ޝާހްރުކް.
31 މެއި 2021 - 07:12
ޝާހްރުކްގެ ޚާންގެ ފިލްމު "ޕަތާން" ގެ ޝޫޓިންގެ 60 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި ބާކީ އޮތް 40 ޕަސެންޓްގެ ތެރެއިން ވަރަށް ބޮޑު ބައެއް ޔޫރަޕްގެ ތިން ގައުމެއްގައި ނަގާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރިން މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ތުރިލާގެ މަންޒަރުތަކެއް ރަޝިއާ އާއި ފިންލޭންޑާއި އިނގިރޭސިވިލާތުގައި ނަގާނެ އެވެ. އެކަމަކު ޝޫޓްކުރާނެ ގައުމުތަކީ އެއީކަން އަދި ކަށަވަރުނުވާ ކަމަށާއި ވަރަށް އަވަހަށް ފިލްމުގެ ޓީމުން އެކަން ނިންމާނެ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ޝޫޓިން ފެށި "ޕަތާން" ގެ 60 ޕަސެންޓް ނިންމި އިރު މުމްބާއީގެ އިތުރުން ޔޫއޭއީގައި ވެސް މަންޒަރުތަކެއް ނެގި އެވެ. ހަންގާމާ އިން ބުނި ގޮތުގައި އިންޑިއާގެ ކޮވިޑް-19 ގެ ހާލަތު ގޯސްވެގެން ފިލްމުގެ މަސައްކަތް މިހާރު މަޑުޖެހިފައި އޮތަސް އަންނަ މަހުގެ 15 ހިސާބުގައި އަލުން ޝޫޓިން ފަށާނެ އެވެ. އެހެންވެ އެކަމަށް ތައްޔާރުވުމުގެ ގޮތުން ފިލްމުގެ ކާސްޓާއި ކްރޫގައި ހިމެނޭ އެންމެންނަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ދުރާލައި ފަށާފައިވެ އެވެ.
"ޕަތާން" ގެ ކާސްޓްގައި ޖޯން އަބްރަހަމާއި ދީޕިކާ ޕަދްކޯނާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ. އަދި މީގެ ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެންނާނެ އެވެ.
އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ "ޕަތާން" އަކީ އެ ސްޓޫޑިއޯގެ 2019 ގެ "ވޯ" ގެ ޑައިރެކްޓަރު ސިދާތު ހަދާ ފިލްމެކެވެ. ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް އަދި ވާނީ ކަޕޫރް ލީޑް ރޯލު ކުޅުނު އެ ފިލްމަކީ އެ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފިލްމަށްވާތީ، "ޕަތާން" އާ މެދު ކުރެވޭ އުންމީދުތައް ވެސް ވަރަށް ބޮޑެވެ.
ޖޯން، ދީޕިކާ އަދި ޝާހްރުކް.
އަނެއްކޮޅުން މި ފިލްމަކީ 2018 ގެ "ޒީރޯ" އަށް ފަހު ޝާހްރުކް ފެންނާނެ ފުރަތަމަ ފިލްމެވެ. "ޕަތާން" އަކީ އޭނާ ސިދާތާ އެކު މަސައްކަތްކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
މި ފިލްމަށް ފަހު ސިދާތު ހަދަން އޮތް ފިލްމަކީ ދީޕިކާ އާއި ރިތިކާ އެކު ގެނެސްދޭން ނިންމާފައިވާ އޭރިއަލް ތުރިލާ "ފައިޓާ" އެވެ. އެ ފިލްމު ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 އަށެވެ.
އެކަމަކު އަދި "ޕަތާން" ރިލީޒްކުރާނެ ތާރީހެއް އިއުލާނެއް ނުކުރެ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy