ދުނިޔެ / ދުނިޔެ ހޫނުވުން

ދުނިޔެ މިއޮތީ ބޮޑު ކާރިސާއެއްގެ ތުންފަތް މަތީގައި: އަލޮކް ޝަރްމާ

09 އޯގަސްޓް 2021 - 10:52

މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމުގައި ދުނިޔޭގެ ގައުމުތަކުން އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރި ނުވެއްޖެ ނަމަ، އެކަމުގެ ނަތީޖާ އަންދާޒާ ވެސް ނުކުރެވޭ ވަރުގެ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް، އދ.ގެ މޫސުމާ ބެހޭ މަހާސިންތާގެ ވެރިޔާ އިއްޔެ ވިދާޅުވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ 26 ވަނަ މަހާސިންތާ (ކޮޕް26)ގެ ރައީސް، އިނގިރޭސި ވިލާތުގެ ކެބިނެޓް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަލޯކް ޝަރުމާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް މަހާސިންތާއަކީ ދުނިޔެ ހޫނުވުން ހުއްޓުވުމަށް ލިބޭ އެންމެ ފަހު ފުރުސަތު ކަމުގައި ވެދާނެ އެވެ.

ކޮޕް26 ބޭއްވުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސްކޮޓްލޭންޑްގެ ގްލާސްގޯ ގަ އެވެ. އިނގިރޭސި ވިލާތުގެ ދަ އޮބްޒާވާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝަރުމާ ވިދާޅުވީ ގްލާސްގޯގައި އޮންނަ މަހާސިންތާއަކީ، ދުނިޔެ ހޫނުވަމުން އަންނަ ބާރުމިން ހުއްޓުވައި، ދުނިޔޭގައި ތިބި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް، މިހާރުގެ ޖީލަށް ލިބޭ އެންމެ ފަހު ފުރުސަތަށް ވެދާނެ ކަމަށެވެ.

"އިންސާނުންގެ އަމަލުތަކުގެ ސަބަބުން، ދުނިޔޭގެ ހޫނުމިން ހިފެހެއްޓުމެއް ނެތި މަތިވަމުން ދާއިރު، މިއީ އަހަރެމެންނަށް ލިބޭނެ އެންމެ ވަރުގަދަ އިންޒާރަށް ވާނެ. މިކަން ހުއްޓުވުމަށް ލިބޭ ފުރުސަތަކަށް ކޮޕް26 ވަނީ މި ސަބަބަށްޓަކައި. އިތުރު ދެ އަހަރަށް، ފަސް އަހަރަށް، ދިހަ އަހަރަށް އިންތިޒާރު ކުރެވޭކަށް ނެތް. މިހާރު މިއޮތީ ވަގުތު ޖެހިފައި،" އަލޯކް ޝަރުމާ ވިދާޅުވި އެވެ.

ޝަރުމާ މިމޭރުމުން އިންޒާރު ދެއްވީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އިންޓަގަވަރްމެންޓް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ ފަރާތުން ހޯދާފައިވާ އެންމެ ފަހުގެ ހޯދުންތައް، އާންމު ކުރުމަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށެވެ. އެ ހޯދުންތައް އާންމު ކުރަނީ އެތައް އަހަރެއްގެ ދިރާސާތަކަށް ފަހު އެވެ.

ބައެއް މީޑިއާތައް ބުނާ ގޮތުގައި މިފަހަރު އައިޕީސީސީން ނެރޭ ރިޕޯޓަކީ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ލިބޭ ގެއްލުންތަކާ ބެހޭ ގޮތުން މިހާތަނަށް އެންމެ ފުޅާ ދާއިރާއެއްގައި ކުރެވުނު ދިރާސާ ރިޕޯޓަށް ވާނެ އެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އެންމެ ފުޅާ ދާއިރާއެއްގައި ދިރާސާކުރާ ސައެންޓިފިކް އިދާރާ އައިޕީސީސީގެ 2018 ވަނަ އަހަރުގެ ހާއްސަ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ބިމު އަޑިން ނަގާ ތެޔޮ އަންދައިގެން ހަކަތަ އުފެއްދުން 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ދަށްކުރަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ، ސިނާއީ އިންގިލާބު ފެށުނު އިރު ދުނިޔޭގެ ހޫނުމިން ހުރި މިންވަރަށް ވުރެ، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް މަތިވާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ދުނިޔޭގެ މޫސުމާއި ތިމާވެއްޓާ ބެހޭ ތަޖުރިބާކާރުން ބުރަވާ ގޮތުގައި އެ ދުވަސްވަރު ދުނިޔޭގެ ހޫނުމިން ހުރި ވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް އިތުރުވެއްޖެ ނަމަ، ދުނިޔެ އަށް އާދަޔާ ޚިލާފު ހަނަފަސްކަމެއް ކުރިމަތިވާނެ އެވެ. އަދި ޖަންގަލިތަކުގައި ރޯވުމާއި، ފެންބޮޑުވުމާއި ކާނާ މަދުވުމުގެ މައްސަލަތައް އާދަޔާ ހިލާފަށް އިތުރުވާން ފަށާނެ އެވެ.

"ދުނިޔެ ހޫނުވުމުގެ ނަތީޖާ ވަރަށް ސާފުކޮށް މިހާރު އެބަ ފެނޭ. ދުނިޔެ ހޫނުވުމުގެ ސަބަބުން، ދުވަހުން ދުވަހަށް ކަންތައް ވަމުންދާ ގޮތް މުޅި ދުނިޔެ އިން އެބަ ފެނޭ. މިދިޔަ އަހަރަކީ ރެކޯޑް މިންވަރަކަށް ދުނިޔޭގެ ހޫނުމިން މަތިވި އަހަރެއް. މިދިޔަ 10 އަހަރަކީ ދުނިޔޭގެ ތާރީޚުގައި ވެސް، ހޫނުމިން އެންމެ މައްޗަށް ދިޔަ 10 އަހަރު،" ޝަރުމާ ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި އެކަނިވެސް ޔޫރަޕުގެ ބައެއް ގައުމުތަކުގައި، ޖަންގަލިތަކުގައި ރޯވުމުގެ އެތައް ހާދިސާއެއް ހިނގާފައިވެ އެވެ. އޭގެ ތެރޭގައި ގްރީސް، ތުރުކީ ވިލާތް، ސައިބީރިއާ އަދި އެމެރިކާ އާއި ކެނެޑާ ހިމެނެ އެވެ. ހަމަ އެފަދައިން ފެން ބޮޑުވުމުގެ ނުރައްކާތެރި ހާދިސާތައް، ޔޫރަޕާއި އޭޝިޔާގެ ބައެއް ގައުމުތައް ތަޖުރިބާ ކުރަން ޖެހުނެވެ.

މި އަހަރުގެ ހޫނު މޫސުމަކީ، ދެކުނު ޔޫރަޕްގެ ތާރީޚުގައި ވެސް ހޫނުމިން އެންމެ މައްޗަށް ދިޔަ ހޫނު މޫސުމެވެ. ތުރުކީ ވިލާތުން ފެށިގެން ސްޕެއިނަށް، ޖަންގަލިތަކުގައި ރޯވުމުގެ އިތުރުން ބައެއް ގެތަކުގައި ވެސް ރޯވެ އަދި އިންފްރާސްޓްރަކްޗާ އަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ އިތުރުން، ހުޅަނގު ޔޫރަޕުގެ ބައެއް ގައުމުތަކުގައި އާދަޔާ ހިލާފަށް ފެންބޮޑުވެ އެތައް ބަޔަކު މަރުވެފައިވެ އެވެ.

"މިހާރު ވަގުތު ފާއިތުވެއްޖެ ކަމަކަށް އަހަރެން ނުދެކެން. ނަމަވެސް އަހަންނަށް ހީވާ ގޮތުން، ނުރައްކާތެރި ގޮތެއްގައި އަހަރެމެންނަށް މިހާރު ގާތްވެވެމުން މި ދެވެނީ ވަގުތު ފާއިތުވުމާ ވަރަށް ކައިރި އަށް. މިހާރު އަހަރެމެން މިކަމާ ދެކޮޅަށް ފިޔަވަޅު ނާޅައިފި ނަމަ، ވަގުތު ފާއިތުވެދާނެ ކަމުގެ ވަރަށް ވަރަށް ސާފު އިންޒާރުގެ މެސެޖެއް އައިޕީސީސީން އަހަރެމެންނަށް ލިބޭނެ،" އައިޕީސީސީން ނެރުމަށް ތައްޔާރުވެފައިވާ ރިޕޯޓާ ބެހޭ ގޮތުން ޝަރުމާ ވިދާޅުވި އެވެ.

ދުނިޔޭގެ ހޫނުމިން މައްޗަށް ދާ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން، މި ގަރުނުގެ މެދުތެރޭގައި ކާބަން ނިއުޓްރަލްވުމަށް ބައެއް ގައުމުތަކުން މިހާރު ވަނީ ލަނޑުދަނޑިއެއް ކަނޑައަޅައިފަ އެވެ. އެމެރިކާ އާއި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ އިތުރުން، އިނގިރޭސި ވިލާތާއި ކެނެޑާ އިން ވެސް މިހާރު ވަނީ، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް، ކުރިއަށް ވުރެ ހަރުދަނާ ސިޔާސަތުތަކެއް އެކަށައަޅައިފަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454