މަލައިކާ.
08 މެއި 2021 - 10:20
އަންހެން ދަރިއަކު ހުންނަ ނަމައޭ ހިތަށް އަރާ ކަމަށް ބޮލީވުޑްގެ ފަންނާނު މަލައިކާ އަރޯރާ ބުނެފި އެވެ.
މިހާރު އުމުރުން 18 އަހަރުގެ ފިރިހެން ދަރިޔަކު ހުރި މަލައިކާ ސޮނީ ޓީވީގެ ކުޑަކުދިންގެ ޑާންސް ޝޯ "ސުޕަ ޑާންސް" ޗެޕްޓާގެ ހަތަރެއްގެ މި ހަފުތާގައި އަންނަން ހުރި އެޕިސޯޑެއްގައި އެ ޝޯގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ފްލޮރީނާގެ ނެށުމަކަށް ތައުރީފުކޮށް އަންހެން ކުއްޖަކު ހުންނަ ނަމައޭ ހިތަށް އަރާ ކަމަށް ބުންޏެވެ.
އޭނާގެ ނެށުން ކަމުދިޔަލެއް ބޮޑުކަމުން ސްޓޭޖަށް އަރައި، ފްލޮރީނާ ދޮނެއް ދީ، މަލައިކާ ފްލޮރީނާ ލަވައިގެ ސްޓެޕްތަކަށް ނަށައި ވެސް ހެދި އެވެ. އެ ލަވަ އަކީ 1982 ގެ ފިލްމު "ހަތުކަޅީ" އަށް އާޝާ ބޯސްލޭ ކިޔާފައިވާ ރެޓްރޯ ސްޓައިލްގެ ޑިސްކޯ ލަވަ "ޑިސްކޯ ސްޓޭޝަން" އެވެ.
މަލައިކާ "ސުޕަ ޑާންސާ" ޗެޕްޓާ 4 ގައި.
"މިހާރު އެބަހުރި ފިރިހެން ކުއްޖެއް. ހިތަށް އަރާ އަންހެން ކުއްޖަކު ހުންނަ ނަމައޭ. އަހަރެންގެ އަތުގައި ހުރޭ ވަރަށް ގިނަ ހެދުންތަކާއި ބޫޓްތައް. އެކަމަކު އަންހެން ކުއްޖަކު ނެތީމަ އެ އެއްޗެހި ބޭނުންކޮށްލާނެ މީހަކު ނެތް." ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރް، 35، ލޯބީގެ ގޮތުން ގުޅިގެން އުޅޭ މަލައިކާ، 47، ބުންޏެވެ.
މަލައިކާގެ ދަރިފުޅު އަރްހާން ޚާންގެ ބައްޕަ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާނެވެ. އެ ދެ މީހުން ކައިވެނި ރޫޅައިލީ 2018 ގަ އެވެ. އޭގެ ފަހުން މަލައިކާ ރައްޓެހިވެގެން އުޅެނީ އަރުޖުންއާ އެވެ.
މަލައިކާ ދަރިފުޅު އަރްހާނާ އެކު.
މީގެ ކުރިން ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް އައިޓަމް ލަވަތައް ކުޅެދީފައިވާ މަލައިކާ އަކީ އުމުރުން ދުވަސް ވިޔަސް، ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން އެންމެ ލޫފާޅަތި އަދި އެންމެ ސްޓައިލިޝްކޮށް ހެދުން އަޅާ އެކެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy