އެމާ ޅައިރުގެ ފޮޓޮއެއް ކައިރީގައި ބަހައްޓައިގެން
30 ނޮވެމްބަރ 2016 - 06:42
އެމާ މޮރާނޯ އަކީ 19 ވަނަ ގަރުނުގައި އުފަންވި މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި ހަމައެކަނި މީހާ އެވެ. އޭނާ އުފަންވެފައި ވަނީ 1899ގެ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ. އެމާ ވަނީ އޭނާގެ 117 ވަނަ އުފަން ދުވަސް މިދިޔަ އަންގާރަ ދުވަހު ފާހަގަ ކޮށްފަ އެވެ. އެހެންކަމުން ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާގެ ރެކޯޑް މިހާރު އޮތީ އެމާ އަށެވެ.
އިޓަލީގެ އިރުމަތީގައިވާ އަވަށެއް ކަމަށްވާ ލޭކް މިގިއޯރީގައި މިދިޔަ މަހު އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި އެމާ ބުނެފައި ވަނީ މިހާރު ވެސް ދުވާލަކު ދެ ބިސް ކާ ކަމަށާއި ދެން ކަނީ ކުކީޒް ކަމަށެވެ. އަދި ދަތް ނުހުންނާތީ މިހާރު މާ ގިނަ އެއްޗެހި ނުކެވޭ ކަމަށް ވެސް އެމާ ބުނެފައިވެ އެވެ.
އެމާގެ ކޮޓަރީގައި ހުންނަ މޭޒެއް މަތީގައި އޭނާއަށް ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް އިން ދީފައިވާ އެންމެ ދުވަސްވީ މީހާގެ ސެޓްފިކެޓް ހުއްޓެވެ.
އެމާ އަކީ އެއްބަނޑު އެއްބަފާ އަށް މީހުންގެ ތެރެއިން އެންމެ ދޮށީ މީހާ އެވެ. ނަމަވެސް އޭނާގެ ހަގަށް ތިބި ހުރިހާ އެންމެން މިހާރު ވަނީ މަރުވެފަ އެވެ.
އެމާގެ އުފަން ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އޭނާގެ ގެއަށް ޒިޔާރަތްކުރެ އެވެ. ނަމަވެސް އުފަން ދުވަހުގެ ކޭކުކޮޅެއް އެމާ އަށް ކެވިދާނެ ކަމަކަށް އޭނާއަކަށް ހިއެއް ނުވެ އެވެ. ސަބަބަކީ އެންމެ ފަހުން ކޭކުކޮޅެއް ކޭ ފަހަރު ވެސް އުނދަގޫތަކެއް ވީމަ އެވެ.
އެމާގެ ވަރަށް ގިނަ ހިއްސުތަކުގެ ބާރުވެސް މިހާރު ދަނީ ކެނޑެމުން
އެމާ އަކީ ވަރަށް ހިތްވަރު ގަދަ ވެސް އަންހެނެކެވެ. އޭނާ 1938 ގައި ކައިވެނިކޮށްގެން އުޅުނު މީހާ ގާޓުން ވަރިވީ އަނިޔާކުރާ މީހަކަށް ވާތީ އެވެ. އެމާ އަށް ލިބުނު ހަމައެކަނި ދަރިފުޅު ވަރަށް ތުއްތުއިރު މަރުވީ ވެސް ހަމަ އެ ދުވަސްވަރު އެވެ. އޭގެ ފަހުން އެމާ ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސީ ގޯނި އުފައްދާ ކާރުޚާނާއެއްގައި މަސައްކަތް ކޮށްގެންނެވެ.
އެމާއަކީ އަމިއްލަ މިނިވަންކަމަށް ވަރަށް ލޯބިކުރާ މީހެކެވެ. އެހާ މުސްކުޅި އުމުރުގައި ވެސް މިދިޔަ އަހަރާ ޖެހެންދެން އުޅެފައިވަނީ ހުރިހާ ކަމެއް އަމިއްލައަށް ކޮށްގެންނެވެ. އޭނާ ބަލަހައްޓަން މީހަކު ހޯދީ މިދިޔަ އަހަރު އެވެ. އެއީ އޭނާއަށް އެއްގޮތަކަށް ވެސް އެނދުން ނުތެދުވެވޭވަރު ވުމުންނެވެ. ނަމަވެސް މީގެ 20 ކުރިން ސުރެ އެމާ އޭނާގެ ދެ ކޮޓަރީގެ އެޕާޓްމަންޓުން ބޭރަކަށް ނުނިކުމެ އެވެ.
މިހާރުވެސް އެހެން މީހުން ދައްކާ ވާހަކަ އެމާގެ ސިކުނޑިއަށް ނަގައިގަނެ އެވެ. ނަމަވެސް އިވެނީ ވަރަށް ކުޑަކޮށެވެ. ވާހަކަ ދެއްކެނީ ވެސް ވަރަށް އުނދަގުލުންނެވެ. ޓީވީ ބެލޭވަރަށް ވުރެ ލޮލުގެ ހާލަތު ދަށެވެ. ވަގުތު ހޭދަކުރަނީ ނިދުމުގައި ނުވަތަ ކޮންމެވެސް އެއްޗެއް ކެއުމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy