ވަޅިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ--
26 އޯގަސްޓް 2021 - 12:41
މާލޭގައި އިއްޔެ ހެނދުނު ވަޅި ހަރައި ޒަހަމްކޮށްލި ޒުވާނާ އަށް ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި އަދިވެސް ހޭނާރާ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.
އުމުރުން 21 އަހަރުގެ އެ ޒުވާނާގެ ކަރަށް ވަޅި ހެރީ، އޭނާގެ މަންމަގެ ކާޑުން ފައިސާ ނެގުމަށް އޭޓީއެމަކަށް ދިޔަ މަގުމަތީގައި ސޯސަން މަގުގައި ހުންނަ ރޯޝަނީ ބިލްޑިންގް ކައިރިން ތިން މީހުންގެ ގްރޫޕަކުންނެވެ.
މާލެ އަށް އުފަން އެ ޒުވާނާގެ އާއިލާ އިން "މިހާރު" އަށް ބުނީ އިއްޔެ ހެނދުނު 11 ޖަހަން އުޅެނިކޮށް ހަމަލަދިިނީ ރައްޓެހި ވެގެން އުޅޭ އަންހެން ކުއްޖާ ވެސް ގޮވައިގެން ސައިކަލުގައި ދަނިކޮށް، އެހެން ސައިކަލެއްގައި ދިޔަ ތިން މީހަކު ކަމަށެވެ.
އެ ހަމަލާގައި އެ ޒުވާން ފިރިހެންމީހާގެ ނޭވާ ހޮޅި ފޫގޮސް، ކަރުގެ އަރިމަތީގެ ނާރަށް ވެސް ގެއްލުން ވެފައިވާ ކަމަށް އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ހަމަލާދިން މީހުން ތިބީ މާސްކް އަޅައިގެން. އެ ވަގުތު ކޮއްކޮ ހުރީ މާސްކް ނާޅާ. އަޅުގަނޑުމެންނަށް ބެލެވެނީ މިއީ ހަމަ ކޮއްކޮ މަރައިލުމަށް ދިން ހަމަލާއެއް ކަމަށް،" އޭނާ ބުންޏެވެ.
ހަމަލާދިނުމާ އެކު ޒުވާނާގެ ފަހަތުގައި އިން އަންހެން ކުއްޖާ ސައިކަލުން ފޭބި އެވެ. އަދި ހޭނެތުމުގެ ކުރިން އޭޑީކޭ ހޮސްޕިޓަލަށް މިސްރާބު ޖެހީ އެ ޒުވާނާ އަމިއްލަ އަށް ސައިކަލު ދުއްވަމުންނެވެ. އޭރު ވެސް ކަރުން ލޭތައް ފައިބަމުންދިޔަ އެވެ.
އެކަމަކު އޭނާ އަށް ދެވުނީ އޭޑީކޭގެ މައި ދޮރާ ހިސާބަށެވެ. ހޭނެތިގެން ސައިކަލާ އެކު އޭނާ މަގުމައްޗަށް ވެއްޓުމުން އޭނާ ނަގައިގެން ހޮސްޕިޓަލަށް ވެއްދީ އެ ތަނުގައި ތިބި ބަޔަކު ކަމަށް އާއިލާ އިން ބުންޏެވެ. އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، އެ ޒުވާނާ އައިޖީއެމްއެޗަށް ބަދަލު ކޮށްފައިވާއިރު، މި ވަގުތު އޭނާ އަށް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.
"ޑޮކްޓަރުން އުއްމީދު ކަނޑައެއް ނުލާ. އެކަމަކު މި ކަންބޮޑުވަނީ ކޮއްކޮ އޮތީ ހޭނެތިފައި އަދިވެސް. ޑޮކްޓަރުން އެބަ ބުނޭ ރަނގަޅުވާނެއޭ. ވަރަށް ބޮޑު ސާޖަރީއެއް ހަދަން ޖެހޭނެއޭ އެކަމަކު." އާއިލާ އިން ބުންޏެވެ.
އެ ޒުވާނާ އަށް މި ހަމަލާ އަމާޒުވީ ކީއްވެ ކަމެއް އާއިލާއަކަށް ވެސް ނޭނގެ އެވެ. ގޭންގެއްގެ ފަރާތުން ބިރުވެރިކަމެއް ނުވަތަ މަރުގެ އިންޒާރެއް އައި ކަމެއް ވެސް އޭނާ އާއިލާއާ ހިއްސާކޮށްފައެއް ނުވެ އެވެ.
އާއިލާއިން ބުނި ގޮތުގައި އެ ޒުވާނާއަކީ އެހާ ބޭރު ތެރޭގައި ގިނަވެގެން އުޅޭ ވެސް ކުއްޖެއް ނޫނެވެ. އޭނާ އާންމުކޮށް ގޭގައި އުޅޭއިރު ވަކިން ހާއްސަކޮށް މި ކޮވިޑް ތެރޭގައި ބޭރަށް ނުކުމެ ހަދަނީ ވެސް ވަރަށް މަދުންނެވެ.
"ބޭރަށް ނުކުންނާނީ ވަރަށް މަދުން. ނުކުންނައިރު ވެސް އުޅޭނީ ގާތް ރައްޓެއްސަކާ އެކީގައި. ވަރަށް ފަހުން މި އަންހެން ކުއްޖާއާ ވެސް ރައްޓެހިވީ. ބޭރަށް ދާނީ އޭނާއާ އެކީގައި. އެ ކުއްޖާ ގެއަށް ގެންނާނީ ވެސް ވަރަށް މަދުން،" އާއިލާ އިން ކިޔައިދިނެވެ.
"ކޮއްކޮއާ ގޭންގަކާ ގުޅުމެއް ނޯންނާނެ. އެހެން ނޫނީ އަބަދު ބޭރުގަތާ އުޅޭނީ. އެކަމަކު ތްރެޓެއް އޮތް ވާހަކަ ވެސް ނީވި ކުއްލިއަކަށް ކަރަަށް ވަޅި ހެރީމަ ވަރަށް ކަންބޮޑުވޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލިމާ
27 August 2021
އިސްލާމްދީނުގައި އަންގަވައިފައި އޮތް ގޮތައް އަމަލު ކުރާ ގޮތުގެ ވާހަކަ ދެއްކީމަ ހިނިއަރާ މީހުންނަށް އެންގޭބާ ހުޅަނގުގަވެސް ކުރާ ކަމެއް އެއީ. ކެޕިޓަލް ޕަނިޝްމަންޓް އޭ ކިޔަގެން ހަމަ ޝަރިއާ ޤާއިމް ކޮށްގެން އުޅެނީ
ބާރު ބަހާ
27 August 2021
އަޅުގަނޑުމެން ކުޑައިރު އެކަކު މުށުތެރޭ ހުރިހާ ބާރެެއް އޮތްއިރު ވަޅިޖަހާ ވައްކަންކޮށް މަގުފޭރި ގޭންގު އުފެދޭ ވާހަކަ ނުއިވޭ "ދިމާކުރާތީ" އައީ ހުރިހާ ނުބައިކްމެއް ވިހައިގެން އެއަށް ކާންދީ ބޮޑުކުރަން.
ރަދުން
27 August 2021
ފުލުހުންނަކީ ބޭކާރު ބައެއް.މިހާރު ބަންގާޅީ ގޭންގް ތައްވެސް މާލޭގައި ޢާންމުވެއްޖެ.
ސަފީގާ
26 August 2021
ވަކި މީހަކުވީމާ މުއައްސަސާތައް ފަޔަށް ހިނިއަރައިގެން އުޅުނީމަ ކަޑައޭ އެންމެން ހަމަހަމަ ވާންޖެހޭ
ސަ
26 August 2021
މިގައުމު އިންސާފް ލިބެނީ މެމްބަރުންނަށް އެކަނި..
ކުޗީ
26 August 2021
މަރަށް މަރު ހިފާބަލަ ޖެހިލުންވާނެ މިކަހަލަ ކަންކަން ކުރަން.
ތެދުބެ
26 August 2021
ވެރިން ދުވަނީ ތާއީދު ހޯދުމަށް ރެއާ ދުވާލު މަސަތްކަތް ކުރަމުން ، މިފަދަ ބިރުވެރި ކަން ކަމުން ރަތްޔިތުން ސަލާމަތް ކޮށްދެވޭ ވެރި އެއް މިގައުމަކަށް ނާދޭ އަދި. ވޯޓް ލާން ކައިރި ވާ ވަރަކަށް އެންމެންވެސް ހަނދު ދަށްކާނެ.
ށައުނަސް
26 August 2021
މިކަން ހުއްޓުވަން ފުލުހުންވަނީ ނުކުޅެދިފާ
ބަައިރޯ
26 August 2021
ތީ ފުލުހުންނާ މގޫލުން ހުރި ކަމެއް ނޫން މަރަށް މަރު ހިފިނަމަ ތިހާ ިސާބަށް ތިކަން ނުދިއަ!
އާދަނު2
26 August 2021
ގާލްފުރެންޑް ދުވެ ފިލީތަ؟ އަވަސް ޝިފާއަކަށް އެދެން.
ޓީނާ
26 August 2021
ގާލްފެރެންޑަށް ވީގޮތް ބަލާކަށްނުޖެހޭ.
ޑިސްއޮނަރަބަލް ޑީޑީ
26 August 2021
މިގައުމުގާ ފުރާނައިގެ އަގަކީ އެއްވެސްއެއްޗެއްނޫން މިހާރު.