މުނިފޫހިފިލުވުން / އެކްޓްކުރުން

ޕާލް ހައްޔަރުކުރީ ފިލްމަކަށް ސޮއިކުރަން އުޅެނިކޮށް: ދިވްޔާ

ޕާލް އަދި ދިވްޔާ.

އިންޑިއާގެ މަޝްްހޫރު ޓީވީ އެކްޓަރު ޕާލް ޕޫރީ ރޭޕްގެ ތުހުމަތަށް ހައްޔަރުކުރީ ފިލްމަކަށް ސޮއިކޮށް، ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން ދަނިކޮށް ކަމަށް ޑައިރެކްޓަރު/ބަތަލާ ދިވްޔާ ކޯސްލާ ކުމާރު ބުނެފި އެވެ.

މިދިޔަ ހަފުތާގެ ހުކުރު ދުވަހު ޕާލް، 31، އުމުރުން ފަސް އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް ބުނެ ހައްޔަރުކުރުމާ އެކު ޓީވީ އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު އޭނާގެ ދިފާއުގައި ދަނީ ވާހަކަދައްކަމުންނެވެ. ދިވްޔާ އަކީ ޕާލްގެ ދިފާއުގައި އެންމެ ގަދައަށް ވާހަކަ ދައްކާ އެކަކެވެ.

އިންޑިއާގެ އެންމެ ބޮޑު މިއުޒިކް ކުންފުނި އަދި ކާމިޔާބު ފިލްމު ކުންފުނި ޓީ ސީރީޒް މިހާރު ހިންގާ ޕްރޮޑިއުސަރު ބުޝަން ކުމާރުގެ އަންހެނުން ދިވްޔާ އަކީ މިދިޔަ އަހަރު ޕާލްއާ އެކު "ތެރީ އާނކޯ މޭ" ކިޔާ ވީޑިއޯ ލަވައެއް ވެސް ކުޅުނު މީހެކެވެ.

ޖޯން އަބްރަހަމްގެ ކުރިއަށް އޮތް ފިލްމު "ސަތިއަމޭވް ޖަޔަތޭ 2" ގެ ބަތަލާ ވަނީ ޕާލް އަށް ކުރާ ތުހުމަތު ގަބޫލުނުކުރާ ކަމަށް ބުނެ ޝިކާރައަކަށްވި ކަމަށް ބުނާ ކުއްޖާގެ މައިންބަފައިންގެ ފޮޓޯ ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށް، އެ އާއިލާ އަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ދިވްޔާ ބުނި ގޮތުގައި އޭނާ އަކީ ވަރަށް ރަނގަޅަށް ޕާލް ދަންނަ މީހެކެވެ. އަދި ކުޑަކުއްޖަކު ރޭޕްކުރުން ފަދަ ބޭއަދަބީ ކަމެއް އޭނާ ނުކުރާ ކަމަށް ބުންޏެވެ.

"ޕާލް އަކީ ޓީވީ އިންޑަސްޓްރީން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދި އެކްޓަރެއް. އޭނާގެ މައްޗަށް ރޭޕްގެ ތުހުމަތުކުރި އިރު، ފިލްމަކަށް ވެސް ސޮއިކުރަން ވެސް ދިޔައީ ތައްޔާރުވަމުން،" ސަނަމް ރޭ އާއި ޔާރިޔާން ޑައިރެކްޓަރު ދިވްޔާ ބުންޏެވެ.

އޭނާ ބުނީ މިހާރު މީސްމީހުންގެ މައްޗަށް ސާބިތު ނުހިހޭ ތުހުމަތުތައް އަޅުވަނީ ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް ފަށާފައި އޮތް #މީޓޫ މޫވްމަންޓްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށެވެ.

"މިއީ ހަގީގަތުގައި ވެސް ވަރަށް ސީރިއަސް މައްސަލައެއް. މައުސޫމު މީސްމީހުންގެ ދިރިއުޅުން ހަލާލުކޮށްލަން މިހާރު މީޓޫގެ ބޭނުން ނާޖާއިޒު ގޮތުގައި އެބަ ހިފާ. އަހަރެން ހަމަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން ޕާލް އަކީ އެހާ ދަށު ދަރަޖައިގެ ކަމެއް ކުރާނެ މީހެއް ކަމަކަށް،" ދިވްޔާ ބުންޏެވެ. "އަހަރެން ދަންނަ ޕާލް އަކީ އަބަދު ވެސް ވަރަށް ޑިސިޕްލިން އަދި އެހާމަ ރަނގަޅު ޒުވާނެއް. ދޮގު ތުހުމަތުތަކުގައި މީސްމީހުންގެ އަނބުރާއި އިއްޒަތް ކަތިލައި، މީސްމީހުންގެ އާއިލާތައް ހަލާކުކުރަން މީޓޫ ބޭނުން ކުރުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް."

އޭނާ ބުނި ގޮތުގައި ޕާލްގެ ދިފާއުގައި ގިނަ ބަޔަކު ވާހަކަ ދައްކަނީ އޭނާގެ ހަގީގަތް އެނގޭތީ އެވެ. އެގޮތުން ޕްރޮޑިއުސަރު އެކްތާ ކަޕޫރް ފަދަ މީސްމީހުން ވެސް ޕާލްގެ ދިފާއިގައި ވާހަކަ ދެއްކުމަކީ އުފާކުރާ ކަމެއް ކަމަށް ބުންޏެވެ.

އެކްތާ ވަނީ ޕާލް ހައްޔަރުކުރުމާ އެކު އޭނާގެ މައްޗަށް ކުރާ ރޭޕްގެ ތުހުމަތުގައި އަސްލެއް ނެތް ކަމަށާއި ޝިކާރައަކަށްވި އަންހެން ކުއްޖާގެ އާއިލާ އިން ވެސް އެކަން ސާފުކޮށް ދީފައި ކަމަށް ބުނެފަ އެވެ. ނަމަވެސް އެ މައްސަލަ ބަލާ ފުލުހުންގެ ޓީމުން ވަނީ އެކްތާގެ ވާހަކަތަކުގައި އަސާސެއް ނެތް ކަމަށާއި ޕާލްއާ ދެކޮޅަށް ހެކިތައް ވެސް ލިބިފައި ހުރި ކަމަށް ބުނެފަ އެވެ.

ހުކުރު ދުވަހު ޕާލް ހައްޔަރުކޮށް، ބަންދުގެ މުއްދަތަށް 14 ދުވަސް ޖަހާފައިވާ އިރު އޭނާގެ މައްޗަށް ކުޑަކުއްޖަކު ރޭޕްކުރިކަމިގެ ދައުވާ ވެސް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޓީވީ އިންޑަސްޓްރީގެ ގިނަ ބަޔަކު ޕާލް އަށް އިންސާފު ހޯދައިދޭން ގޮވާލައި މިހާރު ސޯޝަލް މީޑިއާ #އައިސްޓޭންޑްވިތުޕާލް އަދި #ޖަސްޓިސްފޯޕާލްގެ ނަމުގައި ކެމްޕޭން ވެސް ކުރަމުން އަންނަ އިރު، ޝިކާރައަކަށްވި ކުއްޖާގެ މަންމަ އަދި ޓީވީ ބަތަލާ އެކްތާ ޝަރުމާ ވެސް އެ މައްސަލާގައި ބަޔާނެއް އާންމުކޮށްފައިވެ އެވެ.

އިންސްޓަގްރާމްގައި އާންމުކުރި ބަޔާނުގައި ބުނީ ދަރިފުޅު ރޭޕްކުރި މައްސަލާގައި ހަނު ހުންނަނީ ބަލިކަށިކަމުން ނޫން ކަމަށާއި އޭނާ ބޭނުންވަނީ ކޯޓުން އިންސާފު ކަމަށެވެ. އަދި މައްސަލާގައި ބަޔާން ދޭންޖެހޭ ހުރިހާ ފަރާތްތަކަށް ބަޔާން ދީފައިވާނެ ކަމަށާއި މައްސަލަ ތަހުގީގުކޮށް ކޯޓު މަރުހަލާއިން ކަމުގެ ހަގީގަތް ސާފުވާނެ ކަމަށް ބުންޏެެވެ.

"އަހަރެން ކޯޓުތަކަށް އިތުބާރުކުރަން. އެހެންވެ އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރަން." ކިޔު ކީ ސާސް ބީ ކަބީ ބަހޫތީ އާއި ދޭޝް މޭ ހޭ މޭރާ ދިލް އަދި ސާރާ އާކާޝް ފަދަ ސިލްސިލާތަލުން ފެނިފައިވާ އެކްތާ ބުންޏެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454