ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ކައުންސިލްތައް ނުލިބުމުން ސިވިލް ސާވިސް ގާނޫނު ބަދަލުކުރުމަކީ ހުތުރު ކަމެއް ކަމަށް.
16 ޖޫން 2021 - 13:53
ލޯކަލް ކައުންސިލްތައް ނުލިބުމުން، ގާނޫނަށް ބަދަލު ގެނެސްގެން ސިވިލްސާވިސް މެދުވެރިކޮށް ވެރިޔަކު ލާން އުޅުމަކީ ހުތުރު ކަމެއް ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ކައުންސިލްތަކުގެ ލަފާ ހޯދުމެއް ނެތި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަން ގެމަނަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސައީދު ބިލެއް ހުށަހެޅުއްވުމުންނެވެ.
ސައީދު އެ އިސްލާހު އެގޮތަށް ހުށަހެޅުއްވިއިރު، ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން ކައުންސިލްތަކުގެ އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ އެ ކައުންސިލެއްގެ ލަފާގެ މަތިން ސީއެސްސީންނެވެ.
އެ އުސޫލު ބަދަލުކުރަން ސައީދު އިސްލާހު ހުށަހެޅުއްވުމުން ސަރުކާރުން ވެސް ވަނީ އެއާ ދެކޮޅު ހަދައިފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ ސަރުކާރުގެ ވިސްނުމަކީ ލޯކަލް ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އިސްވެރިޔާ، ސެކްރެޓަރީ ޖެނެރަލް އައްޔަންކުރާއިރު މިހާރެކޭ ވެސް އެއްގޮތަށް ކައުންސިލްގެ ލަފާ ހޯދުން ކަމަށެވެ.
ސައީދުގެ އިސްލާހާ މެދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އެ ބިލާ އެއްކޮޅަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވާހަކަ ދައްކަވަނިކޮށް، ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން ބިލެއްދޫ ދާއިރާގެ މެމްބަރު ހަލީމް ވިދާޅުވީ ކައުންސިލްގެ ބަހެއް ނެތި ސެކްރެޓަރީ ޖެނެރަލް އައްޔަންކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން މަސައްކަތް ކުރަނީ ކައުންސިލްތައް ނުލިބުނު މީހުން ކަމަށެވެ.
"ވަރަށް ހުތުރު ބަދަލެއް ކަމަށް އަޅުގަނޑަށް ފެންނަނީ. އެއީ ކައުންސިލް ނުލިބުމުގެ ސަބަބުން ދެން އެ އުޅުއްވަނީ ޒިންމާދާރުވެރިޔާ ސިވިލް ސާވިސް މެދުވެރިކޮށް ލާން،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ކައުންސިލްގެ ލަފައާ އެކު ސެކްރެޓަރީ ޖެނެރަލަކު އައްޔަންކުރާ ގޮތަށް ގާނޫނު ބަދަލުކުރީ ޒިންމާދާރުވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ އެއްބާރުލުން ކައުންސިލްތަކަށް ނުލިބިގެންނެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) ވިދާޅުވީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްްޔަން ކުރާއިރު ކައުންސިލްގެ ލަފާ ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކުގައި ތިއްބަވާނީ ރައްޔިތުން އިންތިހާބު ކޮށްފައިވާ މެމްބަރުން ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އާ ކައުންސިލްތަކާ އެކުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާވާ މި ދަނޑިވަޅުގައި މިފަދަ އިސްލާހެއް ހުށަހެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަަށް މޯޑް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މި އިސްލާހު މި ގޮތަށް ގެނެސްގެނެއް ލާމަރުކަޒީ ނިޒާމަކަށް ވެސް އަދި ސިވިލްސާވިސް ގާނޫނަކަށް ވެސް އަޅުގަނޑުމެންނަށް އެ ގެނެވެނީ އިތުރު ފުރިހަމަކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މުހަންމަދު އަބްދުﷲ ޝަފީގު (މޯޑު) ކޮމިޓީ ބައްދަލުުވުމެއްގައި ބަައިވެރިވެވަޑައިގަަންނަވަނީ. ކައުންސިލްގެ ބަހެއް ނެތި ސެކްރެޓަރީ ޖެނެރަލެއް ލާން އޭނާ ވެސް ދެކޮޅު.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ކައުންސިލެއްގެ ނިންމުންތައް ތަންފީޒުކުރަން ހުންނަ ސިވިލް ސާވިސްގެ އެންމެ އިސް މީހަކީ ކައުންސިލްގެ ރުހުމާ އެކު އަންނަ މީހަކަށް ހެދީ ބޮޑު މައްސަލައެއް ކުރިމަތިވެގެން ކަމަށެވެ. އެއީ ކައުންސިލްތަކާއި ސިވިލް ސާވިސް މުވައްޒަފުންގެ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ކަންތައްތައް ލަސްވުމާއި ހުރަސް އެޅުމެވެ.
"ސިޔާސީ ގޮތުން އަޅުގަނޑުމެން އެދޭ ގޮތަށް އިންތިހާބުގެ ނަތީޖާ ނައީއޭ ކިޔާފަކާއެއް އަޅުގަނޑުމެން އެ ބާރު އަތުލަން އުޅުން އެއީ އަޅުގަނޑުމެންގެ ތެދުވެރިކަމާއި އަޅުގަނޑުމެންގެ އިހުލާސްތެރިކަމާ ދޭތެރޭގައި ރައްޔިތުން ސުވާ ލުއުފައްދާނެ ކަމެއް،" ވައްޑޭ ވިދާޅުވި އެވެ.
ގާނޫނަށް އެ ބަދަލު ގެނައީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ، މިހާރު އޮތް 19 ވަނަ މަޖިލީހުންނެވެ.
އޭނާ ވިދާޅުވީ އަނެއްކާ ވެސް ބަދަލު ގެންނަން ބައެއް މެމްބަރުން މަސައްކަަތް ކުރައްވަނީ ކައުންސިލްތައް ނުލިުބުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންރީތި ހުސޭނު
16 June 2021
ތިވެސް މިސަރުކާރުގެ ކޯލިސަނައް ނިސްބަތްވާ ރަނރީދޫ މެންބަރަކު ހުށައެޅި ބިލެއް. ދެން ހުތުރީޔާ ހުތުރީ ހަމަ މިކޯލިސަނައް
ވާނުވާގައި
16 June 2021
ނަހަލާލު ފަޅުރަށެއް ލިބިގެން ރިޒޯޓުގަނޑެއް ހެދިގެން އުޅޭގޮތް އަދި މާހުތުރު
ބޮޑުމީހާ
16 June 2021
މި މީހުން ދެއްކި ހުރިހާ ވާހަކައެއް އެކޮޅުކޮޅުން ޖެހުނީ. މާދުރު ނޫން މުސްތަގްބަލެއްގައި މާލެ ސިޓީ ކައުންސިލްގެ ބާރުތައް ހަނިކުރާނެ
ދޮންމަރީ
16 June 2021
ކޮބާހޭ ދަތުރު ފަތުރުން ކާލި ރައްތަށް. ކޮންމެވެސް މީޑިއާ އަކުން މިކަން ބަލަންވީނު. މިލިއަނުން ރައްތަށް ވިއްކާފަ ފައިކޭޓުތައް ފުރައިގެން މިތިބެނީ .. ދީބާޖާ ރަށްކޮބާހޭ އަދި ބަދަލުވެސް ދޭ ⚖️?
ރޯމާ
16 June 2021
ކުރާނެކަމެއް ނޭންގުނީޔާ މަޑުމަޑުން ގޭގަ ތި ބބބީމަ ވީނު
ޝެލަރީ
16 June 2021
މިހާތަނަށް ދުވަހަކުވެސް މަ އެމްޑީޕީ ނޫން ޕާޓީއަކަށްވޯޓެއްނުދެން އެކަމް މިހާރުދެން ދުވަހަކުވެސް އެމްޑީޕީ އަށްވޯޓްދޭން ބޭނުމެއްނުވޭ އައްނި އީވާމެން މިޖަހާސަކަރާތުން މުޅިޤައުމުހަރާބް ކޯއްޗެއް ނުލިބިގެންތަ މިއުޅެނީ
އެމްސް
16 June 2021
21 ވަނަ ޤަރުނުގަ ޤާނޫނުހަދާ މަޖިލިހުގަ ތިބެންވާނީ މިފެންވަރު ބަޔެއްތޯ؟ ތަޢުލީމާއި ތަޖުރިބާގެ ބޭނުމަކީ ކޮބައިބާ؟
00000
16 June 2021
ދޮޅުހަކަށް މީހުން އުޅޭ ރަށެއްގައި 5ކައުންސިލަރުން ލާފައި އަދި އެސްޖީ ލާފައި ދައުލަތުގެ ބެއިތުލް މާލުން ގިނަފައިސާ ދަނީ މުސާރައަށް ބުރަ މަސައްކަތް ކުރާ ސިވިލް ސާރވަންޓަކަށް މަހަކު 5ހާސް ރުފިޔާ ގަނޑުވެސް ހަމަ ނުވޭ. އަދި ކީއްކުރަން އެމީހުން އެތިބަ މުސްކުޅިވެގެން ވަޒީފާ ރިޓަޔަ ވާއިރު ބޯހިޔަވަހިކަން ގަނޑުވެސް ނެތް ރަގަޅަށް. އަދި ފަރުޟު ހައްޖުވެ ނުވޭ.30 އަހަރު 35 އަހަރު ކިދުމަތް ކުރީމާ ޓްރޮފީ އަކަށް ވުރެ މުހިއްމީ އަބުރު ވެރި ކަމާއެކު އުޅެވޭނެ މަގެއް
ރާއްޖެ
16 June 2021
ރަށްރަށުގެ ކައުންސިލްނަށް އިންތިހާބު ކުރާ މީހުންގެ އަދަދު ދަށްވެގެން ތޯ އެމީހުންގެ ދަށަށް އަނެއްކާ އިތުރު މީހަކު ބަހައްޓަނީ؟ ކޮން ކަމެއް ނުވެގެންތަ މިއުޅެނީ. އިންތިހާބު ކުރި މިހުން ކުރާނެ ކަމެއްނެތިގެން ލަނޑާނަގަން ގޮސް ތިބެނީ.
އުދުހޭ
16 June 2021
މިނޫނިއްޔާ ދޮންބިލެއް ދުވަހަކުވެސް ރަގަޅުވާހަކައެއް ދެއްކި އަޑެއް ނާހަން.