ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު މީގެ ކުރިން "މިހާރު" އަށް އިންޓަވިއުއެއް ދެއްވަނީ. އޭނާ ވިދާޅުވީ ފަޅުރަށްތައް ބޭނުންކުރުމުގެ އިހުތިޔާރު ކައުންސިލްތަކަށް އޮންނަން ޖެހޭ ކަމަށް.---ފޮޓޯ: ނިޝާން އަލީ/މިހާރު
23 އޯގަސްޓް 2021 - 12:16
ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅައި، އެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ރަށްތައް، ކައުންސިލްތަކުން ކަނޑައަޅާ ގޮތަކަށް ބޭނުންކުރުމުގެ އިހުތިޔާރު އޮންނަން ޖެހޭ ކަމަށް ވިދާޅުވެ، ފަޅުރަށްރަށާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނުތަކުގައި ލާމަޒުކަޒީ ގާނޫނަށް ގެނައި އިސްލާހަށް ފަހު، އެ ގާނޫނާ ތައާރުޒުވާ ގޮތަށް ހުރި ބައިތައް ބަަދަލުކުރަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ގިނަ ބިލުތަކެއް ހުށަހަޅައިފަ އެވެ. ފަޅު ރަށްރަށާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި ބިލަކީ އެ ގޮތުން ހުށަހެޅުއްވި އެއް ބިލެވެ.
އެ ބިލްގެ އިބްތިދާއީ ބަހުސްގައި އަފީފް މިއަދު ވިދާޅުވީ ބިލު ހުށަހެޅި މަގުސަދެއް ކަމަށް އޮތީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފަޅުރަށްރަށް ކައުންސިލްގެ ބާރުގެ ދަށަށް ގެންދިއުން ކަމަށާއި އެހެން ނަމަވެސް ބިލުން ކައުންސިލްތަކަށް ދެނީ ހަމައެކަނި ވަރުވާ އަށް ރަށްތައް ދޫކުރުމުގެ ބާރު އެކަނި ކަމަށެވެ. ލާމަޒުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ މަގުސަދަކީ އެ އެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ރަށެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފަޅުރަށެއް، އެ ރަށެއްގެ ކައުންސިލަށް، އެންމެ ފައިދާ ހުރި ގޮތަކަށް ބޭނުންކުރުމުގެ އިހުތިޔާރު ކައުންސިލަށް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑުމެން އޭރު ގަަބޫލުކުރީ،" އަފީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ރަށްގެ އިހުތިސާސްގެ ދަށުގައިވާ ރަށެއް އެންމެ ފައިސާހުރި ގޮތަކަށް ބޭނުންކުރެވޭނީ ޓޫރިޒަމަށް ދޫކޮށްގެން ކަމަށް ކައުންސިލަަކަށް ގަބޫލުުކުރެވޭ ނަމަ، އެ ފަޅުރަށުގައި އެ މައްސަކަތް ކުރުމުގެ އިހުތިޔާރު އެ ކައުންސިލަކަށް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެމްބަރު ވައްޑެ: އޭނާ ވިދާޅުވީ މިހާރު ބާރު ދީފައި އޮތީ ރަށްތައް އަތުލެވޭ ގޮތަށް ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ
އަފީފު ވިދާޅުވީ ފަަޅުރަށްރަށް ކައުންސިލްތަކާ ހަވާލުކުރަން ބިލްގައި އޮތް ގޮތުން އެކަމަކީ "މޮހަނަށް އޮޑި ދިންހެން" ހެން ކުރާ ކަމެއް ކަމަށެވެ. ކަައުންސިލްްތަކަށް ބޭރުދިިނުމަކީ އެގޮތަށް ކުރާކަަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބިލުގައި އޮތް ގޮތުން، ރަށެއްގެ އިހުތިސާސްްގައި ހިމެނޭ ރަށެއް ވެސް އިންޑިއަސްޓްރިއަލް ބޭނުމަކަށް ނަގާފައި ސަރުކާރުން ބޭނުން ބަަޔަަކަށް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ވަހީދު ފާހަގަކުރެއްވިހެން މޮހޮނަށް އޮޑިދިންހެން މިއޮތީ ފަޅުރަށްރަށުގެ އިހުތިސާސް ދީފައި. އެގޮތަކަށް ނޫން އަޅުގަނޑުމެން މިކަންތައް ކުރަންވީ. ރަަށެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފަޅުރަށެއް އިންޑަސްޓްރިއަލް ބޭނުމަށް ބޭނުންވެއްޖެއްޔާ ސަރުކާރުން އެ ރަށް ނަގާފައި ސަރުކާރުން ބޭނުންވާ ފަރާތަކަށް އެބަ ދެވޭ،" އަފީފް ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ފަޅުރަށްރަށާ ބެހޭ ގާނޫނަށް ބަަދަލުގެންނަން ސަރުކާރުން ފޮނުވާފައިވާ ބިލު އޮތީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ރަށްތައް ބޭނުން އިރަކު އަތުލެވޭ ގޮތަށް ކަމަށެވެ. އެއީ ލާމަރުކަޒީ ގާނޫނުގެ މަގުސަދު ހާސިލުވާ ގޮތަށް އޮތް ބިލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މޮހޮނަށް އޮޑިދޭ އުސޫލުން އިހުތިސާސް ކަނޑައަޅާފައި އޭގައި ހުރި އެއްޗެއް ދަމައިގަންނަ ކަހަލަ ބަހުރުވަޔަކުން އޮތް ބިލެއް މީ،" ވައްޑެ ވިދާޅުވި އެވެ.
ފަޅު ރަށްރަށާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގައިވާ ގޮތުން ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ރަށެއް ވަރުވާއަށް ލިޔެދިނުމާއި ވަކިކުރުމުގެ އިހުތިޔާރު އޮންނާނީ ކައުންސިލްތަކަށެވެ. އެކަމަކު އެގޮތަށް އިހުތިޔާރު އޮންނާނީ އިންޑަސްޓްރިއަލް ކަންތައްތަކަށް ބޭނުންކުރަން ސަރުކާރުން ކަނޑައަޅާ ރަށްތައްް ފިޔަވައި އެހެން ރަށްތަކަށެވެ. އިންޑަސްޓްރިއަލް ބޭނުންތަކަށް ދޫކުރާނެ ރަށްތައް ކަނޑައަޅާނީ ވެސް އަދި ދޫކުރާނީ ވެސް ސަރުކާރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންދީ
23 August 2021
ކަލޯ އަހަރުން ހީކުރީ އަންނި އަށް ކަމަށް ދޭންޖެހޭނީ
ފަޅުތައްވިއްކާލި
23 August 2021
ރާއްޖޭގައި އިތުރަށް ދެން އަގުބޮޑު ރިސޯޓު ހަދާނެ ކަމެއް ނެތް ގެސްޓްހައުސް ކުރި އަރުވަންވީ އެމްޑީޕީއަށްވެސް ވެރިކަމަށް އާދެވުނީމަ އުޅެނީ ފަޅުރަށް ވިއްކުމުގައި
ގުދުގުދާބެއްޔާ
23 August 2021
ތިޔަ އިހްތިސާސްތެރޭގައި ހުޅާލެ މާލޭ ސިޓީކައުންސިލްގެ ތެރެއަކު ނުހިމެނޭ! އެވެރިން ބުނި ލާމަރުކަޒީ ނިޒާމުގައި އޮންނަ ގޮތަކީ އެއީ! ވެރިކަން ނުލިބޭ އިރު ރައްޔިތުން ގުނބޯ ހައްދަން މާ މޮޅު ލާމަރުކަޒީ ނިޒާމެއް! ވެރިކަމަށް އައިސް ކަން ކުރަނީ މުޅިން ދެއްކި ވާހަކަޔާއި އިދިކޮޅަށް.
ާރާއްޖެ
23 August 2021
ލާމަރުކަޒީއޭ ކިޔާފައި އެމްޑީޕީ މެންބަރުން ވާހަކަ ދައްކަނީ ރާއްޖެތެރޭ މީހުން ބޮލަށް ޗިޕު ޖަހަން. އިންތިހާބު ދުވަސް ވަރު ވެސް ކީ މިހެން. އަބަދުވެސް ފައިދާ ވަނީ ސަރުކާރަށް. ރާއްޖެތެރޭ މީހުން އަބަދުވެސް ޖެހޭނީ ސަރުކާރުގަ ސަލާން ޖަހަން.
ކަމަކުނުދާނެ
23 August 2021
ދޭންޖެހޭނީ ކޮލިގެއަށާއި, ޗަމްޕާއަށާއި, ގާސިމަށާއި, ޖާބިރަށާއި, ސިޔާމަށް
ފަޅުރަށެއްނޫން
23 August 2021
މިހާރު ތިކުޅެނީ ބަރުލަމާނީ ޑުރާމާ. މާރައްޔިތުންނަށް ހެޔޮފުޅުވެގެން ތިއުޅެނީ ކުރިޔަށް ހުރި އިންތިހަބުތަކުގައި ވޯޓުހޯދަން. އޭގެތެރޭގައި އެތެރޭގެ އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބާއްވައިފިނަމަ އެ އިންތިހާބުވެސް ހިމެނޭ. ބޭނުމަކީ އިންތިހާބުތައް ކާމިޔާބުކޮށް ރޫހާނީލީޑަރަށް ބޮޑުވަޒީރުކަން ދިނުން. އޭގެ ފަހުގައި ރައްޔިތުންގެ ސީދާ ބަހެއްނެތި ބޭނުން ގޮތަކަށް ހެދުން. ދިވެހި ގިނަރައްޔިތުން މިމީހުންގެ މަޅީގައި ނުޖެހޭނެކަމަށް އުއްމީދުކުރަން.
ދޮންބެއަލީ
23 August 2021
ލާމަރުކަޒީ އަކީ ދަރި ކަމަށް ގޮވި މީހުން އުބަށް ޖަހައިފި..
ފުންއަސަރު
23 August 2021
ސަރުކާރަށް ޕްރެޝާކޮށް ފަޅުރަށްތައް ވަރުވާއަށް އެއްވެސް ފަރާތަކަށް ނުދީ ހުރުމުން ފަޅުރަށްތައް އެވަނީ ނެތެން ކައިރިވެފަ. އަތޮޅުގެ މީސްމީހުން ހަދާނެއެއްޗެއް ހަދަނީ. ބޭނުންބަޔަކު ރަށްރަށަށްއަރާ ބޭނުންކޮންމެ އެއްޗެއް ގެންދަނީ. ރުކުއަޅަނީ. ރުކުގެ ކުރިގަނޑުކާލާ ރުއްތަކުގެ ދުވަސް ދުއްވާލަނީ. ހެޔޮނުވާނެ ސަރުކާރުން ނުވަތަ ކައުންސިލުން ނަމަވެސް އެތަންތަން ބެލެހެއްޓުމަށް އެތަންތަނުގާ ބަޔަކު ބައިތިއްބާ. 50އަހަރުން 100 އަހަރުން ހެދުނު ގަސްތައް ކަނޑާތިރިކޮށްފި.
ފުންއަސަރު
23 August 2021
އަތޮޅުތެރޭގާވާ ފަޅުރަށްތައް މިހާރު އެދާގޮތަށް ކަންތައްވަމުން ދާނަމަ ކުރިޔަށްއޮތް ދެތިން އަހަރުތެރޭ އެރަށްތައް މުޅިން ހަލާކުވެ ސަހަރާތަކަކަށް ބަދަލުވެދާނެ. އަޅުގަނޑު މީގެ އަހަރެއްހާ ދުވަސްކުރިން ދިޔަ ބައެއް ރަށްތަކަށް މިފަހަރުގޮސް އަރާލުމުން ލޮލުން ކަރުނައައި. ބިޔަބޮޑެތި ގަސްތައްކަނޑާ ބިމާހަމަކޮށް އޭގެ ލަކުޑިތައް ވަގުވިޔަފާރީގާ ބޭނުންކޮށްފާވޭ. ޖަންގަލިތައްވަނީ ހާވިޔާވެފާ. މިކަން ޔަގީންކުރަން ނޫނުއަތޮޅުގެ ފަޅުރަށްތަކަށްއަރާ ބަލާލަދީބަލަ. ސަރުކާރު.
1828
23 August 2021
މޮޅޭ. އެ އަތޮޅެއްގެ ފަޅުރަށްތަށް ކައުންސިލްތަކަށް. އެކަމަކު އެ އަތޮޅެއްގެ ފަޅުރަށްތަކުގައި ހަދާފައިވާ ރިސޯޓްތަކުގެ ކުލި / ޓެކްސް މާލޭ ސަރުކާރަށް. މިއީ އެމްޑީޕީއިން އެކިޔާ ލާމަރުކަޒީ ނިޒާމަކީ.