ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: މިހާރު
11 ޖޫން 2021 - 20:12
އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް އެ ޕާޓީގެ ބައެއް ސަޕޯޓަރުންނާއި އެ ޕާޓީ ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު، ބިގޭގެ ދިފާއުގައި މިއަދު ނުކުންނަވައިފި އެވެ.
ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ވެސް ހިންގާ ޕާޓީ، އެމްޑީޕީގެ ތެރޭގައި އުފެދެމުން އައި މައްސަލަތައް މި ފަހުން ބޮޑުވެ އާންމުންނާ ހަމައަށް ތިލަވީ، ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ އިންކުއަރީ އަށް ހުރަސް އެޅުމަށް ރައީސް އިސްވެ ހުންނަވައިގެން ބިގޭ މެދުވެރި ކުރައްވައި، މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުއްވަން އުޅުއްވާ ކަމަށް ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ތުހުމަތު ކުރެއްވުމާ ގުޅިގެނެވެ.
ނަޝީދުގެ އެންމެ އަރިސް ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ސަރުކާރު ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ބަދަލު ކުރެއްވުމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ބިގޭ އެވެ. އެ ބޭފުޅުން ބައެއް ހާލަތުތަކުގައި ހިތްހަމަޖެހިވަޑައިނުގަންނަވާ އެއް ކަމަކީ ނަޝީދު ބޭނުންފުޅުވާ ގޮތަށް ބައެއް ކަންކަން މަޖިލީހުގެ ތެރެއިން ނުނިމޭތީ އެވެ.
ނަޝީދުގެ ބައެއް ސަޕޯޓަރުން ބިގޭ އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އައި މި ދަނޑިވަޅުގައި އޭނާ ރާއްޖެ ޓީވީގައި މިއަދު ދެއްކެވި ވާހަކަތަކަށް ތާއީދު ކުރައްވައި ފަސްޓް ލޭޑީ ފަޒްނާ ފޭސްބުކްގައި ވިދާޅުވީ، ބިގޭ ވާހަކަ ދެއްކެވީ ސީދާ މައްސަލަތަކަށް ކަމަށާއި ވަކި ބޭފުޅަކު މޮޅުކޮށް ނުވަތަ ދެރަކޮށް ނުހައްދަވާ ކަން ފާހަގަ ކުރެއްވުނު ކަމަށެވެ.
ނިންމުންތައް ނިންމެވުމުގައި އިސްކަން ދެއްވަނީ ވަގުތާ ހާލަތަށް ބަލައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ބިގޭ ވިދާޅުވި ވާހަކަ ވެސް ފަޒްނާ ފާހަގަކުރެއްވި އެވެ.
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާއަކަށް ވަޑައިގަންނަވަނީ.---ފައިލް ފޮޓޯ
"ބިގޭއަކީ ވެސް ބަސް މަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި، ކެރޭ ހީވާގި ލީޑަރެއް ކަން ހާމަވެގެން ހިނގައްޖެ،" އެއްބަނޑުއެއްބަފާ ކޮއްކޯފުޅަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ބިގޭ އަށް ތައުރީފު ކުރައްވަމުން ފަސްޓް ލޭޑީ ވިދާޅުވި އެވެ.
އެމްޑީޕީއާ ގުޅޭ ގޮތުން ބިގޭ މިއަދު ފާހަގަކުރެއްވި އެއް މައްސަލައަކީ އެ ޕާޓީގެ މަސައްކަތް ދެބައިވުމުގެ ބިރެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާޓީ ދެބައި ނުވިޔަސް، މަޖިލީހާއި ސަރުކާރު ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ މަސައްކަތްތައް ދެބައިވަމުންދާތަން ފެނިވަޑައިގަންނަވަ އެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އުނދަގޫވާ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.
"ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ތެރޭގައި އިންތިހާބުތަކުގައި އެމްޑީޕީން ވެފައިވާ ވައުދުތަކަށް ހުރަސް އެޅޭ ގޮތަށް ޖަވާބުދާރީ ކުރުވުމަކީ އެމްޑީޕީ އާއި ގައުމު ވެސް އުންމީދު ކުރާނެ ކަމެއް ނޫން،" ކުރީގެ ރައީސް މުހައްމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިންގެ ވެސް ކޮއްކޯފުޅު ބިގޭ ވިދާޅުވި އެވެ.
ނަޝީދު ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ބިގޭ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރީ ފަސް އަހަރަށް ކަމަށާއި އެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި ގައުމު މި އޮތް ހާލަތުގައި އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށާއި ނަމަވެސް ފަހުން ހާލަތު ބަދަލުވެއްޖެ ނަމަ އެ ވަގުތަކު އެންމެ ރަނގަޅު ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ފަޒްނާ ތާއީދު ކުރެއްވި ނަމަވެސް ޓެރަރިސްޓް ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދަވަން މިހާރު ޖަރުމަނުގައި ހުންނެވި ނަޝީދު މިއަދު ވަނީ ބިގޭ އަށް ހަމަލާތަކެއް ފޮނުއްވައިފަ އެވެ. ރާއްޖެ ޓީވީގައި ބިގޭ ދެއްކެވި ވާހަކަތަކަށް ފަހު، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިގޭގެ ސިޔާސީ ފައިދާއަށްޓަކައި އޭނާ އަމިއްލަ އަށް ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްތައް ބިގޭ އަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ ވަފާތެރިކަމާއި މަދަދުގެ ވާހަކަ އެ ބޭފުޅާ ނުދެއްކެވިއްޔާ،" ނަޝީދުގެ ޓްވީޓްގައިވެ އެވެ.
ސަރުކާރާއި ރައްޔިތުން މަޖިލީހުގައި އެންމެ ބާރު އޮތް ޕާޓީ، އެމްޑީޕީ ތެރޭގައި މި މައްސަލަތައް ފެށިގެން އައި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރަން ދެކޮޅު ހަދައި، މަޖިލީހަށް ސިޓީއެއް ފޮނުވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލަށް ފިޔަވަޅު ނާޅަން މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ނިންމި ހިސާބުންނެވެ.
އެ މައްސަލާގައި އެމްޑީޕީ ދެފަޅިވި ނަމަވެސް ނަޝީދުގެ ހަމަލާގެ އިންކުއަރީ ހިންގާ، 241 ކޮމިޓީ އަށް ވަކިވަކި ސިފައިން ހާޒިރުވެ އަންނަނީ ޖަވާބުދާރީވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްރޯޑް
13 June 2021
ހިތްވަރު ނެތީކީ ނޫން އަނދާ އަލިފާން ގަނޑަކަށް ދަރު އަޅަން ބޭނުން ނުވަނީހެން ހީވަނީ . އެއްފަރާތުގަ ހުރީ އަމިއްލަ އެދުމާއިގެން ކޮށްފަ ނުކުރާނެ ކަމެއްވެސް ނޭގޭ މީހެއް.
ދެރަ
12 June 2021
ރައީސް ނަޝީދު މިހާރު އެ އުޅުއްވާގޮތް، އަހަރުމެން ބަލައިގަންނަ ރައީސް ނަޝީދާ ވަރަށް ނުފާޑު، ޑިމޮކްރަސީ ވެސް އޮޅިއްޖެ، މިނިވަންކަމާއި ޚިޔާލް ފާޅުކުރުުގެ މިނިވަންކަންވެސް މި ޑިމޮކްރަސީގައި މިވަނީ އެމީހަކު ބޭނުންވަޤުތަކު ބޭނުން ގޮތަކަށް ބަދަލު ވާންޖެހޭ އެއްޗަކަށް.
ދޮގެއްތަ؟
13 June 2021
އަހަރުމެން އަބަދުވެސް ދަންނަ މީހާ ހަމަ މި ފެންނަނީ! ކަލޭމެންކުދިންނަށް ކުރިން އޭނަ ނޭނގޭކަމެއްނު ތިއެނގުނީ!
ކެރަމަލް ފޮޅި
12 June 2021
ބިގޭ އަށް މުހިންމެއްނޫން ނަޝީދަށް "ރަނގަޅީ" މިވެނިހެން އެވެނިހެން ހެދިއްޔާއޭ ބުނާ ކޮންމެ ކަމަކަށް ޢަމަލު ކުރުމެއް. އަބަދުވެސް އިސް ކުރަންޖެހޭނީ ދީނާއި ޤައުމު.
ހަސަދު
12 June 2021
ވަރަށް ނާގާބިލް މީހަކު ހުނަގާނަށް ލައިގެން، ތިމާގެ އެންމެން އޮޑިޔަށް އަރުވައިގެން ގައުމު ހަލާކުވާއިރުވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވާނަންތޯ؟؟.
އިމްރާން 2021
12 June 2021
ބިގޭއަކީ އަހަރެންގެ ކުޑިއިރުގެ ވަރަށް ގާތްމީހެއް. އެއްކޮށް ކައިބޮއި، އެއްކޮށް ހުރިހާ ކަމެއްކޮށް އުޅުނު މީހެއް. އަހަރެންނަށްވުރެ ބޮޑަށް ބިގޭ އެނގޭނެމީހަކު ނުހުންނާނެ. ބިގޭއަކީ ތިބުނާޒާތުގެ ކަންކަން ކުރާނެ މީހެއް ނޫން. އަބަދުވެސް ނައިސްކޮށް ސޮފްޓް ސްޕޯކަން މީހެއް. އެހެންވީމަ ބިގޭގެ އަގު ވައްޓާލަން ބަޔަކު ރާވައިގެން ހިންގާ ކަންކަން އަހަރެން ކުއްވެރިކުރަން.
ދދދދދ
13 June 2021
އޭނަ ބޮން ގޮއްވިއިރު ކީއްވެ ނުހުއްޓުވީ؟?
ޢަލީމު
12 June 2021
“އެއްބަނޑުއެއްބަފާ ކޮއްކޯފުޅަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ބިގޭ އަށް ތައުރީފު ކުރައްވަމުން ފަސްޓް ލޭޑީ ވިދާޅުވި އެވެ.“
އާލިމު
12 June 2021
އެހެންދޯ ވާނީ. އެވަރަށް މީހުނަށް ޓާގެޓުކޮށް އަބުރު ކަތިލާ، ކާޅަށް ކާންދީ ހަދާއިރުވެސް ދިފާއުގަ އެއްޗެއް ބުނެލަން ކެރޭނީ ހަމަ ގާތްތިމާގެ ކަމެއް ހުރި ބުރަދަނެއް ހުރި މީހަކަށް. ބުނެލަންޖެހެނީ ގިނަފަހަރު އެހާ ހިތަވަރެއް ހުންނާނީވެސް އަންހެނެއްގެޔޭ. ތިޔަ ކިޔާ ރަހުމަތްތެރީން ގިނަފަހަރު ތިބޭނީ ބޮނދާ، ސިޔާސީގޮތުން ކުރިމަތިވެދާނެ ކަމަކާހެދި، ވަޒީފާ ގެއްލި "ނިކަމެތި" ވެދާނެ ކަމަށް ބިރުން.
ފަހުދު
12 June 2021
އަންނި ޖަރުމަނުގައި ހުރެގެން ދޭ ރޮކެޓް ހަމަހާއިން ގައުމު ދިފާއުކުރުމައް އަޔަންޑޯމް އެކްޓިވޭޓް ވީ. އަވަހައް ދާންވީ ޕޮޕްކޯން ތައްޓެއް ހިފައިގެން އަންނަން.
ޙިނި
12 June 2021
މެޑަން ސަރުކާރާ ދެރައްޖައްސަން ވެއްޖެ
ދިވެހިން1
12 June 2021
ރައީސް ކަން ނުލިބުނިންޔާ ބޮޑުވަޒީރުކަން، ބޮޑުވަޒީރުކަން ނުލިބުނިއްޔާ ސޯލިހް ވައްޓާފަވެސް ރައީސްކަން އެބަ ބޭނުންވެޔޭ. މަޖުލިސް ލިބި، މަޖުލީސް ރައީސްކަން ކޮށްގެން ހިތްނުފުރެއޭ. އެމް.ޑީ.ޕީ މީހުން ވެރިކަމަށް އައީ ރައީސް ނަޝީދު ދައްކައިގެންނޭ ޓުވިޓަރގަ ވަރަށް ކިޔާ. ބުނެލަން އޮތީ އެމް.ޑީ.ޕީ ވެރިކަމަށް ވެސް މަޖުލީހަށް ވެސް އައީ "ރައްޔިތު މީހާ، ރައްޔިތު މީހާ" ކިޔައިގެންނޭ. މިހާރު ރައްޔިތުމީހާ މަތިން ހަދާންނެތް ނެތް!!!
ސެޓީ / ހަފްސީނާގެ
12 June 2021
އަހަރެން ދެކޭގޮތުގައި ބިގޭ ދައްކާ ވާހަކަވެސް އަޑުއަހަންޖެހޭ. އެއްވެސް ހައްގަކާނުލައި މީހަކު އެގޮތަށް ޓްވިޓަރ އިންނާއި ފޭސްބުކް ބޭނުންކޮށްގެން އެކިއުޒް ކުރެވިގެން ނުވާނެ. ބިގޭއަށްވެސް ބިގޭގެ ރައިޓްސް ލިބިގެންވޭ