނުގައި ބުނެފައިވާތީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ މައްސަލަ ހައްލު ކުރަން ހުށަހަޅަން ޖެހޭނީ ސިންގަޕޫރު އާބިޓްރޭޝަނަށް ކަމަށް ގާޒީ އަލީ ނަސީރު އިއްވެވި ހުކުމުގައިވެ އެވެ.
އެމްޓީސީސީން ކުރިން ބުނެފައިވާ ގޮތުގައި އެ ދެ ޓަވަރުގެ މަސައްކަތަށް 390 މިލިއަން ރުފިޔާ ޚަރަދުވާނެ އެވެ. ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރު އެހެން ކުންފުނިތަކަށް ވެސް ފްލެޓް އަޅަން ހުޅުމާލެއިން ބިން ދޫކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
03 May 2021
އެއްބަސްވުން ބާޠިލްކުރީ އާދަނު އައިފަހުން! އާދަނަށް ދަޢުވާ އުފުލަންވީ!
މުސްތަފާ
02 May 2021
ކުރިކު ރިޒާ އާ ޝިފާއު ހޯދިބައެއް، ފަހުން ބޯޑު ޑިރެކްޓަރު ޝިނާނު އާ ޝާޢިރުގެ ޖާދުލުން މިހާދުވަސްވީ ކަމެއްނުކޮށް. ޝާހުގެ އަތެއްވެސްވާނެ. އާޒިމު މިކަމުގަ ހަބޭސް.
އަހުމަދުބޭ
02 May 2021
އަނެއްކާ އަނެއްލާރި ގަނޑު ތިޔަދިއީ އެމް ޓީ ސީ ސީ އިން، ސިންގަޕޫރު އާބިޓްރޭޝަނުން ތިޔަމައްސަލަ ނިންމާނީ ސިންގަޕޫރު ކުންފުންޏަށް މުޅިޕޮރޮޖެކްޓް ގެ ލާރިދޭން ދެއްލުމުގެ ބަދަލަށް، ސުވާލަކީ ކޮންކަމެއްހޭ ކުރީ
ޢަގްލީމާ
02 May 2021
ރާއްޖޭގަ ކީއްކުރާ އާބިޓްރޭޝަނެއް، މީހުން އިތުބާރު ނުކުރާއިރު ކޮން ހަރަދެއް
ބަގަންބޯ
02 May 2021
390 މިލިއަން ރުފިޔާއަށް 400 ފްލެޓުއަޅަނީ ކޮންކަހަލަ ޖާދުލެއް ހަދައިގެން، ޖާދުލަކުން ނޫނީ ތިކަން ނުވާނެކަން އެއީ ޔަގީންކަމެއް
ގޯޕާލް
02 May 2021
އެމްޓީސީސީން ކުރިން ބުނެފައިވާ ގޮތުގައި އެ ދެ ޓަވަރުގެ މަސައްކަތަށް 390 މިލިއަން ރުފިޔާ ޚަރަދުވާނެ އެވެ.... ދެން އެއްވެސް ކަމެއް ނުކޮށް ބަދަލުގެ ގޮތުގައި 390 ދީ. އެވެސް ބަޔަކަށް ކަޓު އެޅޭގޮތަށް. މިއޮތީ ވާ ގައުމެއް.