ކޯލިޝަނުގެ މައި ޕާޓީގެ ޓިކެޓްގައި އިންތިހާބު ވެފައިވާ ރައީސް، މަޖިލީހުގެ މެޖޯރިޓީ ހިފަހައްޓަވާ ވާހަކަ އަލުން ދެއްކެވުމަކީ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޑިމޮކްރަސީއާ ވަރަށް ބީރަށްޓެހި ކަމެއް.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ބަދަހިކަން ވަނީ ގެއްލިފައި. ފޮޓޯ: މަޖިލީހުގެ އިދާރާ
17 އޯގަސްޓް 2021 - 08:50
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ "ސްމޫތުކޮށް" ސަރުކާރު ހިންގުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވާ ކަމަށެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މީގެ ކުރިން އެހެން ޕާޓީއަކަށް ނުލިބޭހާ ފުޅާކޮށް އެމްޑީޕީ އަށް ލިބިފައި އޮއްވަ އެވެ.
ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޓިކެޓްގައި އިންތިހާބު ވެފައިވާ ރައީސް، މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައި ހިފަހައްޓަވާ ވާހަކަ އަލުން ދެއްކެވުމަކީ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޑިމޮކްރަސީއާ ވަރަށް ބީރަށްޓެހި ކަމެކެވެ. އެކަމަކު ރައީސް އެ ވިދާޅުވީ ކޮން މެެޖޯރިޓީއެއްގެ ވާހަކައެއް ކަަން އެ މެމްބަރުންނަށް ވެސް ސާފުވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ހަގީގަތުގައި ރައީސް އެ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީގެ ވާހަކައެއް ނޫނެވެ. އެކަމަކު އެއީ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެޖޯރިޓީގެ ވާހަކަ އެވެ. އެ މެޖޯރިޓީ ހޯއްދަވަން ޖެހިވަޑއިގެންނެވީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައިގެންނެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުން އެއީ ވަރަށް އުނދަގޫ ކަމަކަށް ވާނެ. ވޭތުވެދިޔަ 2008 އިން ފެށިގެން މިހައިތަަނަަށް އެކުލަވައިލެވުނު ކޮންމެ ސަރުކާރެއްގައި ވެސް އެ ކަންތައްތައް ވަނީ ތަހައްމަލުކޮށްފައި،" ބުދަ ދުވަހު ބޭއްވެވި މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވެފައި ވެ އެވެ.
މަަޖިލީހުގެ ސުޕަމެޖޯރިޓީގެ މެޖޯރިޓީ ހޯއްދަވަން އެމަަނިކުފާނު މަސައްކަތްޕުޅު ކުރައްވަން ޖެހިވަޑައިގަތީ އެހެންވެ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވަނީ އެކަން ކާމިޔާބު ވެސް ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން ދިނީ އެމްޑީޕީ އަށް ކަމަށާއި އެއްވެސް ފަރުދަކަށް ނޫން ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެއީ ޑިމޮކްރަސީއާ ވަރަށް ބީރަށްޓެހި ވާހަކައެއް،" ވައްޑެ ވިދާޅުވި އެވެ.
ބިލު ސަރުކާރުން ދިފާއު ނުކުރުމަކީ މަޖިލީހުގެ ބައެއް މެމްބަރުން ތުހުމަތުކުރައްވާފައިވާ ގޮތުގައި އެ ބިލާ އެއްކޮޅަށް ވަކާލާތުކުރެއްވި މެމްބަރުން ބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓައިލުމެވެ. އެއީ އެ ބިލަށް ތާއީދުކުރެއްވި މެމްބަރުން "މަރަން ހުށަހެޅުން" ކަމަށް ބައެއް މެމްބަރުން މީގެ ކުރިން ވަނީ ސިފަކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ކޯލިޝަނުގެ މައިި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އެކުވެރިޔާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލު ތަފާތުވުން އެންމެ ބޮޑުވި އެއް މައްސަލައަކީ ވެސް އެ ބިލުގެ މައްސަލަ އެވެ.
އެ ބިލް ހުށަހެޅުއްވީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާގެ ތަހުގީގާއި މަޖިލީހުން ހެދި އިންކުއަރީން ވެސް އެނގިފައިވާ ގޮތުގައި ހަމަލާގެ މައިގަނޑު އެއް ސަބަބަކީ ނަޝީދާ މެދު ރާއްޖޭގައި އުފައްދަމުން އައި ނަފުރަތެވެ. އެކަމަކު އެ ބިލް ހުށަހެޅުމަށް ފަހު، އާއްމުން ފާޅުކުރަން ފެށި ކަންބޮޑުވުމާ އެކު ސަރުކާރުން ވަނީ ބިލް ދޫކޮށްލައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ނަޝީދުގެ އެންމެ އަރިސް ބޭފުޅުން ދެކެވަޑައިގެންނެވީ އެއީ ސަރުކާރުން ދިން ބޮޑު ލަނޑެއް ކަމަށެވެ.
"އަޅުގަނޑުމެން އެންމެން މަރަން ހުށަހެޅީ... ސަރުކާރުގެ ފަރާތުން މިތަނަށް ބިލެއް ފޮނުވައި، ސަރުކާރުގެ ފަރާތުން މި ބިލު ދިފާއުނުކޮށް، ސަރުކާރުގެ ކޯލިޝަންގައި ތިބި އެކިއެކި ލީޑަރުން ކުރިއަށް ނެރެގެން، މިތާނގައި މި ބިލުގެ ވާހަކަދައްކާ އެންމެން މަރަން ހުށަހެޅީ،" މިދިޔަ ދައުރުގެ ފަހު ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެފައި ވެ އެވެ.
ރައީސް ނަޝީދުގެ އަރިސް ބޭފުޅުން އެ ބިލުގެ މައްސަަލައިގައި ސަރުކާރަށް އެހާ ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށް މިދިޔަ ބުދަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ބިލް އޮތް ގޮތަށް ފާސްކުރަން ސަރުކާރުން މިހާރު ބޭނުން ނުވާ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ އޮތްގޮތަށް ފާސްކުރަން ޖެހޭ ބިލެއް ނޫން ކަމަށެވެ.
"އެ ބިލާ ދޭތެރޭގައި އާއްމުންގެ ވިސްނުމާ އެއްޗިހި ހުރި ގޮތުންް އެ ބިލަށް އިސްލާހުތަކެއް ގެންނަން ޖެހޭ. އެ އިސްލާހުތައް އަޅުގަނޑުމެން ވާނީ މަޖިލީހަށް ހުށަހަޅާފައި،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށިއިރު، މަސައްކަތް ކުރަން ހުރި ބިލުތަކުގެ ތެރޭގައި އެއަށް ވުރެ ވަކިން ހައްސާސް ބިލެއް ނެތެވެ. މި ދައުރުގައި ދެން ހުރީ އާއްމު ގަވައިދުތަކުގެ ގާނޫނުގެ ދަށުން ގާނޫނަށް ބަަަލަލުކުރަން ޖެހިފައިވާ ގަވައިދުތަކެކެވެ. އެހެންކަމުން މި ދައުރުގައި ވެސް އެންމެ ހޫނު ބަހުސެއް ހިނގާނެ ކަމަށް ބެލެވެނީ ކޮމިޓީ އަށް އަނބުރާ ފޮނުވައިލާފައިވާ ނަފުރަތުގެ ބިލާ މެދުގަ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިއްޔެގެ ޖަލްސާގައި އެހެން މެމްބަރަކާ ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ މަޖިލީހުގެ މަސައްކަތް ހީނަރު ނުވާނެކަމަށް-- ފޮޓޯ: ރައްޔިތުންގެ މަޖްލިސް
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ މެދުގައި އޮތް ހިޔާލު ތަފާތުވުންތަކުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތަށް މަޑުޖެހުމެއް ނާންނާނެ ކަމަށެވެ. އެމްޑީޕީއަކީ އޭނާ ވިދާޅުވި ގޮތުގައި އަބަދުވެސް ހިޔާލުތަފާތުވުމަށް ޖާގަ އޮންނަ ޕާޓީއަކަށް ވާތީ ޕީޖީ ގްރޫޕުން ވެސް އެކަން ފެނެ އެވެ.
"އެކަމަކު މަޖިލީހުގައި ސަރުކާރަށް ޖެއްސުންކޮށް، މަސައްކަތްތައް ލަސްކުރުން ފަދަ ކަމެއް ހިނގައިފާނެ ކަމަކަށް އަަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އާޒިމް ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިންނަވައިގެން މަސައްކަތްތައް ކުރިއަށް ގެންދަވާ ސްޕީޑްގައި، އެމަނިކުފާނު ވަޑައިގެން ނެތި، މަސައްކަތްތައް ކުރިއަށްދާނެ ކަމަކަށް ވެސް ލަފައެއް ނުކުރެއްވެ އެވެ. ނަޝީދުގެ ސްޕީޑްގައި އެއްވެސް ސިޔާސީ ލީޑަރަކަށް މަސައްކަތް ކުރިއަށް ގެންދެވިދާނެކަމަށް އާޒިމް ގަބޫލެއް ނުކުރައްވަ އެވެ.
"އެކަމަކު އެމަނިކުފާނުގެ ސްޕީޑަކީ އެންމެ ހެލްތީ ސްޕީޑްތޯ، އެއީ ވެސް އަނެއްކާ ބަހުސްކުރެވިދާނެ ކަމެއް،" އާޒިމް ވިދާޅުވި އެވެ.
ނަޝީދު ވަޑައިގެން މަޖިލީހުގެ ރިޔާސަތުގައި ނެތުމުގެ ކަންބޮޑުުުވުން އާޒިމްގެ އިތުރުން އެހެން ބައެއް މެމްބަރުން ވެސް ފާޅުކުރެއްވި އެވެ. މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވިދާޅުވީ ނަޝީދު ހިންގަވާ ސްޕީޑްގައި މަޖިލީހުގެ މަސައްކަތްތައް ހިންގެވި އެހެން ބޭފުޅެއް އޭނާ ދެކެވަޑައިގެންފައި ނުވާ ކަމަށެވެ. އިންތިއަކީ މަޖިލީހުގައި ތިން ވަނަ ދައުރު ފުރުއްވަމުން ގެންދަވާ މެމްބަރެކެވެ.
"އަދި އެ ޖޯޝުގައި މަޖްލިސް ހިންގެވި އެހެން ބޭފުޅެއް ވެސް އަޅުގަނޑު ނުދެކެން. އަދި އެ މަޖާކަން ވެސް ރިޔާސަތުގައި އިންނަވާ އިރު [އެހެން ބޭފުޅެއްގެ ފަރާތުން] އަޅުގަނޑު ނުދެކެން،" އިންތި ވިދާާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ނަޝީދު ހުންނަވައިގެން މަޖިލީހުގެ މަސައްކަތް އެހާ ބާރަށް ކުރިއަށް ގެންދެވެނީ އެމަނިކުފާނަކީ ރައްޔިތުންނާ ގުޅޭ، ރައްޔިތުންގެ އަޑު އައްސަވާ ބޭފުޅަކަށް ވާތީ ކަމަށެވެ. އެމަނިކުފާަނު ވަޑަައިގެން ނޫޅުއްވާ ނަމަ، ރައްޔިތުން އަމިއްލަ ގޮތުން މަޖިލީހަށް ނުވެސް އަންނާނެ ކަަމަށް ބޮންޑޭ ދެކެވަޑައިގަންނަވަ އެވެ.
އާޒިމް ވިދާޅުވީ އެމްޑީީޕީގެ ޕީޖީ ގްރޫޕްގައި އުފެދިފައިވާ ހިޔާލުތަފާވުންތައް އެއްގޮތް ކުރަން އޭނާ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. ސަރުކާރުން އަވަހަށް ނިންމަން ބޭނުންވާ ބިިލުތަކާ ބެހޭ ގޮތުން އާޒިމް ގެންދަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވެސް މަޝްވަރާކުރައްވަމުންނެވެ. އެހެންވީމާ ސަރުކާރަށް ޖެއްސުންކޮށް، މަޖިލީހުން ކުރަން ޖެހޭ ކަންތައްތައް ލަސްކުރުން ފަދަ ކަމެއް އަދި ހިނގައިފާނެ ކަމަށް އާޒިމް ގަބޫލެއް ނުކުރައްވަ އެވެ.
އެކަމަކު އެންމެނަށް ވެސް ފެނި ޔަގީންވެފައިވާ ކަަމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ކުރިން އޮތް ބަދަހިކަން މިހާރު ނެތްކަމެވެ. އެ ޖޯޝާއި ހަކަތައެއް ވެސް މިހާރަކު ނެތެެވެ. އެހެންވީމާ އެ ޕާޓީގެ ލެޖިސްލޭޓިވް އެޖެންޑާ، "އެޖެންޑާ 19" އެކަށީގެންވާ ގޮތެއްގައި ތަންފީޒުވަމުންދާނެ ކަމަކަށް ނުބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަރާޖަކަށް 40
17 August 2021
ޕާރޓީ އަކީ ވަކި މީހެއް ނޫން
އަހައްމަދޫ
17 August 2021
މައްސަލައެއް ނެތެއްނު. މުސާރަ ބަރާބަރަށް ހިނގާނެ
ކޮރަލް
17 August 2021
މަޖްލީހުގެ ރައީސް އަށް ގައުމުން ބޭރުގަ ހުރެގެން މަޖްލިސް ރައީސް ކަމާ ޕާޓީގެ ރައީށް ކަން ނުކުރެވޭނެ އެވެ، އެތައް ބައެއްގެ ހައްގު އެކެވެ. ދެން ރާއްޖެ އަންނަން ޝަރުތު ތަކެއް ކޮށް ސަރުކާރަށް މަޖްބޫރެއް ނުކުރެވޭނެ އެވެ. ވީމާ މިވަގުތު މަގާމް ތަކުގެ މަސްއޫލިއްޔަތު ނޫފުލޭނަމަ އިސްތިއުފާ ދިނުން ރަނގަޅު ވާނެ އެވެ.
އެދުރުކަލޭގެފާނު
17 August 2021
ރައީސް ހިންގަވަން ގަސްތުކުރާ މަގަކީ ރައީސް ޔާމީނު ހިންގެވި މަގުނަމަ ފަރުވާލެއް ބަހައްޓަވާނެ ކަމެއްނެތެވެ. ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ ޚަޒާނާތަށް އަނގަމަތި ކޮށްގެން ދަނޑިމާރު އަޅައި އެކަކަށް ވެރިކަމުގައި މިރާއްޖޭގައި ހުންނެވޭނެ އެެއްމެ ދިގު މުއްދަތަކީ 5 އަހަރުކަން ރައީސް ޔާމީނުވަނީ ތަޖުރިބާކޮށްފައެވެ. އޭގެފަހުން އެމަނިކުފާނަށް ކަންކަންވި ގޮތް ތިޔަހަރަ ފެންނަނީއެވެ.
ބައިރޯ
17 August 2021
މަޖުލިސްއަށް ހޮވުނީމަ، އަމިއްލަ ނަފުސު ވިއްކީމަ ވާނީ ތިހެންތާ! ލަދެއް ހަޔާތެއް ނެއްވިއްޔާ!
ސުވާސްތި
17 August 2021
ކަލޭމެން ތިތަނަށް ހޮވާފަ ތިތިބީ ޕާޓީކުރިއަރުވާ ޕާޓީއަށް ހެޔޮއެދިގެން ކަންކަން ކުރާކަށެއް ނޫން. ރައްޔިތުންގެ މަސައްކަތްކުރަން،، ކޮންޕާޓީއެއްތަ އޮންނާނީ
ކަމީލާ
17 August 2021
ދިވެހިރާއްޖެއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ސާފު ސީދާކޮށް ގާނޫނޫތަށް މުގުރާ ސިޔާސީ މީހުން! ހާއްސަކޮށް މަޖިލީސް މެންބަރުން! ނުފޫޒްގަދަ މަޖިލީސް މެންބަރުން އަދި ސިޔާސީ މީހުން ގާނޫނާއި ހިލާފު ވިޔަސް ފުލުހުނަށް އަދި ކަމާއި ބެހޭ ފަރާތަކަށް ފިޔަވަޅު އެޅުމަށް ސިއްރު ހުރަސްތަކެއްވޭ! މިސާލަކަށް ބަނގުރާ ބޮއެގެން މަޖިލީހުގައި އަދި އެނޫނޫވެސް ޕަބްލިކް ތަންތަނުގައި އުޅޭ! މިކަން އެއީ އެންމެ ދަންނަ ބޮޑު ސިއްރެއް! ދެރަ
ށަލި
17 August 2021
ތިޕާޓީ ނެތިއްޔާ ރަގަޅީ
ބަރުލަމާނީ1
17 August 2021
ރައީސް އެވިދާޅުވީ ވަރަށް ރަނގަޅު ވާހަކަފުޅެއް. މަޖިލީހުގެ އެއްބާރުލުންނުލިބި މިދިޔަ ހަތަރުސަރުކާރުވެސް ހިންގުން އޮތީ އުދަގޫ ކަމަށްވެފައި. ތިންބާރު ވަކިކޮށްފަ ގާނޫނުއަސާސީގައި އޮތަސް ޕްރެކްޓިކަލީ އެގޮތަކަށް ވެރިކަމެއް ނުކުރެވުނު އެއްވެސް ރައީސަކަށް އެހެންވީމާ އެބައެގޭ ރާއްޖެއަށް ބޭނުންވަނީ ބަރުލަމާނީ ނިޒާމެއްކަން ވަރަށް ސާފުކޮށް.
ބުރުވާލިބާގިރުގެ ސިޔާސީ ކާސިމު
17 August 2021
ތިޔަޕާޓީ ބައިބައިވެ ހަފުސްވިއްޔާރަނގަޅީ. އަހަރެމެން ބައިބައިކޮށް އެއްބަޔަކުއަނެއްބަޔަކާ ޖައްސާ ހަތުރުވެރިންނަށްހެދީ ތިޔަބައިމީހުންގެ ފިތުނަވެރިކަމުން. އަނެއްކާ އެވަރުންނުފުދިގެން މިހާރުއެއުޅެނީ މިގައުމު ވިއްކާލާ ބައެއްގެ އަޅުވެތިކަމަށް ދިވެހިން ގަންބާލަން.