އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ: ތެލަށް ބަރޯސާވާނުވެ، ހަކަތަ އުފެއްދާނެ އިތުރު ގޮތްތަކެއް ހޯދުންޖެހޭ ކަމަށް ވިދާޅުވި-- ފައިލް ފޮޓޯ / މިހާރު
23 ޖޫން 2021 - 21:18
މި ސަރުކާރުން ބޭނުންވަނީ ތެލަށް ބަރޯސާ ނުވެ، ހަކަތަ އުފައްދާނެ އިތުރު ގޮތްތަކެއް ހޯދުމަށް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިޝަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ހަކަތައިގެ ދާއިރާ އަށް ހާއްސަ ކޮށްގެން ބޭއްވި "އެނާޖީ އިންވެސްޓާ ކޮންފަރެންސް 2021" ފެއްޓެވުމުގެ ގޮތުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ރާއްޖެ މުޅިހެން ބަރޯސާވެފައި ވަނީ އިމްޕޯޓްކުރާ ތެލަށް ކަމަށާއި މި ކަމަށް ދިވެހި ދައުލަތުން ކޮންމެ އަހަރަކު ބޮޑު ހަރަދެއް ވެސް ކުރާ ކަމަށެވެ. އަދި ތިމާވެށީގެ ގޮތުން ބެލި ނަމަވެސް މިއީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭން ޖެހެނީ ވެސް ވަރަށް އަގުބޮޑުކޮށް ކަމަށް ފާހަގަކުރައްވަމުން ޝައުނާ ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖެ އަށް އެތެރެ ކުރި ތެލުގެ އަގު ހަތް ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. މި ތެލުގައި 80 ޕަސެންޓް ބޭނުންކޮށްފައި ވަނީ ކަރަންޓުންގެ ހިދުމަތް ދިނުމަށާއި އޮޑިދޯނިފަހަރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވިގޮތުގައި، ކަރަންޓު އަގުބޮޑުވުމުން ސަރުކާރުން ސަބްސިޑީ ވެސް ދޭންޖެހެ އެވެ. އަދި 2019 ގައި ތެލުގެ ސަބްސިޑީ ދިނުމަށްޓަކައި އެކަނި ވެސް ދައުލަތުން އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ "އެނާޖީ އިންވެސްޓާ ކޮންފަރެންސް 2021" ގައި ވާހަކަދައްކަވަނީ.--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
"އެހެންވެ މިއީ ދައުލަތުން ބޮޑު ހަރަދެއް ހިނގާ ކަމަކަށް ވެސް ވީމަ ރާއްޖޭގައި ހަކަތަ އުފައްދާނެ އިތުރު ގޮތްތަކެއް ހޯދަންޖެހިފައި މި ވަނީ. މިހާރަށް ވުރެ ފަސޭހައި އަދި ގެއްލުން ކުޑަ ގޮތެއްގައި ހަކަތަ އުފެއްދޭނެ ގޮތެއް ހޯދަންޖެހޭ،" މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުގައި ވެސް ހިމެނޭ ކަމެއް ކަމަށް އިޝާރަތް ކުރައްވަމުން ޝައުނާ ވިދާޅުވި އެވެ.
"އިރުގެ އިތުރުން ކަނޑާއި ވައިން ވެސް ހަކަތަ އުފެއްދޭނެ ގޮތްތައް ގާއިމު ކުރެވެންޖެހޭ."
ބޭރުގެ ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެ ނަމަ ރާއްޖެ އަށް 2030 ވަނަ އަހަރު "ނެޓް ޒީރޯ" ގައުމަކަށް ވެވިދާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
"މި ސަރުކާރުގެ ޕޮލިސީ އަކީ ވީހާ ވެސް އަވަހަކަށް ތެލަށް ބަރޯސާވުން ހުއްޓާލައި ރާއްޖޭގައި ލިބެން ހުރި ވަސީލަތްތަކުން ހަކަތަ އުފައްދަން އިތުރު ގޮތްތަކެއް ހޯދުން،" ޝައުނާ ވިދާޅުވި އެވެ.
Highlights from the Minister's statement at the opening ceremony of #Energy Investor Conference 2021. #EIC2021 pic.twitter.com/mdLl6AA6RQ
— Min. of Environment, Climate Change and Technology (@MoEnvmv) June 23, 2021
އެހެންވެ، މި ވަގުތަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ އަށް އިންވެސްޓްކުރުމަށް އެންމެ ރަނގަޅު ދަނޑިވަޅުކަން ފާހަގަކުރައްވައި، މިކަމުގައި ބައިނަލްއަގްވާމީ ޕާޓްނަރުންގެ އެހީތެރިކަމާއި ބައިވެރިވުން ބޭނުންވާ ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.
ވާޗުއަލްކޮށް ބޭއްވި މި ކޮންފަރެންސްގައި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި އަމާޒު ހިފާފައިވާ ލަނޑުދަނޑިތަކަށް ހާސިލު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލައިފައިވެ އެވެ.
މި ކޮންފަރެންސްގައި ހާއްސަ މެހެމާނުންގެ ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމައިލް ވެސް ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި އެވެ. އޭގެ އިތުރުން ސީޝެލްސްގެ އެންވަޔަރްމެންޓް މިނިސްޓަރު ފެލިވިއަން ޖޯއުބާޓް ވެސް ބައިވެރިވެވަޑައިގަތެވެ.
ވޯލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓް އަދި އެކްސަލަރޭޓިންގް ރިނިއުވަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިސް) ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކުރާ ސޯލާ ހަކަތައިގެ ނިޒާމުތަކާ ބެހޭ މައުލޫމާތު ދިނުމަށް ވެސް މި ކޮންފަރެންސްގައި ސެޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
މި ކޮންފަރެންސްގައި 100 އަށް ވުރެ ގިނަ އިންވެސްޓަރުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ހަކަތައިގެ ދާއިރާގައި ފާހަގަކޮށްލެވޭ އިންވެސްޓަރުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްވެރިޔާ
24 June 2021
މިދައްކަނީ ދިވެހިރާއްޖޭގެވާހަކަތޯ؟ އިންޑިޔާގެ ދަރަނި ދަންތޫރައަށް އިތުރު ފުރުސަތުދޭން ނަހަދާތި. ތިދެއްކެނީ މިހާރުވެސް ހިގަމުންދާ ޕްރޮޖެކްޓްތަކެއްގެވާހަކަ. މެޑެލިކްއީން.
ދީމާހު
24 June 2021
މަގާމު ލިބޭތާ ކުރީ ކޮޅު ބައެއް މީހުން މީޑިއާ ސްޓަންޓް ޖައްސާނެ. މީޑިއާ ކަވަރެޖު ބޮޑިއްޔާ އެއީ ހިންގުންތެރިވީ. ދުވަސްކޮޅަކުން ހަގީގަތާ ބައްދަލުވީމާ އަޑުކަނޑައިގެން ހިނގައިދާނެ.
ހިއްވަރު
24 June 2021
މީނާ އަނެެއްކާ ރައްރަށުގައި ނަރުދަމާ އަޅާ މަގުތައް ހަދަން ނުފަށާފިއްޔާ ރަގަޅު.. ހިއްވަރު ކޮއްލާ،، ވަށައިގެން ކަޑު
ގުރޭޓާ ތަންޑަބާރގޫ
24 June 2021
ދެން ފަހެ ދެން ފެނިގެންދާނީ އެހެން ލޮކްޑައުންއެކެވެ. އެއައްކިޔަނީ ކުލައިމެޓް ލޮކްޑައުން އެވެ. އިބޫ ގެ ފަހު ޖީލު ދުނިޔެ ސަލާމަތްކުރަން ގަައުމު ލޫޓުވާނެ ގޮތްތައްރާވާނެއެވެ. އ.ހ
މުރާދުބޭ
24 June 2021
ތިއީ މިހާރުވެސް ސަރުކާރު ތިކަން ބޭނުން ނުވީކަމުގައި ވީނަމަވެސް އަދި ބޭނުންފުޅުވިޔަސް އަމިއްލަ ކުންފުނިތަކުން ކުރަމުންދާ މަސައްކަތެއް! ރާއްޖެތެރޭ ރަށްރަށުގައިވެސް އެބަބޭނުންކުރޭ ސޯލާ ހަކަތަ! ބައެއް ގެސްޓުހައުސްތައް ވެސް ސޯލާ ހަކަތަ ބޭނުންކުރޭ! ސަރުކާރު ދޫކޮށްލަންވީ އަމިއްލަ ކުރިއަރައިގެން ދާ ދިވެހި ކުންފުނިތަކަށް! ތިޔަ މަސައްކަތް! ސޯލާ ހަކަތަ އުފައްދައި ބޭނުންކުރެވޭގޮތް ހަދަން ޤާބިލް ދިވެހިކުންފުނިތައް އެބަތިބި. ބިޑަށްލާފައި ދޫކޮށްލައްވާ
ް2އ123
24 June 2021
މި ސަރުކާރުން ބޭނުންވަނީ ތެލަށް ބަރޯސާ ނުވެ، ހަކަތަ އުފައްދާނެ އިތުރު ގޮތްތަކެއް ހޯދުމަށް ..މިސާލަކަށް ރައްޓެހި ބޮޓަަކަށް ބޮޑު ޕުރޮޖެކްޓެއް ދީފަ ހިލޭ ފަޅުރަށެއް ދިނުން
މަލުވި އަލުވި
24 June 2021
މިއޮތީ އިތުރު ގޮތްތަށް. ނިއުކިލިއާ ޕަވާރ ޕްލާންޓް ސޯލާރ ހަކަތަ ވިންޑް ޓާރބައިން ދުނިޔޭގަ އެއްމެގިނަ ނިއުކިލިއާ ޕަވާރ ޕްލާންޓް ބޭނުންކުރަނީ އެމެރިކާ. ދުނިޔޭގަ އެއްމެގިނަ ސޯލާރ ޕަވާރ ބޭނުންކުރަނީ އެމެރިކާ. ދުނިޔޭގަ އެއްމެގިނަ ވިންޑް ޓާރބައިން ބޭނުންކުރަނީ ޗައިނާ. 2ވަނަ އެމެރިކާ.
ގޮތްތަށްގޮތްތަށްގޮތްތަށްގޮތްތަށްގޮތްތަށް
24 June 2021
ގޮތްތަށް އެއް ނޫން..ގޮތްތައް/ އަލިފު ސުކުން
ބޮލައްތުރާ
24 June 2021
ތިގޭ ގަހެއްގަތަ ޔުރޭނިއަމް އަޅަނީ؟
ނަން
24 June 2021
މި މީހުން ބަޔަކާ ގުޅިގެން އެލް.އެން.ޖީ ގެނެސް ޑީސަލް ޖެނެރޭޓަރ އެލް.އެން.ޖީ އަށް ބަދަލު ކޮއް އެލް.އެން.ޖީ ބަންކަރ ޓޭންކަރ ހަދަން އުޅެނީ ގްރީން އިއްޗެކޭ ކިޔާފައި. އެލް.އެން.ޖީ އެވެސް ލިމިޓެޑް ކާބަން ރިސޯސް އެއް. މިޤައުމު އަކީ %99 އަވި ދޭޤައުމެއް. ވަށާގެން އޮތީ ކަނޑު އެހެންވީމައި ސޯލަރއިން ހަކަތަ އުފައްދައިގެން ހައިޑްރިޖަން ފިއުލް އުފައްދަންވީ. އެއަށް ވުރެ ތިމާވެއްޓަކާ ރައްޓެއްސެއް ނުވެވޭނެ.
ކޮރަލް
24 June 2021
ދެންތިމާގެ ނޫނީރައްޓެހި މީހެއްގެ ނަމުގަ ކުންފުންޔެއްހަދާފަ އެއިންވެސްޓަރު އިންވެސްޓް ކުރަން ހުއްދަ ދޭނެ އެވެ. އެހެން ބަޔަކަށް ފުރުސަތެއް ނެތެވެ. މިއީ ރާއްޖޭގެ ސަގާފަތެވެ.
ރައްޔިތުސޮރު
24 June 2021
ޝަޢުނާއަށް އިނގިލައްވާތޯ ހުރިހާ ޕޮލިޓީޝަނުންވެސް ދައްކާނީ ތިމާވެށި ހިމާޔަތްކުރާވާހަކަ، ތިމާވެއްޓާ ރައްޓެހި ގޮތްގޮތް ބޭނުންވާހަކަ، އެކަމު ކަންކުރަނީ ދިމާއިދިކޮޅަށް. ބަލާބަލަ ރާއްޖޭގެ ވެށިން އެހެރީލިބެން، އަނެއްހެން ބުނާނަމަ "ހުސްނުވާ ވަރަށް" އެނެޖީ... ކަނޑުން ހަކަތަ، އިރުން ހަކަތަ، ވައިން... އެކަމަކު ހަމަ ކުރުޑުންލިބޭ ކަޓް ބޮޑުވީމަ... އަދި ކީވެ ބަނދަރާ، ފެންހިންދާނިޒާމު ދެންވެސް ހުރި އިންފުރާސްޓްރަކްޗާރ ތިމާވެއްޓާ ރައްޓެހިކޮށް ޑިޒައިންނުކުރަނީ؟