ޚަބަރު / ބޯހިޔާވަހިކަން

މާލޭގެ މީހުން އުޅޭ ނިކަމެތި ހާލު ބަންޑުކޮށްލައިފި

ރޭގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭގެ މީހަކަށް ވިޔަސް ވަންނާނެ ގެދޮރެއް ނެތް ކަމަށާއި ހާލުގައި ޖެހުމުން ދާނެ ރަށެއް ވެސް ނެތް ކަމަށް ބުނެ މާލޭގެ މީހުންގެ އުދާސްތައް ރޭ ބަންޑުން ކޮށްލައިފި އެވެ.

މާލޭގެ މީހުންނާ ބައްދަލުކުރުމަށް ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ބައެއް މީހުން ވަނީ އެއީ މާލޭގެ މީހުން ނަމަވެސް އަމިއްލަ ވަޒަނުގައި އުޅެމުންދާ ދަތި ހާލު ކިޔައިދީފަ އެވެ.

އެ ބައްދަލުވުމުގައި މާލޭ ރަށްވެހިންގެ ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކި އައިޝަތު ހަސަން ބުނީ، މާލޭގެ މީހުންގެ ހައްގުގެ ވާހަކަ ދެއްކުމުން ބައެއް ރަށްރަށުގެ މީހުން، މާލޭގެ މީހުންނަކީ "ރޭސިސްޓް" ބައެއްގެ ގޮތުގައި ސިފަކުރާ ކަމަށެވެ. އެ ވާހަކަތަކަށް ރައްދު ދެމުން އޭނާ ބުނީ، އެހެން ރަށްރަށުގެ މީހުންނަށް އެ މީހުންގެ ރަށާއި އަތޮޅުގެ ހައްގު އޮންނަ ފަދައިން މާލޭގެ މީހުންނަށް ވެސް ހައްގުތައް އޮންނަ ކަމަށެވެ.

"ރަށްރަށުގެ މީހުންނަށް ސިއްހީ ހިދުމަތް ނުލިބޭ ވާހަކަ ދެއްކެންޏާ، ބޯހިޔާވަހިކަން ނުލިބޭ ވާހަކަ ދެއްކެންޏާ، ތައުލީމުގެ ފުރުސަތު ނޯންނަ ވާހަކަ ދެއްކެންޏާ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހައްގުގެ ވާހަކަ ދެއްކޭނެ،" އޭނާ ބުންޏެވެ.

އައިޝަތު ބުނީ، މާލޭގެ ރައްޔިތުން ނިކަމެތި ހާލެއްގައި އުޅެމުން ދަނީ މިހާތަނަށް އައި އެއްވެސް ސަރުކާރަކުން އެ މީހުންނަށް އަޅައި ނުލުމުން ކަމަށެވެ.

"މާލޭގައި ފިޔަވަޅު އަޅާލާނެ ފަސްކޮޅެއް ނެތް މީހުން ވެސް އެބަ ތިބި. އެ މީހުންނަށް އެ މީހުންގެ އަމިއްލަ ރަށުން ޖާގައެއް އެބަ ޖެހޭ ދޭން ކޮންމެވެސް ގޮތަކުން. ހުޅުމާލެ ވެސް ހިއްކި. އެކަން ކުރީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދަދޭށޭ ކިޔާފައި،" އޭނާ ބުންޏެވެ.

ރޭގެ ބައްދަލުވުމުގައި މާލޭ ރަށްވެހިންގެ ޖަމިއްޔާގެ ފަރާތުން އައިޝަތު ހަސަން ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭގެ މީހުންނަށް ހުޅުމާލެ އިން ބޯހިޔާވަހިކަން ހޯދައިދޭން ޖެހޭ ވާހަކަ ދެއްކުމުން އެއީ ރަށްރަށުގެ މީހުންގެ ޓެކްސް ފައިސާ އިން ހިއްކާފައިވާ ތަނެއް ކަމަށް ބުނެ ވާހަކަ ދައްކާ ކަމަށް އައިޝަތު ބުންޏެވެ. އެކަމަކު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތަކަކީ މާލޭ މީހުންގެ ޓެކްސް ފައިސާ ހިމެނޭ ގޮތަށް ހިންގާ މަޝްރޫއުތަކެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

"ހުޅުމާލެއަކީ ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިއްކާފައި އޮތް ތަނެއް ވިއްޔާ އެހެން ތަންތަނުގައި ހިއްކާފައި ހުރި ބިންތަކަށް އަޅުގަނޑުމެންގެ ވެސް ބާރު އޮންނާނެ. އެ ތަނުން ހުރިހާ މީހުންނަށް ބޯހިޔާވަހިކަން ދޭން ބޭނުންވާ ފަދައިން ހުރިހާ ތަނަކުން [ރަށްރަށުން[ އަޅުގަނޑުމެންނަށް ކީއްވެތޯ ބޯހިޔާވަހިކަން ނުލިބޭންވީ. މި ތަފާތުކުރުން މި އޮންނަނީ،" އޭނާ ބުންޏެވެ.

މާލޭ މީހުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލައި އައިޝަތު ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް މާލޭގެ މީހުނަށް ނިސްބަތްކޮށް ހުތުރު ބަސްތައް ބޭނުންކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މާލޭގައި އެެއް ކޮޓަރިއެއްގައި، ބޮޑެތި ވެފައި ތިބި ދަރިން މައިންބަފައިންނާއެކު ދިރިއުޅެމުންދާ ކަމަށާއި އެކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ވެސް އިތުރުވީ މާލޭގެ މީހުންނާ މެދު ވެފައިވާ އިހުމާލުގެ ބޮޑުކަމުން ކަމަށް އޭނާ ބުންޏެވެ.

"މުޅި އުމުރު މި ދަނީ ކިހިނެއްތޯ. ދަރިން ލިބުނު ހިސާބުން ކީއްކުރަން މީހަކާ އިން ހިސާބުން އަޅުގަނޑުމެން ޒުވާނުން މި ވިސްނަނީ ކިހިނެއްތޯއޭ އާއިލާއެއް ބިނާކުރާނީ. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ އަޅުގަނޑުގެ ދެ ފިރިހެން ދަރިން ވައްދާނެ ތަނެއް،" އައިޝަތު ބުންޏެވެ.

ބޭރު ގައުމުތަކުގައި ޒުވާނުން މީހަކާ އިނުމުގެ ކުރިން ކޮންމެވެސް ވަރެއްގެ ބޯހިޔާވަހިކަމެއް ހޯދާ ކަމަށާއި އެކަމުގެ މި ރާއްޖޭގައި އެ ފުރުސަތު ވެސް ޒުވާނުންނަށް ނެތް ކަމަށް ވާހަކަ ދެއްކި މީހުން ބުންޏެވެ.

"އެންމެން ވެސް ބޭނުންވާނެ އެ މީހުން މީހަކާ އިނދެގެން ގޮސް ވަންނާނެ ތަނެއް އޮންނަން. އެކަމަކު ރާއްޖޭގެ ހާލަތަކީ މީހަކާ އިނދެގެން ހައްސަ ދަރިންނާ ބަންގާޅު ފޮއްޓަކާ ނުލިބޭހާ ހިނދަކު ބޯހިޔާވަހިކަމަށް ޝަރުތު ހަމައެއް ނުވޭ." ރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.

މާލޭގެ ރައްޔިތުންގެ ހައްގުގައި އޭނާ ގޮވައިލީ ލާމަރުކަޒީ ގާނޫނަކީ ކަރުދާހެއްގައި ލިޔެފަ އޮތް އެއްޗެއްގެ ބަދަލުގައި އޭގައިވާ ކަންކަން ތަންފީޒު ކުރުމަށެވެ. ނޫން ނަމަ މާލޭގެ ރައްޔިތުންގެ މައްސަލަތަކަށް ހައްލެއް ނާންނާނެ ކަމަށް ބުންޏެވެ.

އެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކި ހައްވާ ލީޝާ ބުނިގޮތުގައި، މާލޭގެ މީހުންގެ ނިކަމެތި ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން "މާކެޓިން ޓޫލް" އަކަށް އެ މީހުންގެ ގެތަކަށް ވަދެ ފޮޓޯ އާއި ވީޑިއޯ ނަގައިގެން ވެރިކަން ހޯދުމަށް މަސައްކަތް ކުރެ އެވެ.

"އަޅުގަނޑުމެންނަކީ ކުލި ކައިގެން ގޭގައި ތިބޭ ބައެއް ނޫން. މާލޭގެ ރައްޔިތުން އެބަ އުޅޭ ގޭގައި ބަންކް ބެޑް ޖަހައިގެން ކޮންމެ އެނދެއްގައި ދެމަރިފިރިއެއް. މިއީ ޖޯކެއް ނޫންް. މިއީ މާލޭ ރަށްވެހިންގެ ހާލު އިނގޭތޯ،" އޭނާ ބުންޏެވެ.

ލީޝާ ބުނީ މާލޭގައި ބިން ނެތް ނަމަ މާލެ ދޫކޮށް ދިއުމަށް ބައެއް މީހުން ބުނަމުން ދިޔަ ނަމަވެސް މާލޭ މީހުން ދާނެ ވަކި އިތުރު ރަށެއް ވެސް ނެތް ކަމަށެވެ.

މާލޭ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކޮން ރަށަކުންތޯ މާލޭ މީހުންނަށް އެންމެ އަކަފޫޓެއް ވެސް ދޭނީ. އަޅުގަނޑުމެން ވެސް ހިތުގައި ޖެހޭ ފޭސްބުކް ބަލާލާއިރު މި ވެނި ރަށެއްގައި ބިން ހިއްކައިގެން ގޯތިދޭ ވާހަކަ ފެނުނީމާ. މާލޭ ރައްޔިތުން ކޮންތާކަށްތޯ ވަންނަންވީ. ރާޅުގަނޑަށް ގޮސް ގެނބެންވީތޯ އަޅުގަނޑުމެން،" ލީޝާ ބުންޏެވެ.

ކޮވިޑް ހާލަތުގައި ހާލުގައި ޖެހި ކުއްޔަށް އުޅޭ ގިނަ ބަޔަކު އެ މީހުންގެ ރަށްރަށަށް ބަދަލުވިކަން ފާހަގަކޮށް ލީޝާ ބުނީ އެ ހާލަތަށް ދިއުމުން ވެސް މާލޭގެ މީހުން ދާނެ އިތުރު ތަނެއް ނެތް ކަމަށެވެ.

"ބޯހިޔާވަހިކަން ނުފުއްދާ ބަޔަކަށް ވޯޓެއް ނުދޭނަން. މަޖިލީހުގައި މާލޭ ތަމްސީލު ކުރަން 15 މެމްބަރުން ތިއްބަވާއިރު އަޅުގަނޑުމެން އެ ބޭފުޅުން ކައިރީ ދެއްކީ އެންމެ ކަމެއް. އެކަން ނުވަންޏާ ފައިބައިގެން ވަޑައިގެންނަވާ. އަޅުގަނޑުމެން ބޭނުމެއް ނޫން މަޖިލިސް މެމްބަރުންނެއް،" ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ދާއިރާތައް ތަމްސީލު ކުރައްވާ މެމްބަރުންނާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ލީޝާ ބުންޏެވެ.

އަމިއްލަ ރަށުގައި ބިކަވެ ނިކަމެތިވެ މަގުމަތިވުމަށް ވުރެ ނިކަމެތި ކަމެއް މާލޭ ރަށްވެހިންނަކަށް ނުދެވޭނެ --

"ގޯތި" ހަރަކާތުގެ ފަރާތުން ވާހަކަ ދެއްކި އިބްރާހީމް ރަޝީދު ބުނީ ކެމްޕެއިންތަކާ ދިމާކޮށް މާލޭ މީހުންގެ ގެތަކަށް ޒިޔާރާތްކުރާއިރު މާލޭގެ މީހުން އުޅޭ ހާލު ވަރަށް ރީއްޗަށް ވެރިންނަށް ފެންނާނެ ކަމަށެވެ. އެކަމަކު ކަނޑައެޅިގެން ހާލަތު އެނގި ތިބެ ރައްޔިތުންނަށް "ދޯކާ" ދެމުންދާ ކަމަށް އެ މީހާ ބުންޏެވެ.

އޭނާ ވަނީ ގުޅީފަޅުގައި ޕޯޓު އެޅުން ހުއްޓާލައި މާލޭގެ މީހުންނަށް ގޯތި ދޫކުރުމަށް ގޮވާލައިފަ އެވެ. އަދި އެގޮތަށް އެކަން ނުކުރާ ނަމަ، މާލޭގެ ގޯތި ހަރަކާތުގެ ފަރާތުން ބަނޑުހައި ހޫނުކަމުގެ ހަޅުތާޅެއް ފަށާނެކަމުގެ އިންޒާރު ވެސް ދިނެވެ.

"ބާރުދޭ ކޮންމެ ފަހަރަކު ހައްގުތައް ފޭރިގަތީ،" ކަންބޮޑުވުމާއެކު އިބްރާހިމް ރަޝީދު ބުންޏެވެ.

އޭނާ ވަނީ އެޗްޑީސީން ހުޅުމާލޭ ހިންގަމުންދާ ގޮތަށް ވެސް ފާޑުކިޔާފަ އެވެ. އެގޮތުން މާލޭ މީހުންގެ ކަންކަން ކުންފުންޏަކުން ބަލަމުން އަންނައިރު އެއީ ވިޔަފާރި ކުންފުންޏެއް ކަމަށާއި މާލޭ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ނުކުރާ ކަމަށް ބުންޏެވެ.

ވާހަކަ ދެއްކި އާންމު ރައްޔިތުން ވަނީ އެޗްޑީސީއަކީ އޮންނަން ޖެހޭ ތަނެއް ވެސް ނޫން ކަމަށް ބުނެފަ އެވެ. އެ ކުންފުނި އުވާލުމަށް ގޮވާލި އެވެ. އަދި ސަރުކާރުން މާލޭ މީހުންނަށް ދޭން ޖެހޭނީ ފްލެޓް ނޫން ކަމަށާއި ބޭނުން ވަނީ ގޯތި ކަމަށް އޭނާ ބުންޏެވެ. އެގޮތުން ދަރިން ދިރިއުޅުމެއް ފެށުމުން ފްލެޓްގަައި އުޅޭ ނަމަ، އެ މީހުންނާއި ދަރިންނަށް ވެސް ޖެހެނީ ހަމަ އެއް ހާލެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދެއްކި އިތުރު މީހުން ވަނީ ދައުލަތުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މާލޭގެ ރައްޔިތުންގެ އިންސާނީ ހައްގަށް އަރައިގެންފައިވާ ކަމަަށް ބުނެ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

66 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 46%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެކްސިް

05 September 2021

މިއީ މާލެ ވ. ރާއްޖެތެރޭ މައްސަލައެއް ނޫން. މިއީ ފަގީރު ވ. މުއްްސަނދި މައްސަލައެއް . މިހާރުވެސް މުއްސަނދިންތައް މާލޭގައި ހަދާހާ ފްލެޓެއް އެދަނީ ކޭޝް ދީފަ ގަންނަމުން. 4-5 އެޕާޓްމަންޓް ގަންނަ މުއްސަނދިން މަދެއް ނޫން.

The name is already taken The name is available. Register?

ހަސަނު1

05 September 2021

ބޭނުންވަނީ ހިލޭ ގޯތި ހޯދައިގެން ރިއަލް އެސްޓޭޓް އުސޫލޫން ވިޔަފާރިކޮށް އަތުން ފައިން ކަމެއް ނުކޮށް ގޮސް ބޭރުގައި އުޅެން. މާލޭ ސަރަހައްދުން ހޮލޭ ގޯތި ދޭނެކަމެއް ނެތް. އެމީހުންނަށްވެސް ފްލެޓްދިނީމައި ރަނގަޅުވާނެ. ހަމަ އެގޮތަށް މާލޭ މީހުންނަށް ރަށްރަށުގައި ހުޅުވާލާ ޕްލެޓްތަކަށްވެސް އެޕްލައި ކުރެވެންޖެހޭނެ.

The name is already taken The name is available. Register?

ޝެލަރީ

04 September 2021

މާލޭމީހުންނަކީ މަތީންފައިބައިގެންއުޅޭ ބައެއްތޯ؟

The name is already taken The name is available. Register?

މާނުބޭ

04 September 2021

ހިޔާ ފްލެޓް ތަކުގެ ކެޓްގަރީ ތަކުގެ ތެރެއިން ސިވިލް ސާރވިސް ގެ 1000 ފްލެޓް ދިން އިރު ބައެއް އޮފީސްތަކުން 50 ޕޮއިންޓް ލިބިގެން ފްލެޓް ކަށަވަރު ވި. ކޮބާ 50 ޕޮއިންޓް ލިބިގެން ފްލެޓް ނުލިބުނު މީހުން ގެ ހައްޤު. ކޮބާ އިންސާފު .ހުރިހާ އެންމެންވެސް ކުރަނީ ޚިދުމަތް.މިކަން ބަލާދޭނެބަޔަކު ނެތްތަ

The name is already taken The name is available. Register?

ބެއްޔަ

04 September 2021

ދިވެހިންގެ އަބަދުވެސް މިއޮންނަނީ ޝަކުވާ ކުރުން. ލިބޭ މިންވަރަށް ޝުކުރު ކުރުމަކީ ދިވެހިންގެ މިހާރި ނެތް ސިފައެއް.

The name is already taken The name is available. Register?

ޝޯމޭން

04 September 2021

މާލެއަކީ އަޅުގަނޑުގެ ރަށް ވީމަ ރަށަށް އޮންނަ ލޯބި ވަރަށްބޮޑަށް އޮވޭ. އެކަމު ރަށުގަ ބޯހިޔާވަހިކަން ނުލިބި ތިރީސް ފަސްއަހަރު ވޭތިވެގެން ދިޔައީ. ރަށުން ބޯހިޔާވަހިކަން ނުލިބުނީމަ އެހެން ރަށްރަށުގެ ކައިރިންވެސް ފަޅުހިއްކާފަ އެރަށެއްގެ ރަށްވެހިންނަށް ގޯތިދޭއުސޫލު މާލެމީހުންނަކަށް ނޯވޭ. އެޗުޑީސީ އިންވެސް މުއްސަނދިންނަށް ބިން ވިއްކާ ހުސްކޮށްފި. ރާއްޖޭގަ އެބަތިބި ލާރިއަށް ހަދާނެގޮތެއް ނޭނގިގެން އުޅޭވަރުގެ މުއްސަނދިން. ބަލަމާލޭގަ ނިކަމެތިންވެސް އުޅޭ.

The name is already taken The name is available. Register?

ޑަފްޓަރު

04 September 2021

މިކަމުގައި ހަމަ ހަމަ ކުރުމަކީ އަސްލު ވަރަށް ފަސޭހަ ކަމެއް. ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ރާއްޖޭގެ ކޮންމެ ރަށަކުންވިޔަސް ގޯއްޗަށް އެދުމުގެ ފުރުޞަތު ދިނީމަ ނިމުނީ. މިހާރު މިގެންގުޅޭ މާލޭ ދަފްތަރަކީ ވެސް ބޮޑު ޖޯކެއް. އަދި ވަކި މުއްދަތެއްގެ ތެރޭ އަމިއްލަޔަށް އެގޯތީގައި ދިރިއުޅެން ޝަރުތުކޮށްފައި މީހަކާ އިނުމުގެ ކުރިންވެސް ގޯތިދޫކުރަންވީ. ފަހުން މިބުނި ބައިގެ ތަފްސީލުތަށް ކަނޑައަޅަން ތަންކޮޅެއް އުނދަގޫވިޔަސް ތަޢުލީމީ ބަޔަކަށް ވެދާނެ.

The name is already taken The name is available. Register?

ރަށުމީހާ

04 September 2021

މާލޭ މީހުންގެ ގެދޮރު 10 ބުރިޔަށް ހަދާފައި އަމިއްލަ ދަރިންނަށް ފުލޯތައް ބަހާ ލުމުގެ ބަދަލުގައި ރަށްރަށުން މާލެ އަންނަ މީހުންނަށް ކުއްޔަށް ދެނީ ކީއް ކުރަން.. މާލޭގެ ގޯތި ތަކުގެ ވެރިން އެމީހުންގެ ދަރިންގެ ދަރިންނަށް ނު ވިސްނާ ގޯތިތައް ވިއްކައި، ގެ ހަދަން ވިޔަފާރި ވެރިންނަށް ދޫކޮށް ހެދުމަކީ ރަށްރަށުމީހުން އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއް ނޫން. ރަށްރަށު މީހުން މި މާލެ މާލެ އަކަށް މި ހަދައިފައި މިޔޮތީ.. މާލެ މީހުންނަކީ އާއިލީ ގުޅުން ދަށް ބަޔެއް..

The name is already taken The name is available. Register?

ސަލީމު އިދުރީސް

04 September 2021

އެހެންވީމަ ރާއްޖެތެރެ މީހުންގެ ދަފުތަރެއް ހަދައި ރާއްޖެތެމީހުން ޖަމިއްޔާހަދައިގެން ހައްގުތައް ހޯދަން ސަރުކާރައް ފުރެސަރު ކުރަންވީ މާލޭގަ އުޅޭ ރާއްޖެތެމީހުންވެސް މިޖަމިއްޔާގަ ބައިވެރިވެ ބޭނުތާކުން ގޯތިހޯދުމައް ގޮވާލަންޖެހޭ

The name is already taken The name is available. Register?

އިން ނުސާފު އިންސާފު

04 September 2021

ކޮންމެ މީހަކުވެސް ބަހަނާއަކަށް ބޯހިޔާވައްސެއް ނެތޭބުނެ އެބަހަނާގަ ހޯދަން ބޭނުމީ މާލެ ސަރަހައްދުން ހިލޭބިމެއް ހޯދައިގެން ކުލީ އަޅުވެތިންނަށް އެހެންމީހުން ހަދައިގެން މުއްސަނދިވާން. އެންމެނަށް ބިން ނުދެވޭއިރު މަދުބަޔަކަށް ބިންދޭންވި އެކަމަކު "މަ" ހިމަނާގެން!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454