ރިއާ.
23 ޖުލައި 2021 - 07:53
މިދިޔަ އަހަރު އެކްޓަރު ސުޝާންތު ސިންޖް ރާޖްޕޫތު ދަންޖެހިގެން މަރުވި އިރު، ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީ ހޮލީވުޑަށް ދާން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި ހޮލީވުޑުން ހުށަހެޅުންތައް ލިބެމުން އަންނާތީ، ޒުވާން ބަތަލާ މިހާރު މަސައްކަތްކުރަމުން އަންނަނީ އެމެރީކާގެ ބޮޑު ބޮޑު ޓެލެންޓް މެނޭޖްމަންޓް އެޖެންސީއަކާ އެކު ސޮއިކުރުމަށެވެ. އެގޮތުން ވެސް މިހާރު ބައެއް އެޖެންސީތަކާ އެކު މަޝްވަރާކުރެވުމުން އަންނަ ކަމަށް ބުންޏެވެ. އަދި ހުރިހާ ކަމެއް ފައިނަލްވުމުން ރިއާ ތަމްސީމުކޮށްދޭ އެޖެންސީ އަކީ ކޮބައިކަން އިއުލާންކުރާނެ އެބެ.
މިދިޔަ އަހަރުގެ ޖުން މަހުގެ 14 ގައި ސުޝާންތު މަރުވި އިރު، ރިއާގެ ފިލްމެއް އޮތީ ރިލީޒްކުރުމުގެ މަގުމަތީގަ އެވެ. އެކަމަކު ކޮވިޑް-19 އާ ހެދި އެކި ފަހަރު މަތިން ފަސްކޮށް، މިހާރު ވަކި ތާރީހެއް ވެސް ނެތް އެ ފިލްމަކީ ރޫމީ ޖެފްރީ ޑައިރެކްޓްކޮށްފައިވާ ތުރިލާ "ޗެހެރޭ" އެވެ. އޭގެ ކާސްޓްގައި އަމީތާބް ބައްޗަނާއި އިމްރާން ހާޝްމީ އާއީ ބޮލީވުޑަށް ތައާރަފުކުރާ ޓީވީ ބަތަލާ ކްރިސްޓަލް ޑި ސޫޒާ ހިމެނެ އެވެ.
"ޗެހެރޭ" ގެ ޕޯސްޓަރާއި ޓްރެއިލާ މި އަހަރުގެ ކުރީކޮޅު ދައްކައިލި އިރު އެއިން އެއްޗެއްގައި ރިއާ ހިމަނައިފައެއް ނުވެ އެވެ. އެކަމަކު އޭނާގެ ރޯލު ފިލްމުން އުނިނުކުރާކަން ގާތް އެކުވެރި ޑައިރެކްޓަރު ރޫމީ ބުނެފައިވެ އެވެ.
ސުޝާންތުގެ މަރާ އެކު، އެ މަރުގެ ތުހުމަތު ރިއާގެ ބޮލުގައި އެޅި އޭނާ ޖަލުގައި ވެސް މަހެއްހާ ދުވަހަށް ބަންދުކުރި އެވެ. ރިއާ ޖަލުން މިނިވަންވީ ކަފާލާތުގެ ދަށުން އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ހޮލީވުޑްގެ އެޖެންސީއަކާ އެކު ރިއާ ސޮއިކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު، ސުޝާންތުގެ މަރާ އެކު ދިމާވި ކަންކަމުގެ ފަހުން އޭނާ އެއްވެސް ފިލްމަކަށް މިހާތަނަށް ސޮއިކޮށްފައެއް ނުވެ އެވެ. އެކަމަކު މި އަހަރު ރިއާ ފިލްމީ މަސައްކަތްތަކަށް އަލުން ނުކުންނާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ރިއާ އަކީ ބޮލީވުޑްގައި އެހާ މަޝްހޫރު ބަތަލާއެއް ވެސް ނޫނެވެ. އަދި މާ ގިނަ ފިލްމުތަކެއް ކުޅެފައެއް ވެސް ނުވެ އެވެ. އޭނާ ބޮލީވުޑަށް ނުކުތީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2013 ގެ "މޭރޭ ޑޭޑް ކީ މަރޫޓީ" އިންނެވެ. ރިއާ އެންމެ ފަހުން ފެނިފައި ވަނީ 2018 ގެ "ޖަލޭބީ" އިންނެވެ. އޭނާ ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި ސޮނާލީ ކޭބަލް (2014) އަދި ހާފް ގާލްފްރެންޑް (2017) ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy