އިކޮނޮމިކް ކައުންސިލްގެ ޗެއާ ޒުހޫރު (ކ) ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަނީ: އޭޑީސީގެ މައްސަލާގައި މަޖިލިހުން ނިންމި އުސޫލާ މެދު ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެންފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
26 ނޮވެމްބަރ 2016 - 22:38
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ނެގުމުގައި ދިވެހިންނާއި ބިދޭސީން ތަފާތު ކުރުމަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އިކާއޯ) ގެ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް އިކޮނޮމިކް ކައުންސިލްގެ ޗެއާ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު މިރޭ ވިދާޅުވެއްޖެ އެވެ.
އައިއެންއައިއޭ އިން ފުރާ ކޮންމެ މީހެއްގެ އަތުން، ދިވެހިން ވެސް ހިމެނޭ ގޮތަށް 25 ޑޮލަރު ނެގުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ނަމަވެސް މިދިޔަ ބުރާސްފަތިދުވަހުގެ ރޭ މަޖިލިހުން ފާސްކުރީ އެއާ ހިލާފަށެވެ. ސަރުކާރުގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ މަޖިލިހުން ފާސްކުރީ އައިއެންއައިއޭ އިން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން އޭޑީސީގެ ގޮތުގައި 12 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 25 ޑޮލަރު ނެގުމަށެވެ.
މި އިސްލާހު އެންމެ ފަހު ވަގުތު ގެނައީ ރައީސް އަބްދުﷲ ޔާމީންގެ ރުހުމާއެކު ކަމަށް ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން މަޖިލިހުގެ ތަޅުމުގައި އަދި މީޑިއާގައި ވިދާޅުވި ނަމަވެސް، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ)ގެ ވައިބާގައި އެމަނިކުފާނު ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.
ދިވެހިންގެ އަތުން ނަގާ އަދަދު 12 ޑޮލަރަށް ދަށްކުރުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިނުގަންނަވާ ކަމަށް ވައިބާ ގުރޫޕުގައި، ވޯޓަށް ފަހު ރައީސް ޔާމީން ވިދާޅުވި ކަމަށް އެކަން އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން "މިހާރު" އަށް ވިދާޅުވެފައިވެ އެވެ. އަދި އެކަމާ ރައީސް ޔާމީން ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވި ކަމަށް ވެ އެވެ.
މި މައްސަލާގައި އިކޮނޮމިކް ކައުންސިލްގެ ޗެއާ ޒުހޫރު "މިހާރު" އަށް ވިދާޅުވީ އޭޑީސީގެ ގޮތުގައި ކޮންމެ އަދަދެއް ނެގި ނަމަވެސް އެއީ ހަމަހަމަ އުސޫލަކުން ނަގާ އެއްޗަކަށް ވާން ޖެހޭނެ ކަމަށެވެ.
"އެހެން ނޫނީ އެއީ އައިކާއޯގެ އުސޫލުތަކާ ހިލާފު ކަމެއް. މަޖިލިހުން ކަން ވެގެން މިދިޔަ ގޮތުން އަޅުގަނޑުމެން ވަރަށް ހިތާމަކުރަން،" އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނެގުމަށް ފެށުނީއްސުރެ ވަކާލާތު ކުރެއްވި ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭޑީސީގެ ގޮތުގައި އެންމެންގެ އަތުން އެއް އަދަދެއް ނެގުމަށް، ބުރާސްފަތިދުވަހުގެ ރޭގެ ވޯޓުގެ ކުރިން އެކި މެމްބަރުންގެ އަރިހުގައި އެންމެ ފަހު ވަގުތު ވެސް ދެންނެވި ކަމަށެވެ.
ޒުހޫރު (މ) ފިނޭންސް މިނިސްޓަރު މުނައްވަރު އަދި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާ އެކު.---ފޮޓޯ: ނިޝާން އަލީ/މިހާރު
"[ވޯޓުގެ ކުރިން] އަޅުގަނޑަށް ގުޅި މެމްބަރެއް ކަމަށް ވިއްޔާ އެ ބޭފުޅަކަށް އިކޮނޮމިކް ކައުންސިލްގެ ފަރާތުން ދަންނަވަމުން ގެންދިޔައިން ހަމަހަމަ އުސޫލަކުން އޭޑީސީ ނުނަގާ ނަމަ އައިކާއޯގެ މިންގަނޑުތަކާ ހިލާފުވާނެއޭ. އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ. ދެންނެވޭނީ ނޫންތޯ؟،" މަޖިލިހުގެ ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ޒުހޫރު ވިދާޅުވި އެވެ.
އިކާއޯގެ މިންގަނޑާ ހިލާފުވާ ނަމަ ދެން އަމަލު ކުރައްވާނީ ކޮން ގޮތަކަށްތޯ ދެންނެވުމުން އޭނާ ވިދާޅުވީ ދެން ވެސް މެމްބަރުންނަށް "ދެންނެވޭނީ" ކަމަށެވެ.
މިހާރު ވެސް އެއާޕޯޓުން ފުރާ ކޮންމެ މީހުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ފައިސާ ނަގަނީ ހަމަހަމަ އުސޫލަކުން ނޫން ކަމަށް ދެންނެވުމުން ޒުހޫރު ވިދާޅުވީ އެއީ "އިންޓާނަލް ޗާޖެއް" ކަމަށާއި އެ ޗާޖް ތަފާތު ވުމަކީ މައްސަލައެއް ނޫން ކަމަށެވެ.
"އެކަމަކު އޭޑީސީ ނެގުމުގައި ތަފާތު ކޮށްގެން ނުވާނެ. އެއީ އިންޓަނޭޝަނަލް މިންގަނޑު،" އޭނާ ވިދާޅުވި އެވެ.
މިހާރު ވެސް އެއާޕޯޓުން ފުރާ ކޮންމެ ބޭރު މީހެއްގެ އަތުން 25 ޑޮލަރުގެ އެއާޕޯޓު ސާވިސް ޗާޖެއް ނަގަ އެވެ. އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަ އެވެ.
ރައީސް ޔާމީން ކެބިނެޓް ބައްދަލުވުމެއްގައި: އައިއެންއައިއޭ އިން ފުރާ ދިވެހިންގެ އަތުން އޭޑީސީ ނަގަން މަޖިލިހުން ފާސްކުރީ އެމަނިކުފާނު ބޭނުންފުޅުވި ގޮތާ ހިލާފަށް.---ފައިލް ފޮޓޯ: ރައީސް އޮފީސް
ޒުހޫރު ވިދާޅުވީ ރައީސް ޔާމީން ވެސް މި މައްސަލާގައި ކަންބޮޑުވެވަޑައިގަންނަވަނީ އިކާއޯގެ މިންގަނޑުތަކާ ހިލާފު ނިންމުމަކަށް ވާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މަޖިލިހުގެ ޖަލްސާއެއްގައި ޕީޕީއެމްގެ މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ: އޭޑީސީގެ ގޮތުގައި ނެގުމަށް ފާސްކުރި އަދަދާ މެދު ބޮޑު ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައި.---ފައިލް ފޮޓޯ: މަޖިލިސް
ދިވެހިންގެ އަތުން އޭޑީސީ ނެގުމާ ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ އިސް މެމްބަރުން ވަނީ ފުރަތަމަ ދުވަހު ވެސް ދެކޮޅު ހައްދަވައިފަ އެވެ. އޭގެ ތެރޭގައި ޕީީޖީ ލީޑަރު އަހުމަދު ނިހާނާއި ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒް ރަޝީދު އަދި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ފާހަގަކުރެވެ އެވެ. ރިޔާޒާއި އަސްމާ ވަނީ ދިވެހިންގެ އަތުން އޭޑީސީ ނެގުމާ ފާޅުގައި ދެކޮޅު ހައްދަވައި މަޖިލިހުގެ ބަޖެޓް ކޮމެޓީގައި ވެސް ވާހަކަ ދައްކަވައިފަ އެވެ. އެކަމަކު އަސްމާ ވަނީ ފަހުން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ވިސްނުން ބަދަލުކުރައްވައި ސަރުކާރުން ބޭނުންވި ގޮތަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނެގުމަށް، ބިލް ދިރާސާކުރި ކޮމެޓީ އަށް ހުށަހަޅުއްވައިފަ އެވެ. އަދި އެ ހުށަހެޅުން އެ ކޮމެޓީން ފާސްކުރި ވެސް މެ އެވެ.
ނަމަވެސް އޭގެ ފަހުން ޕީޖީ ގުރޫޕުގެ ތެރޭގައި އެ ނިންމުމާ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުމުން، އަސްމާ ވަނީ އައިއޭއިން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 25 ޑޮލަރު ނެގުމަށް ހުށަހަޅުއްވައިފަ އެވެ. މަޖިލިހުން ފާސްކުރީ އަސްމާ ހުށަހެޅުއްވި ގޮތަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީ މީޑިޔާ
27 November 2016
ގައުމުގެ ކަންތަށް ނިންމުމުގަ ތިހާ ފުލަށްބަރުވީމަ ވާނީ ތިގޮތް. ވައިބަރ ގްރަުޕް ތީ އޮފިޝަލް މީޑިއާބާ؟؟؟ ގައުމުހިންގުމުގެ!!!!!
ގގ
27 November 2016
އިކާއޯ އިން ވަކިވާން ފާސްކޮށްބަލަ މައްސަލަ ހައްލުވިނުން!
ނިއުމާ
27 November 2016
ޒުހޫރާއި، އިކޮނޮމިކް ކައުންސިލް ގުޅިގެން މަޖިލިހުގެ ޕީޕީއެމްގެ މެންބަރުންގެ އިތުބާރު ރައީސް ޔާމީނުގެ ކިބައިން ގެއްލުވާލަން ކުރިކަމެއްތިޔައީ، މިނިސްޓަރުން އޭޑިސީގެ މައްސަލައިގައި ދިވެހިންގެ އަތުން ފައިސާނެގުމަށް ދޫކޮށްލީ މަޖިލިހުގެ މެންބަރުންނަށް، އަދި އެކަން އެގޮތަށް މެންބަރުންކުރީ ރައީސް ޔާމީނުގެ ލަފާގެ މަތިން، މިހާރު އޭވިއޭޝަން އުސޫލުތަކޭ ކިޔައިގެން އެއުޅެނީ ޕީޖީ ގްރޫޕުގެ އަގުވައްޓާލަން، މިވަރުންވެސް އެބަޖެހޭ ޕީޖީ ގްރޫޕްގެ މީހުން ހޭލާން، ލަފާކުރެވޭގޮތުގައި ނިހާނު ޗުއްޓިން އައީމާ ޕީޖީ ގްރޫޕް ލީޑަރުކަމުން ވަކިކުރާނެ، އިލްހާމް އެކަމުގެ މަސައްކަތް އެބަކުރޭ
ނަސީރު
27 November 2016
ކޮން އިކާއޯ އެއް. މިއީ ތި އިކާއޯ އަކުން ވަކި ވާންވީ ދުވަސް!
އަލިފް
27 November 2016
ކޮން އިކާއޯ އޭކިޔާކަށް ..... އިކާއޯގެ މިންގަނޑުތަކުގައި އޮވޭތަ ޑިޕްލޮމެޓުން އަތުން އޭޑީސީއެއް ނުނެގޭނޭ... މީދޯ ތިޔަކިޔާ ހަމަހަމަކަމަކީ.........
ައަލީ
27 November 2016
ދީނާ ގައުމަށް ޓަކާ މިހާރު އޯކޭ އެއްނު ކޮންމެ ފީ އެއް ނެގިޔަސް. ޔ ވ ސަލާމް.
ދޮގެއްތަ؟
27 November 2016
ވެރިކަން އޮތީ ތިން އަހަރުން ވެއްޓިފަ. މަނަމަވެސް އަސަރު ކުރާނެ. ކެކެކެކެ
މނ
27 November 2016
ކޮން އިކާއޯ އެއް މިރާއްޖޭގެގާނުނުން ކަންކުރާނަމަތަ
ޙަސަނާ
27 November 2016
ޢަވަހަށް އިކާއޯ އިން ވަކިވާންވީ
އަހުމަދު ސަލީމު އާމިރު
27 November 2016
http://www.icao.int/publications/Documents/9082_9ed_en.pdf އެއަރޕޯޓް ސަރވިސް ޗާޖަކީވެސް އައިކާއޯ ރެގުއުލޭޝަންގައި ހިމެނޭ ޗާޖެއް. މިވެސް ނަގަންޖެހެނީ ހަމަހަމަކޮށް. ލިންކް ބައްލަވާ ލައްވާ.
އިންޓާނަލް
27 November 2016
އިންޓާނަލް ޗާޖަކީ ކޮން އެއްޗެއްތޯ؟.. ހިންޏަށް ހަކުރުއޮޅުވާލަނީ ދޮތަ؟