ދުނިޔެ / އިންޑިއާ

ރޭޕާ ދެކޮޅަށް އަނެއްކާވެސް އިންޑިއާ ގުގުމަން ފަށައިފި

14 ސެޕްޓެމްބަރ 2021 - 13:34

1 comments

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އިންޑިއާގައި އަންހެނަކު ރޭޕްކޮށް މަރައިލި ހާދިސާއާ ގުޅިގެން، އެ ގައުމުގައި އަނެއްކާވެސް އާންމު ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ހިތްހަމަނުޖެހުމުގެ ޝުއޫރުތައް އިތުރުވާން ފަށައިފި އެވެ.

އުމުރުން 32 އަހަރުގެ އަންހެން މީހާ ރޭޕްކޮށް އެއްލާލާފައި އޮތީ، މުމްބާއީގެ ފަގީރު އަވަށެއް ކަމަށްވާ ސަކިނަކާގެ މަގެއްގައި ޕާކްކޮށްފައި އޮތް މިނީ ބަހެއްގެ ތެރޭގަ އެވެ. ބަޔަކަށް އޭނާ ފެނިގެން، ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް ފަރުވާ ދެމުން އަންނަނިކޮށް މަރުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

މި ހާދިސާއާ ގުޅިގެން، އަންހެނުންގެ ރައްކާތެރިކަމަށާއި އަންހެނުން ރޭޕްކުރުން ހުއްޓުވުމަށް ގޮވާލާ އަޑުތައް އިންޑިއާގައި މިހާރު ވަނީ އަނެއްކާ ވެސް ގަދަވާން ފަށައިފަ އެވެ. މި ފަހަރުގެ މި ހާދިސާއަކީ، 2012 ވަނަ އަހަރު ވެރިރަށް ނިއު ދިއްލީގައި، 23 އަހަރުގެ އަންހެން ދަރިވަރަކަށް ފިރިހެނުންތަކެއް ހަމަލާދީ ރޭޕްކޮށް މަރައިލި ހާދިސާ އަށް ފަހު، އިންޑިޔާގައި ހިނގި މި ބާވަތުގެ އެންމެ އަނިޔާވެރި ހާދިސާ ކަމަށް، އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.

ރޭޕް ކުރުމާ ދެކޮޅަށް އަދި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޔޮގީތާ ބަޔާނާ ބުނީ، ބުރާސްފަތި ދުވަހުގެ ރޭގެ ހާދިސާ އިން، އަނެއްކާވެސް ގައުމަށް ގުޑުން އަރުވާލާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނީ، މި ހާދިސާ އާއި 2012 ގެ ހާދިސާގައި ހުރި އެއްގޮތް ކަމެވެ.

އެ އަހަރުގެ ހާދިސާގައި 23 އަހަރުގެ ނިރްބާޔާ މަރައިލީ ރޭޕް ކުރުމަށް ފަހު، ދަގަނޑުބުރިތަކަކުން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ޒަޚަމްކޮށްލުމަށް ފަހު އެވެ. ނިރްބާޔާ މަރުވީ، އޭނާ އަށް ލިބުނު ޒަޚަމްތަކަށް ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށް، އެ ހާދިސާ ހިނގިތާ ދެ ހަފުތާ ފަހުންނެވެ.

"ނިރްބާޔާގެ ހާދިސާ އަށް ފަހު އަހަރެމެން ހީކުރީ ކަންތައް ބަދަލުވާނެ ކަމަށް. އެކަމަކު އޭގެ ފަހުން ވެސް ކޮންމެވެސް އަންހެނަކު ރޭޕް ކުރުމުގެ ހާދިސާއެއްގެ ވާހަކަ ކޮންމެ ދުވަހަކުވެސް އެބަ އިވޭ. އެފަދަ ހާދިސާއެއްގެ އަޑު ނުއިވޭ އެންމެ ދުވަހެއް ވެސް ނުދޭ. އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައެއްގެ ހައިސިއްޔަތުން އަހަރެމެން މި އަންނަނީ، މިފަދަ ކަންތައް ހުއްޓުވުމަށް ސަރުކާރަށް ގޮވައިލަމުން. އަދި އެކަމާ ދެކޮޅަށް ތެދުވުމަށް މުޅި ގައުމަށް ގޮވައިލަމުން. ނަމަވެސް މިފަދަ އަނިޔާވެރި އަމަލުތަކުގެ ވާހަކަތައް އަޑުއިވުމުން، ވަރަށް ބޮޑަށް ނާއުންމީދުވޭ،" ޔޮގީތާ ބަޔާނާ ސީއެންއެން އަށް ބުންޏެވެ.

އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2019 ވަނަ އަހަރުގެ ތެރޭގައި އިންޑިޔާގައި އަންހެނުން ރޭޕް ކުރުމުގެ 32،000 ހާދިސާ ހިނގާފައިވެ އެވެ. އެއީ ނިސްބަތުން ބަލާއިރު، ކޮންމެ 17 މިނެޓަކުން ރޭޕް ހާދިސާއެކެވެ.

ނަމަވެސް އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އަމިއްލަ ޖަމިއްޔާތަކުން ބުނާ ގޮތުގައި އެ އަދަދު ސަރުކާރުގެ ރަސްމީ ހިސާބުތަކަށް ވުރެ މާ މަތިވާނެ އެވެ. ސަބަބަކީ، ރޭޕްގެ ވަރަށް ގިނަ ހާދިސާތަކަކީ، އާއިލީ ގުޅުންތަކުގެ ސަބަބުންނާއި ބިރުދެއްކުންތަކުގެ ސަބަބުން ސިއްރުކުރެވޭ ހާދިސާތައް ކަމަށްވާތީ އެވެ.

މުމްބާއީގެ ޕޮލިސް ކޮމިޝަނަރު ހެމަންތު ނަގަރާލޭ އިއްޔެ ވިދާޅުވި ގޮތުގައި، ބުރާސްފަތި ދުވަހުގެ ރޭގެ އެ ހާދިސާގައި މަރުވި އަންހެން މީހާ އާއި އޭނާގެ ގާތިލާ ދެމެދުގައި އެންމެ ފުރަތަމަ އުފެދުނީ ފައިސާގެ މައްސަލައެކެވެ. އެކަމާ ގުޅިގެން އެ ރޭ ދެމީހުންގެ މެދުގައި އަރައިރުން ހިނގައި، އެކަކު އަނެކަކަށް ހަމަލާ ދިނުމަށް ފަހު، އަންހެން މީހާ މިނީ ބަހެއްގެ ތެރެއަށް ގަދަކަމުން ވައްދައި ރޭޕްކުރީ އެވެ.

ފުލުހުން ބުނި ގޮތުގައި އަންހެން މީހާ ރޭޕް ކުރުމަށް ފަހު، އޭނާގެ ޖިންސީ ގުނަވަންތަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައި ހުއްޓެވެ. އަދި އަންހެން މީހާގެ ޖިންސީ ގުނަވަނުގެ ތެރެއަށް އެތައް ފަހަރަކު ދަގަނޑުގަނޑެއް ހަރާފައި ހުރުމުގެ ސަބަބުން ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ، މޯހަން ޗައުހާން ފިލައިގެން އުއްތަރު ޕްރެދޭޝް އަށް ދާން އުޅެނިކޮށް ފުލުހުންނަށް އޭނާ އަތުލައިގަނެވުނީ ސީސީޓީވީ ކެމެރާތަކުން އޭނާގެ ހަރަކާތްތަކަށް ފާރަލައިގެންނެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުކޮށް، ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު މިމަހުގެ 21ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި، މޯހަން މިހާރު ވަނީ އެ ޖަރީމާ ހިންގި ގޮތް ކިޔައިދީ އެ ކުށަށް އެއްބަސްވެފަ އެވެ. މަރުވި އަންހެން މީހާ އާއި މޯހަންއަކީ ވެސް ސަކިނަކާ އަވަށުގެ މަގުމަތީގައި ދިރިއުޅެމުން އަންނަ، ގެދޮރު ނެތް ދެމީހުންނެވެ. އެ ދެމީހުން މީގެ ކުރިން ވެސް ފަސް ފަހަރެއްގެ މަތިން ބައްދަލުވެފައިވާ ކަމަށާއި، ހާދިސާ ހިނގި ރޭ، އަންހެން މީހާ ބޭނުންވީ މޯހަންގެ އަތުން ފައިސާތަކެއް ހޯދަން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަގައި ކުރި ޒުވާބުގެ ތެރޭގައި، މޯހަން އެ އަންހެން މީހާ އަށް ހަމަލާދީ ހޭނެތުމުން، މަގުގެ އެއްފަރާތުގައި އޮތް މިނީ ބަހުގެ ތެރެއަށް ވައްދައި ބަސް ތެރޭގައި އަންހެން މީހާ ރޭޕްކުރީ އެވެ.

މި ހާދިސާގައި މަރުވި އަންހެން މީހާގެ ފިރިމީހާ އޭނާ ދޫކޮށްފައި ފިލައިގެން ދިއުމުން، މިދިޔަ އަށް އަހަރު ދިރިއުޅެމުން އައީ އޭނާގެ ތިން އަންހެން ދަރިންނާ އެކު، އޭނާގެ މަންމަގެ ގޭގަ އެވެ. ނަމަވެސް މަންމައާ ދެމެދު ދެބަސްވުން އުފެދި، ތިން ދަރިން ވެސް މަންމަގެ ގާތަށް ދޫކޮށްލާފައި، އަންހެން މީހާ ގެއިން ނުކުމެގެން ދިޔަ ފަހުން ދިރިއުޅެމުން އައީ އެ އަވަށުގެ މަގުމަތީގަ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޑޫކުއްޖާ

14 September 2021

ތިޔަ އިންޑިޔާ މީހުންނަކީ ރޭޕްކުރަން މޮޔަވެފަ ތިބޭ މީހުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454