ޖަނަވާރަށް ހާއްސަ ކޮވިޑް ވެކްސިންގެ ނަމަކީ "ކާނިވަކް-ކޮވް"
30 މެއި 2021 - 06:53
ޖަނަވާރުންނަށް ހާއްސަކޮށްގެން ރަޝިއާ އިން އުފެއްދި ކޮވިޑް-19 ގެ ވެކްސިން އެ ގައުމުގައި ދޭން ފަށައިފި އެވެ.
ރަޝިއާގައި ޖަނަވާރުންނާ ބެހޭ ކަންކަން ބަލަހައްޓާ އެޖެންސީ ރޮޒެލްހޮޒަންޑޯ އިން ބުނީ ޖަނަވަރުންނަށް ހާއްސަކޮށްގެން އުފެއްދި ކޮވިޑް "ކާނިވަކް-ކޮވް" ވެކްސިން އެ ގައުމުގެ ވަރަށް ގިނަ ހިސާބުތަކުގެ ޖަނަވާރުންގެ ކްލިނިކްތަކުގައި މިހާރު ދޭން ފަށާފައިވާ ކަމަށެވެ.
މި ވެކްސިނަކީ މިހާތަނަށް އުފެއްދި ޖަނަވާރުންގެ ފުރަތަމަ ކޮވިޑް ވެކްސިނެވެ. ވެކްސިން ދިނުމުގެ ކަންކަން މިހާރު ކުރިއަށްދާ އިރު ކަމާބެހޭ ފަރާތްތަކުން ބުނީ ވެކްސިނަށް ވަރަށް ގިނަ ގައުމުތަކުން މިހާރު ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އީޔޫގެ ގައުމުތަކާއި އާޖެންޓީނާ އާއި ދެކުނު ކޮރެއާ އަދި ޖަޕާން ފަދަ ގައުމުތައް ހިމެނެ އެވެ.
ރަޝިއާ އިން ޖަނަވާރުންނަށް ކޮވިޑް ވެކްސިން ދޭން ފެށި ނަމަވެސް މިހާތަނަކަށް ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް އަދި ޖަނަވާރުންގެ ފަރާތުން ޖަނާވަރުންނަށް ވެސް ބަލި ފެތުރޭކަމެއް ހޯދިފައެއް ނެތެވެ. އެކަމަކު ދާދި ފަހުން އިނގިރޭސިވިލާތުން ހަދާފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ އިންސާނުންގެ ފަރާތުން ބުޅަލަށް ކޮވިޑް ޖެހޭކަމުގެ ހެކިތައް އެބަހުރި ކަމަށެވެ.
މިދިޔަ އަހަރު ގިނަ ގައުމުތަކުގައި ކޮވިޑް ބަލި ފެތުރެން ފެށި ފަހުން ބައެއް ގައުމުތަކުގައި ޖަނަވާރުންނަށް ބަލި ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބުޅަލާއި ކުއްތާ އާއި ރާމާމަކުނު އަދި ސިންގާ ވެސް ހިމެނެ އެވެ
ރަޝިއާ އިން އުފެއްދި ޖަނާވަރުންގެ ކޮވިޑްގެ ވެކްސިންގެ އިމިއުނިޓީ މުއްދަތަކީ ހަ މަސް ދުވަހެވެ.
ރޮޒެލްހޮޒަންޑޯގެ އިސްވެެރިޔާ ޖޫލިއާ މެލާނޯ ވިދާޅުވީ "ކާނިވަކް-ކޮވް" ވެކްސިނަކީ ޕެޓް ގެންގުޅޭ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ.
"މިއީ ޕެޓްތައް ގޮވައިގެން ބޭރުތެރޭގައި އުޅުމަށާއި ދަތުރުފަތުރުކުރަން ވެސް މަގުފަހިވެގެން ދާނެ ކަމެއް." އޭނާ ވިދާޅުވި އެވެ.
ރަޝިއާ އިން އުފެއްދި ޖަނަވާރުންގެ ކޮވިޑް ވެކްސިން ބޭނުންކުރަން ފެށި އިރު ޖަނަވާރުންގެ ބޭސްތައް އުފައްދާ އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ޒޫޓިސް އިން ވެސް އަންނަނީ ޖަނަވާރުންގެ ކޮވިޑް ވެކްސިނެއް އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ.
ރަޝިއާ އަކީ ކޮވިޑްގެ ވެކްސިން އެންމެ ފުރަތަނަ އުފައްދައި ބޭނުން ވެސް ކުރަން ފެށި ގައުމެވެ. އެ ގައުމުން އުފެއްދި ވެކްސިންތަކުގެ ތެރޭގައި މިހާރު ގިނަ ގައުމުތަކުގައި ހުއްދަ ދީފައިވާ "ސްޕަޓްނިކް ވީ" ވެކްސިން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކެޓް
31 May 2021
ބަލީގެ ކުރީކޮޅު އެކި ސައިންޓިފިކް ލިއުންތަކުގަ ހުރި ޖަނަވާރުންނަށްވެސް ކޮވިޑް ބަލިޖެހޭ ވާހަކަ. ބައެއް ޒުލުގަ ހުރި ޖަނަވާރުތަކަށްވެސް ޖެހުނު. އަދި ބައެއް ގައުމުތަކުގަ ފާމް އެނިމަލްސްގެ ފަރާތުން އިންސާނުންނަށް އަރާފަ ހުރިކަމަށްވެސް ލިއެފަ ހުރި.
އެލެކްސް ނަވަލްނީ
30 May 2021
ދިވެހިރާއްޖޭގައި އުޅޭ ޖަނަވާރުން ގެ ގަޔަށް މިޖަހަން އޯޑަރު ކުރަންވީނު.