އއ.ފެރިދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރަނީ. އެ މަސައްކަތަށް 35 މިލިއަން ރުފިޔާ ހަރަދުވާނެ --
24 ޖޫން 2021 - 18:35
އއ. ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަރުދަމާ ނިޒާމް ގާއިމްކުރަން ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު ވަނީ ފެރިދު އަށް ގެންގޮސްފަ އެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފެރިދޫގައި ހަ ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރާނެ އެވެ. ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބަހައްޓުން ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ އެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފެރިދޫގައި ފަސް ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ހަދާނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ. މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ އެވެ.
ފެރިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު އަށް 35 މިލިއަން ރުފިޔާ ހަރަދުކުރަން ހަމަޖެހިފައިވެ އެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރާއި 10 މަސް ދުވަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy