ދުނިޔެ / އިރާގު

ހަމަލާތައް ހުއްޓާލުން ނިމުމަކަށް އައީ: ހަނގުރާމަވެރިން

އެމެރިކާގެ ސިފައިން ހަރަކާތްތެރިވަނީ: ހަމަލާދިނުން ހުއްޓާލައިގެން ތިބުމަށް ނިންމި ނިންމުން ވަނީ އުވައިލާފައިވާ ކަމަށް އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ އިއުލާންކޮށްފައި

26 މެއި 2021 - 11:53

ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް، އެމެރިކާއާ އެކު ނުރަސްމީ ގޮތުން ނިންމާފައިވާ ނިންމުން، މިހާތަނުން ނިމުމަކަށް އައީ ކަމަށް، އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން އިއުލާންކޮށްފި އެވެ.

އީރާންގެ މަދަދާ އެކު އިރާގުގައި، އެމެރިކާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރަމުން އައި ބައެއް ޖަމާއަތްތަކުން އިއްޔެ އިއުލާންކުރި ގޮތުގައި، ހަމަލާދިނުން ހުއްޓާލައިގެން ތިބުމަށް ނިންމި ނިންމުން އުވައިލީ، އިރާގުން އެމެރިކާ ސިފައިން ބޭލުމަށް، އެމެރިކާ އާއި އިރާގުން ކަނޑައަޅާފައިވާ ވަގުތު ތާވަލާ އެއްގޮތަށް އެމެރިކާއިން އަމަލު ނުކުރާތީ އެވެ.

އަދި އެކަމުގައި އިރާގު ސަރުކާރުގެ ވެސް ރަނގަޅު ނިޔަތެއް ނެތް ކަމަށްވާތީ، މީގެ ފަހުން އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށާއި އެމެރިކާ ސިފައިން ގާއިމުވެ ތިބޭ މަރުކަޒުތަކަށް ވެސް، ހަމަލާ ދޭނެ އެވެ. ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް، ހަނގުރާމަވެރި ޖަމާއަތްތަކާއި އެމެރިކާ ސިފައިން ނިންމީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

މިޑްލް އީސްޓް އައި ވެބްސައިޓަށް މައުލޫމާތު ދެމުން، އިރާގުގެ އިސް އަސްކަރީ އޮފިސަރަކު ވިދާޅުވީ އެމެރިކާ ސިފައިންނާ ދެކޮޅަށް އަލުން ހަމަލާތައް ދޭން ފެށުމަށް، ހަނގުރާމަވެރި ހުރިހާ ޖަމާއަތްތަކުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި މީގެ ފަހުން ދޭ ހަމަލާތައް، ކުރިން ދިން ހަމަލާތަކަށް ވުރެ އިންތިޒާމުވެފައި ވަރުގަދަ ވާނެ ކަމަށް ވެސް، އިރާގުގެ އޮފިސަރު ވިދާޅުވި އެވެ.

އެމެރިކާ ސިފައިންނަށް ދެމުން އައި ހަމަލާތައް ހުއްޓައިލުމަށް، އީރާންގެ މަދަދު ލިބޭ ހަނގުރާވެރި ޖަމާއަތްތަކުން އެއްބަސްވީ، އިރާގުގައި ހުރި އެމެރިކާގެ އެމްބަސީ ބަންދުކުރުމާއެކު، އިރާގުގައި ހުރި އީރާންގެ ހުރިހާ ތަންތަނަށް ހަމަލާ ދޭނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑްގެ ސަރުކާރުން އިންޒާރު ދިނުމާ ގުޅިގެންނެވެ.

އޭގެ ފަހުން ވެސް ބައެއް ފަހަރު ހަމަލާ ދިނަސް، އޮކްޓޫބަރު މަހުން ފެށިގެން މިއަދާ ހަމައަށް ވެސް، ހަނގުރާމަވެރިންގެ ހަމަލާތަކެއް އެމެރިކާ ސިފައިންނަށް އަމާޒެއް ނުވެ އެވެ. ނަމަވެސް މިމަހުގެ ކުރީކޮޅު ބަގުދާދުގެ ވައިގެ ބަނދަރަށް މިސައިލް ހަމަލާއެއް ދިނެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، އިރާގަށް ވަޑައިގެންނެވި ތަނުން، އީރާނުގެ އިންގިލާބީ ގާޑުންގެ ވެރިޔާ، ޖެނެރަލް ގާސިމް ސުލައިމާނީ އާއި، އަބޫ މަހްދީ އަލްމުހައްދިސް އަވަހާރަކޮށްލުމާ ގުޅިގެން، އެމެރިކާ ސިފައިން އިރާގުން ބޭރުކުރުމަށް، އިރާގުގެ ބޮޑުވަޒީރު މުސްތޮފާ އަލްކާޒިމީ އަށް ކުރިމަތިވާ ފިއްތުންތައް އަންނަނީ އިތުރުވަމުންނެވެ. އަބޫ މަހްދީ އަލްމުހައްދިސްއަކީ، އީރާންގެ މަދަދާއެކު އިރާގުގައި ހަރަކާތްތެރިވާ އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ގުޅިފައިވާ ލަޝްކަރުގެ ވެރިޔާ އެވެ.

ހަމަލާތައް ހުއްޓާލައިގެން ތިބުން ނިމުމަކަށް އައީ ކަން ހާމަކޮށް، ހަނގުރާމަވެރިންގެ ފަރާތުން އިއްޔެ ވަނީ ބަޔާނެއް އާންމުކޮށްފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ؛ "އެމެރިކާ ސިފައިން އިރާގުން ބޭރުކުރަން ދެކޮޅު ހަދަމުން އެދާ ދިޔުމުން އަހަރެމެންނަށް ލިބުނު މެސެޖަކީ، ބާރުގެ ބަހުރުވަ ނޫން ބަހުރުވައެއް، އެމެރިކާ ނުދަންނަކަން. އެހެންވީމާ، އިރާގުގެ ހަނގުރާމަވެރިން މިހާރު މިތިބީ، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، އެމީހުންގެ ޝަރުއީ އަދި ވަތަނީ އަދި ގާނޫނީ ވާޖިބު އަދާކުރުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަން މިފުރުސަތުގައި، އިސްތިއުމާރީ ބާރުތަކަށް އަންގަން."

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454