އެމްޑީޕީން 2010 ގައި ވަކާލާތުކުރީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރުމާ ދެކޮޅަށް. އެކަމަކު، އެ ޕާޓީން އޭރު އެކަމަށް އިސްވެ ވަކާލާތު ކުރެއްވި ބޭފުޅުން މިހާރު ވާހަކަ ދައްކަވަނީ އެއާ ދިމާ އިދިކޮޅަށް.
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި އުޝާމް ވާހަކަ ދައްކަވަނީ.
04 ޖޫން 2021 - 23:03
ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް އެމްޑީޕީން މިހާރު ވަކާލާތުކޮށް، އެ ކަމަށް މި ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރިޔަސް ހަގީގަތަކީ އެ ޕާޓީ ވެރިކަމުގައި އޮތް އިރު އެކަން ގަބޫލު ނުކުރުން ކަމަށް އޭރު ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތް ކުރެއްވި އަދި ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، 2010 ގައި ސުޕްރީމް ކޯޓުން ލަފައެއް ހޯދަން ޖެހުނީ ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރެވޭނެ ކަމަށް އެމްޑީޕީގެ ވެރިން އޭރު ގަބޫލު ނުކުރެއްވުމުން ކަމަށާއި އެކަމަކު ހަމަ އެ ބޭފުޅުންގެ ބަސްމަގު، މިހާރު ހާލަތު ބަދަލުވުމުން މުޅިން ތަފާތުވެއްޖެ ކަމަށެވެ.
ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަހުސް އަނެއްކާވެސް ގަދަވީ، ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް އެމްއެންޑީއެފުން ބުނުމުންނެވެ.
އުޝާމް "މިހާރު" އަށް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވައި، ގައުމުގެ ދިފާއަށް ނުރައްކާވެފައިވާ ކަމަށް ބުނެ ސަރުކާރާ އިދިކޮޅު ސިޔާސީ ބައެއް މީހުން ހައްޔަރުކޮށް ކުރި ތަހުގީގަށް، ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އޭރު ތިއްބެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދު އަށް ގެންދިޔަ ކަމަށެވެ.
ނަޝީދުގެ ވެރިކަމުގައި އޭރުގެ މަޖިލީހުން ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރުމާ ގުޅޭ ގޮތުން ގާނޫނީ ލަފަޔަކަށް އެދުނީ އެ މައްސަލައިގެ ތަހުގީގު ތެރެއިންނެވެ.
އެ ފަހަރު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ކޮމިޓީން އެދުނީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލު އެ ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ. އެ ނިންމުމާ ގުޅިގެން އެ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަދި އެންމެ ފަހުން މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދު މީޑިއާގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ އޭރުގެ ކައުންސެލް ޖެނެރަލް އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ލަފައަކީ ވެސް އެއީ ކަމަށެވެ.
ނަމަވެސް މަގާމުން އެކަހެރިވުމަށް ފަހު، ޑރ. އަހްމަދު އަބްދުﷲ ދީދީ އެ މައްސަލައިގައި ދެކެވަޑައިގަންނަވާ ގޮތް މިހާރު ވަނީ ތަފާތުވެފަ އެވެ. އޭނާގެ މިހާރުގެ ވިސްނުމަކީ ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ނުޖެހުމެވެ.
އުޝާމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެ ލަފާ ދެމިއޮތްހާ ހިނދަކު ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެވެން ޖެހޭނެ ކަމަށެވެ.
"ގާނޫނު އަސާސީގެ 98، 99، 239، 242 މި މާއްދާތަކަށް އެއްކޮށް ބެލުމުން ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރެވިދާނެ ކަމަށް ނުފެނޭ. ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާން ވާނީ ކަމާބެހޭ ވަޒީރު. ވަޒީރުގެ މަގާމު ހުސްވެފައިވާ ހާލެއްގައި ޗީފް އޮފް ޑިފެންސް ފޯސް،" އަހުމަދު އަބްދުﷲ ދީދީ އިއްޔެ ވިދާޅުވި އެވެ.
މިކަމުގައި 2010ވަނަ އަހަރު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދެން ޖެހުނީ ސިފައިންނާއި ފުލުހުންގެ ވަކިވަކި އޮފިސަރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ނުޖެހޭނެކަމަށް ރައީސް ނަޝީދުގެ ސަރުކާރުން އޭރު ބުނުމުން. އެދުވަހު އެގޮތަށް އެވާހަަކަ ދެއްކި މީހުންގެ ބަސް މިއަދު ދިމާ އިދިކޮޅު!! https://t.co/qgZgFulASO
— Ahmed Usham (@a_usham) June 4, 2021
އުޝާމްގެ ޓުވީޓް
ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށްޓަކައި އޭރުގެ ސިފައިގެން އިސްވެރިޔާ މޫސާ އަލީ ޖަލީލްގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހު ވެސް އެ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް އެންގެވި އެވެ.
"އެމްޑީޕީ ވެރިކަމުގައި އޭރު އޮތް އިރު އެ ބޭފުޅުން ބޭނުމެއް ނުވި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރާކަށް. އެކަމަކު، މިހާރު އެ ޕާޓީގެ އިސްބޭފުޅުން މި ވިދާޅުވަނީ ވަކިވަކި ސިފައިން މަޖިލިހަށް ހާޒިރު ކުރެވޭނެއޭ. އެގޮތަށް އަހުމަދު އަބްދުﷲ ދީދީ ވެސް ވާހަކަ މި ދައްކަވަނީ. އޭރު ވިދާޅުވި ގޮތަކަށް ނޫން މިހާރު ވާހަކަ މި ދައްކަވަނީ،" ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރު އުޝާމް ވިދާޅުވި އެވެ.
"އެހެންވީމާ އެ ކަމަކަށް ވުރެ ބޮޑަށް މި ބޭފުޅުން މި ބުރަވަނީ އެ ވަގުތެއްގައި އެ ބޭފުޅުން ތިއްބަވާ ވިސްނުމަކަށް."
ވަކިވަކި ސިފައިން މަޖިލީހުގެ ކޮމިޓީ އަށް ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުންޏަސް، ސުޕްރީމް ކޯޓުން ކުރިން މަޖިލީހަށް ލަފާދީފައި އޮތީ ވަކިވަކި ސިފައިން ވެސް ކޮމިޓީ އަށް ޖަވާބުދާރީ ކުރުވޭނެ ކަމަށެވެ.
އުޝާމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެ ލަފާ ދެމިއޮތްހާ ހިނދަކު ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެވެން ޖެހޭނެ ކަމަށެވެ.
"ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި 99 ވަނަ މާއްދާގެ ދަށުން ވަކިވަކި ސިފައިން މަޖިލީހަށް މިހާރު ވެސް ހާޒިރު ކުރެވޭނެ ކަމަށް އަޅުގަނޑު ދެކެނީ،" އުޝާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހު ހައެއްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ ތަހުގީގުގައި ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ނިންމި ނިންމުމަށް ނަޝީދު ވެސް މިއަދު ވަނީ ރައްދު ދެއްވައިފަ އެވެ.
ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ހިންގާ ތަހުގީގަށް ޖަވާބުދާރީވާނީ އެމްއެންޑީއެފުން ކަމަށާއި ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް އެމްއެންޑީއެފުން އިއްޔެ ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވަކިވަކި ސިފައިން އަމަލުކުރި ފުރިހަމަ ގޮތް ފޮރުވުމަށްޓަކައި ސިފައިންގެ ވެރިންނަށް ކަންކަން ނިންމުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި އެ މަނިކުފާނަށް ހަމަލާދިން ވަގުތު އަރިހުގައި ތިބި ސިފައިންގެ ބަސް ނުބުނެވޭނެ ގޮތަކަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށް ނަޝީދުގެ ޓްވީޓްގައިވެ އެވެ.
ނަޝީދަށް ދިން ހަމަލާގައި އެ މަނިކުފާނަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް މިހާރު ހުުންނެވީ ޖަރުމަނުގަ އެވެ. އެ ހަމަލާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް، ފުލުހުން ގެންދަނީ ތަހުގީގު ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނާ
05 June 2021
ތިލަފަތުން އެމީހުން ކުރާ މާނައަކީ ކިރާނީ ްެމީހުން ބޭނުންގޮތްކަށޭ
ކްރޯޑް
05 June 2021
އަހުން އަޖައިބުވަނީ ބަލިމަޑުކަމެއް ފެތުރި ދުވާލަކު ހައެއް ހަތެއްމީހުން މަރުވަމުން ދާއިރުވެސް ތިޔަ މަޖްލިސުން އެކަމާ ބެހޭ ގޮތުން އެއްވެސް ކަމެއް ނުކޮށް ރޫޙާނީ ލީޑަރގެ ކަންތައް އިސްކޮށްގެން އުޅޭތީ , އޭނަގެ ކަންތައްވެސް ބަލަންވާނެ އެކަމަކު އެއްދުވަހެއްގަ 13މީހުންގެ މަރުވެގެން ދިޔަ އިރުވެސް ހަމަ ޗުޕްވެސް ބުނެ ނުލާ . ތިޔައީ ރައްޔިތުންގެ މަޖްލިސް އެއް ނޫން ޚުދުމުޚްތާރު މަޖްލިސެއް
އަރިކަށިފިކުރު
05 June 2021
މިދެން ކިހާ ދެރަކަމެއް. މުޅި ދައުލަތަކީ ނަސީދުތަ. މި ނުރައްކާތެރި ޕެންޑަމިކްގައި ހުރިހާ މުއައްސަސާތަކާ ސަލާމަތީ ބަރުތައް އެމީހަކަށްޓަކައި ހުއްޓިފަ އޮންނަން. ދުވަލަކު އެތައްބަޔަކު މަރުވަމުން އެދަނީ. އެފުރާނަތަކުގެ އަގުނެތީތަ. ނިޒާމުގެތެރެއިން އެކަންވެސް ބަލާނިންމަން ޗާންސް ނުދެވިގެން މިއުޅެނީ ކީއްވެ. ކޮންދި،ާލަކަށް ނަތީޖާ އަނބުރާލާ ކޮންބައެއްގެ އޮފުކަނޑުވާލަން މިއުޅެނީ. ދައުލަތުގެ ސަލާމަތީ ބަރުތައް ރޭޕުކޮށްގެން ހާސިލުކުރަން މިއުޅެނީ ކޮންކަމެއް،
ކިކީ
05 June 2021
އެމްޑީޕީއަކީ އަބަދުވެސް އެއިރަކު އޮންނަ ސަރުކާރެއްގެ ކަންކަމާ އިދިކޮޅަށް ދެއްކި ވާހަކައެއް އަމިއްލަ ވެރިކަމުގައި ދިމާވާއިރަށް ރާގު ބަދަލުވާ ބައެއް. މައުމޫނޭ މިހާރު ކިޔާ އަޑެއް ނީވޭނު. އެކަމު 30 އަހަރުގެ ޑިކްޓޭޓަރަކު ވެރިކަމުގެ ހުރެގެން ނުނިދިގެން ވެރިކަން ބަދަލުކޮށްފަ އެވެރިކަމުގަ ދިން އަނިޔާތައް ނުބެލިގެން ތެޅިފޮޅިފަ މިހާރު ހަމަ އަރާމުގަ ނިދާލާ އެއުޅެނީ. ޔާމީންކިޔާ އެންގަނޑެއް ލިބުނުފަހުން އޭގެ ކުރީގަ ނުބޭނިގެން އުޅުނު މަސް ފަހުން ބާނާކަށް ނޫޅޭ
ވައިނޮޅި
05 June 2021
އެމްޑީޕީން މިހާރު އެޖަހާ ސަކަރާތަކީ އެމީހުން އެމީހުންނަށް ހަސަދަވެރިވެ ފުރައްސާރަ ކުރުން ރައްޔިތުްނަށް ޚިދުމަތްކުރަން ލިބިފައި އޮތް ރަނުގެ ފުރުޞަތު ނަގާލާ ބޭކާރުގޮތުގައި ވަގުތު ދުއްވާލުން ސިޔާސީން ތިބިކަންމި އެނގެނީ އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ފާޑު ކިޔައިގަތީމަ އެމީހުން ޚިދުމަތުން ނުފެނޭ މިއޮއްފަދަ ކޮވިޑުގައިވެސް 30 ޙާހުން މަތިން ނަގައިގެން ސިޔާސީން ރަޖާލައިގެން ގޭގަ އެއަކަލަ އަޑުނެތް ސިވިލް ސަރވަންޓުން ގޮސްގެންނޭ ޓަސްކްފޯސްވެސް ހިންގަނީ
ކޮއްކަލެފުތާ
05 June 2021
ނޫން .ހާލަތާއި ދިމާވެގެން މިއުޅޭ މައްސަލަތައް މާބޮޑަށްވެސް ތަފާތު. އޮޅުވާލަން ނޫޅޭ. ގާނޫތައް ތަންފީޒްކޮށް އެއަށް ފިޔަވަޅު އަޅަނީ ކިހާވަރަކަށްތޯ ބަލާ. ނުހުއްޓުވާ .. އަޅާނުލާ ނުތިބޭ. ކުރިއަސް އޯކޭނޫން ..ނުކުރިއަސް އޯކޭ ނޫން ނިޒާމް ދޫކޮށްލާ..ޕްރިންސިޕަލް ބޭސްޑް މެމްބަރަކަށް ވެވޭތޯ ބައްލަވާ
ބަނޑޭރި
05 June 2021
ބުނަން ރަނގަޅު ވާހަކައެއް. މިގައުމުގައި އަބަދުވެސް ކަންކަން ހަމަޖެހިފަ އޮންނަނީ އެއިރެއްގަ ސަރުކާރުގަ ތިބޭ އިސްވެރިންނަށް ކަންކަން ރަނގަޅުވާގޮތަށް. އެހެންވީމަ ތިވާހަކަ ދައްކަންހަދާނެ ކަމެއްނެތް. އަހަރުމެން އާދައިގެ ރައްޔިތުމީހާގެ އަނގަގޮއްވާކަށް. މިގައުމުގައި ކިތަންމެ މަރެއް ކިތަންމެ މާރާމާރީއެއް ހިނގާފި. ތިޔަޒާތުގެ ވާހަކަދައްކާލި މީހަކު ނެތް. ސިލެކްޓިވް ޖަސްޓިސް. ހުސް ޑިކްޓޭޓަރުން
އެމްސް
05 June 2021
ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ކުރިއަރުވަން ކަމުދާ ކަހަލަ މީހުން މަޖިލިހުގަ ގިނަ!
ހަމަހމ
05 June 2021
ތިކަމުގައި ހައްތަހައިވެސް އުޅުއްވަނީ ސިޔާސަކުދިން. ވަގުތާއި، ކޮޅުބަދަލުވީމަވާގޮތް ކޮންމެބަޔަކަށްވެސް ވާނެއެވެ. އެއީ ވަކިމީހަކަށް، ވަކިބަޔަކަށް ވާގޮތެއްނޫނެވެ. މިއީ ޢާންމުކަމެކެވެ. ހުޝާމަށްވެސް ނުވާ، ނުވަތަ ނުވާނެގޮތެއްކަމުގައި ޤަބޫލެއްނުކުރެވެއެވެ.
ޖަމަލު
05 June 2021
އެމްޑީޕީ އަކީ ބަހާ އަމަލާ ދިމާ ނުވާ ބައެއް. ހުސް ދޮގާއި މަކަރާ ފަސާދަ. އެ ނޫން ކަމެއް ނުދަނޭ. ނަމުން ޑިމޮކްރެޓިކް ކަމުން ހުދުމުހުތާރު