ޚިޔާލު / ހައްޖު

ހައްޖުން ލިބޭ ފިލާވަޅުތަކާއި ޢީދުގައި ސަމާލުވާން ޖެހޭ ކަންކަން

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ބައެއް މީހުން އިއްުޔެ ހަރަމްފުޅުގައި ތަވާފް ކުރަނީ. --އޭއެފްޕީ

އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ޙައްޖުގެ އަޅުކަމަކީ އޭގައި ވަރަށް ގިނަ މަންފާތައް އެކުލެވިގެންވާ އަޅުކަމެކެވެ. މި އަޅުކަމުގެ މަގުސަދުތައް ބިނާވެފައިވާ ނާރެހަކީ ހަމަ އެހެން އަޅުކަންތަކުން ވެސް ހާސިލު ކުރަން ބޭނުންވާ ތަޤުވާ އެވެ. މިގޮތުން ޢަޤީދާ ވަރުގަދަ ކުރުމާއި ކިޔަމަންތެރިކަމަށް ނަފްސު ހޭނުވުން މި އަޅުކަމުގައި ހިމެނެ އެވެ. މުސްލިމުންގެ އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަން ވަރުގަދަ ކުރުވުން ހިމެނެ އެވެ. ފަރުދުންނާއި ޖަމާޢަތް ވަކި ގޮތަކަށް ތަރުބިޔަތު ކުރުވުން ހިމެނެ އެވެ. ނަފްސުތައް ސާފުކޮށް ތަޒުކިޔާ ކުރުވުން ހިމެނެ އެވެ.

އެހެން ފިލާވަޅުތަކަށް ބަލާއިރު ޙައްޖަކީ ﷲ މުޤައްދަސް ކުރައްވާފައިވާ ކަންކަމާއި ތަންތަނަށް މުސްލިމުންގެ ހިތްތަކުގައި ލޯބި އުފައްދައިދޭ އަޅުކަމެކެވެ. މި ކަމުގެ ހެއްކަކީ ބިމުގެ އެކި ކަންކޮޅުތަކުން ފައިމަގުގަޔާއި އެކި ކަހަލަ ސަވާރީ ތަކުގައި ދުރު ދަތުރުތައް ކޮށްގެން ގެފުޅު ގަސްދުކޮށް މީސްތަކުން އެތަނަށް ދިއުމެވެ. ޙައްޖުގެ އަޅުކަމަށް ނިޔަތްތަގުމާ އެކުގައި އެންމެ ފުރަތަމަ ކުރެވޭ ކަމަކީ ތަލްބިޔާ ކިޔުމެވެ. މި ތަލްބިޔާ އިން ވެސް ވަރަށް މުހިންމު ކަންތައްތަކެއް ދަސްވެ އެވެ. އެއްކަމަކީ ﷲ ދެއްވި ދަޢުވަތު ހިތްހަމަޖެހުމާއި އުފަލާއި ޝައުގާ އެކު އެ ކިޔާ މީހާ ބަލައިގަންނަ ކަމެވެ. އަދި ﷲ ފިޔަވައި އެހެން ފަރާތަކަށް މި ބަލައިގަތުން ރައްދުވެގެން ނުދާނެކަން ކަށަވަރު ކޮށްދިނުމެވެ. ޙަމްދު ކުރުމާއި އެންމެހާ ނިޢުމަތްތަކާއި މުޅި ކައުނުގެ މިލްކުވެރިކަން ވަނީ ހަމައެކަނި އެފަރާތަށްކަން ކަށަވަރު ކޮށްދިނުމެވެ. މީގެ ނަތީޖާ އަކީ ޢަޤީދާ ވަރުގަދަވެ ދުނިޔަވީ ހަޔާތާއި އުޚްރަވީ ހަޔާތުގެ އެއްވެސް ބޭނުމެއް ފުއްދަން ﷲ އަށް ޝަރީކު ކުރެވޭ އެއްވެސް ފަރާތަކުން ނޭދެން މީހާ ދަސްކުރުމެވެ.

ޙައްޖު ދުވަހުގައި ވެސް ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަން ކަމުގައިވާ އަޅުކަންތަކާއި ހެޔޮ ކަންތައް ކުރުން ގިނަ ކުރުމާއި، ޙަރާމް ކަންތައްތަކުން ދުރުހެލިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި، ތަހުލީލާއި ތަސްބީޙަ އާއި ތަކުބީރު ކިޔުން ގިނަ ކުރުމަށް އީދުގައި ވެސް ސަމާލުކަން ދޭން ވާނެ އެވެ.

ޙައްޖުގެ އަޅުކަމާ އެކު މިފަދަ ފިލާވަޅުތައް ދަސްވެގެންދާއިރު އެ ދުވަހުގެ އިރު އޮއްސުމާއެކު ދެން ކުރިމަތިލަނީ އަނެއްކާވެސް ބަރަކާތްތެރި ދުވަހަކަށެވެ. އާދެ، އަޟްޙާ ޢިދު ދުވަހަށެވެ. މި ދުވަސް ބަރަކާތްތެރި ވަނީ ކީއްވެގެންތޯ ބަލާއިރު އެންމެ ފުރަތަމަ ކަމަކީ އެއީ މާތް ކުރެވިގެންވާ ޙައްޖު މަހުގެ ފުރަތަމަ ދިހައިގެ ތެރޭގައި ހިމެނޭ ދުވަހެއް ކަމުގައި ވުމެވެ. ދެވަނަ ކަމަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން ޙައްޖުގެ އަޅުކަމުގައި ހިމެނޭ މުހިންމު ބައެއް ޝަޢީރާތައް އެ ދުވަހުގައި ވެސް އޮތުމެވެ. މިގޮތުން އިފާޟާގެ ޠަވާފު ކުރުމާއި، ބޮޑު ޖަމްރާ އަށް ހިލަ އުކުމާއި، ނަޙްރު ކުރުން ފަދަ ކަންކަން ކުރަން ޖެހެނީ އެ ދުވަހު އެވެ. ހަމަ އެއާ އެކު އެ ދުވަހަކީ އުޟްޙިޔާ ކަތިލަން ފަށާ އަދި އެކަމަށް އެންމެ އައުލާ ވެގެންވާ ދުވަސް ވެސް މެ އެވެ. ތިންވަނަ ސަބަބަކީ އެއީ މުސްލިމުންނަށް ކޮންމެ އަހަރަކު ވެސް އިއާދަވަމުން އަންނަ ދުވަހެއް (އާދެ، އީދެއް) ކަމުގައި ވުމެވެ. ހަތަރު ވަނަ ސަބަބަކީ ހައްޖު ދުވަހެކޭ އެއް ފަދައިން ﷲ މި ދުވަސް ވެސް ގަންދެއްވައި ހުވާ ކުރައްވާފައި ވުމެވެ.

އަޟްޙާ އީދަކީ މިފަދަ މާތް ދުވަހެއް ކަމުން އެ ދުވަހުގައި މުސްލިމުން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް ވެ އެވެ. މިގޮތުން ޙައްޖު ދުވަހުގައި ވެސް ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަން ކަމުގައިވާ އަޅުކަންތަކާއި ހެޔޮ ކަންތައް ކުރުން ގިނަ ކުރުމާއި، ޙަރާމް ކަންތައްތަކުން ދުރުހެލިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި، ތަހުލީލާއި ތަސްބީޙަ އާއި ތަކުބީރު ކިޔުން ގިނަ ކުރުމަށް އީދުގައި ވެސް ސަމާލުކަން ދޭން ވާނެ އެވެ. މިއަށް ފަހު ދެން އީދުގައި ސަމާލުކަން ދޭން ޖެހޭ އެންމެ ފުރަތަމަ ކަމަކީ އެ ދުވަހުގެ ހެނދުނު ޢީދު ނަމާދު ކުރުމެވެ. މި ނަމާދަށް ދިއުމަށްޓަކައި ހިނައިގަތުމާއި އެންމެ ރީތި ސާފުތާހިރު ފޭރާން ލުމާއި ހުވަނދު ލުން ސުންނަތް ވެގެން ވެ އެވެ. ނަމާދަށް ދިއުން އަދި އެނބުރި އައުން ވެސް ރަނގަޅީ ފައިމަގުގަ އެވެ. އެނބުރި އަންނަ އިރު މަގު ބަދަލު ކޮށްލުމަކީ މުސްތަޙައްބު ކަމެކެވެ. އަދި ހާމަ ތަނެއްގައި ވީހާވެސް ގިނަ މީހުންގެ ޖަމާއަތެއްގައި މި ނަމާދު ކުރުން ސުންނަތް ވެގެން ވެ އެވެ. އުޒުރުވެރިން ވެސް ޚުތުބާ އަޑުއަހަން ދިއުން ސުންނަތެވެ.

ތަކުބީރު ކިޔާއިރު "މާތް ﷲ އަކީ އެންމެ މަތިވެރި ފަރާތްކަމާއި، އެންމެ ގިނައިން ޙަމްދު ލިބިވޮޑިގެންވާ ފަރާތަކީ އެއީ ކަމާއި، ހެނދުނާއި ހަވީރު އާއި ހުރިހާ ވަގުތެއްގައި ވެސް އެކަލާނގެ ހުސްޠާހިރުވެގެންވާ ކަން" ހިތަށް އެރުވުމަކީ ތަކުބީރުގެ ރޫހާ އެކު ކިޔުމަށްޓަކައި މުހިންމު ކަމެކެވެ.

އަޟްޙާ އީދުގައި ސަމާލުކަން ދޭން ޖެހޭ އަނެއް ކަމަކީ ޙައްޖު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ތަޝްރީޤު ގެ އެންމެ ފަހު ދުވަހުގެ އަޞްރު ނަމާދާ ހަމައަށް ކޮންމެ ނަމާދެއްގެ ފަހުގައާއި އަދި އެނޫންވެސް ވަގުތު ތަކުގައި ތަކުބީރު ކިޔުމެވެ. (ޙައްޖު 28). މިގޮތުން ނަމާދުތަކުގެ ފަހުގެ އިތުރުން ވެސް ކަންކަން ފެށޭއިރު އާއި ނިމޭއިރު ތަކުބީރު ކިޔުމަކީ އާދައެއް ކަމުގައި ހެދިދާނެ އެވެ. ތަކުބީރު ކިޔާއިރު "މާތް ﷲ އަކީ އެންމެ މަތިވެރި ފަރާތްކަމާއި، އެންމެ ގިނައިން ޙަމްދު ލިބިވޮޑިގެންވާ ފަރާތަކީ އެއީ ކަމާއި، ހެނދުނާއި ހަވީރު އާއި ހުރިހާ ވަގުތެއްގައި ވެސް އެކަލާނގެ ހުސްޠާހިރުވެގެންވާ ކަން" ހިތަށް އެރުވުމަކީ ތަކުބީރުގެ ރޫހާ އެކު ކިޔުމަށްޓަކައި މުހިންމު ކަމެކެވެ.

އަޟްޙާ ޢީދުގައި އޮންނަ އެންމެ ޚާއްޞަ ކަމަކީ އުޟްޙިޔާ ކަތިލުމެވެ. މިއީ އިބްރާހީމްގެ ފާނާ ހަމައިން ފެށިގެން އައިސްފައިވާ ގަދަވެގެންވާ ޤަދީމީ ސުންނަތެކެވެ. މިސުންނަތް އަދާ ކުރުމުގައި ތަބާވާން ޖެހޭ ކަންތައްތަކެއް ވެ އެވެ. މިގޮތުން އުޟްޙިޔާ ކަތިލާން ބޭނުންވާ މީހަކު ނަމަ ޙައްޖު މަހުގައި އެކަމަށް ނިޔަތް ގަންނަ ހިސާބުން ފެށިގެން ނިޔަފަތި ކެނޑުމާއި، އިސްތަށި ބޭލުން ނުވަތަ ކޮށުން ނުވަތަ އުފުރުމާއި، ގައިގެ ހަމުން އެއްޗެއް ވަކި ކުރުމަކީ މަކްރޫހަ ކަމެކެވެ. (މުސްލިމް). ނަމަވެސް މިފަދަ ކަމެއް ކުރެވުނަސް އުޟްޙިޔާ ކަތިލުމަށް ހުރަހެއް ނުވެ އެވެ. އުޟްޙިޔާ ކަތިލާން ވާނީ އީދު ނަމާދަށް ފަހުގަ އެވެ. އޭގެ ކުރިން ކަތިލައިފި ނަމަ އަލުން އެހެން އެއްޗެއް ކަތިލަން ކީރިތި ރަސޫލު ﷺ ވަނީ އަންގަވައިފަ އެވެ. (އަޙުމަދު). ކަން ދިމާވާ ގޮތަކުން އީދުގެ ފުރަތަމަ ދުވަހު ކަތި ނުލެވިއްޖެ ނަމަ ތަޝްރީޤުގެ އެންމެ ފަހު ދުވަހާ ޖެހެންދެން ކޮންމެ ދުވަހަކު ވިޔަސް ކަތި ލެވިދާނެ އެވެ.

އުޟްޙިޔާ ކަތިލާން ބޭނުންވާ މީހަކު ނަމަ ޙައްޖު މަހުގައި އެކަމަށް ނިޔަތް ގަންނަ ހިސާބުން ފެށިގެން ނިޔަފަތި ކެނޑުމާއި، އިސްތަށި ބޭލުން ނުވަތަ ކޮށުން ނުވަތަ އުފުރުމާއި، ގައިގެ ހަމުން އެއްޗެއް ވަކި ކުރުމަކީ މަކްރޫހަ ކަމެކެވެ. (މުސްލިމް). ނަމަވެސް މިފަދަ ކަމެއް ކުރެވުނަސް އުޟްޙިޔާ ކަތިލުމަށް ހުރަހެއް ނުވެ އެވެ. އުޟްޙިޔާ ކަތިލާން ވާނީ އީދު ނަމާދަށް ފަހުގަ އެވެ. އޭގެ ކުރިން ކަތިލައިފި ނަމަ އަލުން އެހެން އެއްޗެއް ކަތިލަން ކީރިތި ރަސޫލު ﷺ ވަނީ އަންގަވައިފަ އެވެ. (އަޙުމަދު). ކަން ދިމާވާ ގޮތަކުން އީދުގެ ފުރަތަމަ ދުވަހު ކަތި ނުލެވިއްޖެ ނަމަ ތަޝްރީޤުގެ އެންމެ ފަހު ދުވަހާ ޖެހެންދެން ކޮންމެ ދުވަހަކު ވިޔަސް ކަތި ލެވިދާނެ އެވެ.

އުޟުޙިޔާ ކަތިލާނީ އެކަމަށް އެދޭ މީހާ އޭނާގެ އަމިއްލަ ނަފްސުގެ މަތީންނާއި އޭނާ ބަލަހައްޓަން ޖެހޭ މީހުންގެ މަތިންނެވެ. މިގޮތުން އެންމެ ހަގުވެގެން އުމުރުން ބައި އަހަރު ވެފައިވާ ކަންބަޅިއެއް ނުވަތަ އެއް އަހަރު ވެފައިވާ ބަކަރިއެއް، އާއިލާ އެއްގެ މަތިން ފުދޭނެ އެވެ. ނުވަތަ އެންމެ ހަގުވެގެން ދެ އަހަރު ވެފައިވާ ގެރިއެއް ނުވަތަ ފަސް އަހަރު ވެފައިވާ ޖަމަލެއް ކޮންމެ ހަތް އާއިލާ އެއްގެ މަތިން ފުދޭނެ އެވެ. އުޟްޙިޔާ ކަތިލަން އެންމެ މޮޅު އިތުރީ އެކަން ކުރާ މީހާ އަމިއްލަ އަށް ކަތިލުމެވެ. ނަމަވެސް ބަދަލުގައި އެހެން މީހަކު ލައްވާ އެކަން ކުރުވިއަސް ސުންނަތް ހާސިލު ވާނެ އެވެ. ކަތިލާއިރު ބިސްމި ކިޔައި ތަކުބީރު ކިޔަން ޖެހޭނެ އެވެ. އުޟްޙިޔާ ގެ މަހުން އުޟްޙިޔާގެ ވެރިޔާ އާއި އޭނާގެ އަހުލުން ކެއުން ސުންނަތް ވެގެން ވެ އެވެ. އަދި ފަގީރުންނަށް އެއިން ބައެއް ސަދަގާތް ކުރަން ޖެހެ އެވެ. މީގެ އިތުރުން ތިމާގެ މީހުންނަށާއި ރައްޓެހިންނަށް ހަދިޔާ ކުރެވޭނެ އެވެ.

ޢީދުގައި ސަމާލުކަން ދޭން ޖެހޭ އަނެއް ކަމަކީ މި އުފާވެރި މުނާސަބަތާ ދިމާކޮށް މުސްލިމުން އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ބަރަކާތްލެއްވުން އެދި ދުޢާކޮށް އުޅުމެވެ. އީދުގައި ދެން ސަމާލުކަން ދޭންވީ އަނެއް ކަމަކީ އެ ދުވަހަކީ އުފާކުރުމުގެ ދުވަހެއް ކަމުން ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ އެކިއެކި ކަންތައްތައް ކުރުން ހުއްދަކަން ދެނެގަނެ އެފަދަ ކަންކަމުގައި ބައިވެރިވުމެވެ. ނަމަވެސް މި ކަންތައް ކުރުމުގައި ވަރަށް މުހިންމު ދެ ކަމެއް ހަމަ އެންމެ ހިނދުކޮޅަކު ވެސް ހަނދާން ނައްތާލައިގެން ނުވާނެ އެވެ. ފުރަތަމަ ކަމަކީ މިކަމުގައި ވަގުތުތައް ހޭދަކުރަމުންދާއިރު ތިމާ އަދާކުރަންޖެހިފައިވާ އެކިއެކި ވާޖިބުތަކަށް ރައްކާތެރިވުމެވެ. އަނެއް ކަމަކީ އުފާކުރުމުގެ ގޮތުން ކުރާ އެއްވެސް ކަމެއްގައި ﷲ އާއި އެކަލާނގެ ރަސޫލާ ޙަރާމް ކުރައްވާފައިވާ ކަމެއް އެއްގޮތަކަށް ވެސް ނުކުރުމެވެ. ހަމަ އެފަދަ އިން މަކްރޫހަ ކުރައްވާފައިވާ ކަންތައްތަކުން ވެސް ދުރުހެލިވުމެވެ.

އުޟުޙިޔާ ކަތިލާނީ އެކަމަށް އެދޭ މީހާ އޭނާގެ އަމިއްލަ ނަފްސުގެ މަތީންނާއި އޭނާ ބަލަހައްޓަން ޖެހޭ މީހުންގެ މަތިންނެވެ. މިގޮތުން އެންމެ ހަގުވެގެން އުމުރުން ބައި އަހަރު ވެފައިވާ ކަންބަޅިއެއް ނުވަތަ އެއް އަހަރު ވެފައިވާ ބަކަރިއެއް، އާއިލާ އެއްގެ މަތިން ފުދޭނެ އެވެ. ނުވަތަ އެންމެ ހަގުވެގެން ދެ އަހަރު ވެފައިވާ ގެރިއެއް ނުވަތަ ފަސް އަހަރު ވެފައިވާ ޖަމަލެއް ކޮންމެ ހަތް އާއިލާ އެއްގެ މަތިން ފުދޭނެ އެވެ. އުޟްޙިޔާ ކަތިލަން އެންމެ މޮޅު އިތުރީ އެކަން ކުރާ މީހާ އަމިއްލަ އަށް ކަތިލުމެވެ. ނަމަވެސް ބަދަލުގައި އެހެން މީހަކު ލައްވާ އެކަން ކުރުވިއަސް ސުންނަތް ހާސިލު ވާނެ އެވެ.

މި ހުރިހާ ކަމަކަށްވުރެ ވެސް ބޮޑަށް ކޮންމެ އީދެއްގައި ވެސް ސަމާލުކަން ދޭންޖެހޭ ވަރަށް މުހިންމު އެހެން ކަމެއް އޮވެ އެވެ. އެއީ ރަޙިމުގެ ގުޅުން ވާޞިލުކުރުމެވެ. ރަޙިމުގެ ގުޅުން ވާޞިލުކުރުމޭ ބުނެވޭ ބަހުގެ މާނައަކީ ގާތްތިމާގެ މީހުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމެވެ. އެއްވެސް ކަހަލަ ހީނަރުކަމެއް އެ ގުޅުމަށް އައިސްފައިވާ ނަމަ އެކަން ފިލުވާލައި އެ ގުޅުން އިހަށް ވުރެ ބަދަހިކުރުމެވެ.

ޢީދު ފަދަ ޚާއްޞަ މުނާސަބަތުތަކުގައި ވަކިން ބޮޑަށް މިކަމަށް ސަމާލުކަން ދޭންޖެހޭނެ އެވެ. ވީމާ ތިމާގެ މީހުންގެ ގޭގެ އަށް ޒިޔާރަތްކޮށް އެ ގޭގެއިން ކައިބޮއެ ހަދައި އެ ގޭގެއަށް ކާބޯ ތަކެތި ފޮނުވައި އެކަކު އަނެކަކަށް ސަލާމްކޮށް ރީތިކޮށް ވާހަކަ ދައްކައި އުޅުމަކީ ކުރުން ވަރަށް އެދެވިގެންވާ ކަމެކެވެ. ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް ދަސްކުރުމާ އެކު ޢީދުގައި ސަމާލުވާން ޖެހޭ މި ދެންނެވި ކަންކަމަށް ހުރިހާ މުސްލިމުންވެސް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

19 July 2021

ދިވެހިންގެ ތެރެއިންވެސް މުސްލިމުން ގެ ދަރަަޖަ ބެހިގެން ގޮސްފަވާ ބައިތަށް ވަރައްގިނަވެއްޖެއެވެ. އެއްބަޔަކު ރަސޫލުން ނަށް ކަމޭހިތާ ކަމުގަ ނުވާއިރު ދޮގުހެދުން އިންތިހާ ގޮސްފަވެއެވެ. އަމިއްލަ ކުށްގަބޫލު ނުކުރުމާއި ދުލުން ބުނެވޭ ނުބުނެވޭ އެއްޗަކާއިމެދު ފަރުވާލެއްނޯވެއެވެ. އެކަމަކު ދައުވާކުރަނީ ތިމާނަމާދު ކުރާތީވެ މުސްލިމެއްގެ ދަރަޖައަށެވެ. މުސްލިމުން ދޮގުހަދާކަމުގަ ނުވާނެއެވެ. އަދި ދުލުގެ ރައްކައުތެރިކަން ދަމަހައްޓާނެތެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454