30 މެއި 2021 - 06:52
އޮސްޓްރޭލިއާގެ ނިއު ގިނީ އިން އާ ވައްތަރެއްގެ ބޮކެއް ސައިންޓިސްޓުންނަށް ފެނިއްޖެ އެވެ.
މި ބޮކަކީ ކުރިން އޮސްޓްރޭލިއާ އިން ފެނިފައިވާ ގްރީން ޓްރީ ފްރޮގާ ދާދި އެއް ސިފައެއްގެ ބޮކެއް ނަމަވެސް މީގެ ކުލަ އާއި ސައިޒް އެ ވައްތަރުގެ ބޮކާ ތަފާތެވެ. "ލިޓޯރިއާ މިރާ" ގެ ނަން ދިން ބޮކުގައި މުޅިން ވެސް ހުންނަނީ އޮފުކަން ގަދަ ޗޮކްލެޓް ކުލައެކެވެ. ވަނަމަކަށް "ޗޮކްލެޓް ފްރޮގް" އޭ ކިއީ ވެސް އެ ސަބަބާ ހުރެ އެވެ.
އޮސްޓްރޭލިއާގެ ގްރީން ޓްރީ ފްރޮގަކީ ބޮޑުމިނުގައި އެވްރެޖްކޮށް 7-8 ސެންޓިމީޓަރު ހުންނަ އެއްޗަކަށް ވިޔަސް އަލަށް ފެނުނު ބޮއް އެއަށް ވޔުރެ ކުޑަ އެވެ. އަދި މީގެ ދެ ލޮލުގެ ވަށައިގެ ވަރަށް މަޑު ދަނބުލައެއްގެ ފަށަލައެއް ހުރެ އެވެ. އަދި އެ ބާވަތުގެ ބޮކަކީ އާންމުކޮށް ނިއު ގިނީގެ ބިންތިރި ޖަންގަލިތަކުގެ ތެރޭގައި އުޅޭ އެއްޗެކެވެ.
ސައުތު އޮސްޓްރޭލިއަން މިއުޒިމްގެ ބޮކާ ބެހޭ ސްޕެޝަލިސްޓް ސްޓީވް ރިޗަޑްސް ވިދާޅުވި ގޮތުގައި "ޗޮކްލެޓް ފްރޮގް" ގެ ނިޝާންތަކެއް އެންމެ ފުރަތަމަ ފާހަގަކުރެވުނީ 2016 ގަ އެވެ. އެކަމަކު މި ބާވަތުގެ ބޮއް އުޅޭ ކަމަށް ފާހަގަކުރެވިފައި ވަނީ ކިނބޫ ފަދަ ނުރައްކާތެރި އެއްޗެހި ދިރިއުޅޭ ކިސަޑު ހުންނަ ތަޢައްޔަރު ތަންތަނުގައި ކަމަށްވާތީ "ޗޮކްލެޓް ފްރޮގް" ހޯދަން ކުރިން ކުރި މަސައްކަތް ކާމިޔާބުނުވެ އޮތީ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު މިހާރު ގަބޫލުކުރެވޭ ނިއު ގިނީ އާއި އޮސްޓްރޭލިއާ އެހެން ސަރަހައްދުތަކުގައި ވެސް މި ބޮއް އުޅޭނެ ކަމަށް،" ސްޓީވް ވިދާޅުވި އެވެ.
އެހެންވެ ރަސްމީ ނަމަކަށް "ލިޓޯރިއާ މިރާ" ކިޔާފައިވާ "ޗޮކްލެޓް ފްރޮގް" އަކީ އާ ވައްތަރެއްގެ ބޮކެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
މި ބޮކާއި ގްރީން ޓްރީ ބޮކާ ވައްތަރު ގޮތެއް ހުންނާތީ މީގެ ޖެނެޓިކް މުހިއްމު އިތުރު މައުލޫމާތުތަކެއް ވެސް ވަނީ ހޯދައިފަ އެވެ. މިކަމުގެ ތެރެއިން ސާފުކުރަން ބޭނުންވި އެންމެ މުހިއްމު އެއް ސުވާލަކީ ގްރީން ޓްރީ ފްރޮގް ޗަކަ ތަންތަނުގައި އުޅުމުން ކުލަ ބަދަލުވަނީތޯ ނުވަތަ ޗޮކްލެޓް ފްރޮގަކީ ހަމަ މުޅިން އާ ވައްތަރެއްގެ ބޮކެއްތޯ ބެލުމެވެ. މި މަސައްކަތުގައި އިސްކޮށް އުޅުއްވި ކްއީންސްލޭންޑް މިއުޒިއަމާއި ގްރިފިތު ޔުނިވަސީޓީގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ޕޯލް އޮލިވާ ވިދާޅުވި ގޮތުގައި ދެ ބޮއް އަޅާކިޔާ އިރު ތަފާތުތަކެއް އެބަހުރި ކަމަށެވެ.
"އޭގެ ތެރޭގައި ސައިޒާއި ލޮލުގައި ހުރި ހާއްސަ ސިފަތައް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
އޮލިވާ ވިދާޅުވި ގޮތުގައި "ޗޮކްލެޓް ފްރޮގް" އަށް "ލިޓޯރިއާ މިރާ" ކިޔާފައިވާ އިރު "މިރާ" ގެ ގެ މާނަ އަކީ ލެޓިން ބަހުން ސަޕްރައިޒް/ސްޓްރޭންޖް އެވެ. އެހެންވެ އެއީ އާ ބޮކުގެ ކުލަ އާއި ސިފައާ ވަރަށް ގުޅޭ ނަމެއް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
30 May 2021
މިގޮތަށް ދެން ޗޮކްލެޓް ކޭކެއް އެޅޭތޯދެންބަލާނެއެވެ.