ކޮވިޑާ ދެކޮޅަށް ރަޝިއާ އިން އުފެއްދި ސްޕަޓްނިކް ވީ
28 މެއި 2021 - 13:42
ކޮވިޑް-19 އިން ދިފާއުވުމަށް ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިން ވީހާ ވެސް އަވަހަކަށް ރާއްޖެ އަށް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް ރޭ ދެއްވައިފި އެވެ.
ރަޝިއާގެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން (އެމްއެފްޑީއޭ) އިން ދިނީ މި މަހުގެ 12 ވަނަ ދުވަަހު އެވެ. އެ ވެކްސިން އަދި ރާއްޖޭގައި ނެތަސް އެ ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
"ސްޕަޓްނިކް ވީ" ވެކްސިން ވީހާ ވެސް އަވަހަކަށް ރާއްޖެ އަށް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރަޝިއާގެ ހާރިޖީ ވަޒީރު ލަވްރޯފް ސަރްގޭ ދެއްވީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާ ދެ ބޭފުޅުން ފޯނުން ގުޅުއްވައި، ކޮވިޑްގެ ހާލަތާ ގުޅިގެން ކުރެއްވި މަޝްވަރާތަކުގަ އެވެ.
އެ މަޝްވަރާގައި ޝާހިދު ވަނީ ރާއްޖެ އަށް ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާއި މި ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރާއްޖެ އަށް ކޮވިޑްް ވެކްސިންގެ ދަތިކަން ކުރިމަތިވެފައިވާއިރު، މިވަގުތު ރާއްޖޭގައި ހުރީ ޗައިނާގެ ސިނަފޯމް ވެކްސިނާއި ފައިޒާ ވެކްސިންނެވެ. ފައިޒާ ވެކްސިން ދެނީ ހާލަތުތަކެއް ދިމާވެފައިވާ މީހުންނާއި މާބަނޑު މީހުންނަށް އެކަންޏެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށި، ކޮވިޝީލްޑް ވެކްސިން ހުސްވެ، ގިނަ ބަޔަކު އޭގެ ދެވަނަ ޑޯޒް ނުޖެހި ތިބިއިރު ސަރުކާރުން އަންނަނީ ދެވަނަ ޑޯޒް ޖެހުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އަންނަ މަހުގެ ކުރީކޮޅު އެ ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކުރިން ވިދާޅުވި ނަމަވެސް މިހާރު ބެލެވޭ ގޮތުން އެކަން ވާނީ އަންނަ މަހުގެ ފަހުކޮޅު އެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ، 16 ހަފުތާ ކުރިން ޖަހައިފި ނަމަ، މައްސަލައެއް ނެތެވެ. ކުރިން ރާއްޖޭގައި އޭގެ ދެވަނަ ޑޯޒް ދެމުން އައީ 8-12 ހަފުތާ ދޭތެރޭގަ އެވެ.
ރަޝިއާގެ ސްޕަޓްނިކް ވީ ވެކްސިން އަށް ރާއްޖެ އިން ހުއްދަ ދިނީ "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ނުވަތަ އިމަޖެންސީގެ ހާލަތުގަ އެވެ. މި ވެކްސިން ހުއްދަ ކޮށްފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.
މި ވެކްސިން ބަލަހައްޓަން ޖެހެނީ މައިނަސް 18 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައި ކަމަށް ވާތީ، އެމްއެފްޑީއޭ އިން މި ވެކްސިނަށް ހުއްދީފައި ވަނީ ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާ ންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށް ފަހު، އަދި ހިފައި ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެންނެވެ.
މިހާރު ވެސް 66 ގައުމެއްގައި އިމަޖެންސީގައި ބޭނުންކުރުމަށް މި ވެކްސިނަށް ހުއްދަދީފައިވެ އެވެ.
ރާއްޖެއިން މިހާތަނަށް 308،423 މީހުން ވެކްސިން ޖަހާފައިވެ އެވެ. އޭގެ ދެތެރެއިން ދެވަނަ ޑޯޒް ފުރިހަމަ ކުރީ 162،413 މީހުންނެވެ.
މިވަގުތު ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ، މާލޭ ސަރަހައްދު ލޮކްޑައުންކޮށް، ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރު މޮނިޓަރިންގައި އޮތް ރަށްރަށުގައި ވެސް ދަނީ ކާފިއު ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1976
29 May 2021
ތިވެކްސިން ކޮޅު ލިބުމުން އަވަހަށް ޖެހޭނެ އިންތިޒާމް ހަމަޖައްސާ. ކިއު ނުހަދާ ވާނެ. ޢިންތަނެޓް މެދުވެރިކޮއް ރަޖިސްޓަރީ ކުރަންޖެހޭ ގޮތައް. ޢެސް އެމް އެސް މެދިވެރިކޮއް ދައުވަތުދީ އެޕޮއިންޓްމެންޓް ދީ. ތަހުޒީބު ކޮށް މިކަން މިފަހަރު ކޮއްބަލަ. ދިވެހި ދޮކްޓަރުން މިކަން ކުރާލެއް މި ފެނަނަނީ ވަރަށް ދަށްފެނަވަރެއްގަ. ހިދުމަތުގެ ފެންވަރު ރަނގަޅުކުރޭ.
މަޒް
29 May 2021
އެތަން މިތަނުން ވެކްސިން ގަންނަން އަދި ހިލޭ އެހީގައި މުޅި ޖުމްލަ ވެކްސިންގެ އަދަދު މިލިއަނުން މައްޗަށް ގޮއްސި.. މިގައުމުގައި ތިބި ހަތަރު ލައްކަ މީހުންނަށް މިހާ ބައިވަރު މި ހޯދަނީ ކީއްކުރަން.. ދަނޑިވަޅުގެ ފައިދާ ނަގާ ކޮރަޕްޝަންގެ ބޮޑު އަމަލެއް ހިންގަނީ ނޫންބާ.. ބަލަ ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް ނުޖެހިފައި ލައްކައަކަށްވުރެން ގިނަ މީހުން އެބަތިބި.. އެމީހުންނަށް ވެކްސިން ހޯދަދީ..
ބޮޑުމީހާ
28 May 2021
ފައިސާ ދައްކަންދެން ހުރިހާ ކަމެއްދާނީ ރޮކެޓް ސްޕީޑުގަ...ފައިސާ ދެއްކީމަ ދެން ރާއްޖެއިން ދޭ އޯޑަރަށް މުދާ ފޮނުވަނީ ރިޔަލު ބޮއްކުރާގަ. އެހެންވެ ވެންޓިލޭޓަރ، ސިންގަޕޫރ ވެކްސިން އިންޑިއާއިން ވެކްސިން އަދި ނުލިބެނީ
އަޝްރަފް
28 May 2021
ވެނޓިލޭޓަރުވެސް ވީހާވެސް އަވަހަކަށް، ކުރިން ފައިސާ ދެއްކި ވެކްސިންވެސް ވީހާވެސް އަވަހަށް، ތަރައްޤީގެ މަޝްރޫޢުތައްވެސް ވީހާވެސް އަވަހަށް! އިބިލީހު ކައިވެނިވެސް ވީހާވެސް އަވަހަށް!
ހަބަރު
28 May 2021
ނަސީމު މަޤާމުން އިސްތިއުފާ ދޭންޖެހޭ.ނަސީމު ފެއިލްވެއްޖެ.
ސަޅި
28 May 2021
ސިންގަޕޫރުން 7ލައްކަ، އިންޑިޔާ އިން 4 ލައްކަ، ޑާބްލިޔު އެހް އޯ އިން 80ހާސް، ރަސިޔާގެ 2ލައްކަ. އިނގިދާނެތާ. ދެބުރައްވެސް ވެކްސިން ޖަހާލެވޭނެ މިފަހަރު ދޯ.
ނަމިން
28 May 2021
ރަޝިޔާ ވެކްސިން ކޮވިޝީލްޑް އައުމުގެ ކުރިންވެސް ލިބެން އޮތެއްނު. އެމެރިކާ ނުރުހިދާނެތީ ހުއްދަނުދިނީ އެއްނު.
އަރުތަ
29 May 2021
މިހާރު އެމެރިކާ ރުހުނީ އުތަ!
ދުންދާނު
28 May 2021
އަދި ޑަބްލިޔު އެޗް އޯ ގެ ހުއްދަ ނުލިބޭ.
ސްމައިލީ
28 May 2021
މިކަމަށް އެދުނީމަ ރަޝިޔާ ހާދަ އުފާވެއްޖެހެން އެބަ ހީވެއޭ. މިގޮތް އޮންނާނެ އެހެން އެތައް ކަމެއްގަވެސް. ހަމައެކަނި އިންޑިއާވެގެން ތިބުމުގެ ބޭނުމެއް ނެތް.
ހެޔޮ ނުވާނެ
28 May 2021
އިންޑިއާއާއި ރާއްޖޭގެ ސިޔާސީ މީހާގެ މިސާލަކީ ވެން ލައްވައި ހަރުކޮންނަ ބޯވައިގެ މިސާލެވެ. ވެން ހަރުކޮނެދޭނީ ބޯވައިގެ އެއްފައި ވެނަށް ދިނީމައެވެ.. މިހާރު މިފެންނަ މަންޒަރު ތަކުން ފެންނަނީ ސިޔާސީ މީހާ މިވަނީ ގައުމުގެ އެއްފައި ވެނަށް ދޭނެ ކަމަށް ވަޢުދު ވެފައި ކަމެވެ.ވެކްސިންވެސް ތާށި ކުރަނީ އަދި އިތުރަށް ދަމައިގަތުމަށް މަޖުބޫރު ކުރުމަށެވެ.