ޚަބަރު / ތަރައްގީގެ މަޝްރޫއުތައް

އެއްފަހަރާ ގިނަ މަޝްރޫއުތަކުން މި ހަތަރު ރަށަށް ހިތްހަމަޖެހުން

ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އަލިފުއްޓަށް ވަޑައިގަތް އިރު މަރުހަބާ ކިޔަން ނުކުތް މީހަކާ ރައީސް ސަލާމްކުރައްވަނީ. ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު ވަޑައިގަތީ މަޑުއްވަރީއަށް. -- ފޮޓޯ/ ރައީސް އޮފީސް

09 ސެޕްޓެމްބަރ 2021 - 23:59

2 comments

ރ. އަތޮޅުގެ ރަށްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އާއި މިއަދު ކުރެއްވި ދަތުރުފުޅުގައި ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ރަށްތަކަށް ވެވަޑައިގަތް ވައުދުތަކުގެ މައްޗަށް ހިންގާ މަޝްރޫއުތައް ބާރަށް ކުރިއަށް ދިއުން ކަމަށް ބައެއް ކައުންސިލްތަކުން ބުނެފި އެވެ.

ސަރުކާރުން ރަށްތަކުގައި ހިންގާ މަޝްރޫއުތައް ބައްލަވައި، ރައްޔިތުން އިތުރަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައި ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަން ރައީސް ކުރެއްވި ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރެއްވި އެވެ. ކުރިން ނިންމަވާފައި އޮތީ ރ. ވާދު އާއި އަލިފުއްޓާއި އަނގޮޅިތީމާއި ރަސްގެތީމަށް ވަޑައިގަތުމަށެވެ. އެކަމަކު، މަޑުއްވަރީ މޮނިޓަރިން އިން ނެގުމާ އެކު އެ ރަށަށް ވެސް މިއަދު ހަވީރު ވަޑައިގަތެވެ.

މި ދަތުރުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއާ އެކު ސްކޫލްތަކަށް ވަޑައިގެން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. ކުޑަކުދިންނަށް ދިމާވާ ނޭދެވޭ ކަންކަމުން ދުރުވެ ތިބުމުގެ މުހިއްމު މައުލޫމާތު ދަރިވަރުންގެ އިތުރުން ބެލެނިވެރިންނާ ހިއްސާކުރެއްވި އެވެ.

ބެލެނިވެރިންތަކަކާ ފަސްޓް ލޭޑީ ބައްދަލުކުރައްވަނީ. -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތް ހުރިހާ ރަށެއްގައި ވެސް ބެނާތައް ދަމައި މަޝްރޫއުތައް ހިންގާތީ ހިތްހަމަޖެހުން ފާޅުކޮށްފައިވެ އެވެ. އަސާސީ ހިދުމަތްތައް ފަހިކޮށްދިނުމާއި ކުޑަ ރަށްތައް ބާކީ ނުކޮށް ހިދުމަތްތައް ފަހިކޮށްދީ, ބޮޑު ރަށަށް ހިދުމަތްތަކާއި ވަސީލަތްތައް ޖަމާކުރުމުގެ ސަގާފަތް ނިމުމަކަށް އައިސްފައިވާ ކަމުގެ ޝުއޫރު ވެސް ފާޅުކުރި އެވެ. ރ. އަތޮޅުން ރައީސް ފުރަތަމަ ވަޑައިގަތީ, އާބާދީގައި 500 މީހުން ހިމެނޭ ވާދު އަށެވެ. އެ ރަށުގެ މުހިއްމު ތަންތަނަށް ޒިޔާރަތްކުރައްވައި ކައުންސިލާ ބައްދަލުކުރެއްވި އެވެ.

ފަސްޓް ލޭޑީ ފަޒްނާ ކުޑަކުއްޖަކާ އެކު: ރަށްތަކުގެ ސްކޫލަށް ވަޑައިގެން ބެލެނިވެރިންނާ އެކު ބައްދަލުވުންތައް ބޭއްވެވި. -- ފޮޓޯ/ ރައީސް އޮފީސް

ވާދޫގައި ކުރިއަށް ގެންދާ މަޝްރޫއުތައް:

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުން.

300 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތްކުރުން.

ސިއްހީ މަރުކަޒުގައި ގަރާޖު އަދި ލޯންޑްރީ ހެދުން ވަނީ ކޮންޓްރެކްޓް ކޮށްފައި.

ހިލޭ ޑިގްރީ އާއި އިންކަމް ސަޕޯޓާއި ކަރަންޓް ސަބްސިޑީގެ އިތުރުން މެޓާނިޓީ ލީވްގެ ފަސޭހަކަން މި ރަށަށް ލިބޭ. ވާދޫ ކައުންސިލުން ރައީސަށް ހުށަހެޅީ ރަށްގިރުމުގެ މައްސަލަ ހައްލު ކޮށްދިނުމާއި ބަނދަރުގެ ދަތިކަމާއި ފުޓްބޯޅަ ދަނޑު ބޮޑުކޮށް ފުލުހުންގެ ހިދުމަތް ފުޅާކޮށްދިނުމަށެވެ.

ރައީސް ކައުންސިލަކާ ބައްދަލުކުރައްވަނީ: ކައުންސިލްތަކުން ހުށަހެޅީ ރައްޔިތުން އިތުރަށް ބޭނުންވާ ހިދުމަތްތައް. -- ފޮޓޯ/ރައީސް އޮފީސް

ވާދު އަށް ފަހު ރައީސް އަލިފުއްޓަށް ވަޑައިގަތް އިރު، އެ ރަށުގެ ރައްޔިތުންނަށް އޮތް އުފަަލަކީ އެއާޕޯޓެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފައި އޮތުމެވެ. އެއާޕޯޓް ނިންމުމުގެ ތާވަލެއް އެކުލަވާލާފައި އޮތް އިރު އަމާޒަކީ 2023 ގައި ފްލައިޓްތައް ޖެއްސުމެވެ.

އަލިފުށީގައި ކުރިއަށް ގެންދާ ކަންކަން:

ފެނުގެ ނިޒާމު ގާއިމްކުރުން.

ފުޓުބޯޅަދަނޑު ތަރައްގީކުރުން.

ސްކޫލްގެ މަލްޓިޕާޕަސް ހޯލު އެޅުން.

މައިކްރޯ ގްރިޑް ޑީސެލިނޭޝަން ޕްލާންޓް ޕްރޮޖެކްޓް.

ބިން ހިއްކުން.

ޓިވެޓް އިންސްޓިޓިއުޝަންގެ މަސައްކަތް.

އާބާދީގައި 2،800 މީހުން ހިމެނޭ އަލިފުށީގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ވަނީ 18 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

އަލިފުށީ ކައުންސިލާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ކައުންސިލަރުން ވިދާޅުވީ، އެ ރަށުގެ ތާރީހުގައި ވެސް މިހާ ގިނަ މަޝްރޫއުތަކެއް އެއްފަހަރާ ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ. ކޮވިޑުގެ ދަތި ދުވަސްތަކުގައި ވެސް މަޝްރޫއުތައް ނުހުއްޓި ބާރަށް ކުރިއަށް ދިއުމަކީ ރައްޔިތުންނަށް ލިބޭ އުފަލެއް ކަމަށް ކައުންސިލުން ބުންޏެވެ.

ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފަސް ކައުންސިލާ ބައްދަލުކުރައްވައި، ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި. -- ފޮޓޯ/ ރައީސް އޮފީސް

އެ ރަށަށް ބޭނުންވާ ކަންކަމުގެ ގޮތުގައި އިތުރަށް ހުށަހެޅީ ހޮސްޕިޓަލްގެ މަސައްކަތްތައް އަވަސްކުރުމާއި ކޮމިއުނިޓީ ސެންޓަރެއް ގާއިމު ކުރުމުގެ އިތުރުން ގެދޮރުގެ އެޅުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށެވެ. އަންހެނުންގެ ކޮމިޓީން އެދުނީ އޮފީހެއް ނެތުމުން މަސައްކަތް ކުރުމުގައި ދަތިތަކެއް ދިމާވާތީ އެކަމަށް ހައްލެކެވެ.

ރައީސް ވިދާޅުވި ގޮތުގައި އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަންހެނުންގެ ކޮމިޓީތަކަށް މަސައްކަތްތައް ފަސޭހަކަމާ އެކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގައި ކުރެވެން ހުރި ކަންކަން ބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރަސްގެތީމު ކައުންސިލްގެ ރައީސް މުހައްމަދު ފަޒީން ވިދާޅުވީ ގިނަ ކަންކަން ކުރިއަށް ދިޔަސް ރައްޔިތުން ބޭނުންވާ އިތުރު ކަންތައްތަކެއް ވެސް ހުށަހެޅި ކަމަށެވެ.

"އަސާސީ ހުރިހާ ހިދުމަތެއް އެ ދަނީ ފުރިހަމަ ވަމުން. ފެނާއި ނަރުދަމާ ވެސް ބާރަށް އެބަދޭ," އޭނާ ވިދާޅުވި އެވެ. "މަޝްރޫއުތައް ފައްޓަވައި ރައީސް މިހެން ވަޑައިގެން އަޅުގަނޑުމެންގެ ހާލަތު ބައްލަވައި ދެއްވާ ކަމުގައި ވާ ނަމަ ރަށަށް ބޭނުންވާ ކަންކަން ގާތުން ފެނިވަޑައިގެން, އަޅުގަނޑުމެން ހުށަހަޅާ ކަންކަމަކީ ހަގީގަތަށް ވެސް ރަށަށް ކިހާ ބޭނުންތެރި ކަންކަންތޯ އެނގިގެންދާނެ."

ރަސްގެތީމުގައި ކުރިއަށް ގެންދާ މަޝްރޫއުތައް:

ފުޓްސެލް ދަނޑުގައި ޓާފްއެޅުން.

އައުޓްޑޯ ޖިމް ތަރައްގީކުރުން.

ޖެޓީ އާއި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް.

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ.

ކައުންސިލާ އެކު އޮތް ބައްދަލުވުމުގައި ރައީސް އެދިވަޑައިގަތީ ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބިފައިވާ ބާރުތަކާ އެކު ރަށުގެ ތަރައްގީ އަށް މަސައްކަތް ކޮށްދިނުމަށެވެ. މުނިސިޕަލް ހިދުމަތް ދިނުމުގެ ފުރުސަތު ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ އެ ރަށުގައި ހުރި އާސާރީ ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވައިފަ އެވެ.

ރައީސް ރ. އަތޮޅުގައި ކުޑަކުއްޖަކާ އެކު ސެލްފީއެއް ނަންގަވަނީ. -- ފޮޓޯ/ ރައީސް އޮފީސް

އަނގޮޅުތީމު ކައުންސިލާ އެކު ބައްދަލުވުން އޮތީ އެ ރަށުގެ ޓޫރިސްޓު ވިޒިޓާސް ސެންޓަރުގަ އެވެ. އެ ބައްދަލުވުމުގައި ކައުންސިލުން ބުނީ ވޭތުވެދިޔަ 40 އަހަރު ވެސް ނުހިނގާ ވަރަށް އެއްފަހަރާ އެ ރަށުގައި މަޝްރޫއުތައް އެބަ ހިނގާ ކަމަށެވެ. މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އިތުރުން ބައެއް ކަންކަން ހުށަހެޅި އެވެ. އޭގެ ތެރޭގައި ކުނި މެނޭޖު ކުރުމުގައި ހުރި ދަތިތައް ހައްލު ކޮށްދިނުމާއި މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުން ހިމެނެ އެވެ.

ރަސްގެތީމު ކައުންސިލާ ރައީސް ބައްދަލުކުރައްވަނީ: ހުރިހާ ރަށެއްގައި ވެސް މަޝްރޫއުތައް ކުރިއަށް އެބަދޭ. -- ރައީސް އޮފީސް

ކައުންސިލުން ހުށަހެޅި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

އަނގޮޅިތީމުގައި ހިންގާ މަޝްރޫއުތައް:

ބަނދަރު އަޕްގްރޭޑްކުރުން. ސިއްހީ މަރުކަޒުގެ ލެބޯޓްރީ ގާއިމްކުރުން. ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުން. ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި މަޑުއްވަރީ އަށް ވަޑައިގެން ރައީސް މަލްޓިޕާޕަސް ހޯލް ހުޅުއްވައިދެއްވި އެވެ. އެ ރަށުގެ ކައުންސިލުން ހުށަހެޅި ކަންކަން ވެސް އެ މަނިކުފާނު ނޯޓު ކުރައްވައި ހައްލު ހޯދައިދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ އުއްމީދު އާ ކޮށްދެއްވި އެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެއްފަހަރާ

10 September 2021

އެއްފަހަރާ ގިނަ މަޝްރޫއުތަކުން މި ހަތަރު ރަށަށް ހިތްހަމަޖެހުން ތިޔަ ރައްރަށުމީހުން ހިއްހަމަޖެހެންވީނޫންތޯ ވޯލްޑްބެންކުގަ ހުރި ފައިސާގެ އަދަދުބައްލަވާފަ އެޔަކާ ތިޔަ ރައްރިށުގަ ހިގާނެކަމައް ބުނާ މަސައްކަތްތަކާ ކޮބާތޯ ތަފާތަކީ

The name is already taken The name is available. Register?

ދިސްވޭއޭދޯ

10 September 2021

އެއްފަހަރާ ގިނަ މަޝްރޫއު ތަކެއް ރާއްޖެތެރޭ ކުދި އާބާދީ އޮންނަ ރަށްރަށުގައި ކުރުމަކީ މިގައުމު ދަރާވިކި ހުސްވާނެ ކަމެކޭ ރާއްޖޭގެ އާބާދީގައި 10 ހާހުން ދަށްނަމަ އެހުރިހާ މީހުންނަށް މާލެ ސަރަހައްދުން ގޯތި ހިލޭ ދޭން އަހަރަކު މާލެ ސަރަހައްދުން 10 ފަޅު ހިއްކާ އެތަނުން ހިލޭ ގޯތި ދިން ނަމަވެސް މިއަށްވުރެން ޚަރަދު ކުޑަވާނެއޭ 2050 ވަނަ އަހަރު ރާއްޖޭގައި މީހުން ދިރިއުޅެނީ ހަމައެކަނި މާލެ ސަރަހައްދުގައި ކަމަށް ހަދަންވީ މީ ތަރައްގީ އަކީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454