މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގައި އެތައް މަސައްކަތެއް ކުރުމަށް ފަހު ހާލުގައި ޖެހިފައި

ކުރާނެ މަސައްކަތެއް ނުލިބި އަތްމަތި ދަތިވެ ސިއްހީ ފަރުވާ އަށް ވެސް ހޭދަކުރާނެ ފައިސާއެއް ނެތުމުން އިންޑިއާގެ ބަތަލާ އަކު އާންމުންގެ އެހީ އަށް އެދިއްޖެ އެވެ.

މިއީ ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތަކާއި ކުރިން ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ޝަގުފްތާ އަލީ، 54، އެވެ. އޭނާ ބުނި ގޮތުގައި މިދިޔަ އަހަރު ކޮވިޑް-19އާ އެކު އަތްމަތި ވަރަށް ބޮޑަށް ދަތިވެ، ރައްކާކޮށްފައި ހުރި ފައިސާކޮޅު ވެސް ވަނީ ހުސްވެފަ އެވެ. އެހެންވެ ހަރަދުތައް ހަމަޖައްސާނެ ގޮތެއް ނެތިގެން އަތުގައި އޮތް ކާރާއި ރައްކާކޮށްފައި ހުރި ގަހަނާކޮޅު ވެސް ވިއްކައިލަން މަޖުބޫރުވި ކަމަށް ބުންޏެވެ.

ކުރިން ކެންސަރަށް ވެސް ފަރުވާ ހޯދި ޝަގުފްތާ ބުނި ގޮތުގައި މީގެ ހަ އަހަރު ކުރިން ހަކުރުބައްޔަށް ފަރުވާ ހޯދަން ޖެހިފައިވާތީ އަތްމަތި އެހާ ބޮޑަށް ދަތިވުމުން ފަރުވާ އަށް ވެސް ހުރަސް އެޅިފައިވެ އެވެ.

"އެހެންވެ އެހީ އަށް އެދެން ޖެހުނީ މަޖުބޫރީ ހާލަތާ ހެދި. މިކަމަކާ އަހަރެން ލަދެއް ނުގަނޭ. މީހަކަށް ކޮންމެ ފަދަ ހާލަތެއް ކޮންމެ ފަދަ ދަނޑިވަޅެއްގައި ވެސް ކުރިމަތިވެދާނެ،" އޭނާ ބުންޏެވެ. "މިއީ ތަގުދީރު މި ވަގުތު އަހަންނަށް ކުރިމަތި ކުރި އިމްތިހާނު. އެކަމަކާ ޝަކުވާއެއް ނެތް. އެކަމަކު މިއީ ދުވަހަކު ވެސް ހީކުރި ހާލަތެއް ނޫން."

ޝަގުފްތާ އާންމުންގެ އެހީ އަށް އެދުމުން ފިލްމީ ދާއިރާގެ ބައެއް މީހުން ވެސް މާލީ ގޮތުން މިހާރު އެހީވެފައިވެ އެވެ. އޭގެ ތެރޭގައި ސޯނޫ ސޫދާއި މަޝްހޫރު ބަތަލާ ނީނާ ގުޕްތާ އާއި "ސާވްދާން އިންޑިއާ" ގެ ހޯސްޓް ސުމީތު ރަގްވަން ހިމެނެ އެވެ. މީގެ އިތުރުން ސިނެ އެންޑް ޓީވީ އާޓިސްޓްސް އެސޯސިއޭޝަން (ސިންޓާ) ގެ އެހީތެރިކަން ވެސް ލިބެން ފަށާފައިވާ ކަމަށް ޝަގުފްތާ ބުންޏެވެ.

"މިއީ ތަގުދީރު މި ވަގުތު އަހަންނަށް ކުރިމަތި ކުރި އިމްތިހާނު. އެކަމަކާ ޝަކުވާއެއް ނެތް. އެކަމަކު މިއީ ދުވަހަކު ވެސް ހީކުރި ހާލަތެއް ނޫން."

އޭނާ ބުނި ގޮތުގައި 30 އަހަރު ވަންދެން މުނިފޫހި ދާއިރާގައި މަސައްކަތްކޮށްފައިވާ އިރު، މިހާރު ކުރާނެ މަސައްކަތެއް ނުލިބި ހުންނަން ޖެހުމަކީ ވަރަށް ބޮޑު ހިތްދަތިކަމެކެވެ. އަދި މަސައްކަތް ލިބޭ ނަމަ މިހާރު ހުރި ހާލަތަށް އޭނާ ނުވެއްޓޭނެ ކަމަށް ބުންޏެވެ.

"އަދިވެސް އުންމީދުކުރަން މަސައްކަތްތައް ލިބޭނެ ކަމަށް. އަހަންނަކީ އަބަދު ވެސް މަސައްކަތްކުރަން ލޯބިކުރާ އަދި މަސައްކަތުގެ ތެރޭގައި އުޅޭ ހިތްވާ މީހެއް،" ފިރިއަކާއި ދެ ދަރިން ވެސް ތިބި ޝަގުފްތާ ބުންޏެވެ. "އުންމީދަކީ މިހާރު ކުރިމަތިވެފައި އޮތް މި ހާލަތު ނިމުމަކަށް އައުން."

އޭނާ އެންމެ ފަހުން ފެނިފައި ވަނީ ކަލާޒް އިން 2018 ގައި ގެނެސްދިން ސިލްސިލާ "ބޭޕަނާ ޕިޔާރު" އިންނެވެ. ޝަގުފްތާ ކުޅުނު އިތުރު ސިލްސިލާތަކުގެ ތެރޭގައި އޭކް ވީރު ކީ އަޅުދާސް...ވީރާ (2013-2015)، މަދޫބާލާ (2012)، ސަސުރާލް ސިމަރް ކާ (2011) އަދި ވޯ ރެހެނޭ ވާލީ މެހެލޯން ކީ (2005-2010) ހިމެނެ އެވެ.

އޭނާ ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި ލައިލާ މަޖުނޫ ((2018)، ހީރޯ ނަމްބަރު 1 (1997)، އިންޓަނޭޝަނަލް ކިލާޅީ (1999)، ސިރުފް ތުމް (1999) އަދި އަޖޫބާ (1991) ހިމެނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454