ދުނިޔެ / އަލްޖީރިއާ

އަލްޖީރިއާގެ އަލިފާނުގެ ހާދިސާގައި 42 މަރު

އަލްޖީިރިއާގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ނިންވަން އުޅުމުގެ ތެރޭގައި މަރުވި މީހެއްގެ ހަށިގަނޑު ނަގައިގެން ގެންދަނީ. --އޭއެފްޕީ

11 އޯގަސްޓް 2021 - 11:19

އަލްޖީރިއާގެ އުތުރު ސަރަހައްދުގެ ޖަންގަލިތަކާއި މީހުން ދިރިއުޅޭ ބައެއް ސަރަހައްދުތަކުގައި ރޯވެ ފެތުރެމުންދާ އަލިފާންގަނޑުގެ ސަބަބުން، މިހާތަނަށް 42 މީހަކު މަރުވެއްޖެ ކަމަށް، އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސިފައިންގެ 25 މީހަކާއި އާންމުންގެ 17 މީހެކެވެ. އަލްޖީރިއާގެ އެކި ސަރަހައްދުތަކުގައި ރޯވެ އަނދަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.

އަލްޖީރިއާ ސަރުކާރުން ބުނި ގޮތުގައި ސިފައިންގެ 25 މީހުން މަރުވީ، އަލިފާން ރޯވެ އަނދަމުން ދިޔަ ފަރުބަދަމަތީ ސަރަހައްދެއްގައި ދިރިއުޅުނު ބަޔަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގަ އެވެ. ސިފައިންގެ ބަޔަކު މަރުވެގެން ދިޔައިރު، އެ ސަރަހައްދުން އާންމުންގެ 110 މީހަކު ސަލާމަތްކުރި އެވެ. އޭގެ ތެރޭގައި މުސްކުޅިންނާއި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

ދާހިލީ ވަޒީރު ކަމާލް ބަލްޖޫދު ވިދާޅުވި ގޮތުގައި ގަބީލާތަކުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި 50 އަލިފާންގަނޑު ރޯވެ އެއްފަހަރާ އަނދަމުން ދިޔުމަކީ، އަލިފާން ނިއްވާ މީހުންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށްވެ އެވެ.

ބޮޑުވަޒީރު އައިމަން އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި، އެ ގައުމުގެ އުތުރު ޕްރޮވިންސްތަކުގެ ތެރެއިން 18 ޕްރޮވިންސެއްގައި 70 އަށް ވުރެ ގިނަ އަލިފާންގަނޑު ރޯވެ އަނދަމުން އެބަދެ އެވެ. އޭގެ އިތުރުން 13 ޕްރޮވިންސެއްގެ ޖަންގަލި ސަރަހައްދުތަކުގައި ވެސް އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ.

އަލްޖީރިއާގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމުގައި ސިފައިންނާއި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، ބައެއް ސަރަހައްދުތަކުގެ އަލިފާންގަނޑުތައް މިހާރު ވަނީ ނިއްވާލައިފަ އެވެ. ނަމަވެސް ނިއްވައިލެވޭ ތަންތަނަށް ވުރެ، ކޮންމެ ދުވަހަކު އަލަށް އަނދަން ފަށާ ތަންތަނުގެ އަދަދު މާ ގިނަ ކަމަށް، އަލިފާން ނިއްވުމާ ބެހޭ އިދާރާ އިން ބުނެ އެވެ.

އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި އަލިފާންގަނޑުތައް ރޯވާން ފެށީ، ގަދަ ހޫނުގެ ސަބަބުން ވަރަށް ގިނަ ޖަންގަލީ ސަރަހައްދުތަކަށް ހަނަފަސްކަން ވެރިވެ، ވަރަށް ގިނަ ގަސްތައް މަރުވެ ހިކިފައި ވަނިކޮށެވެ. އެހެން އޮއްވައި، ރޯވެ އަނދަން ފެށުމާ އެކު، ބާރު ވައިގެ ސަބަބުން އަލިފާންގަނޑުތައް އިތުރަށް އަނދައި ބޮޑު ސަރަހައްދަކަށް ފެތުރެން ފެށީ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ.

އަލްޖީރިއާގެ އުތުރު ސަރަހައްދުގައި ރޯވެ އަނދަން ފެށީ، އެ ސަރަހައްދުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ދާނެ ކަމަށް ބުނެ، ހޫނުން ރައްކާތެރިވެގެން އުޅުމަށް، އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން އިންޒާރުކޮށްފައި ވަނިކޮށެވެ. އުތުރު ޕްރޮވިންސްތަކުން މިހާރު އަލިފާން ރޯވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި، މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި އޮންނަ، ޒައިތޫނި ދަނޑުތައް ވެސް ހިމެނެ އެވެ.

ބޮޑު ސަރަހައްދެއްގައި ރޯވެ އަނދަމުން ދިޔުމުގެ އިތުރުން، ބާރު ވަޔާ އެކު އަލްޖީރިއާގެ ބޮޑު ސަރަހައްދެއްގެ ޖައްވު މިހާރު ވަނީ ވަރަށް ބޮޑަށް ތަގައްޔަރުވެފަ އެވެ. ގިނަ ސަރަހައްދުތަކަށް ދުމާއި އަޅި ފެތުރިފައިވާތީ، ބޭރަށް ނުކުމެ އުޅުންވަނީ ދަތިވެފަ އެވެ.

އަލްޖީރިއާ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް، މިހާރު ކުރިމަތިވެފައިވާ އަލިފާނުގެ ހާދިސާއަކީ ވެސް ބަޔަކު ގަސްދުގައި ޖަންގަލިތަކުގައި ހުޅުޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ކަމެކެވެ. ޖަންގަލީގައި ހުޅުޖަހަން އުޅުނު ބަޔަކު، މިދިޔަ ޖުލައި މަހުގެ ތެރޭގައި ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެފަހަރުގެ ހާދިސާގައި 1،500 ހެކްޓަރުގެ ޖަންގަލި ސަރަހައްދެއް އަނދައި އަޅި އަށް ވި އެވެ. ގަސްދުގައި ހުޅުޖެހުމުގެ ހާދިސާތައް އިތުރުވަމުން ދާތީ، ބޮޑުވަޒީރު އަބްދުލްމަޖީދު ތަބޫން މިހާރު ވަނީ، އެފަދަ އަމަލުތައް ހިންގާ މީހުން 30 އަހަރަށް، އަދި ހުޅުޖެހުމުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ، އުމުރަށް ޖަލަށް ލުމުގެ ހުކުމެއް އަންނަ ވަރުގެ ގާނޫނެއް ފާސްކުރުމަށް، ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454