11 ސެޕްޓެމްބަރ 2021 - 07:21
ކާރު އުފައްދާ ބޭރުގެ ބައެއް ކުންފުނިތައް ވަރަށް ފަހުން އިންޑިއާ ދޫކޮށްލާފައިވާ އިރު އެމެރިކާގެ މަޝްހޫރު ފޯޑް ކުންފުނިން ވެސް އިންޑިއާގައި މަސައްކަތް ހުއްޓާލަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ މިހާތަނަށް އިންޑިއާގައި ކުންފުނިން ހިންގަމުން އައީ ވެސް ބޮޑު ގެއްލުމެއްގައި ކަމަށާއި އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި، އިންޑިއާގައި ކާރު އުފެއްދުން ހުއްޓާލާނެ ކަމަށެވެ. އެގޮތުން އެ ގައުމުގައި ހުރި ފޯޑްގެ ދެ ފެކްޓްރީ ކަމަށްވާ ޓަމިލް ނާޑޫ އާއި ގުޖްރާތުގެ ފެކްޓްރީ ވެސް ބަންދުކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.
ފޯޑުން ބުނީ އިންޑިއާގައި ކާރު އުފެއްދުން ހުއްޓާލިޔަސް އެކްޕޯސްޓްކުރަން ކާރު އިންޖީނުގެ މަސައްކަތްތައް އިންޑިއާގައި ކުރާނެ ކަމަށެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އިންޑިއާގައި ދެ ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެ އެވެ. އަދި ފޯޑްގެ ކާރުތަކަށް ޑިމާންޑް ވެސް ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ ކާރުގެ މާކެޓްގައި މިހާރުގެ ފޯޑް ހިއްސާ ދެ ޕަސެންޓަށް ވުރެ ވެސް ދަށެވެ.
އެ ކުންފުނިން އިންޑިއާގައި ކާރު އުފެއްދުމުގެ މަސައްކަތް ފެށީ މީގެ 25 އަހަރު ކުރިންނެވެ.
ކާރުގެ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ފޯޑް އިންޑިއާ ދޫކޮށްލަން ނިންމި އިރު މިދިޔަ އަހަރު ހާލީ-ޑޭވިޑްސަނުން ވެސް ވަނީ އިންޑިއާގެ އޮޕަރޭޝަންސް ހުއްޓާލައިފަ އެވެ. އަދި 2017 ގައި ޖެނެރަލް މޮޓޯޒް (ޖީއެމް) ވެސް އެ މާކެޓް ދޫކޮށްލައިފަ އެވެ.
ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބޭރުގެ ބޮޑެތި މަޝްހޫރު ކުންފުނިތައް އިންޑިއާއާ ފެއަށް ޖެހުމަކީ ފޮރިން އިންވެސްޓްމަންޓްތަކުގެ ޝައުގުވެރިކަން އިންޑިއާ އަށް ކުޑަވާނެ ކަމެކެވެ. އަދި މިކަމާ ހެދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ފޮރިން އިންވެސްޓްމަންޓްތައް ހޯދުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމެރިކާ
11 September 2021
ރައްޖެ ޗައިނާއާ ގުޅިގެން ތަރައްގީ ވަނިކޮއް އިންޑީޔާ ވަދެ ދަތައްގީ ހުއްޓުވީ