03 އޯގަސްޓް 2021 - 06:34
ކުރީގެ ކާރު ރޭސް ޗެމްޕިއަން މައިކަލް ޝޫމާކާގެ ވާހަކަ ކިޔައިދޭ ފިލްމެއް އަންނަ މަހު ނެޓްފްލިކްސް އަށް ގެންނަން ނިންމައިފި އެވެ.
މި ފިލްމުގެ ވާހަކަ ނެޓްފްލިކްސް އިން ޓްވިޓާގައި ހިއްސާކޮށް ބުނީ އަންނަ މަހުގެ 15 ގައި ސްޓްރީމްކުރަން ހަމަޖެހިފައިވާ "ޝޫމާކާ" އަކީ ޝޫމާކާގެ އާއިލާގެ ބައިވެރިވުމާ އެކު އޭނާގެ ވާހަކަ ރަސްމީކޮށް ފިލްމަކުން ކިޔައިދޭ ފުރަތަމަ އުފެއްދުން ކަމަށެވެ.
މިހާރު 52 އަހަރުގެ ޝޫމާކާ ކާރު ރޭހުގެ ކުޅިވަރުން 2012 ގައި ރިޓަޔާކުރި އިރު ފޯމިއުލާ 1 ގެ ޗެމްޕިއަންކަން ހަތް ފަހަރު އަދި 91 ގްރާން ޕްރީ ކާމިޔާބުކޮށްފައިވެ އެވެ. އޭނާ އެންމެ ފުރަތަމަ ގްރާން ޕްރީއެއް ކާމިޔާބުކުރީ 1991 ގަ އެވެ.
ފިލްމުގައި ޝޫމާކާގެ ކެރިއަރުގެ އުސްއަލިތައް ވަރަށް ބޮޑަށް ގެނެސްދޭނެ އެވެ.
ޝޫމާކާގެ މެނޭޖަރު ސެބީން ކޭން ބުނީ މި ފިލްމަކީ އާއިލާގެ ފަރާތުން ލޯބިވާ ފިރިއަކާއި ބައްޕައަކަށް ދޭ ހަދިޔާއެއް ކަމަށާއި ޝޫމާކާއާ ބެހޭ ވަރަށް ގިނަ ކަންކަން މި ފިލްމުން އެނގޭނެ ކަމަށެވެ. ވަނެސާ ނޮކާ އާއި މައިކަލް ވެޗްގެ އިތުރުން ހާންސް-ބްރޫނޯ ކެމެޓޯންސް ޑައިރެކްޓްކޮށްފައިވާ "ޝޫމެކާ" ގައި ޝޫމެކާގެ އަންހެނުން ކޮރީނާ ޝޫމެކާ އާއި ދެ ކުދިން ކަމަށްވާ މިކް އާއި ޖީނާ-މަރާޔާ ޝޫމާކާގެ އިންޓަވިއު ވެސް ހިމެނޭނެ އެވެ.
SCHUMACHER – the first film supported by his family – gives unique insights into the life of the seven-time Formula 1 world champion Michael Schumacher. Only on Netflix, from 15 September. pic.twitter.com/ChcEEaKfsb
— Netflix UK & Ireland (@NetflixUK) July 30, 2021
"އާއިލާގެ ވަރަށް ބޮޑު ބައިވެރިވުމެއް ފިލްމަށް ލިބިފައިވާތީ މިއީ ޝޫމާކާއާ ބެހޭ ވަރަށް ގިނަ ސައްހަ މައުލޫމާތު އެނގިގެން ދާނެ އެއްޗެއް. މީގެ އެންމެ ހާއްސަ ކަމަކީ ވެސް މީގެ އޯތެންސިޓީ ހިފަހައްޓަން ކޮރީނާ ދިން އެހީތެރިކަމާއި އެއްބާރުލުން،" ނޮކާ ބުންޏެވެ. "އެހެންވީމާ ފިލްމަކު ނުހިމެނޭނެ ހަގީގަތާ ފުށުއަރާ އެއްވެސް ކަމެއް."
ދެހާސް ތޭރަ ވަނަ އަހަރު ސްކީ ކުރަން އުޅެނިކޮށް ކުރިމަތިވި ނުރައްކާތެރި އެކްސިޑެންޓަކަށް ފަހު ބޮލަށް ލިބުނު ސީރިއަސް ގެއްލުންތަކަށް ފަހު ކޯމާގައި ވެސް އޮތް ޝޫމާކާ ސިއްހީ ހާލަތު ވެސް އޮންނަނީ ވަރަށް ބޮޑަށް ސިއްރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy