މިއީ އެމެޒޯނުން ދެވަނަ އަށް ހެދި އެންމެ ބޮޑު ވިޔަފާރީގެ މުއާމަލާތް
އެމްޖީއެމް.
28 މެއި 2021 - 09:51
ހޮލީވުޑްގެ އެންމެ ވަރުގަދަ ފިލްމު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްޖީއެމް، އެމެޒޯން އިން 8.45 ބިލިއަން ޑޮލަރަށް ބުދަ ދުވަހު ގަނެފި އެވެ.
އެ ދެ ކުންފުނީގެ ތެރޭގައި މި މުއާމަލާތުގެ ވާހަކަ ދެކެވޭތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން މުއާމަލާތް ނިންމައިލި އިރު، ކުރިން މީޑިއާތަކުން ބުނީ އެމެޒޯން އަށް އެމްޖީއެމް ވިއްކައިލަން މަޝްވަރާކުރެވުނީ 5-10 ބިލިއަން ޑޮލަރާ ދެމެދުގެ އަގަކަށް ކަމަށެވެ.
އެމެޒޯން އިން އެމްޖީއެމް ގަތްކަން ކަށަވަރުކޮށްދީ ބުނެފައި ވަނީ އެކަމަށް ހޭދަކުރީ 8.45 ބިލިއަން ޑޮލަރު ކަމަށެވެ. އެހެންވެ މި މުއާމަލާތަކީ އެމެޒޯން އިން މިހާތަނަށް ދެވަނަ އަށް ހެދި އެންމެ ބޮޑު ވިޔަފާރީގެ ޑީލެވެ. ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސްގެ އެމެޒޯނުން 2017 ގައި ހޯލް ފުޑްސް ގަތީ 13.7 ބިލިއަން ޑޮލަރަށެވެ.
ހޮލީވުޑްގެ ވަރުގަދަ ކޮންޓެންޓްތަކެއްގެ ވެރިފަރާތް ކަމަށްވާ އެމްޖީއެމް، އެމެޒޯނުން ގަތުމަކީ އެ ކުންފުނީގެ ސްޓްރީމިން ޕްލެޓްފޯމް، އެމެޒޯން ޕްރައިމް ވީޑިއޯ ބޮޑު ތަނުން ވަރުގަދަވެގެން ދާނެ ކަމަކަށެވެ.
"މި ޑީލްގެ ތެރެއިން ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ ވެސް އެމެޒޯން ޕްރައިމްގެ ކޮންޓެންޓް ބޮޑުވެ، މުއްސަނދިވުން. އެމްޖީއެމްގެ ކްރިއޭޓިވް ޓީމާ އެކު ދެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާނެ." އެމެޒޯން ޕްރައިމާއި އެމެޒޯން ސްޓޫޑިއޯސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް މައިކް ހޮޕްކިންސް ވިދާޅުވި އެވެ.
މީގެ 97 އަހަރު ކުރިން އުފަންވި އެމްޖީއެމް އަކީ ފިލްމާއި ޓީވީ އުފެއްދުންތަކުގެ ލައިބްރަރީ އަށް ބަލާ އިރު ކޮންޓެންޓް އެންމެ މުއްސަނދި އެއް ކުންފުންޏެވެ. އޭގެ ފިލްމު ކޮންޓެންޓްގެ އަދަދު 4،000 އަށް ވުރެ ގިނަ އެވެ. އަދި ޓީވީ ކޮންޓެންޓްގެ އަދަދު 17،000 އަށް ވުރެ ގިނަ އެވެ.
އެމްޖީއެމް އަކީ މަޝްހޫރު ފްރެންޗައިޒް ޖޭމްސް ބޮންޑް ވެސް ގެނެސްދޭ ސްޓޫޑިއޯ އެވެ. މި ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" މި އަހަރުގެ އޮކްޓޯބަރު 8 ގައި ސިނަމާތަކަށް ގެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލީ2021
28 May 2021
ފޮޓޮގަ އިން ތަނާި އެމޭޒަން އިން ގަތް ކުފުންޏަ ހުރި ގުޅުމަކީ ކޮބާ ??