09 ޖޫން 2021 - 06:41
މި އަހަރުގެ ކުރީކޮޅު ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލާފައިވާ ޓައިގާ ޝްރޮފްގެ ފިލްމު "ހީރޯޕަންތީ 2" ގެ ސްޓަންޓް ޑައިރެކްޓަރަކަށް ހޮލީވުޑްގެ ވަރުގަދަ ސްޓަންޓް ޑައިރެކްޓަރަކު ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
ބޮލީވުޑްގެ ހަންގާމާ އިން ބުނި ގޮތުގައި އެހުމަދު ޚާން ޑައިރެކްޓްކުރާ ފިލްމުގެ ދެވަނަ ޝޫޓިން ޝެޑިއުލަށް އަންނަ މަހު ރަޝިއާ އަށް ދާން ވަނީ ނިންމައިފަ އެވެ. ހޮލީވުޑްގެ ޖޭމްސް ބޮންޑް ފްރެންޗައިޒްގެ 2012 ގެ ފިލްމު "ސްކައިލްފޯލް" ގެ އިތުރުން ދަ ބޯން އަލްޓިމޭޓަމް (2007) އާއި ބޯން ސުޕްރީމަސީ (2004) ފަދަ ވަރުގަދަ ފިލްމުތަކުގެ ސްޓަންޓްތައް ޑިޒައިންކުރި މާޓިން އިވާނޯއާ އެކު މިހާރު އަންނަނީ ރަޝިއާގައި ނަގާ ވަރުގަދަ އެކްޝަން މަންޒަރުތަކާ ބެހޭ ގޮތުން މަޝްވަރާކުރަމުންނެވެ.
ހަންގާމާ އިން ބުނި ގޮތުގައި އޭނާގެ ކުރިން މަޝްހޫރު ބައެއް އެހެން ސްޓަންޓް ޑައިރެކްޓަރުންނާ ވެސް ވާހަކަތަކެއް ދެކެވިފައިވެ އެވެ. އެކަމަކު "ހީރޯޕަންތީ 2" ގެ ކްރޫއާ ގުޅުމުގެ ފުރުސަތު ބޮޑީ އިވާނޯ އެވެ.
މި ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމަކަށްވާތީ ހޮލީވުޑްގެ ވަރުގަދަ މީހުން އޭނާގެ ފިލްމުތަކުގައި ބައިވެރިކުރުމަކީ މާ އުނދަގޫ ކަމެއް ވެސް ނޫނެވެ. ސަބަބަކީ ސާޖިދާއި ހޮލީވުޑްގެ ފަންނާނުންނާ އަބަދު ވެސް ވަރުގަދަ ގާތް ގުޅުމެއް އޮތުމެވެ.
މީގެ ކުރިން ވެސް އޭނާގެ ބައެއް ޕްރޮޖެކްޓްތަކުގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި އިންޓަނޭޝަނަލް ފަންނާނުން މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން ސިލްވެސްޓާ ސްޓެލޯން ހާއްސަ ފެނިލުމަކުން ފެނުނު އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރްގެ 2009 ގެ ފިލްމު "ކަމްބަކްތު އިޝްގް" ފާހަގަކޮށްލެވެ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި "ހީރޯޕަންތީ 2" ގެ ޓީމް އަންނަ މަހު ރަޝިއާ އަށް ފުރުމުގެ ކުރިން އޭގެ ކާސްޓާއި ކްރޫގައި ހިމެނޭ އެންމެން ވެކްސިން ދީ ނިންމާނެ އެވެ. މަސައްކަތް ފަށާފައި އަދި ފަށަން ތައްޔާރުގައި ހުރި ސާޖިދުގެ ޕްރޮޑަކްޝަންތަކުގައި މަސައްކަތްކުރާ މީހުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ތާރާ ސުތާރިިއާ ބަތަލާގެ ރޯލު އަދި ނަވާޒުއްދީން ސިއްދީގީ ވިލަންގެ ރޯލު ކުޅޭ "ހީރޯޕަންތީ 2" އަކީ މި އަހަރުގެ ޑިސެމްބަރު 3 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. މި ފިލްމަކީ ޓައިގާގެ އަލަތު ފިލްމު 2014 ގެ "ހީރޯޕަންތީ" ގެ ސީކްއެލް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy