މާލެ-ވިލިމާލެ ބްރިޖް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު. ބްރިޖްގެ މަސައްކަތް މިއަހަރަކު ނުފެށޭނެ. ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
02 ސެޕްޓެމްބަރ 2021 - 11:22
މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ބްރިޖަކުން ގުޅައިލުމަށް ހިންގާ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ކުރީ ކޮޅު ކަަމަށް ސަރުކާރުން އިއްޔެ ބުނެފި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ މާލެ-ވިލިމާލެ ބްރިޖްގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިދިޔަ މަހުގެ 26 ގައި ވަނީ ބާއްވައިފަ އެވެ. އެއީ މި ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށް ވިޔަސް އެކަމަކު އެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަދި އެއީ މި ސަރުކާރަށް ވަރަށް މުހިންމު މަޝްރޫއަކަށް ވިޔަސް ސޮއިކުރެއްވީ ވެސް މަތީ ފެންވަރުގެ ބޭފުޅެއް ނޫނެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި އެކަމާ ބެހޭ ގޮތުން "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިދިޔަ ހަފުތާގައި ބޭއްވީ ހަމަ އެކަނި ސޮއިކުރުމުގެ ރަސްމިއްޔާތެއް ކަމަށާއި އަމަލީ މަސައްކަތް ފެށުން އަދި ކުރިއަަށް އޮތީ ކަމަށެވެ.
"ޑީޓެއިލް ޑިޒައިނިން ހަދާނީ އަދި އިތުރަށް ޝެޑިއުލާ އެއްޗިހި ވެސް އިތުރަށް ކޮންފާމް ކުރައްވަނީ އެ ބޭފުޅުން [އިންޑިއާގެ ކުންފުނިން]. އަންދާޒާ އަކީ ގާތްގަނޑަކަށް [މި އަހަރުގެ] ޑިސެމްބަރު ނޫނީ މި އަންނަ އަހަރު ފެށޭ ހިސާބުގައި އަމަލީ މަސައްކަތް ފެންނަން ފަށާނީ މިކަމުގެ. އެ ހިސާބުގައި އިތުރު އެންގޭޖްމެންޓްތައް ހުންނާނެ،" މަބްރޫކް ވިދާޅުވި އެވެ.
ވިލިމާލޭގެ ބްރިޖަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި ގުޅިފަޅު ތަަރައްގީކުރުން ވެސް ހިމެނޭ ބޮޑު ޕްރޮޖެކްޓެއްގެ އެއް ބައެވެ. ގުޅިފަޅުގައި ހަދާ ވިޔަފާރި ބަނދަރުގެ މަސައްކަތް ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ އިއްޔެގެ މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ސުވާލުކުުރުމުން މަބްރޫކް ވިދާޅުވީ އެ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ދުވަހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"މި މަސައްކަތް ވެސް ކުރިއަށް އެބަދޭ. ސީދާ ސޮއިކުރާ ޑޭޓެއް އެކަމަކު އަޅުގަނޑު އަަތަކު ނެތް،" މަބްރޫކް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ނޫސްވެރިންނާ ވާހަކ ދައްކަވަނީ. އޭނާ އިއްޔެ ވިދާޅުވީ ވިލިމާލެ ބްރިޖްގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރު ކަމަށް--ފޮޓޯ: ރައީސް އޮފީސް
މާލެ-ވިލިމާލެ ބްރިޖް އަޅަން ހަވާލުކުރީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ނަމަކަށް ކިޔާ ކުންފުންނަކާ އެ އެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެފްކޮން އިންފްރާސްޓްރަކްޗަރުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އާރު އަންތަ ކުމާރެވެ.
އެ އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.
މަޝްރޫއަށް ހަރަދު ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމަކުން ދަރަންޏަށް ނަގާ ފައިސާ އާއި އިންޑިއާގެ ހިލޭ އެހީ ވެސް ހިމަނައިގެންނެވެ. އެގޮތުން، ލައިން އޮފް ކްރެޑިޓްގެ ދަށުން 400 މިލިއަން ޑޮލަރު ހަރަދުކުރާއިރު އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗައިނާ
02 September 2021
އިންޑިޔާއާ ގުޅިގެން އެމްޑީޕީގެ ކަމަކީ ރައްޖެ ފުނޑާލާ ގޮތައް ކަންތައްތަ ހިންގުން.
އިބްރ
02 September 2021
މި ސަރުކާރުން ހިންގާ މެގަ ޕްރޮޖެކްޓް ތަކަށްބަލާއިރު ތިލަ މާލެ ބްރިޖަކީ ފަޑުއްކައަކަށްވީމާ ރ ސާލިޙް ސަރުކާރުން ފެންވަރުގައި ސޮއިނުކުރީ.
މަންޑޭލާ
02 September 2021
ރައްޖެ ތަރައްގީ ވަނިކޮއް ރައިސް ޔާމިންގެ ވެރިކަން އިންޑިޔާ އަޑީގަ ހުރެ ވައްޓާލީ
ތަޖްރިބާނެތޭ
02 September 2021
ވިލިމާލޭ ބްރިޖްގެ މަސައްކަތް މިއަހަރު ޔަގީނުން ވެސް ނުފެށޭނެ މިއަހަރު ނިމޭނީ ކުރެހުން ތައް ދެން ސައިޓް މޮބިލައިޒް ކުރާނީ އަންނަ އަހަރު ހަގީގީ ޕްރޮޖެކްޓް ފެށޭނީ 2023 ވަނަ އަހަރު މާލެ އާއި ވިލިގިލި އެ ސެކްޝަންގެ މަސައްކަތް ނިމޭނީ 2026 ވަނަ އަހަރު އެވެސް ތިން ފަހަރަށް އަގު ބޮޑުކުރާނެ ކުރީގައި އަންދާޒާ ކުރި ކަންކަން ނުހިމެނޭތީ ކަމަށް ބުނެ އިންޑިއާގެ ކުންފުންނަށް ބްރިޖްގެ ފުލް މަސައްކަތް ނިންމޭނީ 2030 ވަނަ އަހަރު ސަބަބަކީ ތަޖްރިބާ ނެތް ކުންފުންނެކޭ
ޝޮކްތެރަޕީ
02 September 2021
މީ ސީދާ ލޯނުގެ ދަންތޫރައެއް. ބްރިޖު ނޭޅި 500 މިލިޔަން ޑޮލަރު އިންޑިޔާއިން ހޯދާނެ. މިވެސް ފާޑެއްގެ ވިޔަފާރިއެއް.
އެމެރިކާ
02 September 2021
ރައިސް ޔާމިން ވެރިކަމުގަ ހުރިނަމަ މިހާރު ބްރިޖު ނިމޭ ހިސާބުގަ އޮންނާނީ. ޗައިނާ ކަހަލަ ޤައުމުތަކާ ގުޅިގެން ރައްޖެ ތަރައްގީވާނީ.
މަރީނާމާ
02 September 2021
ތި ކުރިކަމަކީ ދައުލަތް ޒިންމާ ކުރުވާފަ ބޮޑު ކޮންޓްރެކްޓެއްގަ ސޮއި ކުރީ! ތިޔަ ބުރިޖެއްވެސް ނޭޅޭނެ އެމީހުންކަށް ދެން ކޮންމެވެސް އުޒުރެއް ދައްކާފަ އާބިޓްރޭޝަނަށް ދާނީ! އޭރުން ދައުލަތް އިންޑިއާއަށް މިލްކުވާ ވަރުގެ ބަދަލެއް ނަގަން ޙުކުމް އައިމަ އެ ނުދެއްކިގެން ރާއްޖެ އިންޑިއާ އާ ހަވާލުވާނެތޯއްޗެ! މިއީ ސަމާސާ ވާހަކައެއް ނޫން. އެހެންވެ ނޫންތޯ ތިކަމުގަ އަޑީގަ ތިބި ސިޔާސީ ގުރޫޕަށް ތީގަ ސޮއިކުރަން ނުކެރުނީ.
ރުސްތުމް
02 September 2021
އަންނަ އަހަރުވެސް ނުފެށޭނެ
ސަރީފު
02 September 2021
މީޑިއާތަކުން މިސަރުކާރަށް ކިތައްމެ ހުސާމަތު ކުރިޔަސް އެގޭ ނުވާނެކަން.
ބުރިޖުސިޔާސަތު
02 September 2021
މާލެއާ އޮސްޓްރޭލިޔާއާ ދެމެދުވެސް ވާނެ ބްރިޖެއް އަޅަން. ރައްރަށަށް ދެން ފުޓްސެލް ދަނޑަކުން ފުދޭނެ. ވަޒީފާއެއް، ތައުލީމެއް، ބޭހެއް ފަރުވާއެއް ނެތަސް، ފުޓްސެލް ދަނޑުގަ ބޯޅަ ކުޅެލާފަ، ބަށިކޯޓުގަ ބަށި ކުޅެލާފަ މަރުވަންދެން ޖޯލިފަތީގަ އޮތީމަ ނިމުނީ.