މެދުސަފުހާ

ތާލިބާނުން އަލްގާއިދާ އަށް ހާލި ހަދައިދީފާނެތަ؟

ތާލިބާނުންނަށް އަލުން ވެރިކަން ލިބުމާއެކު އުފެދޭ އެންމެ ބޮޑު ބިރަކީ، އަލްގާއިދާ ޖަމާއަތް އަނެއްކާ ވެސް އެ ގައުމުގައި ހާލި ހަދައި، ޓެރަރިސްޓް ހަމަލާތައް ވިލަރެސްކުރާ މަރުކަޒަކަށް އަފްގާނިސްތާނު ވެދާނެތީ

އަލްގައިދާގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގައި -- ފައިލް ފޮޓޯ

19 އޯގަސްޓް 2021 - 09:27

އަފްގާނިސްތާނުގައި އޮތް ތާލިބާން ޖަމާއަތުގެ ވެރިކަމާ ދެކޮޅަށް، އޮކްޓޫބަރު 7، 2001 ގައި އެމެރިކާ ސިފައިން ހަނގުރާމަ ފެށި ސަބަބަކީވެސް އެއީ އެވެ. ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާގެ މޭސްތިރިޔާ، އަލްގާއިދާގެ ލީޑަރު އުސާމާ ބިން ލާދިން އަށް، ތާލިބާން ޖަމާއަތުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދީގެން، އެ ގައުމުގައި ގެންގުޅުމެވެ.

ސެޕްޓެމްބަރު 11ގެ ހަމަލާގެ ޒިންމާ، އަލްގާއިދާ އިން އުފުލުމާއެކު، އުސާމާ ބިން ލާދިން އެމެރިކާއާ ހަވާލު ކުރުމަށް، އެމެރިކާ އިން ތާލިބާން ސަރުކާރުގައި އެދުނެވެ. ނަމަވެސް ފާޅުގައި އެކަމަށް އިންކާރުކޮށް، ތާލިބާނުންގެ މެހުމާންދާރީގައި ހުރި މީހެއްގެ ކަރަށް ދަންމަޅި ފައްތަން އެމެރިކާއާ ހަވާލު ނުކުރާނެ ކަމަށް ބުންޏެވެ.

އުސާމާ ބިން ލާދިން އާއި އަލްގައިދާގެ މިހާރުގެ ލީޑަރު އައިމަން ޒަވާހިރީ -- ފައިލް ފޮޓޯ

އެމެރިކާ އާއި އިނގިރޭސި ވިލާތުން ޓެރަރިޒަމާ ދެކޮޅަށް އެކުލަވައިލި ގުޅިފައިވާ ލަޝްކަރުން ތާލިބާނުންގެ އަމާޒުތަކަށް ހަމަލާ ދޭން ފެށީ، ތާލިބާނުންގެ އެ ޖަވާބާ ގުޅިގެންނެވެ. އެ ހަނގުރާމަ 20 އަހަރަށް ދެމިގެން ދިއުމަށް ފަހު، ގުޅިފައިވާ ލަޝްކަރުގެ ސިފައިން އަފްގާނިސްތާން ދޫކޮށް ފައިބަން ފެށީ، މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ޖުލައި މަސް ނިމުނު އިރު، ގިނަ އަދަދެއްގެ ސިފައިން ފައިބައި ނިމިއްޖެ އެވެ.

ވިހި އަހަރަށް ފަހު ތާލިބާނުން އަފްގާނިސްތާނު ހިފީ މިމަހުގެ 14 ވަނަ ދުވަހުގެ ރެޔެވެ. ތާލިބާންގެ ހަނގުރާމަވެރިން އެރޭ ކާބުލް ވަށައިގެން ހިސޯރުކުރި އެވެ. ރައީސް އަޝްރަފް ޣަނީ އަށް، ވެރިކަމާއި ގައުމު ދޫކުރައްވައި ވަޑައިގަތުން ނޫން ގޮތެއް ނެތެވެ. އަފްގާނިސްތާނުގެ އަސްކަރިއްޔާ ވެސް އަމާންދީ، ހުރިހާ ސިފައިން ފިލީ އެވެ.

ތާލިބާނުން ވެރިރަށް ކާބުލްއަށް ވަނީ އެއްވެސް ކުރިމަތިލުމަކާ ނުލަ އެވެ. ރިއާސީ ގަނޑުވަރު ވެސް ތާލިބާނުންނާ ހަވާލު ކުރީ، ރައީސް އަޝްރަފް ޣަނީގެ ހާއްސަ ސެކްރެޓަރީ އެވެ. ރައީސް އަޝްރަފް ޣަނީ ގައުމުން ބޭރަށް ވަޑައިގަތުމަށް ފަހު ވިދާޅުވީ، އިތުރު ލޭއޮހޮރުވުމަކަށް ފުރުސަތު ނުދެއްވުމުގެ ގޮތުން ގައުމާއި މަގާމު ދޫކުރައްވައި ވަޑައިގަތީ ކަމަށެވެ.

އަލްގައިދާ އަށް ހިމާޔަތް ދިން، އަފްގާންގެ ކުރީގެ ރައީސް މުއްލާ އުމަރު

އެހިސާބުން ހަނގުރާމަ ހުއްޓުނީ އެވެ. މިދިޔަ އަހަރުތަކުގައި އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކުން އަބަދާ އަބަދު އިވެމުން ދިޔަ ބަޑީގެ އަޑުފައްގަނޑެއް މިހާރު ނުއިވެ އެވެ. ބޯމަތިން އުދުހޭ އަސްކަރީ ހެލިކޮޕްޓަރުތަކާއި މަތިންދާބޯޓުތަކާއި ޑްރޯންތަކެއް މިހާރު ނުފެނެ އެވެ. ހަމަހިމޭންކަން ފެތުރިއްޖެ އެވެ.

ނަމަވެސް، އަފްގާނިސްތާނު ރައްޔިތުން ވެސް އަދި ބައިނަލްއަގުވާމީ މުޖްތަމައު ވެސް މާޒީ ހަނދާނެއް ނުނެތެ އެވެ. ވިހި އަހަރު ވެގެން ދިޔަސް، ތާލިބާނުން 1996 ން 2001 އަށް އެ ގައުމުގައި ވެރިކަން ކުރި އިރު، ކަންތައް ކުރި ގޮތް އަދިވެސް ހަނދާނުގައި ހުރި މީހުން މަދެއް ނޫނެވެ.

ތާލިބާނުންނަށް އަލުން ވެރިކަން ލިބުމާއެކު އުފެދޭ އެންމެ ބޮޑު ބިރަކީ، އެ ޖަމާއަތުން ކުރިން ހިންގަމުން އައި ޓެރަރިސްޓް އަމަލުތަކާއި ލާއިންސާނީ އަދި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ތަކުރާރުވުމުގެ ބިރެވެ. ވަކިން ހާއްސަކޮށް ބައިނަލްއަގުވާމީ މުޖްތަމައުގެ ކަންބޮޑުވުމަކީ، އަލްގާއިދާ ޖަމާއަތް އަނެއްކާ ވެސް އެ ގައުމުގައި ހާލި ހަދައި، ބައިނަލްއަގުވާމީ ޓެރަރިސްޓް ހަމަލާތައް ވިލަރެސްކުރާ މަރުކަޒަކަށް އަފްގާނިސްތާނު ވެދާނެތީ އެވެ.

ތާލިބާން

އެއްވެސް އޮޅުމެއް ނެތް ގޮތުގައި، ވިހި އަހަރު ފަހުން ތާލިބާނުންނަށް އަލުން އެ ގައުމުގެ ވެރިކަން ލިބުމަކީ، އިސްލާމީ ހަރުކަށި ފިކުރުގެ ތެރެއިން، އަމިއްލަ އެދުމުގައި ވެރިކަން ކުރަން ބޭނުންވާ، އަލްގާއިދާ އާއި އިސްލާމިކް ސްޓޭޓް، ސީރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކާއި އެ ޖަމާއަތްތަކަށް ވާގިވެރިވެ ހަނގުރާމައިގައި ބައިވެރިވާން ބޭނުންވެފައި ތިބި މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ވާނެ އެވެ.

ސުވާލަކީ އަލްގާއިދާ އެނބުރި އަފްގާނިސްތާނަށް އަންނާނެތޯއެއް ނޫނެވެ. ސަބަބަކީ އަލްގާއިދާ މިހާރު ވެސް އެ ގައުމުގައި އެބަ އޮތެވެ. ހަގީގީ ސުވާލަކީ އަލްގާއިދާ އާއި އިސްލާމިކް ސްޓޭޓް ފަދަ ހަރުކަށި ފިކުރުގެ ޖަމާއަތްތަކަށް އަފްގާނިސްތާނުގައި ހާލި ހެދުމުގެ ފުރުސަތު، ތާލިބާނުން ދީފާނެ ހެއްޔެވެ.

ތާލިބާން

އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެ ގައުމުން ފޭބުމާ ބެހޭ ގޮތުން އެމެރިކާ އާއި ތާލިބާނުންނާ ދެމެދު ގަތަރުގެ ވެރިރަށް ދޯހާގައި މިދިޔަ އަހަރު އެއްބަސްވި އެއްބަސްވުމުގެ ވެސް މައިގަނޑު ޝަރުތަކީ، އެއްވެސް ޓެރަރިސްޓު ޖަމާއަތަކަށް އަފްގާނިސްތާނުގެ ބިމުން ހިޔާވަހިކަން ނުދިނުމެވެ. ވަކިން ހާއްސަކޮށް، އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް ހަމަލާ ދޭން ރާވާ ބަޔަކަށް، އަފްގާނިސްތާނުން ފުރުސަތު ނުދިނުމެވެ.

މިދިޔަ އަންގާރަ ދުވަހު ވެރިރަށް ކާބުލްގައި ތާލިބާނުންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން، އެ ޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނި ގޮތުގައި، އެއްވެސް ގައުމަކަށް ނުރައްކާ ކުރާ ބިމަކަށް އަފްގާނިސްތާނު ނުވާނެ އެވެ.

"އިސްލާމީ އިމާރާތުން" (އަފްގާނިސްތާނުން) މުޅި ދުނިޔެއަށް މި ވައުދުވަނީ، އަފްގާނިސްތާނުން ދުނިޔޭގެ އެއްވެސް ގައުމަކަށް ނުރައްކަލެއް ނުފޯރާނެ ކަމަށް. އަހަރެމެން ބޭނުންވަނީ ހުރިހާ އެންމެން ބައިވެރިވާ ސަރުކާރެއް ގާއިމުކުރަން،" ޒަބީހުﷲ މުޖާހިދު ބުންޏެވެ.

ތާލިބާނުން އަފްގާނިސްތާނުގައި: ތާލިބާނުން ބުނަނީ ފިލައިގެން އުޅޭ ބަޔަކަށް ފުރުސަތެއް ނެތް ކަމަށް -- ފޮޓޯ: އޭއެފްޕީ

"އަހަރެމެން ބޭނުން ވަނީ ހަނގުރާމަ ނިމުމަކަށް ގެންނަން. ގައުމުގެ އެތެރޭގައި ވެސް އަދި ގައުމުން ބޭރުން ވެސް ދުޝްމަނުންނެއް ބޭނުމެއް ނޫން. އަހަރެމެންގެ ހިތުގައި އެއްވެސް ބަޔަކާ މެދު އަދާވާތްތެރިކަމެއް ނެތް. އަހަރެމެންގެ ވެރިންގެ އަމުރާ އެއްގޮތަށް، އަހަރެމެން މިތިބީ ހުރިހާ އެންމެނަށް މައާފް ކޮށްގެން."

އެމެރިކާ އާއި ތާލިބާނުންނާ ދެމެދު ސޮއިކުރި އެއްބަސްވުމުގައި ބުނެފައިވާ ގޮތުން، އަލްގާއިދާ ނުވަތަ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކަށް ވެސް އަފްގާނިސްތާނުގެ ތެރޭގައި، ހަނގުރާމައިގެ ތަމްރީނުތަކާއި ޓެރަރިސްޓު ހަމަލާތައް ދޭނެ ގޮތުގެ ތަމްރީނުތައް ހެދުމަށް ފުރުސަތެއް ނުދޭނެ އެވެ.

މިދިޔަ އާދިއްތަ ދުވަހު އަފްގާނިސްތާނުގެ ކާބުލް ވައިގެ ބަނދަރުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓެެއް ފުރާއިރު، އާންމުންގެ ބަޔަކު ބޯޓާ އެކުގައި، ރަންވޭ މަތިން ދުވަނީ. --ފޮޓޯ:އޭޕީ

ހުޅަނގުގެ ބައެއް ސިއްރު މައުލޫމާތުތަކުން އެނގޭ ގޮތުގައި އަލްގާއިދާ ޖަމާއަތާއި ތާލިބާން ޖަމާއަތާ ދެމެދު މިހާރު މާ ބަދަހި ގުޅުމެއް ނެތެވެ. އެކަން އެގޮތަށް މެދުވެރިވީ، އަލްގާއިދާގެ ވެރިޔާ އުސާމާ ބިން ލާދިން ޝިކާރަކުރުމަށް އެމެރިކާ އިން ކުރި ހަނގުރާމައިގައި، އަފްގާނިސްތާނުގެ ތެރެއިން ތާލިބާނުންގެ ފުރިހަމަ ހިމާޔަތް ނުލިބި، ޕާކިސްތާނަށް ދާން ޖެހުމުންނެވެ.

އަދި ޕާކިސްތާނުގައި ފިލައިގެން އުޅެނިކޮށް، އެމެރިކާ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބިންލާދިން މަރައިލުމާ ގުޅިގެން، ބިންލާދިންގެ ހިންގުންތެރިކަމާ އެއްވަރަށް އަލްގާއިދާ ހިންގާނެ ދެ ވަނަ ލީޑަރަކު އެ ޖަމާއަތުގައި ނެތެވެ. މިސްރުގެ އައިމަން އައްޒަވާހިރީ އަލްގާއިދާގެ ވެރިކަމާ ހަވާލުވި ނަމަވެސް، ބިންލާދިންގެ ނެތިދިޔުމާ އެކު، އަލްގާއިދާ ވެސް ބައިބައިވެގެން ދިޔައީ ކަމަށް ބައެއް މީޑިއާތައް ބުނެ އެވެ.

އަލްގައިދާ ހަނގުރާމަވެރިން އަފްގާނިސްތާނުގައި ޓްރެއިނިން ހަދަނީ -- ފައިލް ފޮޓޯ

ނަމަވެސް އަލްގާއިދާގެ ނުރައްކާ މުޅިން ފިލައިގެން ދިޔައީ ކަމަށް ނިންމަން އަދި މާ އަވަހެވެ. އިނގިރޭސި ދިފާއީ ވަޒީރު ބެން ވެލެސް ވިދާޅުވާ ގޮތުގައި އަލްގާއިދާ އަލުން އެނބުރި އައުމަކީ ވެދާނެ ކަމެކެވެ. "އެހެންވެ އަހަރެން މި ބުނަނީ މިއީ އެ ނިންމުން ނިންމަން ރަނގަޅު ވަގުތެއް ނޫނޭ." އެމެރިކާ އާއި ނޭޓޯ ސިފައިން އެމެރިކާ އިން ބާލަން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި ވެލެސް ވިދާޅުވި އެވެ.

ކޮންމެއަކަސް، ތާލިބާނުން އެނބުރި އައުމަށް ފަހު، މިހާތަނަށް ދައްކަމުން އަންނަ ވާހަކަތަކަށް ބަލާއިރު، އެ ޖަމާއަތުގެ ސިޔާސަތުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. ބަސްމަގު ބަދަލުވެއްޖެ އެވެ. ވެރިރަށް ކާބުލް ހިފިތާ ފަސް ދުވަސް ވެގެން ދާއިރު، މީގެ ކުރިން އެ ޖަމާއަތުން ފެނުނު ހަރުކަށިކަމާއި އަނިޔާވެރިކަމެއް އަދި ނުފެނެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 67%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454