13 މެއި 2021 - 23:00
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ އިދާރާ އިން އިއްޔެ އާންމުކުރި ލިސްޓުގައި އޮތް 281 ނަމުގެ ތެރެއިން 63 ޕަސެންޓަކީ އެ މީހުންނާ ބެހޭ ގޮތުން އަދި މިހާތަނަށް ތަހުގީގު ވެސް ނުފަށާ މީހުން ކަމަށް ލިސްޓުގައިވާ މައުލޫމާތުން ދައްކައިފި އެވެ.
ޚިޔާނާތާއި ވައްކަމުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަގްސަދުގައި، ނޮވެމްބަރު 17، 2018 ގައި މި ސަރުކާރު އުފެދުމާ އެކު އެކުލަވައިލި އެސެޓްސް ރިކަވަރީ ކޮމިޝަނުން ލިސްޓް ހަދާފައި އޮތް އިރު ނަންތަކާ ދިމާލުގައި މައްސަލަ އޮތް ހިސާބު ބުނެދީފައިވެ އެބަ އޮތެވެ.
ކޮމިޝަނަށް ދެ އަހަރަށް ވުރެ ވެސް ގިނަ ދުވަސް ފަހުން މަޖިލީހަށް ދިން ލިސްޓުގައިވާ ގޮތުން ލިސްޓުގައި ހިމެނޭ ގިނަ މީހުންގެ މައުލޫމާތު ގޮޅީގައި އޮތީ "އިންފޮމޭޝަން ކަލެކްޝަން" ނުވަތަ އަދިވެސް މައުލޫމާތު އެއްކުރަމުން ދާ ކަމަށް ޖަހައިފަ އެވެ. މި މަރުހަލާގައި 176 ކޭސް އޮތް ކަމަށް ޖަހާފައި އެބަ އޮތެވެ. ތަހުގީގު ކުރިއަށްދާ ކަމަށް އޮތީ 69 ނަމެއްގަ އެވެ. އެއީ 24.7 ޕަސެންޓެވެ. އަދި ޕްރިލިމިނަރީ އިންވެސްޓިގޭޝަންގެ މަރުހަލާގައި އޮތީ އެންމެ 10 ނަމެކެވެ. އެއީ ތިން ޕަސެންޓެވެ.
ކޮމިޝަނުން ބުނެފައިވާ ގޮތުގައި "އިންފޮމޭޝަން ކަލެކްޝަން" އަކީ ބޭންކްތަކާއި އެހެނިގެން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދުމެވެ. ޕްރިލިމިނަރީ މަރުހަލާ އަކީ މައުލޫމާތުތައް ތަރުތީބުކޮށް ޕްރޮފައިލްކުރުމެވެ. ތަހުގީގު ފެށި ކަމަށް ބަލަނީ ހެކީގެ ގޮތުގައި މައުލޫމާތު ހޯދައި ދިރާސާކުރަން ފެށުމުންނެވެ.
އޭގައިވާ މައުލޫމާތުން އެނގޭ ގޮތުން މިހާތަނަށް އަދި ޖިނާއީ ދައުވާކޮށް ކޯޓާ ހިސާބަށް ގޮސް އޮތީ އެންމެ ދެ މައްސަލައެއްގަ އެވެ.
މިހާތަނަށް 8 މައްސަލައަކާ މެދު މަދަނީ ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގައި އަށް މައްސަލައެއް އެބަ އޮތެވެ.
ތަހުގީގަށް ފަހު ދައުވާކުރަން ފޮނުވުމުގެ ކުރިން ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ފަސް މައްސަލައެއް އެބަ އޮތެވެ.
ތުހުމަތުކުރެވޭ މީހުން ދެނެގަތުމުގެ މަރުހަލާގައި 4، ޖިނާއީ ދައުވާ ނުކުރަން ނިންމައި މަދަނީ ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން 3 މައްސަލައެއް އޮތް އިރު ކޭސް ކްލޯޒް ނުވަތަ ނިމުނު ކަމަށް އޮތީ އެންމެ މައްސަލައެއްގަ އެވެ.
ލިސްޓު އާންމުކުރި އިރު ތަހުގީގަށް ހާޒިރު ނުކޮށް އަދި މިހާތަނަށް އެއްވެސް ސުވާލެއް ވެސް ނުކޮށް އެތައް ބައެއްގެ ނަން ލިސްޓުގައި ހިމަނާފައި ވާތީ ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ. ލިސްޓުގައި ނަން އޮތް ކޮންމެ މީހަކު ކުށްވެރިއެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވެފައި ވިޔަސް އާންމުންގެ ތެރޭގައި މި ލިސްޓު ވެފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުންކުރި މީހުންގެ ލިސްޓުގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައްސިމޭން
14 May 2021
ތަހުގީގަށް އެއްބާރުލުން ނުދީފަ އެންމެ ފަހުން ލިސްޓު ނުކުތީމަ ދެން ވާހަކަ ދައްކަނީހެން ބޮޑަށް ހީވަނީ. މިހެން ބުންޏަސް ތަހުގީގު ޓީމުވެސް އަވަސް ހެނެއް ހިއެއްނުވޭ
ޑޮކްޓާރ. ބަނާނާ
14 May 2021
ތަހުގީގާގުގެ އެއްވެސް އުރައްފެއް ނެތް ކަނޑު ކޮހުން ކަމިޝަންތަކުގެ ވެރިންނަށް ލުމުގެ ހިތިނަތީޖާ މިފެންނަނީ! ކިއްވެތޯ އެތަށް އަހަރެއް ފާއިތުވީ އިރު މިލިސްޓްގައި ހިމެނޭ މީހުނާއި ސުވަލެއް ނުކޮށް މައްސަލަ ނުބަލާ ލިސްޓް އާއްމުކުރީ ؟ މިހާރު ބަޔާނެއް ނެރެ މިކިޔަނީ ހުރިހާ މީހުންނަކީ ކުއްވެރިން ނޫނޭ! ކޮރޯނާ މެނޭޖްކުރުމާއި ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުން އަދި މިފަދަ ބޮޑު ކަރަޕް ޝަން މައްސަލަ ބެލުން ނަތީޖާމިފެނުނީ! މަގާމު ތަކުގައި ތިބޭއިރު ލަދުކޮބާ!
އަމީން ދީދީ
14 May 2021
ސަރުކާރުގެ އެންމެ އިސް އެއްވެރިޔާ އަދި ޕާޓީގެ ލީޑަރު ނަޝީދަށް ޓެރަރިޒަމް ހަމަލާއެއްދޭން އުޅޭކަން ރައްޔިތުންގެ ތެރެއިން ބަޔަކު އެންގީމާ އެކަމާވެސް އަޅާނުލެވުނުބަޔަކަށް ދެން ކޮންކަމެއް ރަނގަޅަށް ކުރެވޭނީ؟ މިސަރުކާރުގެ ހުރިހާ މަސައްކަތެއްގެވެސް ހާލަތު އޮތީ ހަމަ މިހެން.މިއީ މިހާތަނަށް ރާއްޖެއަށް އައި އެންމެ ނާގާބިލު ކަންނެއް އަދި ފަރުވާކުޑަ ސަރުކާރު!
ޢަނީ
14 May 2021
އެމްއެމްޕީއާރުސީ އާ ބެހޭގޮތުން އޭތިމީތި ރައްތިތުން ކިޔާނަގާއިރު ހަނދާންނެތުނީތަ މިކަމުގެ މުގުލުގައި ހުރި އަދީބު ޖަލުގައި ނިދަންއުނދަގޫވާތީއޭކިޔާފަ ހުޅުމާލޭ ލަގްޒަރީ އެޕާޓްމެންޓެއްގައި އުޅޭތާ އެތަށް ދުވަހެއްވެއްޖެކަން!މިއީ އަދި މާބުޑު ޖޯކެންނު!!!ރާއްޖޭގެ މޮޅުވެގެންވާ ރައްޔިތުން މިކަން ހަނދާން ނެތިއްޖެ!!!
ލޯޔަރު
14 May 2021
ތިޔައީ އެމްޑީޕީގެ މައި މުގުލުން ގަރުބަގަނެ ހިންގާފައިވާ ޖަރީމާއެއް، މިހާރު ހުރިހާ ރައްޔިތުންނަށްވެސް ތިޔަ އެމްޑީޕީ ބޮޑޭންގެ ކުޑަވެގެން އަސާސީ ފެންވަރުވެސް ނެތްކަން ރަނގަޅަށް ސާފުވެ ސާބިތު ވެއްޖެ.
އަލްޤާޒީ
14 May 2021
ތަހުޤީގު ކުރުމަކާ ނުލައި ޚިޔާނާތުގެ ފައިސާ ގެ ބޭނުން ކުރި މީހުންގެ ލިސްޓްގައި ބައެއް ގެ ނަން ލިއުމަކީ އެއްވެސް ޒިއްމާދާރު ކަމެއް ނެތި ހިންގާފައިވާ ބޮޑު ޖަރީމާއެއް
ސަލާހުއްދީން
14 May 2021
ކޮން އިރަކުން ބޭންކު ސްޓޭޓްމެންޓްތައް ބެލެން ފެށެނީ.
ބޮޑުމީހާ
14 May 2021
ތި ލިސްޓް ބާއްވާފަ ތަހުގީގު ކުރަންވީ އެސެޓްރިކަވަރީ ކޮމިޝަނުން މި 3 އަހަރު ކުރީ ކީއްތޯ ބަލަން. ސްލޯވިޔަސް މިދެން ބޮަޑުވަރު
ފުއްކިބަ
14 May 2021
މިހާ ޒިންމާދާރުކަން ކުޑަކޮށް މިޖެއްސި ސުޓަންޓަކީ މި މައްސަލައަށް ހުރައް އެޅުން
ރަދުން999
14 May 2021
ސަރުކާރުގެ އެތައް އިދާރައަކާ ކޮމިޝަން ތައް ބައިވެރިވެ ތިއޮތީ ވަރަށް ގިނަ މީނުންނާ ސުވާލުކޮށް ތަހްގީގު ކުރެވިފައި. ދެއަހަރަށްވުރެ ގިނަ ދުވަސް ތަހްގީގުކިންގިއިރު %37 މީހުންނާ ސުވާލެއްވެސް ކުރެވުނީ، ވަރަށް ގިނަ މަސައްކަތް. ތަހްގީގު ޓީމް ގައުމީ އިނާމު ހޯދަން ފޯމު ހުށަހަޅަން ފެނޭ. އަބަދުވެސް ބޮޑެތި ސެޓިފިކެޓާއި ހަދާނީ ލިޔުންތައް ހޯދަންވާނެ. ދަރިފަސްކޮޅަށް އޭރުން ތިޔަ ކުރި މަސައްކަތް އެނގޭނީ. ތަހްގީގު ޓީމަށް ސާބަސް އިސްތިއުފާ ނުދީ ކުރިޔަށްދޭ.