އަބަދުވެސް ހުންނަނީ ވަރުބަލިވެފައި. ސާމްޕަލް ނަގައިފި ދުވަހެއްގައި އަތް ހަލުވައެއް ނުލެވޭ. ކޮޅަށް ހުންނަން ޖެހޭތީ ބުރަކަށީގައި އެހާ ރިއްސާ. މިއީ ވަރަށް ބުރަބޮޑު، ނުރައްކާތެރި މަސައްކަތެއް
މާލޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ރެންޑަމް ސާމްޕަލް ނަގަނީ. ސިއްހީ ހިދުމަތްތެރިން މިހާރު ތިބީ ވަރުބަލިވެފައި -- ފޮޓޯ: މިހާރު
09 މެއި 2021 - 14:29
މި އިންޓަވިއުގައި "މިހާރު" އާ ވާހަކަ ދެއްކި ލެބޯޓަރީ ޓެކްނީޝަނުގެ ހަޔާތުގައި މިހާރަށް ވުރެ ބުރަ ދުވަސްތަކެއް ނާދެ އެވެ. ވޭތުވެ ދިޔަ ހަ މަސް ދުވަހު އޭނާ ކޮވިޑް-19އާ ހަނގުރާމަ ކުރުމަށް ފަހު، މިހާ ހަމައަށް އައިއިރު ހުރީ ވަރުބަލިވެ ގޮތެއް ނެތިފަ އެވެ. އެކަމަކު ބޯމައްޗަށް ބިންދާލި ކޮވިޑްގެ ހަތަރު ވަނަ ރާޅު، އެއަށް ވުރެ ބޮޑުވެފައި ނުރައްކަލެވެ. ވަރުބަލިވެ ހަސް ނެތުނަސް މަޖުބޫރުވީ ކޮޅަށް ހުންނާށެވެ.
މިހާރު މާލޭން އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު ޕޮޒިޓިވްވާއިރު، ގިނަ ބައެއްގެ ސާމްޕަލް ނެގުމުގައި އުޅޭ އެކަކީ އެ ލެބް ޓެކްނީޝަނެވެ. އެކަމަކު ރޯދަ މަހު، ޕީޕީއީ ލައިގެން ތިބެ ގަދަ ހޫނުގައި، މަގުމަތީގައި އެތައް ގަޑިއިިރަކު ތިބެގެން ސާމްޕަލް ނެގުމަކީ، އެ ޒުވާނާގެ ބަހުން ނަމަ ކެތްވާވަރުގެ ކަމެއް ނޫނެެވެ.
އަމިއްލަ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޒުވާން އެ އަންހެން މީހާގެ ޒިންމާއަކީ ހޮސްޕިޓަލަށް އަންނަ މީހުންނާއި ބޭރުން، ކުންފުނިތަކާއި އޮފީސް ފަދަ ތަންތަނުން އަންގައިގެން އެ މީހުންގެ ސާމްޕަލް ނަގައިދިނުމެވެ. މީގެ ކުރިން، އޭނާ އެކަނި ދުވާލަކު 180 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް ނަގައިދިނެވެ. އެކަމަކު މިހާރު އަދަދުތައް އިތުރުވެ، ހަށިގަނޑަށް ވަނީ ބުރަ ބޮޑުވެފަ އެވެ.
ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނަގަނީ: ޕީޕީއީ ލައިގެން ގިނަ ގަޑިއިރުތަކެއް ވާންދެން މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއް -- ފޮޓޯ/މިހާރު
މީގެ ދެ ދުވަހެއްވަރު ކުރިން، އެ ވަރުބަލިކަން ކޮޅުންލި އެވެ. އެ ދުވަހު އޭނާ އާއި އެހެން ޓެކްނީޝަނަކާއެކު ބޭރަށް ދިޔައީ ބޮޑު ކުންފުންޏެއްގެ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނަގާށެވެ. ހާސްކަން ބޮޑު ޕީޕީއީގައި ހޮސްޕިޓަލުން ނިކުތީ ހެނދުނު 10:30ގަ އެވެ.
ހޫނު އެންމެ ގަދަ ގަޑީގައި، ކޮޅަށް ހުރެ އެތައް ސަތޭކަ ބައެއްގެ ސާމްޕަލް ނެގުމަކީ، ރޯދައަށް ހުރެ އޭނާއަށް ކުރަން އުނދަގޫވި ކަމެކެވެ. ޕީޕީއީ ލައިގެން ހުރުމުން، ހަށިގަނޑުގެ ހޫނުކަން ބޭރެއް ނުވެ އެވެ. އެހެންވެ، އޭނާ ދިޔައީ ވަރަށް ބޮޑަށް ޑީހައިޑްރޭޓްވަމުންނެވެ. މެންދުރު ފަހަށް އަޅާލި އިރު، ބޮލަށް އެނބުރުން އަރާގޮތް ވުމުން ބޭނުންވީ ރޯދަ ދޫކޮށްލާށެވެ. އެކަމަކު ލައިގެން ހުރި ހެދުމުގެ ގޮތުން އެކަން ކުރެވޭކަށް އޭނާއަކަށް ނެތެވެ. އެންމެ ފަހުން މަޖުބޫރުވީ، މަސައްކަތް ކުރިއަށް ގެންދާށެވެ.
އެ ދެ އެކުވެރިންގެ މަސައްކަތް ނިމުނީ، ހަވީރު ފަހެއް ޖަހާކަންހާއިރު އެވެ. ހަ ގަޑިއިރަށް ވުރެ ގިނައިރު، އެ މީހުން ތިބީ، ޕީޕީއީގައި އެތައް ސަތޭކަ ބައެއްގެ ސާމްޕަލް ނެގުމަށް ކޮޅަށެވެ. ރޯދައަށް ހުރުމުން އެ ވަރުބަލިކަން އިތުރުވެފައި ވެ އެވެ.
އެ ޒުވާނާ ބުނިގޮތުގައި 500އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް ނެގުމަށް ފަހު ހޮސްޕިޓަލަށް ވަދެ، ގެއަށް ދެވުނު އިރު ހުރީ 5:45 ވެފަ އެވެ. އެކަމަކު ތިން ބުރި މަތީގައި ހުރި އޭނާގެ އެ ޕާޓްމެންޓަށް ވަދެވޭވަރެއް ނުވި އެވެ. ގޭގެ ސިޑިމަތީގެ ވަކި ހިސާބަކުން، "ދެމުނީ" އެވެ.
"ސިޑި މައްޗަށް ހަމަ ވެއްޓުނީ. ވަރުބަލި ފިލުވާލައިގެން ނޫނީ އެންމެ ފިޔަވަޅެއް އަޅާނެ ހިތްވަރު ވެސް ނެތުނީ،" ކިޔަވައި ނިންމައިގެން، މީގެ ހަ މަސް ކުރިން ދަރުމަވަންތަ ހޮސްޕިޓަލާ ގުޅުނު ޒުވާނާ ކިޔައިދިނެވެ.
މިއީ އެއް ދުވަހުގެ ހާލަތެވެ. ވަރުބަލި މި ފަދަ ކިތަންމެ ދުވަހެއް އޭނާ ތަޖުރިބާކޮށްފި އެވެ.
އޭނާ ސާމްޕަލް ނަގަނީ، ޕާޓްނަރާ ދެ މީހުން ބަހާލައިގެން ދެ މީހުން ދެ ދުވަހު އެވެ. ސާމްޕަލް ނަގައިފި ދުވަހެއް ވިއްޔާ، ގެއަށް ގޮސް އެއްގޮތަކަށް ވެސް ނުތެދުވެ އެވެ. ގިނަ އިރު ކޮޅަށް ހުންނަން ޖެހުމުން ބުރަކަށީގަ ރިއްސަ އެވެ. އަތް ހަލުވައެއް ނުލެވެ އެވެ.
ކޮވިޑް-19 އަށް ޓެސްޓްކުރަން ނެގި ސާމްޕަލެއް އާރްއާރްޓީމްގެ މެމްބަރަކު ބަންދުކުރަނީ. މިއީ އުނދަގޫ މަސައްކަތެއް
ޖެހިގެން ދުވަހު މަސައްކަތަށް ނިކުންނަނީ ވެސް މި ވޭނާ އެކު އެވެ. އެ ޒުވާނާ ބުނިގޮތުގައި މިހާރު ހަށިގަނޑަކުން އެއް ގޮތަކަށް ވެސް ރިހުމެއް ނުފިލަ އެވެ.
"ސާމްޕަލް ނަގާފައި އަނެއް ދުވަހު ޑެސްކް ވޯކް މި ކުރަނީ ވަރުބަލި ފިލުވާލާށާ އެކުގައި. އެކަމަކު އެންމެ ދުވަހަކުން މިހާރު އެ ވަރުބަލިކަމެއް ވެސް ތަދެއް ވެސް ނުފިލާ،" އޭނާ ބުންޏެވެ.
ކޮވިޑްގެ ހާލަތު މިހާހަމައަށް އައިއިރު، އެ ޒުވާނާ އެންމެ ބިރު ގަންނަނީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާ މިންވަރުންނެވެ. ނަގާ ގިނަ ސާމްޕަލްތައް ހަމަ ޕޮޒިޓިވްވަނީ އެވެ. ކޮންމެ ދުވަހަކު ވެސް މަސައްކަތަށް ނިކުންނަނީ ބައްޔަށް ހުށަހެޅޭނެ ކަމުގެ ޔަގީންކަމާ އެކު އެވެ.
ބަލި މީހުންނާ ބައްދަލުވެފައި އެނބުރި ގެއަށް، އާއިލާ ގާތަށް ދާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އެކަމަކު އެ ނޫން ގޮތެއް ނެތެވެ.
"އަބަދުވެސް ގިލްޓީ ފީލްވޭ. އަޅުގަނޑުގެ ސަބަބުން އެ މީހުން ނުރައްކަލަށް ހުށަހެޅޭ ކަމުގެ އިހުސާސް ކުރެވޭ،" އޭނާ ބުންޏެވެ.
ރާއްޖޭގެ ހާލަތު ކިތަންމެ ގޯސްވެފައި ވީ ނަމަވެސް، މަސައްކަތަށް ނިކުންނާކަށް އެ ޒުވާނާ ފަހެއް ނުޖެހެ އެވެ. އެއީ އޭނާގެ ޒިންމާ އެވެ. އެކަމަކު ބިރަކީ، މިހާރު ތިބި ސިއްހީ މަދު ހިދުމަތްތެރިން ވަރުބަލިވެ، އެ ޒިންމާ އަދާ ނުކުރެވުމެވެ. ކޮންމެ ދުވަހަކު 600-700 މީހުންނަށް ބަލި ޖެހޭ ނަމަ، އިސާހިތަކު ހުރިހާ ކަމެއް ކޮންޓްރޯލުން ނައްޓާލަފާނެ ކަމުގެ ބިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެޮހުއްތު ބެ
10 May 2021
ދެމުނީއޭ؟ ރަބަރުގަނޑެއްގަނޑެއް ދޯ!
ވިންސްމޯކް ސާންޖީ
10 May 2021
މޮޅެތި ޕޯޓަލްތައް އުފައްދައިގެންވެސް ގިނަ ބަޔަކަށް ދެވަނަ ޑޯޒު ނުޖެހިފައި.. އެހެންވީމަވެސް ތިތަން އަންނާނެ.. ފެށުނީއްސުރެ ޒިންމާދާރުކޮށް މިކަން ކުރިނަމަ މިދުވަސް ނާންނާނެ.
ފަހުން
10 May 2021
ވަރަށް އިމޯޝަނަލް ވާހަކަތަކެއް. ތިކުރައްވާ ހިތްވަރަށް ހަމަ ސާބަސް. އެކަމަކު އަމިއްލަ ހޮސްޕިޓަލެއްގަ ހުރެފަ ދަަރުމަވަންތަ ހޮސްޕިޓަލަށް ދެވުނު ގޮތެއް ނޭނގެ. އަނެއްކާ ދަރުމަވަންތަ ހޮސްޕިޓަލް އަމިއްލަ ފަރާތަކަށް ދެއްވީތޯ.
މަރީ މުޢާވިޔަތު
10 May 2021
ވަރަށް އިމޯޝަނަލް އުފެއްދުންތެރި ލިޔުމެއް. ހަގީގަތުގައި މި ހުންނަނީ އުފެއްދުންތެރި މޮޅު ލިޔުންތައް. މި ފަދަ ލިޔުންތައް ދަރިވަރުން ނަމޫނާއަކަށް ބެލުން އެދެން.
އަހުމަދުބޭ
10 May 2021
ކުރާ ހިއްވަރަށް ސާބަސްދެން، އެކަމަކު އަހުމަދުބޭ މެން މިހިސާބަށް މިއައީ އައްވައި ވާރޭގައި ކޮންމެ ދުވަހަކު 15-13 ގަނޑިއިރު މަސައްކަތްކޮއްގެން، ހެދުނު 7.30 ގައި މަސައްކަތަށް ނުކުންނަގޮތަށް އެރޭގެ 12 އެކެއް ޖަހަންދެން ކޮންމެ ދުވަހަކު ހުންނާނީ މަސައްކަތް ކޮއްފައި މިއަދު ޒުވާނުން 6 ގަޑިއިރު 7 ގަޑިއިރު މަސައްކަތް ކޮންމެ ދުވަހަކު ކޮއްލަން ޖެހުން މިވަނީ ޖެލެންޖެކަށްވެފައި
ާއަހުމަދު001
10 May 2021
ނަމާދު ކުރުމެއްވެސް ނޯނަނީތޯ ތިތާ މުވަޒަފުން...
ނުބުނާނަނ
11 May 2021
ނަމާދު ކުރަން ވަގުތު ނުލިބޭ
މަރީނަތު
10 May 2021
ރޯދަ މަހު ނުނަގާ މަގުމަތިންނެެއް ސާމްޕަލްއެއް. ކޮޅަށް ތިޔަށް ވުރެ މާގިނައިރު ތިބެނީ ޤައުމުގެ އިގްތިސާދު ކޮޅަށް ޖަހަން ގެސްޓުންނާ ހަވާލުވާން އެެއަރޕޯޓްގަ ތިބޭ ސްޓާފުން. ޤައުމަށް ލާރި ވައްދަން އެމީހުން ކުރިމަތިލަނީ ވަރަށް ބޮޑު ރިސްކަކާ. ޢެކަމު އެމީހުނަށް ނުދޭ ކޮވިޑް ރިސްކް އެލަވަންސެއް. ޢެކަމު ސާމްޕަލް ނަގާ މީހުނަށް އެލަވެންސް ލިބޭ. ޕްރޮމޯޓް ކުރާނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ނަމަ
އަރީބުރޯ
10 May 2021
އެއާ ޕޯޓު ރެޕުން ތިބެނީ ޕީޕީއީ ލައިގެން ވިއްޔަ. ތިޔަ ބުނާ ބަޔަކަށް 20 މިނިޓު ކެތެއް ނުކުރެވޭނެ އެ ލައިގެން. މޮޅު ވާހަކަ ނުދައްކާ.
ހަސަދު
09 May 2021
މުއަށްޒަފުންނަށް މަސައްކަތް ޖައްސަންވާނީ އެމީހަކަށް ވާވަރަކަށް. އެއްދުވަހާ އެކަކު ގިނަ ސާންޕަލް ތަކެއް ނަގައިގެން އަތް ހަލުވާ ނުލެވުން އެއީ ހޮސްޕިޓަލް ޒިންމާވާން ޖެހޭ ކަމެއް. ތިޔަ މަސައްކަތް ކުރައްވާ ހޮސްޕިޓަލް ގައި މުއަށްޒަފުންނާ ދޭތެރޭގައި ދެކޭގޮތް ބަދަލު ކުރުމަށް ފެނޭ.
00647
09 May 2021
ދުވާލަކު 500 ސާމްޕަލް ނެގޭނެބާއޭ ހިތައް އަރާ....
ކަނީރުވާދީ
09 May 2021
އަމިއްލަ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޒުވާން އެ އަންހެން މީހާގެ ޒިންމާއަކީ މީގެ ހަ މަސް ކުރިން ދަރުމަވަންތަ ހޮސްޕިޓަލާ ގުޅުނު ޒުވާނާ ކިޔައިދިނެވެ. ދަރުމަވަންތަ ހޮސްޕިޓަލަކީ އަމިއްލަ ހޮސްޕިޓަލެއްތަ؟
ތެދެއްމެ
09 May 2021
ވަރަށް ބޮޑަށް އޮޅުން އަރައިފި ކިޔާ ނިމުނުއިރު.