21 އޯގަސްޓް 2021 - 07:28
ޝޫޓިންއަކަށް ހޮންކޮންގަށް ގޮސް ހުރި ހޮލީވުޑްގެ ބަތަލާ ނިކޯލް ކިޑްމަން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދިނުން އާންމުން ރުޅިގަދަވެ، ސޯޝަލް މީޑިއާގައި ފާޑުކިޔަން ފަށައިފި އެވެ.
ހޮންކޮންގަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، އެ ގައުމަށް އަންނަ މީހުން އެންމެ މަދުވެގެން ވެސް 21 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހޭ ގޮތަށް އުސޫލުތައް ހަމަޖައްސާފައި އޮތް ތަނެކެވެ. ނަމަވެސް އޮސްޓްރޭލިއާ އަށް އުފަން 54 އަހަރުގެ ބަަތަލާ ކަރަންޓީނަކާ ނުލައި ބޭރުގައި އުޅެވޭ ގޮތަށް ހެދުމުން ވަރަށް ގިނަ ބަޔަކު ތިބީ ހަމަނުޖެހިފަ އެވެ.
ބައެއް މީހުން ބުނެފައިވާ ގޮތުގައި ހަރުކަށި ކަރަންޓީނު އުސޫލާ ހެދި އާއިލާ އާއި ރައްޓެހިންނާ ވެސް ބައްދަލުނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން އާންމުން ތިބެން ޖެހިފައިވާ ހާލަތެއްގައި މަޝްހޫރު ފިލްމީ ތަރިއަކަށް އުސޫލާ ފުށުއަރާ ގޮތަށް ކަރަންޓީނާ ނުލައި އުޅެވުމަކީ ވަރަށް ބޭއިންސާފު ގޮތެކެވެ.
LATEST: Nicole Kidman is allowed to skip Hong Kong's strict hotel quarantine after flying in from Sydney to film a TV series, reports say https://t.co/MDglL4V1IH
— Bloomberg (@business) August 19, 2021
މި މައްސަލާގައި ކަމާބެހޭ ފަރާތްތަކަށް ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ހޮންކޮންގްގެ ކޮމާސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ބިއުރޯ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކަރަންޓީނާ ނުލައި ކިޑްމަން އާއި އޭނާގެ ޓިމަށް އުޅެވޭ ގޮތް ހަދައި ދިނީ ޕްރޮފެޝަނަލް މަސައްކަތެއްކުރަން ދިޔަ ބަޔަކަށްވާތީ ކަމަށެވެ. އަދި އެ މީހުންގެ އެ މަސައްކަތަކީ ހޮންކޮންގްގެ އިގުސާދާ ވެސް ގުޅުން ހުރި މަސައްކަތަކަށްވާތީ ކަރަންޓީންވާން ނުޖެހޭ ގޮތަށް ހަދައިދިނީ ކަމަށް ބުންޏެވެ.
ކިޑްމަން އާއި އޭނާގެ ޓީމް ސިޑްނީން ހޮންކޮންގަށް ދިޔައީ މި މަހުގެ 12 ވަނަ ދުވަހު ޕްރައިވެޓް ޖެޓެއްގަ އެވެ. އެއީ އެމެޒޯންގެ ސީރީޒެއްގެ ޝޫޓިންއަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy