ޚިޔާލު

ފަސް މިނެޓް: އެމްޑީއޭގެ މެމްބަރެކޭ ބުނުމަކީ އަބުރާ ބެހުންތަ؟

ހިޔާލު ފާޅުކުރުން ހުއްޓުވުމުގެ ބިލް ފާސް ނުކުރަން އެދި ނޫސްވެރިން މަޖިލިސް އިދާރާ ދޮށުގައި. --ފޮޓޯ: މުހައްމަދު ޝަރުހާން

އަބުރުގެ ގާނޫނު ފާސް ކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް މީޑިއާތަކުގެ ވަރަށް ގިނަ މީހުން ގެންގޮސް ޚިޔާލާއި މަޝްވަރާ ހޯދި އެވެ. ނަމަވެސް މަޖިލީހުން އެ ގާނޫނު ފާސްކޮށް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ ވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ހޯދައި ނުދީ އެވެ.

މަޖިލީހުގެ ކޮމިޓީގައި ނޫސްވެރިންނާ އެންމެ ގިނަ އިން ކުރި ސުވާލަކީ، މީހުންގެ އަބުރަށް އަރައި ނުގަނެ ނޫސްވެރިކަން ނުކުރެވޭނެ ހެއްޔެވެ؟ އަބުރަކީ ހިމާޔަތް ކުރެވި ރައްކާތެރިކުރެވެން ޖެހޭނެ އެއްޗެއް ކަމަށް ގަބޫލު ނުކުރަނީ ހެއްޔެވެ؟ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނެއް ފާސްކުރާތީ ނޫސްވެރިން ބިރުގަންނަނީ ކީއްވެ ހެއްޔެވެ؟

މި ހުރިހާ ސުވާލުތަކަށް ވެސް ނޫސްވެރިން ދިނީ ދާދި އެއް ޖަވާބުތަކެކެވެ؛ މީހުންގެ އަބުރަށް އަރައިނުގަނެ ނޫސްވެރިކަން ކުރެވިދާނެ އެވެ. ނޫސްވެރިން ބޭނުންވަނީ މީހުންގެ އަބުރު ކަތިލާކަށް ނޫނެވެ. އަދި އަބުރަކީ ކިތަންމެ އާދައިގެ މީހެއްގެ ވިޔަސް، ހުރުމަތްތެރި ކުރެވި ރައްކާތެރި ކުރެވިގެންވާ އެއްޗެކެވެ. މީހެއްގެ އަބުރު ނަގައިލުމާއި އަބުރަށް އަރައިގަތުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވެ އެވެ.

ނަމަވެސް މިފަދަ ބިލެއްގެ ސަބަބުން ކަންބޮޑުވާން ޖެހޭ އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ނޫސްވެރިން ފާހަގަކުރީ، ކޮންމެވެސް ބަޔަކު އެ ގާނޫނުގެ ނާޖާއިޒު ފައިދާ ނަގައިފާނެ ކަމެވެ. އަދި ސަރުކާރުންނާއި ސަރުކާރަށް ތާއީދު ކުރާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އަބުރާ ބެހުން ނުވަތަ އަބުރު ނަގައިލުން މާނަ ކުރާ ގޮތް މަޖިލީހުގެ ތަޅުމުގަ އާއި ކޮމިޓީގައި މެމްބަރުން ދެއްކެވި ވާހަކަތަކުން ވަރަށް ރަނގަޅަށް ސާފުވީތީ އެވެ.

އެ ފަރާތްތަކުގެ ނަޒަރުގައި އަބުރާ ބެހުމުގެ ކޮންމެ ކަމަކީ، އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ގަޒްފު ކުރުމާ އެއްފަދަ ކަމެކެވެ. އިއްފަތްތެރި މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާފައި، ޝަރީއަތުގައި ހަތަރު ހެކިންގެ ހެކިބަހުން އެކަން ސާބިތު ނުކުރެވިއްޖެ ނަމަ، އެ ދޮގު ތުހުމަތު ކުރި މީހާގެ ގައިގައި އަށްޑިހަ އެތިފަހަރުން ހައްދު ޖެހުމަށް އިސްލާމީ ޝަރީއަތުގައި އޮވެ އެވެ. ނަމަވެސް މީހަކާ ދިމާލަށް "މިހިރަ ބަބުރު ކަލޭގެޔާއޭ" ބުނާ މީހާގެ ގައިގައި ހައްދެއް ނުޖެހޭނެ އެވެ. ނަމަވެސް އެ ދެ ކަމަކީ ވެސް އޭގެ ޒާތުގައި އަބުރާ ބެހުމުގެ ދެ ކުށެވެ. ދަރަޖަ ވަރަށް ތަފާތެވެ.

އަބުރުގެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީން، މީޑިއާ ކައުންސިލާ ބައްދަލުކުރަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު މިއަދު އަބުރާ ބެހުމުގެ ގާނޫނު އޮތީ މިފަދަ ތަފާތުތައް ކަނޑައަޅައިދޭ ފަދަ ގޮތަކަށް ނޫނެވެ. އަދި އެ ގާނޫނުގެ ނާޖާއިޒު ބޭނުން ހިފައިގެން، އަބުރާބެހުމަށް ނުވާ ކަމެއްގައި ވެސް އަބުރާބެހުނީ ކަމަށް ހަދައި މީހަކު ގާނޫނީ ގޮޅިއަކަށް ފައްތައިލެވިދާނެ ކަން، މިހާރު މިވަނީ ހާމަވާން ފަށައިފަ އެވެ.

އަބުރު ނަގައިލި ކަމަށް ބުނެ ފުލުހުންނަށް މިހާތަނަށް ހަތަރު މައްސަލައެއް ހުށަހަޅާފައި އެބަ އޮތް ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރެއިން އެންމެ މައްސަލައެއް ނޫނީ، ދެން ހުށަހެޅި މައްސަލަތައް ހުރީ ކޮން ބަޔަކާ ދެކޮޅަށް ކަމެއް އަދި ނޭނގެ އެވެ. އެ މައްސަލަ އަކީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި "މިހާރު" ނޫހާއި އެ ނޫހުގެ ލިޔުންތެރިޔާ ފަޒީނާ އަހްމަދާ ދެކޮޅަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައެކެވެ.

މައްސަލަ ހުށަހެޅިތާ ދެ މަސް ފަހުން، އެ މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ. ނޫސްވެރިޔާ ފަޒީނާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ވެސް ނަގައިފި އެވެ. މި މައްސަލަ ހުށަހެޅި ފަރާތުގެ އަބުރު ގެއްލުނީ ކީކޭ ލިޔެގެން ކަމަށްތޯ އެވެ؟

އެ މައްސަލަ ހުށަހެޅީ ސެޕްޓެމްބަރު 20، 2016 ގައި "މިހާރު" ނޫހުގައި ޝާއިއު ކުރި ޚަބަރަކާ ގުޅިގެންނެވެ. އެ ޚަބަރުގައި ހުރި ވާހަކަތަކުގެ ތެރެއިން، މައްސަލަ ހުށަހެޅި ފަރާތުގެ އަބުރު ގެއްލުނު ކަމަށް ބުނެ ފާހަގަކޮށްފައިވާ އިބާރާތް މި ތަނުގައި ނަކަލު ކޮށްލާނަމެވެ. ޖުމްލަ 366 ލަފްޒު ހިމެނޭ އެ ޚަބަރުގައި ހުރި ވާހަކަތަކުގެ ތެރެއިން، އެ ބޭފުޅާގެ އަބުރު ގެއްލުނު އިބާރާތަކީ "ސުޖާއު އަކީ އެމްޑީއޭ މެމްބަރެއް" މި އެވެ.

އެމްޑީއޭ އަކީ ރައީސް ޔާމީންގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިޔާ އެވެ. މުޅި ގައުމު ތަރައްގީ ކުރަމުންދާ "ހަބޭސް ތިން އަހަރުގެ" ސަރުކާރުގެ އެއް ބައިވެރިޔާ އަށް މީހަކު ނިސްބަތް ކުރުމަކީ އެ މީހެއްގެ އަބުރަށް ހުތުރުވާ ކަމަކީ ހެއްޔެވެ؟ އެ ގޮތަށް ވިސްނާ ނަމަ، ސަރުކާރާ މެދު އެ ދެކެވެނީ ހާދަ އެހެން ކަހަލަ ގޮތަކަށެވެ. ހަގީގަތުގައި އެއީ އެ މީހެއްގެ އަބުރާއި އިއްޒަތް އުފުލިގެން ދިއުން ނޫން ބާވަ އެވެ؟

ހިޔާލު ފާޅު ކުރުން ހުއްޓުވާ ބިލް ފާސްކުރަން މަޖިލީހުގައި ވޯޓު ނަގަމުން ދިޔަ އިރު މަޖިލިސް ދޮށުގައި ނޫސްވެރިން ބިލާ ދެކޮޅަށް އަޑުއުފުލަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އެ މީހަކު އެ ޕާޓީއެއްގައި ނުހިމެނޭ ޕާޓީއަކަށް ނިސްބަތް ކުރުމަކީ ހަމަ ގައިމު ވެސް ދޮގަކަށް ވާނެ އެވެ. ނަމަވެސް އެއީ އެ މީހެއްގެ އަބުރަށް އަރައިގަތުން ކަމުގައި ނުވަތަ އަބުރު ނަގައިލީ ކަމުގައި ހަމަ ބުއްދި ގަބޫލެއް ނުކުރާނެ އެވެ. އެއީ އަބުރަށް އަރައިގަތުން ކަމުގައި ގަބޫލު ކުރާނީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.

ނަމަވެސް، ދިވެހި ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުން ތަހުގީގީ މަރުހަލާތައް ފަށާނީ އެއީ އަބުރާ ބެހުން ނޫން ކަމަށް ފުލުހުންނަށް ގަބޫލު ނުކުރެވޭތީ ކަމަށް ވިސްނެ އެވެ. މައްސަލަ ހުށަހެޅި ފަރާތުން، އެ ޚަބަރުގެ ތެރެއިން ފާހަގަކޮށްފައި އޮތް އިބާރާތުގައި މީހެއްގެ އަބުރާ ބެހިފައި ނުވާ ކަން ފުލުހުންނަށް ކަށަވަރުވާ ނަމަ، ގައިމު ވެސް ތަހުގީގެއް ނުފަށާނެ އެވެ.

ހަމައެކަނި މި މައްސަލަ އަށް ބަލައިލިޔަސް، އަބުރުގެ ގާނޫނުގެ ނުރައްކާތެރިކަން ވަޒަން ކުރެވޭނެ އެވެ. މިވެނި މީހަކީ ވަކި ޕާޓީއެއްގެ މީހެކޭ ބުނުމަކީ މީހެއްގެ އަބުރަށް އަރައިގަތުން ކަމަށް ބަލައިގެން ތަހުގީގު ކޮށް ޝަރީއަތަށް ފޮނުވާ ނަމަ، އެއީ ކަނޑައެޅިގެން އެ ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުމެވެ. އެ ގާނޫނު އުފަންކުރި މަރުހަލާގެ ތެރޭގައި ނޫސްވެރިން ކަންބޮޑުވި އެންމެ ބޮޑު ސަބަބަކީ އެއީ އެވެ.

މި މައްސަލަ ކުރި އަށް ގެންދާ ނަމަ، މާރާމާރީ ހިންގައި މީހުން މަރާ ޣައިރު ގާނޫނީ ގޭންގަކަށް މީހަކު ނިސްބަތް ކޮށްގެން ހުށަހަޅާ މައްސަލައަކާ މެދު އަމަލު ކުރާނީ ކޮން ގޮތަކަށް ބާވައޭ ހިތަށް އަރަ އެވެ. އެ ދެ ކަމަކީ ވެސް އަބުރާ ބެހުން ކަމުގައި ބަލައިފި ނަމަ، އެ ބުނެވެނީ ކީކޭތޯ އެވެ؟ އެ ބުނެވެނީ، ގާނޫނީ ގޮތުން އުފެދިފައިވާ ސިޔާސީ ޕާޓީތަކާއި، ބޮޑެތި ޖަރީމާތައް ހިންގާ ޣައިރު ގާނޫނީ ގޭންގުތަކާ ހަމަހަމައޭ ނޫން ބާވަ އެވެ؟

މިއަދު އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާ ސުވާލު ކޮށްލަން ބޭނުންވެ އެވެ. އެއީ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ އަހްމަދު ނިހާނާއި ކެޔޮދޫ ދާއިރާގެ މޫސާ ނިޒާރާއި ކެލާ ދާއިރާގެ އަލީ އާރިފާއި ނިލަންދޫ ދާއިރާގެ އަބްދުﷲ ޚަލީލެވެ. އެއީ އަބުރުގެ ބިލް ދިރާސާ ކުރި ކޮމިޓީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، އަބުރުގެ ގާނޫނުގެ ނާޖާއިޒު ފައިދާ ސަރުކާރުން ނުނަގާނެ ކަމުގެ ޔަގީންކަން ދެއްވި ބޭފުޅުންނެވެ.

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުން: އެއީ މޮޅު ގާނޫނެއްތަ؟ --ފޮޓޯ: ނިޝާން އަލީ /މިހާރު

ތި ބޭފުޅުން ވިދާޅުވެ ބައްލަވާށެވެ! "އެހެންވެ މޫސައަކީ އެމްޑީޕީ މެމްބަރެއް ނޫން ކަމަށާއި ޝުޖާއު އަކީ އެމްޑީއޭ މެމްބަރެއް ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ." މި ޖުމްލައިގައި އެ ބުނާ ޝުޖާއުގެ އަބުރު ގެއްލޭ ފަދަ އިބާރާތެއް އެބަ އޮތްތޯ އެވެ؟

ކަންބޮޑުވަނީ ނޫސްވެރިއަކާ ދެކޮޅަށް ދައުވާކޮށް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފާނެތީކީ ނޫނެވެ. މިފަދަ ކުދިކުދި ކަންތައް ވެސް އަބުރުގެ ޚަންޖަރަށް މަހައިގެން އާދައިގެ ނިކަމެތި ރައްޔިތަކަށް ކިތަންމެ ބޮޑު އަނިޔާއެއް ވެސް ދެވިދާނެތީ އެވެ. އޭގައި އޮންނާނީ ބާރު އޮތް ފަރާތަކުން އެގޮތަށް ނިންމުމެވެ.

28 ކޮމެންޓް, 98 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 2%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބުރުބޮޑޭ

28 November 2016

މިއީ ދެކޮޅަށްވެސް ވާހަކަދެއްކިދާނެ މައުޟޫއެއް. ސިޔާސީ ޕާޓީއެއްގައި އުޅޭކަމަށްވަންޏާ އޭނާގެ އިންޓެގްރިޓީއާމެދު ސުވާލު އުފެއްދިދާނެ މަޤާމެއްގަ ހުރިމީހަކަދިމާލަށް މިހެންބުނުމުން ތަފާތުވާނެ އާދައިގެ ސިވިލްސާވަންޓަކާދިމާލަށް މިހެންބުނުމާ. މިސާލަކަސް އޮބާމާއަކީ މުސްލިމެކޭ އެމެރިކާމީހުންކިޔަސް އެމާބޮޑުމައްސަލައަކަށްނުވެދާނެ އެކަމަކު ރާއްޖޭގެރައީސަކަށް ހުންނަމީހަކާދިމާލަށް އެއީ ކްރިސްޗިއަނެކޭ ކިޔާނަމަ އެވާނެ ވަރަށްބޮޑުކަމަކަށް. ސަބަބަކީ އެމެރިކާގެ ވެރިކަމަށް މުސްލިމަކަށް ހުރެވިދާނެ އެކަމަކު ރާއްޖެއަކު މުސްލިމްނޫން މމީހަކަށްވެރއަކަށް ނުހުރެވޭނެ. ހަމައެގޮތަށް ޕާޓީއެއްގަ އުޅެގެންނުވާނެ މީހަކު ޕާޓީއެއްގަ އުޅޭ ބުނުމުން އޭނަގެ މަޤާމަށްބުރޫއަރާފާނެ މީހަކާދިމާއަށް ބުނުމަކީ އަބުރާބެހުންކަމަށް ބެލެވިދާނެ. މިހުރިހާއެއްޗެއް އަހަރެންކިޔަސް އަބުރުޤާނޫނަކީ އަހަރެން އިދިކޮޅުޤާނޫނެއް.

The name is already taken The name is available. Register?

ދިވެއްސެއް

28 November 2016

މިވާގޮތް އެގިއްޖެއެވެ. ފަޒީނާއަކީ ނޫސްވެރިންގެ ތެރޭގައި އޮންނަންޖެހޭ ހަމަތަކުން ބަރާބަރަށް ވަކިފަރާތަކަށް ނުޖެހި ނޫސްވެރިކަން ކުރާ ފަރާތަކަށްވާތީ އެކަން ހުއްޓުވުމަށް ކުރެވޭ މަސައްކަތަކަށް މެނުވީ މިކަން ނުވެއެވެ. ސަރުކާރަށް ސަނާ ކިޔާ ނޫސްތަކުގައި މަސައްކަތްކުރާ ނޫސްވެރިން މިއަށްވުރެ ހުތުރުކަން ބޮޑު ނޭދެވޭ ޢިބާރާތްތަކާއި މަންޒަރު ހިމެނޭ ކޮންޓެންޓް ޝާޢިއުކުރިޔަސް އެކަން އަބުރާ ބެހުމަކަށް ނުވެއެވެ. ފަޒީނާގެ މަސައްކަތުގައި ﷲ ބަރަކާތް ލެއްވުން އެދެމެވެ. އަދި ޙަޞަދަވެރިންގެ ފިތުނައިން މިންޖުކުރެއްވުން އެދި ދުޢާވެސް ކުރަމެވެ.

The name is already taken The name is available. Register?

ބާބޫ

28 November 2016

މިއަދު ތިކަލަ ޤާނޫނުތަށްތަށް ހަދާއިގެންނާއި މަޖްލީހުގައި ވާހަކަ ދައްކާއިރު "އިއްޒަތެރި މެމްބަރ" ނުކިޔާފިނަމަ އަދަބުދެވިދާނެ ؟ ނަމަވެސް އިއްޒްތެރި މެމްބަރ ނުކިޔާ ދުވަހެއްއޮތްކަން ހަދާންކުރާތި ؟

The name is already taken The name is available. Register?

މައިން

28 November 2016

އަބުރަކީ ކޮބާބާ؟

The name is already taken The name is available. Register?

ސިރާތު

28 November 2016

އަބުރުގެ ގާނޫނެއްގެ ނިވާފަތުގައި ފޮރިވިގެންނެއް ނުތިބެވޭނެ ގިޔާމަތްދުވަހުން. އެދުވަހަކު ނުތިބޭނެ އިއްޒަތްތެރި މެންބަރުންނެއް. މީހަކަށް ނުހައްގުން އަދަބެއްދިނުމުގާއި ބައިވެރިވެފާވާނަމަ އެދުވަހުން ހައްގު ޖަޒާ ލިބޭނެ.

The name is already taken The name is available. Register?

ބޫ

28 November 2016

ޝެިޚް ޢިމްރާން ޖަލަށްލީ ވާކައެއް ދައްކައިގެން. ސިޔާސީ ޕޯޑިއަމްތަކުން އަޑުނީވޭ ވާހަކަޔަކަށް އޭނާ ދެއްކީ ކޮން ވާހަކައެއްބާ. ޢެކަމަކު އޭނާ އެހެރީ އެވާހަކަދެއްކުމުން ޓެރަރިސްޓަކަށް ވެފައި.

The name is already taken The name is available. Register?

ބީ

28 November 2016

އިމްރާން އެދުވަހު ދެއްކި ގިނަ ވާހަކަ ސިޔާސީ ޕޯޑިއަމް ތަކުންނެއް ނީވެ.

The name is already taken The name is available. Register?

ގަބުރު

28 November 2016

"މާންބެ"ގެ ހިތް ރަގަޅު. ޢެކަމު ހަދާންކޮއްލަދެން 2018ގަ ވޯޓަކުން ނޫންކަން މިސަރުކާރު ދަމަހަޓަން އުޅެނީ. ކޯޓުންނާ އީވޯޓުން. ރައްޔިތުންނާ ނޫސްވެރިން ސާދާ ވޯޓަކައް ދާނެކަމައް ނުތިބެ މިކިަމައް ތަންކޮޅެއްބޮޑައް އަޅައިލަން މުހިންމުހެންހީވޭ. "ތާކިހާ" އައް ނޭގެނީކީނޫންކަން އެގޭ އިލެކްޝަން ކޮމިޝަނުން މިހާރު މައުލޫމާތު ލިބޭގޮތް

The name is already taken The name is available. Register?

ޝިފާގު

28 November 2016

މިހާ ފުރިހަމަ ލިޔުމެއް މިހާ ޝައުގުވެރިކަމާއި ކަންބޮޑުވުމާއިއެކު ދިވެހިބަހުން ލިޔެފައި އޮތް ނޫހަކުން އަދި ދުވަހަކުވެސް ނުކިޔަމެވެ. މި ޚަބަރު ފެވަރިޓް ކޮށްލެވޭނެގޮތެއް އިން ނަމައޭ ހިތަށް އަރައެވެ.

The name is already taken The name is available. Register?

މުފީދު

28 November 2016

މާބޮޑަށް ޖަޒުބާތުގައި ޖެހުނީމަ އެކަހަލަ ގޮތަކަށް ލިޔެވޭނީ.

The name is already taken The name is available. Register?

އަބުރު

28 November 2016

އަބުރު. އަބުރުގެ ނަގާލުމުގެ މާނަ ޤާނޫނީ މީހުންނާއި ޝަރީޢާގެ ޢިލްމުވެރިން ގިނަގުނަ ޢިބާރާތްތަކުން ކޮށްފައިވެއެވެ. އެކަމަކު މިގައުމުގައި އަބުރާބެހުން މާނަކުރެވޭގޮތްތަފާތެވެ. މިގައުމުގައި މިހާރު އަބުރާބެހުމަކީ އެމީހާ، އަބުރުނެގުންކަމަށް ބުނެފި ކޮންމެކަމެކެވެ. އެމީހާ އެއީ އަބުރުނަގާލުމޭ ބުނެފިއްޔާ އެކަން ދޮގުކުރެވޭނެ ގާނޫނީ ޢިލްމުވެރިއެއް ވަކީލެއް ލޯޔަރެއް މެޖިސްޓްރޭޓެއް ގާޒީއެއް ފަނޑިޔާރެއް ނުހުންނާނެއެވެ.

The name is already taken The name is available. Register?

ދޮންދީނި

28 November 2016

ވެރިކަމަށް ތަސައްރަފް ނުފުދޭ މީހުން ވެރިކަމުގައި ތިބީމަ ތިހުރިހާ ޅައެއްޗެއްވެސް އޮންނާނީ އެޅިފައި..

The name is already taken The name is available. Register?

ފައިން އެރުން

28 November 2016

ތަސައްރަފު ފުދޭ މީހާ ވެރިކަން ކުރި ގޮތްވެސް ދެކުނިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454