ބިލް ނެލްސަން.
10 މެއި 2021 - 15:19
ޗައިނާ އިން އެޕްރީލް މަހުގެ ތެރޭގައި ލޯންޗްކުރި ރޮކެޓެއްގެ ބައިތަކެއް އާދީއްތަ ދުވަހު ދިވެހިރާއްޖޭގެ ސަރަހައްދަކަށް ވެއްޓުމާ ގުޅިގެން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން އެކަމަށް ފާޑު ކިޔައިފި އެވެ.
މިދިޔަ މަހުގެ 29 ގައި ޗައިނާގެ ހައިނާން އައިލެންޑުން އުދުއްސައިލި ބަރުދަނުގައި 18 ވަރަކަށް ޓަން ހުރި ލޯންގް މާޗް-5ބީ ވެހިކަލްގެ ބައެއް ރާއްޖޭގެ ސަރައްހަދަކަށް ވެއްޓުނުކަން ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން އާދިއްތަ ދުވަހު ކަށަވަރުކޮށް ދީފައިވެ އެވެ. އެއީ ހެނދުނު 7:24 ހާ އިރު އެވެ. އެކަމަކު އެ ވެއްޓުނު ސީދާ ތަނެއް އަދި ސާފެއް ނުވެ އެވެ.
ރާއްޖޭގެ ކޯސްޓްގާޑުން ބުނެފައިވާ ގޮތުގައި މިހާތަނަށް ރޮކެޓްގެ ބައެއް ފެނިފައި ނުވި ނަމަވެސް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގެ ސިފައިން އަންނަނީ މެދުރާއްޖެތެރޭގެ ކަނޑުގެ ސަރަހައްދު ބަލަމުންނެވެ. އެ ސަރަހައްދު ބަލަނީ ރޮކެޓްގެ ބައިތައް ވެއްޓުނީ އެ ސަރަހައްދަށް ކަމަށް ބެލެވޭތީ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
އެ ހާދިސާ އަށް ފާޑުވިދާޅުވެ ނާސާގެ އެޑްމިނިސްޓްރޭޓަރު އަދި ކުރީގެ އެސްޓްރޮނޯޓް ބިލް ނެލްސަން ވިދާޅުވީ ޗައިނާގެ ރޮކެޓްގެ ބައިތަކެއް ވެއްޓުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. އަދި އެފަދަ އެއްޗެއްގެ ބައިތައް ވެއްޓޭ އިރު އޭގެ ސަބަބުން މީހުން ދިރިއުޅޭ ތަނަކަށް އެ ވެއްޓި ލިބިދާނެ ގެއްލުމަކާ ދޭތެރޭ ޗައިނާ އިން މާ ބޮޑު ފަރުވާލެއް ނުބަހައްޓާކަން އެ ގައުމުގެ ސްޕޭސް މިޝަންތަކުން ހާމަވާ ކަމަށް ވިދާޅުވި އެވެ.
"ކިހިނެއް އެނގޭނީ އެ އެއްޗެއް ކަނޑަށް ވެއްޓުމުގެ ގެރެންޓީ އޮންނާނެ ކަމާއި އޭގެ ސަބަބުން ބަޔަކަށް ގެއްލުމެއް ނުވާނެ. ޗައިނާގެ ރޮކެޓިން ބައިތަކެއް ވެއްޓުމަކީ އެ ގައުމު މިފަދަ ކަންކަމުގައި ފެއިލްވެފައިވާކަން ދައްކުވައިދޭ ކަމެއް،" ބިލް ވިދާޅުވި އެވެ. "ސާފުވާ ކަމަކީ މިފަދަ މިޝަންތަކުގައި ގެންގުޅެން ޖެހޭ ސޭފްޓީ ސްޓޭންޑާޑް ދެމެހެއްޓުމާއި ޓްރާންސްޕޭރެންސީގައި ޗައިނާ ފެއިލްވެފައިވާކަން."
އޭނާ ވިދާޅުވި ގޮތުގައި ޖައްވީ މިޝަންތައް ކުރިއަށް ގެންދާ ގައުމުތަކުން މީސްމީހުންގެ ފުރާނަ އާއި މުދަލަށް ލިބިދާނެ ގެއްލުންތަކާ ވިސްނައި، އެފަދަ ހާދިސާތަކެއް ކުރިމަތި ނުވާނެ ގޮތަކަށް މިޝަންތަކުގެ މަސައްކަތްތައް ރާވަން ޖެހެ އެވެ.
"މިފަދަ ކަންކަން ކުރަން ވާނީ ވަރަށް ޒިންމާދުރަކާ އެކު." ބިލް ވިދާޅުވި އެވެ.
މިދިޔަ އަހަރު މެއި މަހު ޗައިނާ އިން ލޯންޗްކުރި ފުރަތަމަ ލޯންގް މާޗް-5ބީ ރޮކެޓްގެ ބައިތަކެއް ވެސް ދުނިޔެ އަށް ވެއްޓުނެވެ. އެ ފަހަރުގެ ބައިތައް އެފްރިކާގެ އައިވަރީ ކޯސްޓަށް ވެއްޓި، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
ޗައިނާގެ މި ރޮކެޓް މިޝަނަކީ އެ ގައުމުގެ ސްޕޭސް ސްޓޭޝަނެއް ބިނާކުރަން ކުރާ މަސައްކަތުގެ ބައެކެވެ. އެގޮތުން އަންނަ އަހަރަށް ޓާގެޓްކޮށްފައިވާ ސްޓޭޝަންގެ މަސައްކަތްތަކަށް ހާއްސަކޮށްގެން 10 މިޝަނެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
11 May 2021
27 ޖެނުއަރީ 1967 ގައި ފުރަތަމަ މީހުން އަރުވައިގެން ޖައްވައް ނައްޓާލަން އުޅުނު އެޕޯލޯ ގޮވާ 3 އެސްޓްރޮނޯޓުން މަރުވި. 28 ޖެނުއަރީ 1986 ގައި ނައްޓާލިތާ 73 ސިކުންތު ތެރޭގައި ޗެލެންޖަރ ބޮމެއްހެން ގޮވާ އޭގައި ތިބި 7 އެސްޓްރޮނޯޓުން މަރުވި. 1 ފެބްރުއަރީ 2003 ގައި ކޮލަމްބިއާ އެނބުރި ދުނިޔޭގެ ވައިގެ ފަށަލައަށް ވަންތަނާ އެއްކޮށްގޮވާ އޭގައިތިބި 7 އެސްޓްރޮނޯޓުން މަރުވި. މީ އަދި ބައެއް ކަންކަން. އެހެންވީމާ ނާސާއަށް އަނގަ ހުޅުވާލެވެން އެބައޮތްތަ؟ ކަޑަ؟
ޕުރޮޕެގެންޑާ
10 May 2021
އެމެރިކާއިން މިދިޔަ މާޗުގަ ފޮނުވި ފަލްކަން ރޮކެޓުވެސް ވެއްޓުނީ ވޮށިންޓަނަށް. މިއީ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ބަޖެޓުކޮށްގެން މީޑީއާގައި ޗައިނާއާއި ދެކޮޅަށް އެމެރިކާއިން ހިންގާ ޕުރޮޕެގެންޑާ ޕްރޮގްރާމެއް، ބޭނުމަކީ ކޮންމެ ދުވަހަކުވެސް ޗައިނާ ގޯސްކޮސްފަ ހަބަރުތަކެއް ނޫސްތަކަށް އެރުވުން. މާދަމާ ކޮންމެވެސް އެހެން ކަމެއް ސުރުހީގަ ޖަހާނެ، ބޭނުމަކީ ދުނިޔޭގެ ހުރިހާ ގެއަކަށް ކޮންމެ ދުވަހަކުވެސް ޗައިނާގެ ނެގެޓިވް ކޮންމެވެސް ވާހަކަތަކެއް ވެއްދުން.
ލުގުމާން
10 May 2021
ފާޑު ފާޑު ކިޔާލަ ކިޔާލާ ތިބެން ވީއެއްނުން. ކުރެވޭނެ އެއްކަމެއްވެސް ނޯއްނާނެ
ފެލް
10 May 2021
ނާސާއިން ހަމަ ޖޭ ވަނީ ޗައިނާ މީހުންގެ ސްޕޭސް ސްޓޭޝަން ކުރިއަށްދާތީ. އެހެން އެއްވެސް ކަމެއް ނޫން ތި ވަނީކީ. ދުނިޔެ ވަށާ އޮތް ސްޕޭސް ޖަންކަށް ނާސާއިންވެސް ޒިންމާ ނަގަންޖެހޭ.
ފަހުދު
10 May 2021
އަދިވެސް އެންމެގިނަ ރޮކެޓް ވެއްޓުނީ ނާސާ އަތުން
ރަދީފްއޮފިޝިއަލް
10 May 2021
1979 ވަނަ އަހަރު އޮސްޓްރޭލިޔާގެ ޝަޔާ އޮފް އެސްޕަރެންސަށް ވެއްޓުނު ސްކައިލެބް އެއީ ނާސާގެ އެއްޗެއް ނޫންތަ؟؟ އޮސްޓްރޭލިޔާއިން ވަނީ 400 ޑޮލަރުން ނާސާ ފައިންވެސް ކޮށްފަ. ދެން އަނގަ ހުޅުވެން އެބައޮތްތަ؟/ ކޮލަމްބިޔާ މުސީބާތުގެ ސަބަބުން ލިބުނު ގެއްލުން ކޮބާ؟؟ ސަހަލު ބަޔަކު ނެތް.ވ.ވެދުން
ނިއްޓެ
11 May 2021
400 ޑޮލަރު ތަ ހަމަ. ހާދަ ބޮޑުކޮއް.. ލޮލް
ރަދީފްއޮފިޝިއަލް
11 May 2021
ޔޭސް 400 ޑޮލާސް.އެއީ ރަމްޒީއެއްޗެއް.ކޮންމެ ފައިންއެއް ޓްރިލިއަނުން ކަނޑާލަން ނުވެސް ޖެހޭ ދޯ.ބައިނަލްއަގްވާމީ އެކި އެކި ގާނޫނުތައް އެބަހުރި ސްޕޭސް ޑެބްރިސްއާއި މެދު.
ބަކުރުު
10 May 2021
ދެން ނާސާ މީހުން ގެ ރޮކެތެއް ދުވަހަކު ވެސް ނުވެއްޓޭ ދޯ. ރިޕްލައި އެ ވައްޓާލައްޗޭ