25 މެއި 2021 - 21:38
ކޮވިޑް-19 އިން ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ އެކު ވިޔަފާރިތަކުން އަމަލުކުރަންވީ ގޮތުގެ އުސޫލު އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަންނަ މަހު 9 އާ ހަމަޔަށް، ކާފިއު ނޫން ވަގުތު ވެސް ހާއްސަ ހުއްދައެއް ނަގައިގެން ނޫނީ ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.
އެ ހާލަތުގައި ވިޔަފާރިތަކުން އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށް އިކޮނޮމިކް މިނިސްޓްރީން ކުރި މިއަދު އިއުލާނެއްގައި ބުނީ މުދާ ވިއްކާ ފިހާރަތަކުން ހެނދުނު 8:00 އިން ހަވީރު 4:00 އަށް އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ޑެލިވަރީގެ ހިދުމަތް ހެނދުނު 6:00 އިން މެންދަމު 12:00 އާ ހަމަޔަށް ދެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މުދާ ވިއްކުމުގެ ވިޔަފާރިކުރާ ކޮންމެ ތަނަކަށް، ސަޕޯޓް ދެ ސްޓާފުންނާއި ޑެލިވަރީ ދެ ސްޓާފުންނަށް ހުއްދަ ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އިތުރު މުވައްޒަފުންނަށް ހުއްދަ ބޭނުންވާ ނަމަ ޕޮލިސް ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދުމުން ހުއްދަ ދޭނެ ކަމަށާއި ޖުމްލަ މުވައްޒަފުންގެ އަދަދު 10 އަށް ވުރެ އިތުރުވާ ނަމަ ދެ ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައެޅުމަށް ވަނީ އެދިފަ އެވެ.
މީގެ ކުރިން ވެސް ހޮޓާ ރެސްޓޯރަންޓް އަދި ކެފޭ ފަދަ ތަންތަނުން އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދިނުން އޮތީ މަނާކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އެ ތަންތަނުން ޓޭކްއަވޭގެ ހިދުމަތް ހެނދުނު 8:00 އިން ހަވީރު 4:00 އަށް ދެވޭނެ އެވެ. އަދި ޑެލިވަރީގެ ހިދުމަތް މެންދަމު 12:00 އާ ހަމަޔަށް ދެވޭނެ އެވެ.
ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ހަތަރު ސަޕޯޓް ސްޓާފް އަދި ދެ ޑެލިވަރީ ސްޓާފުންނަށް މަސައްކަތް ކުރެވޭނެ ކަމަށާއި އިތުރު މުއައްޒަފުން ބޭނުންވާ ނަމަ އެ ހުއްދަ އަށް އެދި ހުށަހަޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތްކުރުމަށް ހުއްދަ ދޫކުރާނީ އެ ސައިޓަކަށް ގެއްލުމެއް ލިބޭނެ ފަދަ ހާލަތުތަކުގައި، އެ ކަމެއްގެ ތަފްސީލު ފޮނުވުމުން އިތުރަށް ދިރާސާކުރުމަށް ފަހުގައި ކަމަށް އެ އިއުލާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ މިިދޔަ ފެބްރުއަރީ 13 ގެ ފަހުން ފުލުހުން ވިޔަފާރިތަކަށް ދޫކޮށްފައިވާ ހުއްދަތައް މި މުއްދަތުގެ ތެރޭގައި ބޭނުންކުރެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުން999
26 May 2021
ކާފީޢުނޫން ވަގުތެއް ނެތެއްނޫންތޯ؟ ރައްޔިތުން ބަންދުވެފާނޫންތޯ މިތިބީ؟ އޮޅުވާލަން މޮޅޭތި އިބާރާތް ބޭނުން ނުކުރިޔަސް ވެދާނެ. ކާފިއު ނޫން ގަޑިތަކުގައިވެސް ހުއްދަ އޮންނަން ޖެހޭ ބުނުމުގެ މުރާކީ ކޮބާ؟ ބަސްއަހައިގެން ގޭގައިވެސް ތިބެވިދާނެ. އެކަމަކު އަނބިދަރިންނަށް ކާންބޯންދެނީ ކާކު. ކުލި ދައްކާދެނީ ކާކު؟ މައިމޫނާ މިފަދަ އެއްވެސް ކަމެއް ނުކޮށްދޭ. ވިއްޔާ ކުރަނީ މަތިމައްޗަށް ޖޫރިމާނާއެއް. ހާދަ ހަމައެއް ނެތޭ. ހާދަ އަނިޔާވެރިއޭ.
މަޒް
26 May 2021
ކޮބާ ދެން އެހެން ވިޔަފާރިތައް؟ ކަލޭމެން ވިޔަފާރި ކިޔަނީ ހޮޓާ ރެސްޓޯރަންޓް އަދި ފިހާރަތަކަށް އެކަނިތަ؟ ކޮބާ ހިދުމަތް ދޭ ތަންތަން؟
ރޯޒަސް
26 May 2021
ތަންކޮޅެއް ރަނގަޅަށް އަދި އެއްފަހަރު އާޓިކަލް ކިޔާލަބަލަ
ޒަމް
26 May 2021
ކަލޯ މިހާލަތުގައި ވެސް ވިޔަފާރި ނުކުރެވިގެން ދޯ މި އުޅެނީ؟ އަމިއްލަ އެދުމުން ފޯވިޔަސް ފުކެއް ބޮޑުވަރު.
ކުދުބެއްޔާ
25 May 2021
ގައުމު ހިންގުމުގާ ބައިގަޑިއިރު ލަސްވުމަކީ ވަރަށް ބޮޑުވަރު